ރިޕޯޓް / އަބުރާ ބެހުން

އާދޭސް ކުރީމަ ވެސް ކަންތައް ވީ މާ ގޯސްކޮށް!

މީޑިއާ އަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި މިދިޔަ އޭޕްރީލް މަހު ނޫސްވެރިން އިހުތިޖާޖު ކުރަނީ: އަބުރުގެ ބިލާ ހެދި ހިޔާލުފާޅުކުރުމަށް ވަރަށް ބޮޑަށް ހުރަސްއެޅޭ.--- ފޮޓޯ: އޭއެފްޕީ

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ރައްޔިތުންގެ މަޖިލިހަށް ފުރަތަމަ ފޮނުއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނާ އެކު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބޭއްވި ބައްދަލުވުމުގައި އެއް ކަމެއްގެ ޔަގީންކަން އޭނާ ދެއްވި އެވެ. އެއީ އެ ކައުންސިލާއި މީޑިއާތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން، އެ ފަރާތްތަކާ މަޝްވަރާ ކުރުމެއް ނެތި އާ ބިލެއް ނުވަތަ އޭރު އޮތް ބިލް މަޖިލިހުން ފާސްނުކުރާނެ ކަމެވެ. މަޖިލިހުގައި ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާ ކައުންސިލްގެ މެމްބަރުން ނުކުމެވަޑައިގެން ނިހާނާ އެކު ނޫސްވެރިންނާ ބައްދަލުކޮށް، ލިބުނު ކުރިއެރުން ހާމަކުރީ ވަރަށް އުންމީދާ އެކުގަ އެވެ. އިތުރަށް ގޯސް ނުވާނެ ކަމުގެ އުންމީދާއެކުގަ އެވެ.

ނަމަވެސް ނިހާންގެ ބިލް އަނބުރާ ގެންދަވައި އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު އަލުން ހުށަހެޅުއްވި ބިލާ އެކު، ނިހާން އަދި ސަރުކާރުން ދިން އުންމީދުގެ ހުޅުކޮޅު ނިވިއްޖެ އެވެ. ނޫސްވެރިން ދެކޭ ގޮތުގައި ނިހާން ހުށަހެޅުއްވި ބިލަށް ވުރެ އާ ބިލް ގޯހެވެ. އޭރުގެ ކަންބޮޑުވުންތަކަށް ހައްލެއް ނެތެވެ. އަބުރާ ބެހިގެން ކުރާ ޖޫރިމަނާގެ އަދަދު ކުޑަކުރި ނަމަވެސް އެހެން ކަންކަން، މީޑިއާ ކައުންސިލުން އެކުލަވާލި ހާއްސަ ކޮމިޓީގެ ހުށަހެޅުންތަކާ ގާތް ވެސް ނުކުރި އެވެ. ކުރުކޮށް ދަންނަވާ ނަމަ، މީޑިއާ ކައުންސިލާއި މީޑިއާތަކުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި ރައްޔިތުންގެ މަޖިލިހަށް އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕަށް ފޮނުވި އިސްލާހުތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައެއް ނެތެވެ.

އަބުރާ ބެހުމުގެ ބިލާ ގުޅޭ ގޮތުން މީޑިއާ ކައުންސިލްގެ މެމްބަރުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ނިހާންއާ ބައްދަލުކުރައްވަނީ: ނިހާން އޭރު މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަރިހުގައި ވިދާޅުވި ވާހަކަތަކުގެ އިތުބާރެއް ނެތް.---ފޮޓޯ: މީޑިއާ ކައުންސިލް

މީގެ އިތުރުން އެންމެ ކަންބޮޑުވާންޖެހޭ އަނެއް ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަން ހުރަސްއެޅޭ ގޮތަށް އަބުރުގެ ބިލް ފާސްނުކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މީޑިއާ ކައުންސިލުން ބައްދަލުކުރި ސަރުކާރުގެ އިސްބޭފުޅުން ދެއްވި ނަމަވެސް، އެއާ ހިލާފަށް ހުރިހާ ކަމެއް ގެންދަން މަޖިލިހުގެ ޕީޕީއެމްގެ މެމްބަރުން އެއްބަސް ކިޔައިގެން ތިބި ކަމެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕުގެ ލީކުވި މެސެޖްތަކުން ސާފުވަނީ އަބުރުގެ ބިލްގެ މަސައްކަތް އަވަސް އަރުވާލައިގެން ނިންމާލަން މެމްބަރުން ބޭނުންވެފައި ތިބި މިންވަރެވެ. ބަހުސްގެ މަރުހަލާ ނިންމާ ދުވަހު، ބިލްގެ މަސައްކަތް ކޮމިޓީން ވެސް ނިންމާލަން ރާވާފައިވާކަން އެ މެސެޖުތަކުން އެނގެ އެވެ.

