މިއަހަރުގެ ކަލާސް އެވޯޑު ލިބުނު ނަބާހާގެ މަންމައަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
24 އެޕްރީލް 2018 - 08:15
ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ "ނެސްލޭ މައިލޯ ކަލާސް އެވޯޑު" ބެޑްމިންޓަން ޗެމްޕިއަން ފާތިމަތު ނަބާހާ މިރޭ ހޯދައިފި އެވެ.
ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ނަބާހާއަށް މި އަހަރުގެ އެވޯޑު ހަވާލުކޮށްދެއްވީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. ނަބާހާ މިހާރު ރާއްޖެ އިން ބޭރުގައި ހުރުމުން އޭނާގެ ފަރާތުން އެވޯޑާ ހަވާލުވީ މަންމަ އެވެ.
އެކި ކުޅިވަރުތަކުން ކާމިޔާބު ހޯދި ދަރިވަރުން ކަލާސް އެވޯޑާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މިދިޔަ ފެބްރުއަރީ މަހު ޔުގެންޑާގައި ބޭއްވި މުބާރާތަކުން ނަބާހާ ވަނީ ރާއްޖެ އަށް ބޮޑު ކާމިޔާބީއެއް ހޯދައި ދީފަ އެވެ. އެ މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ތިން ވަނަ އޭނާ ހޯދިއިރު އެއީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) މުބާރާތެއްގެ ސިންގަލްސް ބައިން ރާއްޖެ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.
މިއަހަރުގެ ކަލާސް އެވޯޑު ހޯދި ދަރިވަރުން ފޮޓޯއަަކަށް ހުއްޓިލައިގެން-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ނަބާހާ ވަނީ އިންޑިއާގެ ގުވަހާޓީގައި މިދިޔަ އަހަރު އޮތް ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓުން ވެސް ރާއްޖެ އަށް ރިހި މެޑަލް ހޯދައިދީފަ އެވެ.
ކަލާސް އެވޯޑުގެ އިތުރުން ނަބާހާ އަށް ވަނީ އައުޓްސްޓޭންޑިންގެ އެވޯޑު ވެސް ލިބިފަ އެވެ. އޭނާގެ އިތުރުން އެ އެވޯޑު ތިން ދަރިވަރަކަށް ލިބުނެވެ.
ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ކަލާސް އެވޯޑު މިއަހަރު ވަނީ 13 ކުޅިވަރަކުން 181 ދަރިވަރުން ހޯދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy