ސީރިއާގެ ވެރިރަަށް ދިމިޝްގަށް ވައިގެ ހަމަލާ ދެނީ. --ފޮޓޯ:އޭއެފްޕީ
14 އެޕްރީލް 2018 - 07:17
ޔުނައިޓެޑް ސްޓޭޓްސް (އެޕްރީލް 14) - އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ފްރާންސް ގުޅިގެން ސީރިއާ އަށް ވައިގެ ހަމަލާ ދީފިކަން ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ހެނދުނު އިއުލާން ކުރައްވައިފި އެވެ.
"ފްރާންސާއި އިނގިރޭސި ވިލާތް ގުޅިގެން ސީރިއާ އަށް ހަމަލާ ދޭން މިހާރު ފަށައިފިން. އަޅުގަނޑުމެން މި ތިބީ ސީރިއާ ސަރުކާރުން ނުރައްކާތެރި ކެމިކަލް ހަތިޔާރު ބޭނުން ކުރުން ހުއްޓާލަންދަން މި ހަމަލާތައް ކުރިއަށް ގެންދަން ތައްޔާރަށް،" ގައުމާ މުޚާތަބް ކުރައްވާ ޓްރަމްޕް ވިދާޅުވި އެވެ.
ސީރިއާ އަށް ވައިގެ ހަމަލާ ދޭން ފަށާފައި މި ވަނީ އެ ގައުމުގެ އިރުމަތީ ޣޫތާގެ ދޫމާގައި މިދިޔަ ހަފުތާގައި ދިން ކެމިކަލް ހަމަލާގެ ބަދަލު ހިފުމަށެވެ.
ސީރިއާ އަށް ހަމަލާ ދޭން ފަށައިފިކަން ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމާ މުޚާތަބް ކުރައްވާ ދެއްވި ތަގްރީރުގައި އިއުލާން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި ވެސް ވަނީ ސީރިއާ އަށް ހަމަލާ ދިނުމުގައި އެ ގައުމުގެ ސިފައިން ބައިވެރިވާކަން ޔަގީންކޮށްދެއްވައިފަ އެވެ. އަދި އެއީ ސީރިއާގެ ވެރިކަން ބަދަލު ކުރުމަށް ދޭ ހަމަލާއެއް ނޫން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުން ސީރިއާ އަށް ހަމަލާ ދެނީ ހަތަރު ޓޯނޭޑޯ ޖެޓް ބޭނުންކޮށްގެންނެވެ. ހަމަލާތަކުގެ އަމާޒަކަށް ހަދައިފައި ވަނީ ހިމްސް ސިޓީއާ ކައިރީގައިވާ ކެމިކަލް ހަތިޔާރު ރައްކާކުރާ ތަނަކަށެވެ.
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވެސް ވަނީ ސީރިއާ އަށް ދޭ ހަމަލާފައި ފްރާންސް ސިފައިން ބައިވެރިވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ޕެންޓަގަންގެ އޮފިޝަލުން ބުނީ ހަމަލާ ދެނީ ސީރިއާގެ މައިގަނޑު ތިން އަމާޒަކަށް ކަމަށެވެ. އެއީ ވެރިރަށް ދިމިޝްގުގައިވާ ސައެންޓިފިކް ރިސާޗް ސެންޓަރަކަށާއި ހިމްސްގެ ހުޅަނގުގައިވާ ކެމިކަލް ހަތިޔާރު ރައްކާކުރާ ތަނަކަށާ އަދި ހިމްސްއާ ކައިރީގައިވާ ކެމިކަލް ހަތިޔާރުގެ އިކުއިޕްމަންޓް ރައްކާކުރާ ތަނަކަށް ކަމަށެވެ.
ސީރިއާ ސަރުކާރު ޓީވީން ބުނެފައި ވަނީ ސަރުކާރު ސިފައިން ހަމަލާދީ ވަރަށް ގިނަ މިސައިލް ވައްޓާލާފައިވާ ކަމަށެވެ.
ސީރިއާ އަށް ހަމަލާ ދިނުމަށް ފްރާންސްގެ ހަނގުރާމަ މަތީ ބޯޓުތައް ނައްޓާލަން ތައްޔާރުވަނީ. --ފޮޓޯ:އޭއެފްޕީ
ސީރިއާ އަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ރަޝިޔާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ބާވަތުގެ ހަމަލާތަކަށް ރައްދު ނުލިބި ނުދާނެ ކަމަށެވެ. ރަޝިޔާ އިން ކުރިން ވަނީ ސީރިއާ އަށް ހަމަލާ ދޭން ފަށައިފި ނަމަ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ޕެންޓަގަނުން ބުނީ ސީރިއާ އަށް ހަމަލާ ދޭ ތަންތަނުގެ ނޯޓިސް ރަޝިޔާ އަށް ކުރިން ދީފައި ނުވާ ކަމަށެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސް ވިދާޅުވެފައި ވަނީ އޮޕަރޭޝަނުގައި އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.