މިކަމަށް އެންމެ ބޮޑަށް ވަކަލާތު ކުރައްވާ ވިލުފުށި ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވާ ގޮތުން ނަމަ، ބިލް މިހާރު އޮތް ގޮތަށް ފާސްކުރަން ޕީޕީއެމްގެ މަޖިލިސް މެމްބަރުން ބޭނުމެވެ. މިހާރު ފުރަތަމަ ކިޔުން އިއްވައި މަޖިލިހުގެ ތަޅުމުގައި ބަހުސް ފަށަން ތައްޔާރު ވެފައި އޮތް އަބުރުގެ ބިލްގެ މަސައްކަތް ލަސްކުރިޔަސް ނުކުރިޔަސް ނުކުންނާނީ އެއް ނަތީޖާއެއް ކަމަށް ރިޔާޒް ވަރަށް ޔަގީންކަމާ އެކު "މިހާރު" އަށް ވިދާޅުވި އެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އަބުރުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރައްވަން ޕީޕީއެމްގެ މަޖިލިސް މެމްބަރުން ބޭނުންވާ ކަމަށް ވިދާޅުވި.--- ފޮޓޯ: މަޖިލިސް

"ބިލްގެ ބަހުސް އަވަހަށް ބޭއްވިޔަސް، ލަސްކުރިޔަސް އެ ފާސްކުރަން އަޅުގަނޑުމެންގެ މެމްބަރުން އެ ތިބީ. އެހެންވީމާ ބިލްގެ މަސައްކަތް ލަސްކުރިޔަސް، ނުކުރިޔަސް ނުކުންނާނީ އެއް ނަތީޖާއެއް،" ރިޔާޒް އިއްޔެ ވިދާޅުވި އެވެ.

މައްސަލައަކީ މިއެވެ؛ ނިހާން ކުރިން ހުށަހެޅުއްވި އަބުރުގެ ބިލަށް ފަހު މީޑިއާ ކައުންސިލާއި މީޑިއާތަކަށް ސަރުކާރު އަދި ނިހާން ދެއްވި ޔަގީން ކަމަށް އިހުތިރާމް ނުކުރެއްވުމެވެ. އެ އިތުބާރު މިހާރު ވަނީ ގެއްލުވާލައިފަ އެވެ. އަބުރާ ބެހިއްޖެ ނަމަ ޖިނާއީ ދައުވާ ނުކުރެވޭ ގޮތަށް ބިލް ޑިޒައިން ކުރުމަށް މީޑިއާ ކައުންސިލުން ދިން ލަފާ ތާކުންތާކު ނުޖެހުނެވެ. އަބުރާ ބެހުމުގެ ސަބަބުން ލިބޭ މާނަވީ ގެއްލުމުގެ ބަަދަލުގެ ގޮތުގައި ނަަގައިދޭ މިންވަރު އެވްރެޖް ސިވިލް ސާވަންޓެއްގެ އަހަރު ދުވަހުގެ މުސާރަ އަށް ވުރެ ބޮޑުނުވާ ގޮތަށް ކަނޑައެޅުމަށް މީޑިއާ ކައުންސިލުން ހުށަހެޅި ނަމަވެސް އެކަމަށް ރިއާޔަތެއް ނުކުރެ އެވެ. ވައްބަހުންނާއި އިޝާރާތުން އަބުރާ ބެހޭ ކަމަށް ބުނާ ބައިތައް ބިލުން އުނިކުރަން ހުށަހެޅިޔަސް އާ ބިލުގައި އެބައި ވެސް އެބައޮތެވެ. މިކހަަލަ ކިތަންމެ ކަމެއް އެބަހުއްޓެވެ.

