26 އެޕްރީލް 2018 - 09:57
މިހާރުގެ ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށި އިރު، 2008 ވަނަ އަހަރުގެ ރިއާސީ އިންތިހާބާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދަށް ހުރަސްވީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ) އެވެ. ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ބަޔާން ކުރާ އެ މާއްދާގައި ބުނެފައިވަނީ؛ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތި ނުލެވޭނެ ކަމަށެވެ.
އޭރު ނަޝީދު ހުންނެވީ، 1999 ވަނަ އަހަރު ވައްކަމުގެ ކުށެއް ސާބިތުވެ ދެ އަހަރާއި ހަ މަހަށް އަރުވައިލުމުގެ ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ. އެމަނިކުފާނު އެ ހުކުމް ތަންފީޒު ކުރެއްވީ ރ. އަނގޮޅިތީމުގަ އެވެ. އެއީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ކުރީގެ ގެކޮޅު، ވެލާނާގޭގައި ހުރި އެއްޗެހިތަކެއް ވަގަށް ނެގުމުގެ ކުށުގަ އެވެ. އޭރު ވެލާނާގެއަކީ ދައުލަތަށް ނަގައި ދައުލަތުގެ ބިމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ގޯއްޗެކެވެ.
ވައްކަމަކީ، އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައި އޮތް ކުށެކެވެ. ކީރިތި ގުރްއާނުގެ ނައްސުން ސާބިތުވާ ގޮތުގައި ވައްކަމުގެ ކުށުގެ ހައްދަކީ އަތް ބުރި ކުރުމެވެ. އެ ހައްދު ގާއިމުކުރެވެނީ ވަކި ޝަރުތުތަކާ އެކުގަ އެވެ.
އެހެންކަމުން، ރިއާސީ އިންތިޚާބަށް އިއުލާން ކުރުމާ އެކު، ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އަމިއްލަ މީހަކު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އެއީ ވެލާނާގޭ މައްސަލައިގައި ނަޝީދު ތަންފީޒު ކުރައްވާފައިވާ ވައްކަމުގެ ކުށުގެ ހުކުމަށް ބިނާކޮށެވެ.
އޭރުގެ ސިޔާސީ އޮއިވަރު ހުރީ، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމަށް އެހާ ފަހި ގޮތަކަށް ނޫނެވެ. އެއްވެސް ވާދަވެރިއެއް ނެތި، އިންތިހާބުތައް ކާމިޔާބު ކުރައްވައި ވެރިކަމުގައި 30 އަހަރު ފުރެމުން ދިޔަ އިރު، ދާޚިލީ ފިއްތުންތަކާ އެކު ބޭރުގެ ފިއްތުންތައް އެހާ ބޮޑެވެ.
އެމްޑީޕީގެ މަގުމަތީ ހަރަކާތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި ޕާޓީގެ މެންބަރުން. -- ފޮޓޯ: ނިއުސް.ސީއެން
ވެރިކަމުގެ އިތުރު ދައުރެއް ބޭނުންފުޅުވެފައި ހުންނެވިޔަސް އިންތިހާބުގައި ވާދަ ކުރެއްވުމަށް މައުމޫނަށް އޮތް ހަމައެކަނި ފުރުސަތަކީ، އާ ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް، ގިނަ ބަޔަކަށް ވާދަކުރެވޭ ގޮތަށް އިންތިހާބު ބޭއްވުމެވެ. ހަމަ އެއާ އެކު، ރާއްޖެ އަށް ފިއްތުންތައް ކުރިމަތިކުރާ ޚާރިޖީ ބާރުތައް ގަބޫލުކުރާ ކެންޑިޑޭޓަށް ވެސް، އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދިނުމެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށް ފަހު ނިންމީ ނަޝީދުގެ މައްޗަށް ސާބިތުވެފައިވަނީ، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ޒާތުގެ ކުށެއް ނޫން ކަމަށެވެ.
