ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ގައުމީ ޓީމަށް އާ ކޯޗެއް ހޯދުން، ސަމާލުވާން ޖެހޭ

އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަނާ ދެކޮޅަށް ނުކުތް ރާއްޖެ ޓީމުގެ ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ފުޓްބޯޅަ ޓީމާ ކޮންމެ ކޯޗަކު ހަވާލުވާނީ ވެސް ސަޕޯޓަރުންނަށް ބޮޑު އުއްމީދެއް ދިނުމަށް ފަހު އެވެ. އެކަމަކު މާގިނަ ދުވަސްތަކެއް ނުވަނީސް، ފެންނަނީ ކޮންމެވެސް ސަބަބަކާ ހުރެ އެ ކޯޗަކު ވަކިކުރާ މަންޒަރެވެ. އަހުލާގީ މައްސަލައެކެވެ. ނުވަތަ ނަތީޖާ ނުނެރެވުމެވެ. އެއާ އެކު ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ގައުމީ ޓީމާ ދެ ކޯޗުން ހަވާލުވި ނަމަވެސް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވި، އެ ދެ ކޯޗުން ވެސް ވަކިކޮށް މިހާރު އެ މަގާމް އޮތީ ހުސްކޮށެވެ. އެފްއޭއެމަށް އިންތިހާބީ ބޯޑެއް އައިސްފައިވާ މި ދަނޑިވަޅަކީ، އެކަށީގެންވާ ރަނގަޅު ފެންވަރުގެ ކޯޗެއް ހޯދުމުގެ މަސައްކަތް އާ ފެށުމަކުން ފަށަން ލިބިފައިވާ ފުރުސަތެކެވެ. އެކަމަކު މާޒީގެ ތަޖުރިބާއަށް ބަލާއިރު ކޯޗެއް ހޯދުމަކީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ. ހަމައެކަނި ކޯޗެއް ހޯދުމުގެ ބަދަލުގައި، ކޯޗަށް ޓީމު ތައްޔާރުކުރަން ބޭނުންވާނެ ވަސީލަތްތަކާއި ކަންކަން ފަހިކޮށްދޭން ވެސް މިހާރުން ފެށިގެން ތައްޔާރުވާން ޖެހެ އެވެ.

މެޗު މަދުވުން، ކުޅުންތެރިންނާއި ކޯޗަށް ވެސް އޮތް ގޮންޖެހުމެއް

ގައުމީ ޓީމުގެ ކޯޗުކަމުން ވެލިޒާ ޕޮޕޯފް ވަކިކުރިއިރު އެފްއޭއެމްގެ އެއިރުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވީ ޕޮޕޯފަށް ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ދިން ކަމަށާއި އެހެން ނަމަވެސް ނަތީޖާ ދަށްވުމުގެ ބިރު އޮތުމުގެ ސަބަބުން އޭނާ އެ މެޗުތަކުގެ ބޭނުން ނުކުރި ކަމަށެވެ.

ފަހުން ހަވާލުވި ރިކީ ހާބަޓްގެ އޮތީ އެހެން ޝަކުވާ އެކެވެ. ބޭނުންވާ ވަރަށް ފަރިތަކުރަން މެޗުތައް ނުލިބުމުގެ ޝަކުވާ އެވެ. އަދި ކޮންމެ ފަހަރަކު މުބާރާތެއް ކުޅެލަން ލިބެނީ މަދު ދުވަސްކޮޅެއްގެ ފަރިތަކުރުން ކަމަށް އޭނާ ބުންޏެވެ.

ހާބަޓްގެ ކޯޗުކަމުގައި ރާއްޖެ ވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި ތިން މުބާރާތުގައި ކުޅެފަ އެވެ. ސާފް ސުޒުކީ ކަޕާއި ބަންގުބަންދު ގޯލްޑް ކަޕްގެ އިތުރުން ސައުތު އޭޝިއަން ގޭމްސް އިން ވެސް ކެޓީ ސެމީ ފައިނަލުންނެވެ. ތިން މުބާރާތަށް ފަހު ވެސް އޭނާ ކުރި ޝަކުވާ އަކީ ޕްރެކްޓިސް ކުރުމަށާއި ތައްޔާރުވުމަށް ލިބޭ ވަގުތު ކުޑަކަމާއި މެޗު މަދުވުމުގެ ޝަކުވާ އެވެ.

އޭޝިއަން ކަޕް ޕްލޭ އޮފްގައި ޔަމަނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހާބަޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމުން އާ ކޯޗެއް ކަނޑައަޅާއިރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ ގައުމީ ޓީމަށް ކުޅެން ލިބޭ ބައިނަލްއަގްވާމީ މެޗުތައް އިތުރު ކުރުމެވެ. އެއީ ތައްޔާރުވާން މެޗެއް ނުކުޅެ، ވާދަވެރި މެޗުތަކުންނާއި މުބާރާތްތަކުން ނަތީޖާ ނެރުމަކީ ފަސޭހަކަމަކަށް ނުވާތީ އެވެ.