އަބުރުގެ އާ ބިލް މަޖިލިހަށް ހުށަހެޅިއިރު ވެސް، މީޑިއާތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ނައި މައްސަލާގައި މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ހުންނެވީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އޭނާ ވިދާޅުވީ ނިހާނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނަށް މީޑިއާ ކައުންސިލުން ދިން ކުޑަކުޑަ އުންމީދު ވެސް އަޅާ ނުލި ކަމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ރިޔާސަތު، އެ ކައުންސިލްގެ ރައީސް އާސިފް ބަލަހައްޓަވަނީ: ނިހާން ކުރިން ހުށަހެޅުއްވި އަބުރުގެ ބިލަށް މީޑިއާ ކައުންސިލާއި މީޑިއާތަކުން ހުށަހެޅި އިސްލާހުތަކަށް، ރިއާޔަތް ނުކުރުމުން ކަންބޮޑުވާ ކަމަށް އާސިފް ވިދާޅުވޭ.

"އަޅުގަނޑު ބުނާނީ އަދިވެސް ހިނގާށޭ މަޝްވަރާކޮށް މިކަމުގައި ހައްލެއް ހޯދަން. އަދިވެސް މީޑިއާ ކައުންސިލުން ބޭނުންވޭ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްގެން، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެވޭނެ ގޮތެއް ހޯދަން. މަޝްވަރާގެ މޭޒު ހުޅުވައި ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" އާސިފް ވިދާޅުވި އެވެ.

"އަބުރުގެ ބިލަށް މީޑިއާ ކައުންސިލާއި މީޑިއާތައް ގުޅިގެން ކުރިން ހުށަހެޅި އިސްލާހުތަކާ އެކު ބިލް ފާސްވެ، ނޫސްވެރިން މިހާރަށް ވުރެ ޒިންމާދާރު ކުރުވުމަކީ އަޅުގަނޑުމެން ކުރި އުންމީދެއް. އަދިވެސް އެ އިސްލާހުތައް ގެންނަން އަޅުގަނޑުމެން ހުށަހަޅަން."

ރިޔާޒް ފާހަގަ ކުރެއްވި ގޮތުގައި ބިލްގެ މަސައްކަތް މަޖިލިހުގައި ކުރިއަށް ގެންދާނީ އަވަސް އެރުވުމެއް ނެތި، އެހެން ބިލްތަކަށް ވެސް ދޭ ވަގުތު ދީގެންނެވެ. މަޖިލިހުގެ ތަޅުމުގައި ބަހުސްގެ މަރުހަލާ ނިމުމުން، ކަމާ ގުޅޭ ކޮމިޓީއަށް ބިލް ފޮނުވައި، އެ ބިލާ ގުޅޭ މުއައްސަސާތަކުގެ ބޭފުޅުން ހާޒިރުކޮށް މަޝްވަރާ ވެސް އެ ކޮމިޓީން ހޯދާނެ އެވެ. ނަމަވެސް އެންމެ ހެއްވާ ކަމަކީ ރިޔާޒް ވިދާޅުވާ ގޮތުން ނަމަ، ބިލް އޮތް ގޮތަށް މަޖިލިހުން ފާސްކުރަން މެމްބަރުން ނިންމަވައިގެން ތިއްބެވުމެވެ. ކަމާ ގުޅޭ މުއައްސަސާތަކުގެ އިސްބޭފުޅުން ކޮމިޓީ އަށް ހާޒިރުކޮށް، އަބުރުގެ ބިލަށް މަތިމައްޗަށް އިސްލާހު ހުށަހެޅިޔަސް އާހިރު ނަތީޖާ އަކީ މިހާރު އޮތް ގޮތަށް ބިލް ފާސްވުން ކަމަށް ރިޔާޒް ވަރަށް ޔަގީންކަމާ އެކު ވިދާޅުވެ އެވެ. އަދި ނުރަސްމީކޮށް "މިހާރު"ން ވާހަކަ ދެއްކި އެހެން ބައެއް މެމްބަރުންގެ ވިސްނުމަކީ ވެސް ހަމަ މިއެވެ.

