ގިނަ އޮފީސްތައް ހިންގާ ވެލާނާ ބިލްޑިން: ސިވިލް ސާވިސްގެ ރޭންކްތަކުގެ މަސައްކަތުގެ ތަޖްރިބާ ހުރިތޯ ބެލުމުގައި އެ ރޭންކެއްގައި ވަގުތީ ގޮތުން މަސައްކަތް ކުރާ ކުރުން ވެސް ހިމެނޭނެ ކަމަށް ހައި ކޯޓުން ވަނީ ހުކުމް ކޮށްފައި --ފޮޓޯ/މިހާރު
22 އެޕްރީލް 2018 - 11:32
ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި ރޭންކްތަކުގެ މަަސައްކަތުގެ ތަޖުރިބާ ހުރިތޯ ބެލުމުގައި، އެ ރޭންކްތަކުގައި ވަގުތީ ގޮތުން މަސައްކަތް ކުރާ ކުރުން ވެސް ހިމެނޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އެގޮތަށް ކަނޑައެޅީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ ވަޒީފާ އަށް ކުރިމަތިލި މީހަކަށް ވަޒީފާ ހަމަޖެހުނު ކަން އެންގުމަށް ފަހު، އޭނާ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި މައްސަލައެއްގަ އެވެ.
އެ މަގާމަށް އެ މީހާ ޝަރުތު ހަމަނުވާ ކަމަށް އެންގީ އެ މަގާމުގެ ޝަރުތެއް ކަމަށްވާ އީ އެކްސް ރޭންކް 1 އިން ފެށިގެން މަތީ ރޭންކެއްގައި ދެ އަހަރުގެ ތަޖްރިބާ ލިބިފައިވާ ނެތުމުންނެވެ. އެ މީހާއަކީ އެ ރޭންކުގެ މަގާމެއްގައި ވަގުތީ ގޮތުން މަސައްކަތްކުރި މީހެއް ކަމަށް ވިޔަސް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބެލީ ވަގުތީ ގޮތުން މަސައްކަތް ކުރާ ކުރުމަކީ މަސައްކަތުގެ ތަޖްރިބާ ހުރުން ކަމަށް ނުބެލެވޭނެތީ އޭނާ އެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށެވެ.
އެ މައްސަލާގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ އެ މީހާ މަގާމަށް ޝަރުތު ހަމަވާ ކަމަށާއި އެހެންވެ އެ ވަޒީފާ އަށް އެ މީހާ އައްޔަން ކުރުމަށެވެ. އެ މައްސަލަ ސީއެސްސީން ހައި ކޯޓުގައި އިސްތިއުނާފްކުރީ ވަގުތީ ގޮތުން ވަކި ރޭންކެއްގައި މަސައްކަތް ކުރާ ކުރުމަކީ އެ ރޭންކެއްގެ މަސައްކަތުގެ ތަޖުރިބާ ހުރުން ކަމަށް ނުބެލެވޭނެ ކަމަށް ބުނެ އެވެ.
ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމުގައިވަނީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ އުސޫލަށް ބަލާއިރު، ވަކި ރޭންކެއްގެ މަސައްކަތުގެ ތަޖްރިބާ ހުރިކަމުގައި ބެލެވޭނީ ދާއިމީ ގޮތެއްގައި އެ ރޭންކެއްގައި މަސައްކަތް ކުރާ މުވައްޒަފުން އެކަނި ކަން އެ އުސޫލުން އެނގެން ނެތް ކަމަށެވެ. އެހެންވެ، މަގާމު ދާއިމީކޮށް ހަމަޖެހިފައި ނުވިޔަސް، އެ މަގާމެއްގެ މަސައްކަތް މުވައްޒަފަކާ ހަވާލު ކޮށްފައިވާ ނަމަ، އެ ރޭންކެއްގެ މަސައްކަތުގެ ތަޖްރިބާ މުވައްޒަފުގެ ކިބައިގައި ހުރީ ކަމަށް ބަލަންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައިވާ ގޮތުން މަސައްކަތުގެ ތަޖްރިބާ ހުރިތޯ ބެލުމުގެ މައިގަނޑު މަގްސަދަކީ އެ މީހަކީ ވަކި ރޭންކެއްގައި ދާއިމީކޮށް މަސައްކަތް ކުރި މުވައްޒަފެއްތޯ ކަށަވަރު ކުރުމެއް ނޫނެވެ. އޭގެ ބޭނުމަކީ އިއުލާން ކުރެވިފައިވާ ވަޒީފާއާ ގުޅޭ މަސައްކަތެއް ކަނޑައެޅިފައިވާ ރޭންކެއްގައި ތަޖްރިބާ ލިބިފައިވޭތޯ ކަށަވަރު ކުރުން ކަމަށާއި އެކަން ސިވިލް ސާވިސްގެ އުސޫލުން ވެސް އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ.