"މެޗުތަކެއް ނުލިބި ސީދާ މުބާރާތަކަށް މިދަނީ. ނޫނީ ކޮލިފައިން މެޗަކަށް. އިދިކޮޅަށް ނުކުންނަ ޓީމު މި އަންނަނީ ހަތަރެއް ނޫނީ ފަސް ވަރަކަށް ހަފްތާ ވަންދެން ކޭމްޕެއް ޖަހާލާފައި އަދި ގިނަ މެޗުތަކެއް ކުޅެގެން. ކިހިނެއް ސީދާ މެޗަށް އަރައިގެން ނަތީޖާ ނެރެނީ. އަސްލު ގިނަ މެޗުތަކެއް އެބަ ބޭނުންވޭ. ޓީމު މި އަންނަނީ ޒުވާން ވަމުން. މި ޓީމަށް އެކުގައި މެޗުތަކެއް ބޭނުންވޭ،" ގައުމީ ޓީމުގެ ކުޅުންތެރިއަކު ޝުއޫރު ފާޅުކުރި އެވެ.

ސަރަހައްދީ އެހެން ގައުމުތަކަށް ބަލާއިރު އިންޑިއާ އާއިި ނޭޕާލް މިހާރު އަންނަނީ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ. ފީފާގެ ކަލަންޑަރުގައި ބައިނަލްއަގްވާމީ މެޗުތައް ކުޅެން ލިބޭ ހުރިހާ ފުރުސަތުތަކެއްގެ ބޭނުން މި ދެ ޓީމުން ހިފަ އެވެ.

ކޯޗާ އެކު މަސައްކަތް ކުރެވޭ ގޮތަށް ރަނގަޅު ކޯޗިން ސްޓާފުން ކަނޑައެޅުން

ހާބަޓްގެ ކޯޗުކަމުން ވަކިކުރިއިރު އޭނާގެ ކޯޗުކަމުގައި ހިނގާދިޔަ ކަންތައްތައް ބެލުމަށާއި ގޯސްކޮށް ދިޔަ ކަންތައްތައް ހޯދުމަށް އެފްއޭއެމުން ވަނީ ރިޕޯޓެއް އެކުލަވާލައިފަ އެވެ. މި ރިޕޯޓް އެކުލަވާލީ އެފްއޭއެމްގެ ޑިޕާޓްމެންޓުތަކާއި ކުޅުންތެރިން އަދި ކޯޗުންނާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވަނީ ވިދާޅުވެފަ އެވެ. ހާބަޓްގެ ކޯޗުކަމުގައި އޭނާގެ ކޯޗިން ސްޓާފުންނާ މައްސަލަތަކެއް ޖެހުނެވެ. އެފްއޭއެމް އެކްސްކޯގެ މިހާރުގެ މެންބަރު އަދި އޭރުގެ އެސިސްޓަންޓް ކޯޗު އައްސަދު އަބްދުލް ގަނީ އާއި ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުލް ރަހީމް ވަނީ ސާފް ސުޒުކީ ކަޕަށް ފަހު ގައުމީ ޓީމުން އިސްތިއުފާ ދީފަ އެވެ. ސަބަބެއްގެ ގޮތުގައި އައްސަދާއި އަސްލަމް ވެސް ފާހަގަކުރީ ގައުމީ ޓީމާ ބެހޭ ކަންކަން ނިންމުމުގައި ހާބަޓް އެއްވެސް ވަރަކަށް މަޝްވަރާ ނުކުރާ ކަމެވެ.

ހާބަޓްގެ ކޯޗުކަމުގައި ދެން ފެނިގެންދިޔަ އަނެއް ކަމަކީ ޓީމުގެ މެނޭޖަރުގެ ޒިންމާއާ ވެސް އޭނާ ހަވާލުވެ، ފިޒިކަލް ޓްރެއިނަރެއް ގެނައުމެވެ. މިއީ ދިވެހި ފުޓްބޯޅައިގައި ފަހަކަށް އައިސް އަލަށް ފެނުނު ކަމެކެވެ. އެއީ މެނޭޖަރާއި ކޯޗުގެ ޒިންމާއާ އެކަކު ހަވާލުވުމެވެ. މިކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވި އެވެ. މެނޭޖަރުގެ ޒިންމާއާ ހަވާލުވި ފަހުން ހާބަޓްގެ ފަރާތުން ޓީމަށް ދޭން ޖެހޭ ސަމާލުކަން ގެއްލުނުކަމަށާއި ކުޅުންތެރިންނާ މެދު އޮތް ގުޅުން ކުޑަވިކަމަށް އެފްއޭއެމްގެ ރިޕޯޓްގައިވެ އެވެ.