"އެހެންވީމާ މެމްބަރުން އެ ތިއްބެވީ މިހާރު މަޝްވަރާގެ ދޮރު ބަންދުކޮށްގެން. އިތުރަށް ދެން ކުރާނެ މަޝްވަރާއެއް ނެތޭ ވަރަށް ސާފުކޮށް އެ ވިދާޅުވަނީ. ބިލްގެ މަސައްކަތް މަޖިލިހުގައި ލަސްކުރިޔަސް، ނުކުރިޔަސް ނުކުންނާނީ އެއް ނަތީޖާއެކޭ ވިދާޅުވުމުގެ މާނައަކީ އެ ތިއްބެވީ މިހާރު ގޮތެއް ނިންމަވައިގެންނޭ. އެއީ މިހާރު އޮތް ގޮތަށް ބިލް ފާސްކުރުމުގެ ވިސްނުން. ދެން ދާނެ އިތުރު މަޝްވަރާއެއް ނެތް،" ސީނިއާ ނޫސްވެރިއަކު ބުންޏެވެ.

ނިހާން ހުށަހެޅުއްވި އަބުރުގެ ބިލް އަނބުރާ ގެންދެވުމާ ގުޅިގެން، އާ ބިލް ހުށަހެޅުއްވި މެމްބަރު ޖައުފަރު: ބިލްގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި.---ފޮޓޯ: މަޖިލިސް

އަބުރުގެ އާ ބިލްގައިވާ ގޮތުން ނަމަ އަބުރާ ބެހިއްޖެ މީހެއްގެ އަދަބަކީ 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ތިން މަހާއި ހަމަހާ ދެމެދު މުއްދަތަކަށް ޖަލަށްލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާއިން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.

އަބުރާ ބެހުން ބިލްގައި މާނަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދައްކާ ވާހަކައެއް، ނުވަތަ ބުނާ ބަސްތަކެއް، ލިޔާ ލިޔުމެއް، ދައްކާ ކުރެހުމެއް، ތަސްވީރެއް، ކުރާ އިޝާރާތެއް، ކުރާ ހަރަކާތެއް ހިމެނެ އެވެ. މިއީ ނިހާން ކުރިން ހުށަހެޅުއްވި ބިލުން ވެސް އުނިކުރަން މީޑިއާ ކައުންސިލުން އެދުނު ބައިތަކެކެވެ. އޭރު އެ ކައުންސިލުން އެދިފައިވާނީ، އަބުރާ ބެހުން ކަމަށް ބެލެވޭނީ އަނގަ ބަހުން ނުވަތަ ލިޔުމުން އާންމުކުރާ މައުލޫމާތު ކަމަށް ހެދުމަށެވެ. އެކަމަކު އެއީ ވެސް ހުސް ވާހަކަތަކަކަށް ވެއްޖެ އެވެ.

އަބުރުގެ ބިލާ ގުޅޭ ގޮތުން މީޑިއާ ކައުންސިލުން އެކުލަވާލާފައިވާ ހާއްސަ ކޮމިޓީގައި އިއްޔެ މަޝްވަރާ ކުރަނީ.---ފޮޓޯ: މީޑިއާ ކައުންސިލް

