ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/ރައީސް އޮފީސް
15 އެޕްރީލް 2018 - 15:51
ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިކޮށްފައިވާ ހިތްދަތި ހާލަތުން އަރައިގަންނަން މުޅި އިސްލާމީ އުއްމަތް އެއްބައިވަންތަ ވާންޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިސްލާމްދީން ކުރިއަރުވަން އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމް އިން އެރުވި އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމް އުފެއްދި ފަހުން، ތިން ވަނަ ބޭފުޅެއްގެ ގޮތުގައި ރައީސް ޔާމީނަށް އެވޯޑު ލިބިވަޑައިގަތީ، އިސްލާމް ދީނުގެ އަސާސްތަކާއި މެދުމިނުގެ އުސޫލްތައް ކުރިއަރުވައި ސައްހަ މައުލޫމާތު ފެތުރުމާއި ދީނީ ގޮތުން ހައްދު ފަހަނައަޅައިދިއުމާއި ޓެރަރިޒަމާ ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ މީގެ ކުރިން ދެ ރައީސުން ހޯއްދަވާފައިވާ އެ އެވޯޑު އެމަނިކުފާނަށް އެރުވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އެއީ، ހައްދުފަހަނަޅައި ދިއުމާއި ޓެރަރިޒަމާ ދެކޮޅަށް މި ސަރުކާރުން ކުރާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމްގެ ރައީސްއާ، ރައީސް ޔާމީން މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ/ރައީސް އޮފީސް
އިސްލާމްދީނުގެ މެދު މިނުގެ އުސޫލްތައް ކުރިއަރުވައި ޓެރަރިޒަމާއި ހައްދުފަހަނަޅައި ދިއުމާ ދެކޮޅަށް ރާއްޖެ އިން ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ރައީސް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި، 2016 ގައި އުފެއްދި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީ) ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ވަރަށް ނިކަމެތި ހާލަތުގައި މުސްލިމުން އުޅޭ ކަމަށާއި އޭގެ ތެރޭގައި ފަލަސްތީނާއި ސީރިއާ އާއި ޔަމަން އާއި ރޮހިންޖާ ފަދަ ގައުމުތަކުގެ މުސްލިމުން ހިމެނޭ ކަމަށެވެ. އެ ހާލަތުގައި ތިބި އަޚުންނާއި އުޚުތުންނަށް އެހީވުމަކީ މުސްލިމުންގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މުސްލިމް އުއްމަތުގެ ބަޔަކު ހިތްދަތި ކަމުގައި ހޭދަކުރުމަކީ އެހެން ހުރިހާ މުސްލިމުންނަށް ވެސް އޮތް ހިތްދަތި ކަމެއް ކަމަށާއި މުސްލިމުން ބަލިކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމް އިން ރައީސް ޔާމީނަށް އެވޯޑު އަރުވަނީ. --ފޮޓޯ: ރައީސް އޮފީސް
މީގެކުރިން ނުހިނގާ ފަދަ ކަންކަން އިސްލާމްދީނާ ދެކޮޅަށް ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެ މަސައްކަތް ހުއްޓުވައި ކާމިޔާބު ހޯދޭނީ އެންމެން އެއްބައިވަންތަވެގެންނެވެ. އެގޮތުގައި އެ މަސައްކަތްކުރަން ޖެހޭ ސަބަބުތަކެއް ހުރި ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިސްލާމްދީނަކީ އިންސާފާއި ހަމަހަމަކަމާއި އަމާންކަމުގެ ދީނެވެ. އެ މަގަށް މުސްލިމް އުއްމަތް މިސްރާބު ޖަހަން ޖެހޭ ކަން ރައީސް ފާހަގަކުރެއްވި އެވެ.
އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމަކީ އިސްލާމް ދީނާއި އެހެން ދީންތައް ވެސް ހިމެނޭ ގޮތަށް 2002 ގައި އުފެއްދި ހަރަކާތެވެ. އެ ހަރަކާތް ހިންގަނީ ޖޯޑަންގެ ރަސްގެފާނު އަބްދުﷲ ބިން ހުސައިންގެ ބެއްލެވުމުގެ ދަށުންނެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ޔުނިވަސިޓީތަކާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގިނަ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ހަރަކާތް އުފެއްދި ފަހުން މި އެވޯޑު މިހާތަނަށް ލިބިފައި ވަނީ ދެ ބޭފުޅަކަށެވެ. އެއީ މޮރިޓޭނިއާގެ ކުރީގެ ރައީސް މުހައްމަދު ބިން އަބްދުލްއަޒީޒާއި ސައޫދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒް އެވެ. މި ދެ ބޭފުޅުންނަށް ފަހު، ރައީސް ޔާމީނަށް މި އެވޯޑު ލިބިވަޑައިގަތީ، ޓެރަރިޒަމާއި ހައްދުފަހަނާޅައިދިއުން ހުއްޓުވައި އިސްލާމް ދީން ކުރިއަރުވަން ކުރައްވާ މަސައްކަތްޕުޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒް
16 April 2018
މުސްލިމުންނަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެއްބައިވަންތަ ވާންޖެހޭ: ރައީސް ޔާމީން، އާނ ރަނގަޅު، ފުރަތަމަ މަނިކުފާނު މިސާލު ދައްކަވާ އަޅުގަނޑުމެން ރައްޔިތުން ހަމަ ހޭވައްލާ ތައްޔާރު.