އާ ކޯޗަކާ ގައުމީ ޓީމު ހަވާލުކުރުމަށް އެފްއޭއެމުން ތައްޔާރުވަމުން އަންނައިރު އެފްއޭއެމުން އެންމެ ވިސްނަންޖެހޭ އެއް ކަމަކީ މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމެވެ. ތޯރިގް ވިދާޅުވީ އާ ކޯޗެއް ގެންނައިރު ކޯޗިން ސްޓާފުންގެ ކަންތައްތަކާ ގުޅޭގޮތުން އޭނާއާ މަޝްވަރާ ކުރާނެ ކަމަށެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ހާބަޓް ކުޅުންތެރިންނަށް އިރުޝާދު ދެނީ.-- ފޮޓޯ: އެފްއޭއެމް

އާ ކޯޗަކާ ޓީމު ހަވާލުކުރާއިރު އޭނާ ބޭނުންނަމަ އަދި އެފްއޭއެމްގެ ބަޖެޓް ތަންދޭނަމަ އެ ކޯޗެއް ބޭނުންވާ ކޯޗިން ސްޓާފުން ގެންނަން ވެސް ފުރުސަތުދޭން އެފްއޭއެމްގެ ވިސްނުން އެބަހުއްޓެވެ. ނޫންނަމަ އޮތީ ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާހުރި ދެ ކޯޗަކާ އެކު މަސައްކަތް ކުރާގޮތަށް ހަމަޖެއްސުމެވެ.

"ހާބަޓްގެ ސަބަބުން ގައުމީ ޓީމު ވަރަށް ބޮޑަށް ބައިބައި ވެގެން ދިޔަ މަންޒަރު ފެނުނު. އޭގެ ނަތީޖާއެއް ސަޕޯޓަރުން ޔަމަން މެޗަށް ފަހު ކޯޗުގެ އިސްތިއުފާ އަށް ގޮވުމަކީ. ރާއްޖެ ޓީމު ގަލޮޅު ދަނޑުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ޓީމުގެ ރޫހު ވެސް އޮތީ ދަށްކޮށް. މިއީ ވަރަށް ގޯސްކަމެއް. އާ ކޯޗެއް ގެންނައިރު އެބަޖެހޭ ރަނގަޅު ކޯޗިން ސްޓާފުންތަކަކާ އެކު މަސައްކަތްކުރެވޭ ކޯޗެއް ގެންނަން،" ފުރަތަމަ ޑިވިޝަންގެ ކްލަބެއްގެ ކޯޗެއް ބުންޏެވެ.

ބަޖެޓް ލިބޭ ނަމަ އެންމެ ރަނގަޅު ގޮތަކީ އެ ކޯޗަކު ބޭނުންވާ ކޯޗިން ސްޓާފުން ގެނައުމެވެ. ނަތީޖާ ނެރުމަށް އެއީ މުހިއްމު ކަމެކެވެ. އެކަމަކު ރާއްޖޭގެ ހާލަތަށް ބަލާއިރު، އެއީ ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން، ގެންނަ ކޯޗަކީ، އެފްއޭއެމުން އައްޔަންކުރާ ކޯޗިން ސްޓާފުންނާ އެކު ވެސް މަސައްކަތްކުރެވޭނެ ފަދަ މީހަކަށް ވާން ޖެހެ އެވެ.

ހާބަޓްގެ ކޯޗުކަމުގައި ދެން ފެނިގެންދިޔަ އަނެއް ކަމަކީ ބައެއް ކުޅުންތެރިންނާ މައްސަލަ ޖެހުމެވެ. ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުން ރާއްޖޭގެ ޒުވާން ޓީމު ބަލިވުމުން ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ވަނީ ހާބަޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޭގެ ފަހުން ކުޅުނު އެއްވެސް މެޗަކަށް ނެގި ސްކޮޑުން ބަކާ އަށް ޖާގައެއް ނުދެ އެވެ. ކުޅުންތެރިންނާއި ކޯޗުން ޖެހުމަކީ ނަތީޖާ އަށް އަސަރުކުރާނެ ކަމެކެވެ. އެހެންކަމުން އެގޮތަށް ޖެހޭ މައްސަލަތައް، ޓީމުގެ ތެރެއިން ހައްލުކުރުމަކީ އެފްއޭއެމްގެ ޒިންމާ އެކެވެ.