ވަގުތީ ގޮތުން ވަކި ރޭންކެއްގައި މަސައްކަތް ކުރުމަކީ އެ ރޭންކެއްގެ މަސައްކަތުގެ ތަޖްރިބާ ހުރުން ކަމަށް ނުބެލެވޭނެ ކަމަށް ދައުލަތުން ބުނެފައިވާއިރު، ސީއެސްސީން ކުރިން އަމަލު ކުރަމުން އައީ އެގޮތަށް ކަން އެނގޭނެ ނިންމުމެއް ނުވަތަ ލިޔުމެއް ހުށަހަޅަން ދައުލަތަށް ފުރުސަތު ދިން ކަމަށާއި އެކަމަކު އެފަދަ ލިޔުމެއް ހުށަހެޅިފައިނުވާ ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން މައްސަލާގައި މަގާމަށް ކުރިމަތިލި މީހާ ވަޒީފާއަށް ހޮވުނު ކަން ހެލްތް މިނިސްޓްރީން އަންގާފައި އޮތުމުން އެކަމުން ވެސް އެނގެނީ ވަގުތީ ގޮތުން މަސައްކަތް ކޮށްފައިވާ ނަމަ އެ ރޭންކެއްގެ މަސައްކަތުގެ ތަޖްރިބާ ހުރީ ކަމަށް ހެލްތު މިނިސްޓްރީން ވެސް ގަބޫލު ކުރާކަން ކަމަށް އެ ހުކުމުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީޖާދީއިނާމު
22 April 2018
ސިވިލް ސަރވިސް ކޮމިޝަނުން ހަދާ ގަވާޢިދާ އެއްގޮތަށް އއމީހުން ޢަމަލް ނުކޮށް ތަނަކަށް ހުށަހެޅުމުން މުޅިންވެސް މި ނިންމަވަނީ އެ ކޮމިޝަނާ ދެކޮޅަށް
މޯޑް
22 April 2018
ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކުގަ، ޚާއްސަކޮށް ކުންފުނިތަކުގަ ޝަރުތު ފުރިހަމަ ނުވާ މީހުން ގެންގުޅެ. ކޮންމެވެސް ނުފޫޒެއް ބޭނުންކޮށްގެން ވަޒީފާ އެގޮތަށް ހޯދަނީ. ކީއްކުރަންހޭ ކިޔަވައިގެން ތަޖުރިބާ ހޯދައިގެން އިހުލާސްތެރި މީހުން ތިއްބަ ކޮލިފައިޑް ނޫން މީހުން ލަނީކީ! މިއުޅެނީ މިގައުމުގަ މީހުން ހުަސްވެގެނެއް ނޫން ވިއްޔަ! މިހެން ކަންކުރީމަ ސަރުކާރަށް ވެސް ހުތުރުދޯ ވަނީ
ރައްޔާ
22 April 2018
ޝަމީމޫ އަތަށް ގޮވީއުތަ؟
ޮކާތިމް
22 April 2018
ތިޔަ ސިވިލްސަރުވިހަ ދުވަހަކުވެސް ކޯޓް ކޭހެއް ކާމިޔާބު ނުވޭ. އަބަދު މީހުންގެ ހައްގުތައް ދަމައިގަތުމުގަ. ޗީޗީި އައްޗި އެއްޗެ!
ާއަލި
22 April 2018
މީގަ އެންމެ ކަންބޮޑުވާ ތަންކޮޅަކީ އުސޫލުގައި އެގޮތައް ބަޔާންކޮށްފައި ނެތިސް ކޮންގޮތަކަށް ކިހިނެއްތޯ ވަގުތީ މަޤާމެއްގަ ހުރުން އެއީ މަސައްކަތުގެ ތަޖުރިބާ ނެތުން ކަމަކަށް ތި ސިވިލް ސަރވިސް ކޮމިޝަންގެ ބޭފުޅުގެ ސިކުނޑުއަށް އައީ. މިކިހިނެއް ކީއްވެގެން އަންނަވީ ވިސްނުމެއްތޯ؟ ކޮމަން ސެންސް ހުރި މީހުންނަށް އެންގޭނެ ތަޖުރިބާ އަކީ ކޯއްޗެއްކަން. ތަޖުރިބާ ލިބެނީ ވަކި މުއްދަތަކަށް ތާކު މަސައްކަތްކޮށްގެން. ވަގުތީ ވިޔަސް ބުނާ އަހަރު އެ މަޤާމުގައި ހަމަވޭ. އަނެއްކާ ސީއެސްސީ ބޭފުޅުން މަޤާމަށް ކޮލީފައިވޭބާ؟ ސުވާލު އުފެދޭ.
އަހުމަދުބެ
22 April 2018
އަލިފު ބާ ނޭނގޭ ސިޔާސީ މީހުންނަށް މިނިސްޓަރުގެ ނައިބުކަން ދޭއިރު އެކަން ބަލާ ނެ އިދާރާއެއް ނެތެވެ. ރާއްޖޭގަ މާސްޓާސް ފެންވަރުގެ އެތައް ބަޔަކު ވަޒީފާ ނެތިފަ އެބަހުއްޓެވެ.
ޢަލީލ
22 April 2018
ތިޔަ ސިވިލް ސަރވިސް ކޮމިޝަނަކީ ދެން މާ 'މަ މޮޅު' ވެގަނެގެން އުޅޭބައެއް، އުޅޭ ތަނެއް! ވަގުތީ ވަޒީފާއެއް އަދާކުރުމުން އެމީހަކަށް އެކަމުން އެލިބެނީ ވަޒީފާގެ/މަސައްކަތުގެ ތަޖުރިބާ ނޫން ދެން އެހެން ކޯންޗެއްކަން އެމީހުން ގާތުގަ ސާފުކޮށްދޭން ހައިކޯޓުން ސުވާލު ކޮށްލިނަމަ!
އިއްބެ
22 April 2018
އެ ލިބެނީ ވަގުތީ ތަޖުރިބާތޯއްޗެ.... އެވައްތަރު ތަޖުރިބާ ދަވަސްކޮޅަކުން ގެއްލޭ ކަމަށް ކޮމިޝަންގެ ކުދިން ބުނަނީ..
ރާއްޖެ
22 April 2018
މީ ސިވިލް ސާވަންޓުންނާއި ދެކޮޅަށް މަސައްކަތް ކުރަން ހަދާފައި ހުރި ކޮމިޝަނެއްތަ؟ މި ކޮމިޝަން އިން ސިވިލް ސަރވަންޓުންނަށް ފައިދާއެއް ނުކޮއްދޭ ތަނުގަ ހުސް ކުރަނީ މި ކަލަހަ ކަންތައް. ހައްގުތަށް ފޭރިގަންނަން އޮތް ކޮމިޝަނެއް....
ފެއިލް
22 April 2018
މި ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނަކީ ފެއިލްވެފައި އޮތް ތަނެކޭ ބުނެވެނީ މިހެން ވެގެންނެވެ. މީހަކު ތަނެއްގައި ވަގުތީ މަގާމެއްގައި ހުރި ކަމަށްވިޔަސް ކުރަނީ މަސައްކަތެވެ. ކޮންޓްރެޓް ވަޒީފާގައިވެސް ކުރަނީ މަސައްކަތެވެ. ދާއިމީ ވަޒީފާގައިވެސް ކުރަނީ މަސައްކަތެވެ. ކޮންމެ ނަމެއްކިޔަސް ކުރަނީ އެއް ކަމެކެވެ. ކަމެއް ކޮށްގެން ލިބޭ ތަޖުރިބާއެއް ލިބޭނީ އެއްވަރަކަށެވެ. މިއަށްވުރެ ތިޔަ ސެޓުފިކެޓަށް ވަޒީފާ ދިނުން ހުއްޓާލާފައި މީހާގެ ކޮލިޓީއަށް ބަލާފައި ކޮލިޓީ ބަލާނެ ޓެސްޓެއް ހައްދާފައި ވަޒީފާއަށް މީހުން ހޮވަން ފެށިއްޔާ މާރަނގަޅުވާނެއެވެ. ސެޓުފިކެޓް މީހުން ހޯދާ ގޮތް ހަމައެކަނި އައިބޭ ބަލާލިޔަސް އެއޮތީ ސާފުކޮށް ފެންނާށެވެ. އެސައިންމެންޓް ލިޔެދޭ ދިވެހިންނާއި ދިވެހި ކުންފުންތަކުގެ އިތުރަށް ބޭރުގެ ގައުމުތަކުގެ ކުންފުނިތަކުންވެސް މިހާރު މިމަސައްކަތް ރާއްޖޭގައި އަގަށް ކުރަން ވަނީ ފަށާފައެވެ.