ކަލާސް އެވޯޑް: އެޑިއުކޭޝަން މިނިސްޓަރުގެ ހާއްސަ އެވޯޑް ދީމާ އަށް

ކުޅިވަރުގައި ފާހަގަކޮށްލެވޭ ދަރިވަރުންނަށް ހާއްސަކޮށް އަލަށް ތައާރަފް ކުރި، އެޑިއުކޭޝަން މިނިސްޓަރުގެ އެވޯޑް ޓީޓީ ތަރި ފާތިމަތު ދީމާ އަލީ މިރޭ ހާސިލްކޮށްފި އެވެ.


ދީމާ އަށް އެ ޝަރަފުވެރި އެވޯޑް ދިނީ، ކުޅިވަރުގައި ވަނަތައް ހޯދި ދަރިވަރުންނަށް ޚާއްސަ ކަލާސް އެވޯޑް ދިނުމަށް ހުޅުމާލޭ ހުރަވީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެޑިއުކޭޝަން މިނިސްޓަރުގެ އެވޯޑް ޚާއްސަ ކޮށްފައި ވަނީ، ރާއްޖޭގައި ކިޔެވުން ކުރިއަށް ނުގެންދިޔަ ކަމަށް ވިޔަސް ގައުމަށް ރީތި ނަން ހޯދައިދޭ، ސްކޫލެއް ގައި ކިޔަވާ އުމުރުގެ ދަރިވަރަކަށެވެ.

އުމުރުން 11 އަހަރުގެ ދީމާ ކިޔަވަމުން އަންނަނީ ސްރީ ލަންކާގަ އެވެ. އޭނާ ވަނީ މިދިޔަ ޖުލައި މަހު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ތިން ރަން މެޑަލް ހޯދައި އެ މުބާރާތުގައި އެންމެ ގިނަ ރަން މެޑަލް ހޯދި އެތްލީޓްގެ ޝަރަފު ހޯދައިފަ އެވެ. އެއީ ޓީމް އިވެންޓާއި ޑަބަލްސް ކެޓަގަރީގެ އިތުރުން ސިންގަލްސް ބައިންނެވެ.

މިދިޔަ މެއި މަހު ތައިލެންޑުގައި ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދީފައިވާއިރު މި އަހަރުގެ ޖެނުއަރީ މަހު އިންޑިއާގައި ބޭއްވި ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ވެސް ދީމާ އެވެ. އެއާ އެކު، އޭޝިއާ މުބާރާތަށް ކޮލިފައިވި ދީމާ، އެ މުބާރާތުގެ ގަދަ ދެ ކުޅުންތެރިން ތެރޭ ހިމެނުމުން ވޯލްޑް ހޯޕްސް މުބާރާތަށް ވަނީ ކޮލިފައި ވެފަ އެވެ.

ސައުތު އޭޝިއާ މުބާރާތުގެ ޗެމްޕިއަންކަން މި އަހަރުގެ ކުރީކޮޅު ހޯދުމާ އެކު، ދީމާ ވެގެންދިޔައީ ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖެ އަށް ޓޭބަލް ޓެނިހުން، އެއްވެސް ކެޓަގަރީއަކުން ރަން މެޑެއްޔެއް ހޯދައިދިން ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާ އަށެވެ. އެކަމަކު، އޭޝިއާ މުބާރާތުން ހޯދި ކާމިޔާބީ އަކީ އެ އަށް ވުރެ ހުރިހާ ގޮތަކުން ވެސް ބޮޑު ކާމިޔާބެކެވެ.

މި އަހަރުގެ ގައުމީ ޓީވީ މުބާރާތް ކާމިޔާބުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ކާމިޔާބުކުރި އެންމެ ހަގު ޓީޓީ ކުޅުންތެރިޔާގެ ޝަރަފް ހޯދި ދީމާ ރާއްޖޭގެ ޖޫނިއާ އަދި ސީނިއާ ގައުމީ ޓީމުން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ޖާގަ ހޯދީ ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެއާ އެކު، ސްވިޑަންގައި މިދިޔަ އަހަރުގެ އޭޕްރިލް މަހު އޮތް ވޯލްޑް ޓީމް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި އޭނާ ވާދަކުރީ އެ މުބާރާތުގެ އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ދީމާ ވަނީ ލަންކާގެ ޖޫނިއާ ނޭޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން 2017 ވަނަ އަހަރު ހޯދައިފަ އެވެ. މުޅި ލަންކާ އަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގައި ލަންކާގެ ހުރިހާ ސަރަހައްދަކުން ޖުމްލަ 208 ކުޅުންތެރިން ބައިވެރިވި 10 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ދީމާ ހޯދީ އޭނާ އަށް ވުރެ ދެ އަހަރު ދޮށީ ކުޅުންތެރިންނާ ވާދަކޮށްގެންނެވެ.