އެފްއޭއެމްގެ ވިސްނުން ހުރީ ކިހިނެއް؟

ގައުމީ ޓީމުން ދެން އެންމެ އަވަހަށް ވާދަވެރި މެޗެއް ކުޅޭނީ އަންނަ ސެޕްޓެމްބަރު މަހު ހަ ވަނަ ދުވަހު އެވެ. އެއީ އޭޝިއަން ކަޕް ކޮލިފައިން ބުރުގައި މާލޭގައި ލާއޯސްއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގެ މެޗެވެ. ދެ ވަނަ ލެގު އޮންނާނީ އޮކްޓޫބަރު މަހު 11 ވަނަ ދުވަހު އެވެ.

އެ މެޗަކީ 2019 ވަނަ އަހަރުގެ ޔޫއޭއީގައި އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެ ކުރަމުން އަންނަ މަސައްކަތަށް އެންމެ މުހިއްމު މެޗެވެ. އެއީ މި މެޗުން މޮޅުނުވެއްޖެނަމަ ކޮލިފައިންގައި ކުރިއަށްދާން ރާއްޖެ އަށް ލިބިފައިވާ ފުރުސަތު ގެއްލުނީ އެވެ.

މި މަހު 14 ވަނަ ދުވަހު އެފްއޭއެމްގެ ރައީސް ތޯރިގް ވިދާޅުވީ ފެންވަރު ރަނގަޅު 10 ކޯޗުންގެ ސީވީ ލިބިފައިވާ ކަމަށެވެ. ޓެކްނިކަލް ކޮމިޓީން އެ 10 ކޯޗުންގެ ސީވީ ބެލުމަށް ފަހު ހުށަހަޅާ ކޯޗުންގެ ނަންތަކާ ގުޅޭގޮތުން އެކްސްކޯގައި މަޝްވަރާކޮށް އަވަހަށް ކޯޗެއް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.

އަދި ލާއޯސް މެޗުގެ ކުރިން ބިދޭސީ ކޯޗެއް ގެނައުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނޫނީ އެ ދެ މެޗުގައި ދިވެހި ދެ ކޯޗަކާ ޓީމު ހަވާލުކުރުމުގެ ވިސްނުން ވެސް އެބަހުރި ކަަމަށެވެ.

ގައުމީ ޓީމަށް އާ ކޯޗެއް ހަމަޖައްސަން ބަލާއިރު ވިސްނަންޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުރިކަން ތޯރިގް އެ ދުވަހު ވެސް ފާހަގަކުރެއްވި އެވެ. އެއީ ބޭނުންވަނީ ލާއޯސްއާ ކުޅޭ ދެ މެޗަށް 45 ވަރަކަށް ދުވަހަށް ވެފައި އޮއްވާ އާ ކޯޗެއް ގެނައުމަށް ވުރެ ބޮޑަށް ދުރު މުސްތަގުބަލަށް ބަލައި ކޯޗެއް ހޯދުން ކަމަށެވެ.

އެފްއޭއެމްގެ ރައީސް ތޯރިގް ގައުމީ ޓީމުގެ ކުރީގެ ކޯޗު ހާބަޓްއާ ސަލާމްކުރަނީ.-- ފޮޓޯ: އެފްއޭއެމް

ލާއޯސް މެޗަކީ ފަސޭހަ ކޮށްލެވެން ނެތް މެޗެކެވެ. އެއީ ގައުމީ ޓީމު އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު، މި މެޗަކީ ރިސްކެއް ނަގައިދިން ކުޅެވޭ ވަރަށް ވުރެން މާ މުހިއްމުކަން ބޮޑު މެޗެކެވެ. އެންމެ ފަހުން ގަލޮޅު ދަނޑުގައި ކުޅުނު ބޫޓާން މެޗުން ވެސް ރާއްޖެ މޮޅުވީ އެންމެ ފަހު ވަގުތު އެވެ. ކުރިން މި ސަރަހައްދުގެ ޓީމުތަކުގެ ތެރެއިން ރާއްޖެ އެންމެ ފަސޭހައިން މޮޅުވަނީ ބޫޓާން އަތުންނެވެ. އެންމެ ފަހުން ބޫޓާނާއި ޔަމަނާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި ރާއްޖޭން ދެއްކި ކުޅުމަށް ބަލާއިރު ރާއްޖޭގެ ޓީމު ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހެ އެވެ.

ލާއޯސް އަތުން ބަލިވެއްޖެނަމަ އޭޝިއަން ކަޕްގައި ކުޅުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލުނީ އެވެ. ލާއޯސް ބަލިކޮށް ނޫނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހު ވާދަވެރި މާގިނަ މެޗުތަކެއް ރާއްޖެ އަށް ނުލިބޭނެ އެވެ. އެއީ ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ކޮލިފައިން އިން ރާއްޖެ އަށް ފުރުސަތު ގެއްލިފައިވާއިރު، ދެން އޮތީ އޭޝިއަން ކަޕް ކޮލިފައިން އެކަނި ކަމަށް ވުމުންނެވެ. ލާއޯސް އަތުން މޮޅުވެއްޖެނަމަ ރާއްޖެ ދެން ކުޅޭނީ ކޮލިފައިން ގްރޫޕް ސްޓޭޖުގަ އެވެ.