މެމްބަރަކު ވިދާޅުވި ގޮތުން ނަމަ، މީޑިއާތަކުގައި ސަރުކާރުގެ އިސްވެރިންނަށް "ވަގަށް" ގޮވުން އިންތިހާ އަށް އާންމުވެ، އެބޭފުޅުންގެ ދިރިއުޅުން ކަތިލެވޭ ހިސާބަށް ދިއުމަކީ އަބުރުގެ ބިލް ފާސްކުރުމުގެ އަސްލެވެ. އެކަމަކު މީޑިއާއަކުން "ވަގަށް" ސީދާ ގޮވާ ނަމަ، ފިޔަވަޅު އެޅޭނެ ފުރުސަތުތައް މީޑިއާތައް ރެގިއުލޭޓް ކުރާ އިދާރާތަކަށް ދީ، ކުރާ ޖޫރިމަނާ އަދި ޖޫރިމަނާ ނުދައްކައިފި ނަމަ ދޭ އަދަބު ކުޑަކުރެވެން ޖެހެ އެވެ. ޑިމޮކްރެޓިކް މުޖުތަމައުގެ ވާހަކަ ދައްކާއިރު، ދިވެހި މުޖުތަމައުގެ ހާލަތަށް ބަލަން ޖެހެ އެވެ. ދެ މިލިއަނާ ހަމައަށް ޖޫރިމަނާ ބޮޑުކުރާއިރު، އެއީ އެންމެ އެކަށީގެންވާ މިންވަރުތޯ ސީރިއަސް ވިސްނުމަކުން ވިސްނަން ޖެހޭނެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު ނިހާނާ އެކު މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އެދިވަޑައިގަތީ، އޭރު އޭނާ ހުށަހެޅުއްވި އަބުރުގެ ބިލަށް ނޫސްވެރިން ބޭނުންވާ އިސްލާހުތައް ލިޔުމަކުން ފޮނުވައި ދިނުމަށެވެ. އަދި ބިލަށް ގެންނަން ބޭނުންވާ އިސްލާހުތަކުގެ ކުރީ ސަފުގައި މީޑިއާ ކައުންސިލް އޮތުމަށް އޭނާ އެދިވަޑައިގަތެވެ. އެ ހުރިހާ ކަމެއް، މީޑިއާ ކައުންސިލާއި މީޑިއާތަކުން ކޮށްދިނެވެ. އެކަމަކު މީޑިއާތަކުގެ ފަރާތުން މީޑިއާ ކައުންސިލުން ހުށަހެޅި ކަރުދާސް މި ފެނުނީ ޑަސްބިނަށް ވައްޓާލިތަނެވެ. މީޑިއާ ކައުންސިލާ މަޝްވަރާ ކޮށްފައި ނޫނީ ބިލާއިގެން ކުރިއަށް ނުދާނެ ކަމަށް ވިދާޅުވެ ނިހާން ދެއްވި ޔަގީންކަމުގެ އޮއްޓަރެއް ނެތެވެ. އެއީ ތާކުންތާކު ނުޖެހޭ ޔަގީން ކަމެކެވެ. ނިހާންގެ ބިލް އަނބުރާ ގެންދެވުމަށް ފަހު، އެހެން މެމްބަރަކު ހަމަ އެ ބިލް ހުށަހެޅުއްވިއިރު ވެސް، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ވަނީ ފާޑަކަށް މަލާމާތް ކޮށްފަ އެވެ.

35 ކޮމެންޓް, 126 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 3%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީޝާކިރު

24 July 2016

މިސަރުކާރުން ކުރާވައްކަމުގެ ވާހަކަ ދެއްކިޔަ ނުދޭން ކުރާކަންކަން ތިޔައީ ރައްޔިތުން މިވެރިކަން ނޫން އެހެން ވެރިކަމެއް ގެނެސް މިނިވަންކަން ހޯދަންޖެހޭ

The name is already taken The name is available. Register?

ސަލީމް

24 July 2016

މިޤައުމާއި ރައްޔަތުންގެ ޙައްގުގައި މިކަން ކުރަންޖެހޭ. ނޫސްވެރިންނޭ ކިޔައިގެން މާ ބޮޑަށް ޒާތީވެގެން ވަކި ކޮޅަކަށް ޖެހިގެން އުޅޭނެކަމެއް ނެތް.

The name is already taken The name is available. Register?

އަލިދީދީއައްޑޫސިޓީ

24 July 2016

ދިވެހި ޤައުމީޕާޓީ ފަރާތުން ރައްޔިތުންގެ މަޖިސްގެ އެކިއެކި ދާއިރާތަކަށް ކެންޑިޑޭޓުން ނެރެ ކެމްޕެއިންކޮށްގެ ވަރަށް ބުރަ މަސައްކަތް އެޕާޓީ އިން ޑރ. ޙަސަން ސަޢީދު އާއި ޑރ. މުޙައްމަދު ޖަމީލު ކުރެއްވި. އެޕާޓީގެ ކެންޑީޑޭޓުން ގޮތުގައި ގިނައިން ތިއްބެވީ މާސްޓަރސް ޑިގްރީ އާއި ޕީއެޗްޑީ ހޯލްޑަރުން. އެހެން ނަމަވެސް ހިތާމަޔަކީ، އެއިން އެއްވެސް ބޭފުޅަކު އެބޭފުޅުން ކުރިމަތި ލެއްވި ދާއިރާގެ ރައްޔިތުން އިޚްތިޔާރު ނުކުރެއްވިކަން. އެދާއިރާތަކުގެ ރައްޔިތުން އިސްކަން ދެއްވީ، "ފައިސާ އާއި ނުފޫޒު" ގެ ބާރުގެ ބޭނުންކުރެއްވި ކެންޑިޑޭޓުންނަށް. އެކަމުގެ "ހިތިރަހަ" މިއަދު ތިޔަ ފެނިވަޑައިގަންނަވަނީ. ވިލިފުށީދާއިރާގެ ޢިއްޒަތްތެރި މެންބަރަކީ، ދިވެހި ޤައުމީ ޕާޓީއިން މަޖިލިސް ގޮނޑިޔަށް އިންތިޚާބުވި "ހަމައެކަނި" މެންބަރު. ތަޢްލީމާއި ތަޖުރިބާހުރި ބޭބޭފުޅުން ބާކީކޮށްލުމުގެ ނަތީޖާ މިއަދު މިފެންނަނީ. ހީކުރަން 2019 ގައި އޮންނަ މަޖިލިސް އިންތިޚާބުގައި ޢިލްމީ ތަޖުރިބާ ހުރި ޤާބިލު މެންބަރުން ރައްޔިތުން ހޮއްވަވާނެކަމަށް.