އޭގެ 10 އަހަރު ފަހެވެ. މި އަހަރު ބާއްވާ ރިއާސީ އިންތިހާބުގައި އެ މަނިކުފާނަށް ހުރަހަކަށް ވަނީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުން، ރިއާސީ އިންތިޚާބަށް ކުރިމަތިލާ މީހަކީ، "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފް ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި" ވާންޖެހޭނެ ކަމަށެވެ.
ނަޝީދު މިހާރު ވެސް އެ ހުންނެވީ ޓެރަރިޒަމްގެ ކުށް ސާބިތުވެގެން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެމަނިކުފާނު ޖަލަށް ލުމަށް މާޗް 13، 2015 ގައި ހުކުމް ކޮށްފައި ވިޔަސް، މިހާތަނަށް އެމަނިކުފާނު ތަންފީޒު ކުރައްވާފައިވަނީ ހުކުމްގެ ވަރަށް ކުރު މުއްދަތެކެވެ. ހުކުމް ކުރެއްވިތާ 10 މަހާއި ތިން ދުވަސް ފަހުން، ޖެނުއަރީ 18، 2016 ގައި ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ފުރާވަޑައިގެންނެވި ގޮތަށް އުޅުއްވަމުން އެ ގެންދަވަނީ ރާއްޖޭން ބޭރުގަ އެވެ.
ނަޝީދާއި ލަންކާގެ ބޮޑުވަޒީރު ފޮޓޯއަކަށް ހުއްޓިވަޑައިގެން. - ފޮޓޯ ނަޝީދު ޓުވިޓާ
އެ މަނިކުފާނަށް ކުރި ހުކުމާ މެދު ކިތަންމެ ގިނަ ބަޔަކު ފާޑު ކިޔަސް، ރާއްޖޭގެ ޝަރުއީ ހުރިހާ މަރުހަލާއަކުން ވަނީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 13 އަހަރުގެ ޖަލު ހުކުމް ދަމަހައްޓައިފަ އެވެ. އެހެންކަމުން ރިއާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ހުރިހާ ދޮރެއް މިހާރު ހުރީ ބަންދުވެފަ އެވެ. ސުޕްރީމް ކޯޓުގެ ދޮރު ފިޔަވައެވެ.
މިކަން މިހެން ހުއްޓަސް، އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގި ގޮތާއި، ކޮށްފައިވާ ހުކުމް، ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ގަބޫލެއް ނުކުރެ އެވެ. ހަމައެފަދައިން ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް ބަލައެއް ނުގަނެ އެވެ. އެހެނެއް ކަމަކު، ކޮމަންވެލްތާއި ވިލާތުގެ އިއްތިހާދާއި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާ ފަދަ ބައިނަލްއަގުވާމީ މުއައްސަސާތަކުން ފާޅުގައި ބުނަމުން އެދަނީ، މިއަހަރުގެ ރިއާސީ އިންތިހާބުގައި ނަޝީދަށް ވާދަ ކުރެއްވެން ވާނެ ކަމަށެވެ.
ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގި ގޮތާއި ކޮށްފައިވާ ހުކުމް ގަބޫލު ނުކުރުމަށް ބާރު ލިބިދޭ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. އެއީ މި ދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ވެސް، ނަޝީދާއި އެ ނޫން ސިޔާސީ ބޭފުޅުންގެ މައްޗަށް ހިންގި ޝަރީއަތްތަކާ މެދު ކުރެވުނު ތުހުމަތުތަކަށް އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ވެސް އިއުތިރާފްވެވަޑައިގެންފައި ވާތީ އެވެ.
އެ އަމުރުގެ ފަސް ވަނަ ނަންބަރުގައި މައިގަނޑު ފަސް ކަމަކަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އިއްތިފާގުވެ ވަޑައިގެންފައިވެ އެވެ. އެއީ؛ (1) އެ އަމުރުގައި ހިމަނާފައިވާ ނުވަ ބޭފުޅުންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގާފައިވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމާއި، (2) އެ ބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގީ ގާނޫނުއަސާސީ އާއި ރާއްޖެ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފަށް ކަމާއި، (3) އެ ބޭފުޅުންގެ މައްޗަށް ދައުވާކުރީ ގާނޫނާ ޚިލާފަށް ހިންގި ތަހުގީގުތަކެއްގެ މައްޗަށް ބިނާކޮށް ކަމާއި، (4) އެ ބޭފުޅުންގެ މައްޗަށް ހުކުމްކޮށްފައި ވަނީ، ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެ އަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއާތުތަކާ ޚިލާފަށް ކަމެވެ.