އެއް ބަޔަކު ބުނާ ގޮތުގައި އެންމެ އެކަށީގެންވާ ގޮތަކީ، މި ދެ މެޗަށް ދިވެހި ފުޓްބޯޅަ އެނގޭ ރަނގަޅު ފެންވަރުގެ ދިވެހި ކޯޗަކާ ޓީމު ހަވާކުކޮށްގެން ނަތީޖާ ނެރުމެވެ. އޭގެ ފަހުން ވަގުތު ނަގައިގެން ރަނގަޅު ފެންވަރުގެ ބިދޭސީ ކޯޗެއް ހޯދުމެވެ. ސަބަބަކީ އެކަށީގެންވާ ވަގުތު ނެތުމާއި، އަވަސް އަރުވާލައިގެން ބިދޭސީ ކޯޗެއް ހޯދުން ފަސޭހަނުވާނެތީ އެވެ.މިއީ މާޒީގެ ތަޖުރިބާ އިން ފިލާވަޅު ހޯދައިގެން، އެފްއޭއެމުން ރަނގަޅު ނިންމުމެއް ނިންމަން ޖެހިފައިވާ ވަގުތެވެ. ދިވެހި ފުޓްބޯޅަ އާއި ދިވެހިންނާ އެންމެ ބޮޑަށް ގުޅުވައިދެނީ ގައުމީ ޓީމެވެ. ގައުމީ ޓީމުން ރަނގަޅު ނަތީޖާއެއް ހޯދައިފި ނަމަ އެއީ ދިވެހި ފުޓްބޯޅައިގެ ފޯރި އާލާކުރެވޭނެ ކަމެކެވެ. އެހެންވެ ގައުމީ ޓީމާ ގުޅޭ މިފަދަ ކޮންމެ ނިންމުމެއް އެފްއޭއެމުން އެކަށީގެންވާ ގޮތަކަށް ނިންމަން ޖެހެ އެވެ.

13 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 10%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަބެ

24 July 2016

ފުރަތަމަ ހޯދަންވީ ކޯޗެއް ނޫން ރަނގަޅު ކުޅުންތެރިން. ދުނިޔޭގައިހުރި އެންމެ މޮޅު ކޯޗުގެނަޔަސް މިހާރު ގައުމީ ޓީމުގައި ތިތިބި 0ޑިގްރީތައް ގޮވައިގެން ދުވަހަކު ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ.

The name is already taken The name is available. Register?

އަހާށޭ

23 July 2016

ލަމްކާގެ ޤައުމީ ޓިމުވެސް ކުރިން ވަރަށްމޮޅަށް ކުޅުނު ބޭރު ކޯޗުންލައިގެން. ލަންކާމީހުން އެޤައުނުގެ ޤައުމީޓީމަށް ލަން؛ކާގެ ކޯޗުންލައިގެން ގޮސް މިހާރުއެވަނީ އެހާދަށު ދަރަޖައަކަ އެޓީމު ވެއްޓިފައި. ވީމާ އެހަރެން ހަމަގައިމުވެސް އެހާ މުހިންމު މެޗުތަކެއް ކުޅެންޖެހޭއިރު ރާއްޖެ ކޯޗެއްގެ ދަށަކަށް ޤައުމީޓީމުގެ ހުންގާނެއް ނުދޭނަން (މސާލަކަށް ސުއޭނުކަހަލަ ކޯޗެއްގެ އަތްމައްޗަށް ޤައުމީޓީމު ދޫކިށްލައިފިނަމަ، މެޗުތަކުން ބަލިވެ، އަދި ސަޕޯޓަރުން ދަޑަށްވެސް ނުވެސް ދާނެކަން ހަމަ ޔަގީނެވެ.)

The name is already taken The name is available. Register?