"މިއީ އެއްބުރުގެ ހަމަލާތަކެއް. މީގެ ބޭނުމަކީ ސީރިއާ އަށް ވަރުގަދަ މެސެޖެއް ދިނުން. ހަމަލާތަކުގެ ފުރަތަމަ ބައި މިހާރު ވަނީ ނިމިފައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަޓިސް ވިދާޅުވި އެވެ.
އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ސީރިއާގެ އަމާޒުތަކަށް ހަމަލާ ދޭން ބޭނުން ކުރަނީ ޓޮމަހޯކް ކްރޫޒް މިސައިލް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާރު
15 April 2018
ކެމިކަލް ހަމަލާދެނީ ހަމަ އަސަދު، އޭނަ ހަމަބިމައް ތިރިކުރަންޖެހޭ
ހަސަނު.
14 April 2018
އެމެރިކާ، އިނގިރޭސި ވިލާތް، ފުރާންސް މިކަމުގެ ތެރެއަށް ވަންނަން ޖެހުނީ މި ދުނިޔޭގައި ބާރެއް އޮތް އިސްލާމިކު ޤައުމެއްނެތިގެންބާ؟
ތަމީމް
14 April 2018
އެމެރިކާއަކީ ޖަޕާން ރައްޔިތުންނާ ދެކޮޅަށް އެޓޮމްބޮން ބޭނުންކުރި އަދި ވިއެޓްނާމް ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރި އަދި އިރާގު ރައްޔިތުންނާ ދެކޮޅަށް ޑިޕްލީޓެޑް ޔޫރޭނިޔަމް ބޭނުންކޮށްފައިވާ ގައުމެކެވެ. ސޫރިޔާގެ ދޫމާއަށް ދިންކަމަށް ބުނާ ކެމިކަލް ޙަމަލާގެ ފަހަތުގައިވެސްވަނީ އެމެރިކާގެ މަދަދު ލިބޭ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ 'ޖައިޝުލްއިސްލާމް"!!
ދަތްނެތްކުއްޖާ
14 April 2018
ޙުދު މުހުތާރު ވެރިކަމެއް ކުރާ ކޮންމެ ޤައުމެއް އެނބަޖެހޭ ދުނިޔޭގެ ބާރު ތަކުން އެފަދަ ޤައުމުތަކުގެ ވެރިން ހަމަ ބިމަށް ތިރިކުރަން.
ސޮކްތެރެޕީ
14 April 2018
އެމެރިކާ އަޑީގައޮވެގެން އުފެއްދިބައެއް އައިއެސްއެސްއަކީ ހަތިޔާރާ އެނުންވެސް ތަކެތިދިނީ އެމެރިކާ އެމީހުންގެ ބޭނުމަކީ މެދުއިރުމަތި ގަޑަބަޑަކޮއް އިޒްރޭލުގެ ބާރުގަދަކުރުން.
ރޯނު
14 April 2018
ބަލިވެގެން ގައުމުން ފައިބަންޖެހޭ ކޮންމެފަހަރަކު ކެމިކަލް އެޓޭކެއް އެބައާދޭ. ހަމަ އެއްބަޔަކު މިކަން ކުރާނީވެސް. އިރާގުގަވެސް ކުޅުނީ މި ޑްރާމާ. އެބުނާ ބަގްދާދީއެއް ވީތަނެއް އެކަކަށްވެސް އެނގޭބާ؟ ނޫނީ އެއީ އަސްލު އުޅުނު މީހެއްކަމެއްވެސް؟
ޅިޔަންބޭ
14 April 2018
ސައްދާމުއާ ބިންލާދިން އަކީ އުޅުން މީހުންތަ؟!!
އާދަނު
14 April 2018
އައިއެސް އަކީ އެމެރިކާގެ އުފެއްދުމެއްކަން ދުނިޔޭގެ އެންމެންނަށް ތި ދެން ޔަގީންވީ. އައިއެސް ބަލިވެ ނެތި ދިޔުމުން އެމީހުން ބޭނުންކޮށްގެން ކަމެއް ނުވާނެކަން އެނގުމުން އެމެރިކާއިން ތިކަމުގެ ތެރެއަށް ފާޅުގައި ތިވަނީ.
ލޯންސްޓަރ
14 April 2018
ކޮބާ އިންޒާރުދީ ފުއްޕާފަ އުޅުނު ރަޝިއާ. ހަމަލާދީފިނަމަ ރައްދުދޭނަމޭކިޔާ ފޮނިސަޅިބަސާ ކަޑަނިކޮށް އެމެރިކާއިން ހަމަލާދިނީމަ ބިރުން ހޮރަށްވަދެ ފިލީދޯ. މަގޭހިތަށް އޭރުވެސް އެރިއޭ މިހެންނޭވާނީ. އެމެރިކާއިން ބާރަށް އަޑެއްލައްވާލީމަވެސް ހުރިހާ މަނަވަރުތަށްވެސް ފަހަތަށްވީއްޔާ ޖައްސަންޖެހުނީ. މިވަރުގެ ބަޔަކަށް ގަދަބާރެކޭ ކިޔާތީ ލޯންސްޓަރ ހައިރާންވެއްޖެ.
ޕުޑިން
14 April 2018
ރަޝިޔާ ގިވްސް ނޯޝިޓް އެބައުޓުް ޔުރަރ ކޮމެންޓް.
ސަމީ
14 April 2018
ޓޮމަހޯކް ކްރޫޒް މިސައިލަކީ ގަޑިޔަކު 900 ކިލޯމީޓަރ އަށް ދަތުރު ކުރާއެއްޗެއް އަގަކީ 2ގާތްގަނޑަކަށް މިލިއަން ޑޮލަރު.. އަޅެ މިފައިސާ ސީރިޔާގެ ފަޤީރުކަން ނައްތާލާ ހާލުގައި ޖެހިފައިވާ މިހުންނަށް ގެދޮރު ބިނާކޮށްދޭން ބޭނުން ހިފިނަމަ..
ބާމީ
14 April 2018
ދެން އަސަދު ކައިރީ ބުނަންވީނު ރައްޔިތުން މެރުން ހުއްޓާލަން؟
falaku ain
14 April 2018
ތިކަމެއް ނުވާނެތާ ސައުދީ ވަލީއަހުދު މުޙައްމަދު އެމެރިކާއަށާއި އިނގިރޭސިވިލާތަށާއި ފަރަންސޭސިވިލާތަށް ވަޑައިގެން ސޮއިކުރެއްވި އެތައްބިލިއަން ޑޮލަރެއްގެ އެގްރިމެންޓް ތަކަކީ ސީރިއަށްދޭ ޙަމަލާތަކަށް ހޭދަކުރާ ފައިސާ. އެހެންކަމުން ކާފަރުން އެފައިސާގެ ބޭނުމުގައި އެއްގާގަޑުން ޖަހައި ދެ ދޫނީ މަރާލީ. ހަލާކުވެގެންދަނީ އިސްލާމީ ގައުމުތަކުގެ އިންފްރާސްޓްރަކްޗަރ.
ބާނީ
14 April 2018
އެމެރިކާއާ އިޒުރޭލު މީހުން ކައރީވެސް ބުނަންވީނުން މީހުން މެރުން ހުއްޓާލަން. ކާކުތަ އެމީހުންނަށް މީހުން މަރަން ހުއްދަދެނީ. ބާމީތަ
ހަސަނު.
14 April 2018
ދުނިޔޭގައި މުސްލިމުން ނިކަމެތިވެ ބިކަވަމުންދާ މަންޒަރު މި ފެންނަނީ. ދުނިޔޭގައި ޣައިރު މުސްލިމް އެއްވެސް ޤައުމެއްގައި ހަނގުރާމައެއް ނުކުރޭ. ނަމަވެސް މުސްލިމް ޤައުމުތަކުގައި ނުވަތަ މުސްލިމުންނަށް އަމާޒުކޮށް ދެވޭ ޙަމަލާތަކުގައި ޣައިރު މުސްލިމް ޤައުމުތަކުން ވާގިވެރިވެ މުސްލިމުން ސުންނާފަތި ކުރަމުންދާއިރު މުސްލިމުންގެ އެންމެ އިސް ޤައުމުން ޗުޕް އޭވެސް ނުބުނޭ. އަދި ނުވިތާކަށް އެމެރިކާ، އިޒްރޭލް ފަދަ ޤައުމުތަކާ އެކި ގޮތްގޮތުން ގުޅުން ބަދަހި ކުރަމުންދާ މަންޒަރު ފެންނަމުންދަނީ. މީ އިންތިހާއަށް ހިތާމަ ކުރަންޖެހޭ ކަމެއް. ކޮންމެ އަހަރަކުވެސް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ޚާއްޞަ ޖަރީމާތަކެއް ހިންގަމުންދާކަން ފާހަގަ ކުރެވޭ.