ނަޝީދު ފެނުމުން ދެ ސަޕޯޓަރަކު އުފާފާޅުކުރަނީ: ސްރީ ލަންކާގައި އެމަނިކުފާނު އިއްޔެ ވަނީ ސަޕޯޓަރުންނާ ބައްދަލުކުރައްވާފައި. --ފޮޓޯ: އެމްޑީޕީ
އެ އަމުރުގައި ބަޔާންކޮށްފައިވާ ނުވަ ބޭފުޅަކު (ނަޝީދު ވެސް ހިމެނޭ ގޮތަށް) މިނިވަން ކުރުމަށް އެ ކޯޓުގެ ފަސް ފަނޑިޔާރުން އިއްތިފާގުވެ ވަޑައިގަތީ އެ ފަސް ނުކުތާ އަށް ބުރަވެވަޑައިގެންނެވެ. ނަމަވެސް ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން، ފަސް ފަނޑިޔާރުންގެ އަމުރު ވަނީ ބާތިލުކޮށްފަ އެވެ. އެއީ ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު އެވެ.
ސުވާލަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް އެ ހަގީގަތްތައް ގަބޫލުކުރައްވާ އިރު، މި އަހަރުގެ ރިއާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތަކަށް އެދިވަޑައިގެން، ސުޕްރީމް ކޯޓުގައި ނަޝީދު ޓަކި ޖައްސަވައިފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މީގެ ކުރިން 2008 ގައި ދެއްވި ފަދައިން މި ފަހަރު ވެސް ނަޝީދަށް ޖާދޫގެ އަސާގަނޑު ދެއްވަފާނެ ހެއްޔެވެ؟
"އަޅުގަނޑަކަށް ހިޔެއް ނުވޭ މިފަހަރު ސުޕްރީމް ކޯޓުން އެފަދަ ކަމެއް ކޮށްފާނެޔެކޭ. މިއީ 2008 ނޫން. މިއީ ރައީސް މައުމޫންގެ ވެރިކަމެއް ވެސް ނޫން. މިހާރު ވެރިކަމުގައި ހުންނެވީކީ، ބޭރުގެ އެކަހަލަ ޕްރެޝަރުތަކަށް އެހާ ފަސޭހަ އިން ބޯލަނބާނެ ބޭފުޅެކޭ ނުބުނާނަން. ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅިޔަސް އަޅުގަނޑަކަށް ހަމަ ހިޔެއް ނުވޭ، ސަރުކާރުން ނަޝީދަށް އެ ފުރުސަތު ދޭން ބޭނުން ނުވާހާ ހިނދަކު، ޝަރުއީ ދާއިރާގެ ތެރެއިން އެ ފުރުސަތު ފަހި ކުރެވިދާނެހެންނެއް،" ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މެމްބަރުކަން ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.
"ރައީސް މައުމޫނާއި ރައީސް ޔާމީނަކީ ދެބެން ކަމުގައި ވިޔަސް މިއީ ވަރަށް ތަފާތު ދެ ބޭފުޅުން އިނގޭތޯ. ހަމަ އުޑާއި ބިމާހާ ތަފާތު، ކަންކަމާ ކުރިމަތިލެއްވުމުގައި. ހަމަ ލަފާކޮށްލަން ވެސް ނޭނގޭނެ ރައީސް ޔާމީން ކަންތައް ކުރައްވާނެ ގޮތެއް. އަދި އަމުދުން ބޭރުގެ ސިޔާސީ ނުފޫޒުތަކާ ޗެލެންޖް ކުރައްވަން ރައީސް ޔާމީނަށް ވަރަށް ކެރިވަޑައިގަންނަވާ. އެކަން އެ ދަނީ ސާބިތުވަމުން ވެސް."