ނިޔަތްގަތުން

23 July 2016

އިދިކޮޅު ރަންރީނދޫ ކުދިންގެ ޒުވާނުންގެ މައި ޓްވީޓަރު ވަނީ ރަންރީނދޫ ކުދިންގެ ތެރޭގައި ތިބި މޮޅަށް ފުޓްބޯޅަ އާއި ނެޓް ބޯޅަ އާއި އަދި ހޭންޑް ބޯޅަ އާއި ޓީޓީ އާއި ބަށްޓާއި އަދި ކެރެމް ކުޅޭ ކުދިންގެ ބޮލަށް ސަވާރު ވެގެން އެކުދިން ބޮލަށް ސިޔާސީ އިންތިގާލީ މަގަށް އަލީގެ މައްޗަށް އައްޔެއް މިޕްރޮގްރާމް ކުޅެންވެގެން އެކުދިން ތައް ކުޅިވަރާއި ދުރަށް ގެންގޮސް ހަޑި މުޑުދާރު އަދި ހުތުރުވެގެންވާ ސިޔާސީ ކަށިކުނބުރު ޖަންގައްޔަކަށް އެކުދިން ވައްދާފައެވެ. ކަށަވަރޭ ދެން އެކުދިން މަމެން ޕީޕީއެމް ކުދިންނަށް ކުޅިވަރު މުބާރާތް ތައް ކުޅެން ނުލިބޭނެ ކަމަށް. މީދެން ކިހާ ދެރަ ހިތާމަ ހުރި ގިސްލާ ރޮވޭ ވަރުގެ ކަމެއް ނޫންތޯއެވެ. ކަށަވަރޭ އެކުދިން ތައް ދެން ނުލިބޭނެއޭ، ނުލިބޭނެއޭ، ނުލިބޭނެއޭ.. އަވަހަށް އެފްއޭއެމް އިން ރަންރީނދޫ ކުލައިގައި ހުރިއްޔާ ހުރި ހުރިހާ ޖާރޒީ ތައް ވެސް ބަދަލުކުރުން ބުއްދިވެރިއޭ ހެޔޮނުވާނެ މިމަގުން މިކަން ކުރަން ހިތު ނިޔަތް ގަންނައްޗޭ... ހިތު ނިޔަތް ގަންނައްޗޭ އިނގޭ..

The name is already taken The name is available. Register?

ދެން

23 July 2016

ގަނެފިން ހިތުނިޔަތް އެކޮއި. ދެން ކިހިނެއް ހަދަންވީ.. ރޯދަ އަށް ތަ ހުންނަންވީ..

The name is already taken The name is available. Register?

މުރީދު

23 July 2016

އަސްލުމިއޮތީ އަހަރުމެންގެ ވިސްނުންވެސް ބަދަލްކުރަން ވެފަ، ރަންދައުރުގެ ކުޅުންތެރިން ރިޓަޔާކުރަން ފެށިއިރު އަރުމުންއައި ކުޅުންތެރިންގެ ތެރެއިން މިތިބީ މަދުކުދިން ކޮޅެއް. އެއާއެކު އެއްވެސް ވާދަވެރި ކަމެއްނެތް، ފިޒިކަލް ފިޓްނަސްއެއް ބޭނުންނުވާ ލީގެއްގައި ކުޅެ ކުޅުންތެރިން އެތިބީ ދަބަރު ޖަހާފަ. ވާދަވެރި މެޗުތަކެއް ދެދުވަހުން އެއްދުވަހު ކުޅެން ފެށީމާ މިފެންނަނީ ކުޅުންތެރިންގެ ކަންތައްތަ ގޮއްސަ ހުރިމިންވަރު! އެހެންވީމާ ބޫޓާންއަތުންވެސް ބަލިވާދުވަސް އަންނާނެ.

The name is already taken The name is available. Register?

އައިލޭންޑްސް

23 July 2016

ދުނިޔޭގެ އެހެން ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކޯޗުން ހޯދާގޮތަށް ރާއްޖެއިންވެސް ވެއްޖެނުން ކަންތައް ކުރަން. ކޯޗް ބޭނުން އެކަކު ގެންނަގޮތަށް، ދެން އެފްއޭއެމް އިން އަނެއް ކޯޗިންސްޓާފް ހަމަޖައްސާ ގޮތަށް. ދެއަހަރު ނުވަތަ ތިންއަހަރުގެ ކޮންޓްރެކްޓެއްދީ ވަކިޓާގެޓެއް ކަނޑައަޅާ، އެޓާގެޓަށް ވާސިލްވެއްޖެއްޔާ ކޮންޓްރެކްޓް ވަކިއުސޫލަކުން އިތުރު ކުރާގޮތަށް. އެހެނަކުނުން މިވަނީ، އަބަދުވެސް ފެންނަނީ ވަގުތު ކުޑަަތަންވީމަ އަވަސް އަރުވާލައިގެން ކޮންމެވެސް މީހަކު ގެންނަތަން. އެކޯޗަކަށް ކުޅުންތެރިން ދަސްވާއިރު އޮންނަނީ ސެމީފައިނަލަކުން ކަޓައިގެން ދިއުމުން ނުވަތަ ކޮންމެވެސް އަޚުލާގީ މައްސަލައަކާއި ހެދި ކޯޗް ރަށަށް ފޮނުވާލާފާ. މިކަހަލަ ސަކަރާތެއްގައި އުޅޭތަން ފެންނަނީ

The name is already taken The name is available. Register?

