01 މެއި 2018 - 11:42
ލިވަޕޫލް (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުގެ މުހައްމަދު ސަލާހު ބޯޅަ ނެތިސް ސްޓޯކް ސިޓީގެ ކުޅުންތެރިއަކަށް ހަމަލާދިން ކަމަށް ބުނެ މީޑިއާގައި އަޑުފެތުރިފައިވާ މައްސަލަ ނުބަލަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ލަނޑެއް ނުޖެހި ސްޓޯކާ އެއްވަރުވި މެޗުގައި ބޯޅަ ނެތިސް ސަލާހު އަތުން ސްޓޯކްގެ ޑިފެންޑަރު ބްރޫނޯ މާޓިންސް-އިންޑީ މޫނުގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތަކެއް އިނގިރޭސި މީޑިއާތަކުގައި ދައުރުވަމުންދިޔަ އެވެ. އަދި އެކަމުގެ ސަބަބުން ސަލާހަށް ތިން މެޗުގެ ސަސްޕެންޝަނެއް އައުން ގާތްކަމަށް ވާހަކަ ދެކެވުނެވެ އަދި ސަސްޕެންޝަން އައިސްފިނަމަ ލީގުގައި ބާކީ ލިވަޕޫލަށް އޮތް ދެ މެޗާއި އަންނަ ސީޒަނުގެ ފުރަތަމަ މެޗުގައި ސަލާހު ހުންނަން ޖެހޭނީ ކުޅި ބަލާށެވެ.
ކުރީގެ ރެފްރީންތަކެއް ހިމަނައިގެން އިނގިރޭސި އެފްއޭގައި އެކުލަވާލާފައި އޮންނަ ޕެނަލުން ނިންމީ އެ މެޗުގައި ހިނގައިދިޔަ ކަމެއްގައި ސަލާހުގެ ފަރާތުން މައްސަލައެއް ނުފެންނަ ކަމަށާއި އޭނާ އަށް އަދަބެއް ދޭން ނުޖެހޭ ކަމަށެވެ.
އުމުރުން 25 އަހަރުގެ ސަލާހު އަންނަނީ މި ސީޒަނުގައި ލިވަޕޫލާ ގުޅުމަށް ފަހު ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ލީގުގައި މިހާތަނަށް 31 ލަނޑު ޖަހާފައިވާއިރު، ސަލާހަށް ވަނީ ޕީއެފްއޭ އިން ހޮވާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިފަ އެވެ.
ލީގުގައި ލިވަޕޫލަށް ބާކީ އޮތީ ރަށުން ބޭރުގައި ޗެލްސީ އާއި އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ. މި ދެ މެޗުގައި ސަލާހު ލަނޑެއް ޖަހައިފިނަމަ އޭނާ ވެގެންދާނީ އިނގިރޭސި ޕްރިމިއާ ލީގުގެ 38 މެޗުގެ ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ.
ސަލާހު ދެން އެންމެ އަވަހަށް ކުޅޭނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މާދަމާރޭ އޭނާގެ ކުރީގެ ޓީމު ރޯމާއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅޭ މެޗުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
01 May 2018
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ.اَلْحَمْدُ لِلّٰهِ. ސަލާހުގެ މައްސަލައެއް ނުވެސް ބެލޭނެ.ޕްރިމިއަރަ ލީގްގަ އެހެން ހުރިހާ ކުޅުންތެރިން ޖަހާ ގޯލްތައް އެއީ ހެރީ ކޭންގެ ގޯލްތައްކަމުގަ ނިންމައިގެން އެފްއޭ އޮވެބަލަ.ލަދުކޮބާ؟ ވ.ވެދުން.-℗ރަދީފް®-