The name is already taken The name is available. Register?

އަޅުގަޑު

25 July 2016

އަޅުގަޑު ލޮލާބޮލުން ޢަލިދީދީއާ ބައިވެރިވަމެވެ. އަވަހަށް 2019 އަށް ތައްޔާރުވަމާހިގާށެވެ.

The name is already taken The name is available. Register?

ޙަސަންދީ

24 July 2016

ޤާޟީގެ މޫޑު ހުރި ގޮތުން ނޫންނަމަ ހިތްހަމަ ނުޖެހޭ ބައެއް ކަމައްވާނަމަ ދެ މިލިއަން

The name is already taken The name is available. Register?

ޝިނާޒް ފަލަކް

24 July 2016

މިސަރުކާރުވެސް އަބަދަކުނޯންނާނެތާ....

The name is already taken The name is available. Register?

ގސފ

25 July 2016

ކިހިނެތް އެނގެނީ.. ހަމަ މަޖުލިސް މެދުވެރިކޮށް ޔާމީން ދުނިޔޭގަ ހުރިހާ ދުވަހަކު އޭނާއަށް ވެރިކަމުގަ ހުރެވޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފާނެ. ގާނޫނާ ހިލާފު ކަންކަން ގާނޫނުގެ ތެރެއަށް ފައްތަމުންނެއްނު އެދަނީ. އުއްމީދުކުރަން މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ ޕާޓީއަށް ދިނީމަ ވާގޮތް ރައްޔިތުންނަށް މިހާރު އެނގޭނެ ކަމަށް

The name is already taken The name is available. Register?

ޓޯރން

24 July 2016

އާދޭސް ކުރީމާވެސް ކަންތައް ގޯސްކޮށް ގެންދަން އެއްގޮތަކަށް ވެސް ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ ކޯލިޝަންގެ ބިއުޓިފުލް ސަރުކާރުން މަސައްކަތް ކޮށްގެންނުވާނޭ. ބިލް މިހާރު އޮތް ގޮތަށް ފާސް ކޮށްފިނަމަ އެވާނީ ކުރީގެ ރައީސް އަކު ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑު ގާނޫނުން އެކަން މަތިކޮށްފައިވާ މުވައްސަސާ އާއި ހަވާލު ނުކުރީ އެއީ ކީއްވެގެންތޯ ސުވާލު ކުރުމުން އެމަނިއްޕުޅު ބުނީ އެއީ ތިމަންނާ އާއި ފިކުރު ދިމާނުވާތީ ނުދިނީ ކަމަށޭ. ދައުލަތުގެ މުވައްސަސާ ތަކާއި ސަރުކާރުގެ ވުޒާރާ ތަކަކީ އެެއީ އެއްވެސް މީހެއްގެ އަމިއްލަ ތަރިކަ މުދަލެއް ނޫނޭ. އެހެނެއް ނުވާނޭ ހަދާނަމަ ހިލާ. މިބާވަތުގެ އަމިއްލަ އެދުން އިސްކޮށްގެން އެއިރު އެ ސަރުކާރުން ކުރިކަމަކީ މީސްމީހުންގެ އަބުރު ކަތިލާ އަދި ދޭތެރެ ޖެއްސާ މީސް މީހުންގެ މަސްކައިގެން ކްރެޑިޓް ހޯދުން ނޫންތޯއެވެ. މީ ދެން ރައްޔިތު އެންމެން ގައިގައި ސިޔާސީ ޗާބޫކުން އެވެރިން ތެޅުން ނޫން ދެން ކޮން ގޮތެއްތޯ ކުދި ބޮޑު އެންމެހާ ރައްޔިތުން ގޮވަމުން ދިޔައިރު ވެސް އެއަށް ދިނީ ބީރު ކަންފަތެކޭ.. ކާކަށްތަ އިނގޭނީ ކުރަން ހިތުލަފާ އެއިރު ހެޔޮ ވެރިކަމެއް ކުރަން އައި ބަޔަކު މިހާ އަނިޔާވެރި ވާނޭ ކަމަށް. އެވެރިން ރައްޔިތުން ގައިގައި ތެޅީ ޗާބޫކުން ކަމަށް ހުވަފެން ތަކުން ފެނެއޭ.. ޗާބުކުން ތެޅީމާ، ޗާބޫކުން ތެޅީމާ، ވަަރަށް ތަދުވެ އަސަރުކުރިއޭ، ގިސްލަ، ގިސްލާ ލޮލޮފެން ކަޅިވެސް ވިއޭ.. އަވަހަށް އެޗާބޫކުނޭ ގެންދަވާ، އޯއޯއޯ.. އޯއޯއޯ.. އޯއޯއޯ..

The name is already taken The name is available. Register?

ރަންގީލާ

24 July 2016

މިސަރުކާރުން ހުރިހާ ކަމެއްވެސް ކުރަނީ ޤާނޫނުގެ ތެރެއިން ކަމަށް މިރައީސް ވަރަށް އަޑަށް ބާރުލާފަ ވިދާޅުވެއެވެ. ކަންހިނަގަނީވެސް އެހެންނެވެ. ސުވާލަކީ ވައްކަންވެސް ޤާނޫނު ހުއްދަކުރީމަ އެއީ ވައްކަމަށް ނުވެ ދާނެހެއްޔެއްވެ. ބިޑް ވަކި ބަޔަކަށް ނުހައްގުން އަނބުރާ ލުމައްފަހު އެލިބޭ ފައިދާ މިއަދު މިވަނީ ހަލާލް އެއްޗެއް ކަމުގައި ވެފައެވެ. މިރައީސް ބުނާހެން އަނބިމީހާވެސް ތިލާރި ހޯދީ ކޮންތާކުންތޯ ނާހާނެއެވެ.

The name is already taken The name is available. Register?

އަގަގަދަމިތުރު

24 July 2016

ކިތަންމެ ވަރުގަދަބިލެއް ފާސްކުރިޔަސް އަދި ބިލެއް ފާސް ނުކުރިޔަސް ޢަބުރު ރައްކާތެރި ކުރެވޭނީ ޢަބުރުވެރިންގެއެވެ. ފަސާދަވެފައިތިބި ބައެއްގެ ޢަބުރެއް ރައްކަލެއް ނުކުރެވޭނެއެވެ. ޥަރަށް ސަލާމް.

The name is already taken The name is available. Register?

އަހުމަދު

24 July 2016

ދިވެހީން ދެދުވަހު ވާހަކަ ދައްކާ ހަނދާން ނެތޭނެ ކަމަށް ގިނަ ވެރިން ގަބޫލު ކުރެއެވެ. އެކަން ބަދަލު ކުރަން ޖެހެއެވެ. ގޯސް ގޯސްވާނެއެވެ. ރަނގަޅު ރަނގަޅު ވާނެއެވެ.

The name is already taken The name is available. Register?

މާލީ

24 July 2016

ހަގީގަތުގައިވެސް މިބިލް ފާސްވެއްގެނަމަ މިވާނީ ހިތާމަ ހުރިކަމަކަށް.. ސަބަބަކީ އެތަކެއް ނޫސްމަޖައްލާއެއްގެ މާލީ ހާލަތަށް އަސަރު ކުރާނެ.. މިއަޅާ ހެއްދެވި ރައްބު މާތް ﷲ ގަންދީ ހުވާކޮއްފަ މިބުނީ ނުބައިމީހުންކުޅަ ހަމަ އެންމއ އަމަލެއްވެސް ހިސާބު ނުބެއްލެވިއެއް ނުދާނެކަން ކަށަވަރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454