ޅަބޭ

23 July 2016

ޖާހިލުންގެ ގާތައް ކިތަންމެ މޮޅު އެދުރެއް ކިޔަވައިދޭން އަޔަސް، ޖާހިލުންގެ ޖާހިލުކަމެއް ނެކެނޑޭނެ.

The name is already taken The name is available. Register?

ކޮރޯނީ

23 July 2016

ކޮން ސަމާލެއް......ރާއްޖޭގެ ޓީމަށް ދެން އެންމެ ރަނގަޅުވާނީ ރާއްޖޭގެ ކޯޗެއް. ދެން ޓީމަށް ބޭނުންވާނީ ހުރިހާ ރައްޔިތުންގެ ސަޕޯޓް..... އޭރުން ބަލާތި މިޓީމަށް އަންނަ ބަދަލު........

The name is already taken The name is available. Register?

އެވެރިން

23 July 2016

މިރާއްޖޭގެ ކުޅިވަރު ހަލާކުވީ އެއީ އިދިކޮޅު ކްރިޓިކްސް އިން 2008 ގައި ވެރިކަމަށް އައިސް އެފްއޭއެމް ވެސް ކަރަޕްޝަންގެ މަގުން ހިންގަން ފެށުމުންނެވެ. އެއިރު އެމީހުންގެ ތެރޭގައި އުޅުނު ދުގެނތިވަލު އުސޫލު ތައް ގެންގުޅޭ މެމްބަރުން ތަކެއް އެފްއޭއެމް އަށް ވައްދައިގެން އެފްއޭއެމް ވަނީ ހަލާކު ކޮށްފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މިކަންކަން މިދަނީ ވަރަށް ރަނގަޅަށް ތަރްތީބް ކުރަމުން ކަންކަން ހަމަ މަގަށް އަޅުވަމުންނެވެ. މިއަހަރު ނިމޭ އިރު ކުޅުންތެރިންގެ ފެންވަރުވެސް އެތައް ތަނުން ރަނގަޅު ވާނެއެވެ. އަދި އަންނަ އަހަރަކީ ސާރފް ޗެމްޕިއަންޝިޕް ތަށި ރާއްޖެ އަށް ލިބޭނެ އަހަރު ކަން އަޅުގަނޑުމެން ޕީޕީއެމް ކުދިން ކުޑަ ވެސް ޝައްކެއް ނުކުރަމެވެ. ފުޓް ބޯޅަ ކުޅުން ތެރިންގެ ތެރޭގައި ވެސް ސަރުކާރާއި ދެކޮޅަށް ބައްދުއާ ކުރަން އިސްލާމީ މަރުކަޒަށް ދާ ކުޅުން ތެރިން ފަދަ ކުޅުން ތެރިން ހިމަނައިގެން ގައުމީ ސްކޮޑް އެކުލަވާ ނުލުމަކީ އެއީ ވަރަށް މުހިއްމު ކަމެކެވެ. އެމީހުންގެ ސަބަބުން ގައުމުގެ ފުޓް ބޯޅަ އަށް ހުރި ހަލާކެއްގެ ބޮޑު ކަމާއޭ.. އެމީހުން އުޅެނީ މިގައުމުގެ ގައުމީ ފުޓް ބޯޅަ ޓީމް ކަށިކުނބުރު ޖަންގައްްޔައް ކަަށް ވައްދަން އިދިކޮޅު އެންމެ ބޮޑު ރަންރީދޫ ފްލެގް ގެންގުޅޭ ގްރޫޕްގެ ޓްވިޓަރ ބިއުޓީ ކްއީން މެންނާއި ގުޅިގެން. އެއީ އެއްގޮތަކަށް ވެސް ފުޓް ބޯޅަ ކުރިއަރާނެ ގޮތެއް ނޫނެވެ. އެފްއޭއެމް އިން އެކަން ސީރިއަސް ކޮށް ބަލާ ފުޓް ބޯޅަ ކުޅުން ތެރިން އިސްލާމީ މަރުކަޒު ކައިރި އަށް ގޮސް މަނާ ކުރެވިފައިވާ ސަރަހައްދުގައި ދުއާ ކުރަން ކަމަށް ބުނެ ސިޔާސީ ސްޓަންޓް ނުޖެއްސޭނެ ގޮތް ހައްދަވައި ދެއްވުމަކީ އެއީ މުހިއްމު ކަމެކެވެ. އަޑުބަރޭ އަޑުމަޑޭ އަދި އަޑުގަދޭ މެން ދެން އަންނަ ދައުުރުގެ މަޖްލީސް މެމްބަރު ކަން ބޭނުން ނަމަ މިނޫން ގޮތް ގޮތް ވެސް ހުންނާނެ ސިޔާސީ ސްޓަންޓް ޖައްސާނެ ގޮތް.

The name is already taken The name is available. Register?

ޢަލިފުތު

23 July 2016

ޢެއްކަލަ ލިޓްލް ސިންގަޕޯރ

The name is already taken The name is available. Register?