ސުޕްރީމް ކޯޓުގެ ތެރެއިން ނަޝީދަށް ފުރުސަތެއް ނުލިބޭނެ ކަމުގެ ހެއްކެއްގެ ގޮތުން އޭނާ ފާހަގަ ކުރެއްވީ، ސުޕްރީމް ކޯޓު މިހާރު އޮތް ގޮތާއި، އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުން އެ ކޯޓަށް އައި ބަދަލުތަކެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
މިއަދުގެ ސިޔާސީ ހަގީގަތަކީ އެއީ ކަމުގައި ވިޔަސް، މި އަހަރުގެ ރިއާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނަޝީދަށް ލިބިވަޑައިގެންނެވޭނެ ހަމައެކަނި ގޮތަކީ ސުޕްރީމް ކޯޓުން އެމަނިކުފާނަށް އެހީގެ އަތެއް ދިއްކޮށްލުމެވެ. ނަމަވެސް 2008 ގައި އެ ފުރުސަތު އެ މަނިކުފާނަށް ހޯއްދަވައިދެއްވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް މިހާރު އެ ހުންނެވީ، ޝަރުއީ ހުކުމަކާ ނުލައި، ވަކި މުއްދަތެއް ނެތް ގޮތަށް ޖަލުގައި ހައްޔަރު ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނޭ
28 April 2018
މޮޔަ ނުވެބަލަ
އަބްދުއްލާ
28 April 2018
ގާނޫނުއަސާސީގެ 109 ގަ ބުނާ އިސްލާމްދީނުގާ ހައްދު ކަނޑައެޅިފައިވާ ކުށްތަކަކީ ކޮބައިކަން މާނަކުރަންފެނޭ
އަށްޑޫ މީހާ
27 April 2018
ރައީސް ނަޝީދަކީ ޒުންބާ ކުލާސް ނަގާދެވޭނެ ވަރުގެ ސިޔާސީ ބޭފުޅެއް. ވީމާ މިއަދުގެ ހެލްތް މިނިސްޓަރުވެސް ބޭނުންވެލައްވަނީ މިހާރު ޒުންބާ ކުލާސް ނަގާދެވޭ ފެންވަރުގެ ވެރިޔަކު. ވީމާ ރައީސް ނަޝިދަކީ ދެންއަންނަ ދައުރުގެ ރައީސްކަމީ އެއްވެސް ޝައްކެއްވެސް ކުރާވަރުކަމެއްނޫން.
ހެހެހެ
26 April 2018
ނޫހަށް މައުލޫމާތު ދެއްވި ތިޔަ މެންބަރު އަދި މާ ޅައީ! ސިޔާސީ މަސްރަހަކީ މާދަމާ އިރުއަރާ އިރުވެސް ބަދަލުވެދާނެ އެއްޗެއް! އަޅުގަޑަކަށް އަދި ޔަގީންއެއް ނޫން ރައީސް ޔާމިންވެސް ކުރިމަތި ލައްވަފާނެއެކޭ! ސިޔާސީ މަސްރަހު މާދަމާ ވެސް އެނބުރޭ ގޮތުން ރައީސް ޔާމީންވެސް ހަމަ ފިއްލަވާފޭނެ!
ސޮކްތެރެޕީ
26 April 2018
މީނައަ ޤައުމުގެ ވެރިކަން ދިނުމަކީ ރާއްޖެވިއްކަލުމަ އެޅޭ ފިޔަވަޅެއް މީނާގެ ވެރިކަން ފެނިއްޖެ ދެނެ ތާއީދެއްނެ.
ކަލޭ
27 April 2018
ކޯޗެކޭ ކިޔާކަށް؟؟ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑަށް ތާއީދު އޮތީ އެމް.ޑީ.ޕީ އަށް!