ހަގީގަތް
16 April 2018
ރައްޔިތުން ތަފާތުކުރުމަށް އިސްލާމް ދީނަކު ނޯވޭ, އަމިއްލަ ގެއަށް ނުހަލާލު ފައިސާ ވަތްކަމަށް ރައޔިތުނަގެ ކުރިމަތީގައި އަމިއަލައަށް އިޢުތިރާފްވުމުން, އެކަން ނުބަލައި ނުއައްސަސާއިން އެހެން ކަންތައް ބަލައި އުޅެނީ ކީއްވެގެންތޯ? އިސްލާމް ދީނަކީ ވެރިއަކަސް, އާދައިގެ މީހަކަށް ތަފާތެއްނެތި ހަމަހަމަ ކަމާއެކު އަދުލުވެރިވެ އަދުލުއިންސާފު ގާއިމްކުރާދީން, ވަކި ބައެއްގެ މައްސަލަ ބަލާފައި އަނެއް ބައެއްގެ މައްސަލަ ނުބަލާ ގޮތަކަށް ނޯވޭ,
ޓިނު
16 April 2018
އަވަހައް ހައްޔަރުކޮށްގަ ތިބި މީހުންގެ އަނބި ދަރިން ކޮޅު ހައްޔަރުކުރޭ ،؟
ޙުސެން
16 April 2018
ހައްދުފަހަނައަޅާ ދިއުމާ ޓެރަރިޒަމާ ދެކޮޅަށް ޔާމީންކުރި އާކަމެއް ބުނެބަލަ. ޜަނގަޅު ރައީސްކަމަށް ކުރިމަލާފާނެ ކޮންމެ މީހަކު ޓެރަރިސްޓަކަށް ހަދައިފި. ޜަލާމަސްތުވާތަކެތި އާންމުވެއްޖެ.
ހުކުރު އެޅި
16 April 2018
އަރަބިން ނަކީ ޚުޝާމަދު ކުރުމާއި ވައި ޖެހުމަަށް އަރާތިބި ބައެެކެވެ. އެހެންނާ ފެހެ ދީން ކުރިއެރުވުމަށް ޔާމީނު ކުރެއްވި މަސައްކަތަށް އެވޯޑް ދިނިމަށް ވުރެން މިރަށު މިސްކިތު މުދިން ކަލޭގެ އަށް އެވޯޑް ދޮނުން ވެސް މާ ހައްޤު ކަން ބޮޑެވެ.
ލަދު
16 April 2018
ސުލްހަވާން އެންމެރަނގަޅީ ޖަލުގައިވާ އަޚުންނާ. ލަދު
މެންޓަލިސްޓް
15 April 2018
ގަދަބާނި ރާލުގަނޑެއްގައި އޮޑިމަތިން ބިންދާލިރާޅުން ،،، އުނގުރިތަކޭ ބީވެގެންއެދިއައީ ،،،، ކަފުޖަހި އެކޯސްޓްގާޑްގެ ވާމިހާރު އޮޅެމެން ހިމަބަރަންޏަށް ވެއްޖެއޭ ،،،، ނެތޭދެން އުނގުރިތަށް ބައްދާނެ ހަތިޔާރެއް ،،،، ދިޔަވެގެން އެދަނީ ކައްޕިއާޢި އެކު ކަނޑުވާން ،،،،، މައައްސަލާމާ
ފާރު
15 April 2018
ޓާރމް ނިންމާ ފޭބުންނޫން ގޮތެއް ނެތް ހަތަރު އުދަރެސް ފެނުޖެހި ކުރިމަގު އޮތީ އެގޮތުގަ
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
15 April 2018
ސީރިޔާ، އިޒްރާއިލް އަމުދުން ރޯހިންގޔާ ގެ ވާހަކަ ދައްކާވަރަށްވުރެން ދިވެހި ދައުލަތުގެ ހާލަތު ގޯސް. . . . . މުޅިދުނިޔެ އަށް ބަލާނެ ކަމެއްނެތް. ހަމައެކަނި ސާރކް ޤައުމު ތަކަށް ބެލިކަމުގައި ވިޔަސް ސަރަހައްދުގައި އެންމެ ބޮޑަށް ރޭސިސްޓް ދައުލަތަކީ (ރައްޔިތުންގެ މެދުގައި ފާޅުން ނުވަތަ ސިއްރުން ތަފާތު ކުރުން ގެންގުޅޭ) ދިވެހި ރާއްޖެ ކަމާއި މެދު ދެބަސްނުވެވޭނެ. . . . ދިވެހި އާބާދީގެ 3 ބައިކުޅަ 2 ބައި ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަށް ދިނުން ޤާނޫނު އަސާސީ މަޖުބޫރު ކުރި ކަމުގައި ވިޔަސް އެކަން ނުކޮށް ސަރުކާރު ބަލަނީ މާލޭގެ ބިންވެރިންގެ އުފަލައްޓަކާ ލަޤްޒަރީ ބްރިޖް އެޅުމަށާއި ޕާކް އައިސް ސްކޭޓް އިންޑޯރ ހޯލް ތަކާއި 7 ޑީ ސިނަމާ އަދި ވެންޑިންގ މޭޝިންތަކާއި މަޝްހޫރު ޖަންކް ފޫޑްސް ދައުލަތުން ހޭދަކޮށްގެން ގެނެސް އެމީހުން އުފަލުގައި ގެންގުޅުމަށް، . . . އިޒްރާއިލް އާއި ސީރިއ އަދި މަޔަންމާ ގެ ވާހަކަ ނުދައްކާ އަމިއްލައަށް އިސްލާހްވުން މާރަނގަޅު. މާލެ ނޫން ރަށްރަށުގައި ވެސް ތިބީ ހަމަ މުސްލިމުން.
ހާކިމް
15 April 2018
ވާހަކަދައްކަން އުޅޭމީހުން ބަނދުކުރަނވީ ތިޔަބަސްފުޅު ފުރިހަމވާނީ އޭރުން.