ނުވާނެ

23 July 2016

ޕީޕީއެމް ކުދިން ހާދަ ސިޔާސީއޭ ދޯ. އަޑުބަރޭ އެއީ ގައުމީ ޓީމް ކުޅުންތެރިއެއް ވެސް ނޫނެއް ނޫންދޯ. ފުޓް ބޯޅަ ކުޅުން ތެރިން ސިޔާސީ ދާއިރާގައި ނޫޅޭ ކަށް ނޭންގޭނެ އެކަަކަށް ވެސް. ވެރިކަމާއި ގެން ބޫތުކާފައި ތިބޭ ބަޔެއް ޕީޕީއެމް އަކީ. ތިތިބީ ވެރިކަން ސިކްވެފައި ރަނގަޅަށް ޕީޕީއެމް ކުދިން.

The name is already taken The name is available. Register?

ނުވިސްނޭ

23 July 2016

ޕީޕީއެމް ކުދިން ބޭނުންވީމާ ސާރފް ޗެމްޕިއަން ޝިޕް ތަށި ރާއްޖެ އަށް ލިބިފައި އަދި ވޯލްޑް ކަޕް ތަށި ވެސް ރާއްޖެ އަށް ލިބިފައި މީ އެހެން ވާ ކަންކަމެއް ނޫން ކަން ޕީޕީއެމްގެ ކުދިންގެ ވިސްނުން ބަދަލު ކުރަން ވެއްޖެއެވެ. ވެރިކަން ކުރާ ޕާރޓީ އަށް ބޭނުން ހުރިހާ ތައްޓެއްވެސް އެމީހުން ބޭނުންވީމާ ލިބޭނީ ކިހިނެއް ކަމަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ.

The name is already taken The name is available. Register?

މެންޓަލިސްޓް

23 July 2016

ގައުމީ ،، މީވަރަސް ފައްކާބަހެއް ،، އެކަމު ކިތަންމީހުނަށްބާ ފަހުންކުރެވެނީ ގައުމު އެއީކޯންޗެއްކަން ، ނޫނީ ގައުމުދެކެ ލޯބިވާންއެނގެނީ ކިތައްމީހުނަށްބާ ؟ ގައުމުދެކެ ބަޔަކުލޯބިވާނީ ކުޑައިރުއްސުރެއް އެބަޔަކަށް އެކަންދަސްކޮއްދީގެން ގައުމުގެ ހިސްޓްރީ ވަރަށް ރަގަޅަށް ކިޔައިދީގެން ، މިސާލަކަށް އެމެރިކާގެ ޔުނިވަރސިޓީތަކުގައި ޑިގްރީ މާސްޓާރސް ހަދާ ބޭރުގެ ދަރިވަރުންވެސް ޖެހޭ އެތަނުގެ ހިސްޓްރީގެ މޮޑިއުލްއެއް ފުރިހަމަކުރަން ، އެއީ ވަރަށްބޮޑުބޭނުމަކުކުރާކަމެށް ، ރާއްޖޭގައި އެކަންކަން ކުރެވިގެން ބަދަލުތަކެށް އަންނާނީ ،،، އޭރުން ގައުމީ ޓީމްވެސް ރަގަޅުވާނެ ، ގައުމެށް ރެޕްރެސެނެޓްކުރުމަކީ ހާދަ ބޮޑުޕްރެސްޓީޖެކޭ އޮނަރއެކޭ ، މިކަން އިހްސާނެކުރެވެނީ ކިތައް ކުޅުންތެރިންނަށް ބާ ؟ ގައުމީ ޓީމޭބުނާއިރަށް ކުޅުންތެރީންގެ ހިތަށް ފުރަތަމަވެސް ވަންނާނީ ބޭރުގައުމުތަކަށް ގޮސް ސަޅިހޮޓާތަކުގައި ތިބުމާއި މަޖާކޮށް ބާޒާރުކޮއްލުން ،، ވީމާ ދިވެހިންގެ ވިސްނުންބަދަލުކުރަންޖެހޭ ، އޭޭރުން ކުޅިވަރެއްނޫން އެހެން ކަންކަމުގައި ވެސް ގައުމަށް ތެދުވެރިވެ އިޙްލާސްތެރިކަމާއިއެކު ޙިދުމަތްކުރާނީ ،، ގައުމު ކުރިއަށް ދާނީ ، ގައުމަކީވެސް ހެދެމުން އަންނަގަހެއްކަހަލަ އެއްޗެސް ، އެއަށް ފެެންދީ ލޯބިކޮށް އާޅާލަންފެށީމައި ހެދިބޮޑުވާލެށް އަވަސްވެ އަޅާމޭވާވެސް ފައްކާވާނެ ، ވަރަށް ސަލާމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454