މޫސަބޭ
27 April 2018
ކީއްކުރަން ފުރުސަތުދޭންވީ. 2013 ގަ 15000 ވޯޓް ހޯދަންނުކުމެ އެންމެ 11 ވޯޓް ލިބުނު މީހެއްތީ. އޭގެ ފަހުން ދުވަހެއް ދުވަހަކަށް ދަށަށްގޮސް މިހާރު ގާތުގަ ކުރުވެސް ހަމަނުވޭ
އަލީ!
26 April 2018
ނަޝީދު ގެނަން ވޯޓް ކަރުދާހުގައި އޮންނަން ނޭދެނީ ދެންތިބިމީހުނަށް ހަމަ ނާކާމިޔާބު ވެދާނެތީ، އެހެން ކޮންކަމެއް..!!
ޕޮޕް
27 April 2018
ރަނގަޅު ވާހަކައެއް!
ބީކޭކޭ
26 April 2018
މިހާރު ތިފެންނަ ޖާދޫގެއަތް ކުޑަތަ؟ އެންމެން އެތިބީ ޖަލުގަވިއްޔަ!
ެއެދެމޭ
26 April 2018
ރައީސް ނަޝީދުގެ ނަން މި ފަހަރުގެ ވޯޓް ކަރުދާހުގައި އޮތުން ވަރަށް އެދެން. އެބޭފުޅާއަށް އަސްލު މި ގައުމުގައި އޮންނަ ތާއީދު އެއީ ބަލައިލުން މުހިއްމު އެއްޗެއް. މިފަހަރު ނަން ކަރުދާހަށް ނޭރުވިއްޖެނަމަ އެބޭފުޅާގެ އުނދަގޫ ފަހުން އިތުރަށް ބޮޑުވާނެ. ކަރުދާހަށް އަރުވައިގެން ބަލިވެއްޖެނަމަވެސް ކުރާ އުނދަގޫ ކުޑައެއްނުވާނެ އެކަމު އެކަން ހައްލުކުރަން ފަސޭހަވާނެ. ބަޔަކު އެބޭފުޅާ ނޫން އެހެން މީހަކު ނުނެރެން ތިބުން އެއީ އަސްލު ވާ ފައިދާއެއް.
ހެހެހެ
26 April 2018
ރައީސް ޔާމީނަށް އެބަ އިނގިލައްވާ ރައީސް ނަޝީދު މީހާރު އެއްބުރުން މިކަން ނިންމާލާނެކަން! އެއީ އެއްނު އަސް މައްސަލައަކީ!
މޫސަބޭ
27 April 2018
ކަރުދާހަށްއަރާނީ 13 އަހަރު ހަމަކޮށް އޭގެ 3 އަހަރު ފަހުން
ޟަރޫ
26 April 2018
އާނ. ރައީސް މައުމޫނަކީ ސިކުނޑި ހަމަޖެހޭ ބޭފުޅެއް. ކޮއްކޮ އެކަމަކު ވަރަށް ސޭޑިސްޓިކް
ޒަކިއްޓޭ
26 April 2018
މިހާރުގެ ހާލަތައް ބަލާއިރު ސިޔާސީގޮތުން ގައުމުހިންގުމަށް ބަދަލުގެނެވޭނީ ޑިމޮކްރެޓިކް އެންވައިރަމެންޓެއް ގާއިމްވެގެން.ފުރަތަމަ ވެސް ސިޔާސީޕާރޓީތަކުން އެތެރޭ އިންތިހާބު ބޭއްވުމަށްފަހު ކޮއްމެޕާޓީ އަކުން ކެންޑިޑޭޓެއް ނެރެ ގެން ރިޔާސީރޭސް ބާއްވަންވީ. އެކަކު އިދިކޮޅުން ނެރެފިއްޔާ ކޮއްމެސް ބަހަނާއެއް ދައްކާފައި ކެންސަލްކުރާނީ. އިންތިހާބު ނުބޭއްވުން އެކަށީގެންވޭ. ޒުވާނެއް ނެރެގެން ޔާމީން ބަލިކުރެވޭނީ.