ރިޕޯޓް / ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ބާރު ކަނޑުވައިލެވިގެން ނުވާނެ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގާ ތީމުގެ. ދައުލަތުގެ ބާރުތަކާއި މީޑިއާ އިދާރާތަކާ ދެމެދު ގާތް ގުޅުމެއް އުފެއްދުން މުހިންމު.

ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ މަތީ ބާރަކީ ނުވަތަ އެންމެ ބާރު ގަދައީ ކޮން ބާރެއް ހެއްޔޭ ބައެއް މީހުން ސުވާލު ކުރެ އެވެ. ހަގީގަތުގައި ގާނޫނުއަސާސީން ދައުލަތުގެ ތިން ބާރު އުފަން ކޮށްދީފައިވަނީ އެއްވެސް ބާރަކުން އަނެއް ބާރުގެ މައްޗަށް ބަސް ނުކިޔޭ ގޮތަށެވެ. މާނައަކީ ތިން ބާރަކީ ވެސް، އޭގެ ޒާތުގައި މިނިވަން އަދި އެ ބާރެއްގެ އިމުގެ ތެރޭގައި އެންމެ ބާރު ގަދަ ފަރާތެވެ.

ތިން ބާރު މިނިވަން ކޮށްދީފައި އޮތީ، ވާދަވެރި ބާރުތަކެއްގެ ގޮތަކަށް ނޫނެވެ. އަމާންކަމާއި އޮމާންކަމާ އެކުގައި ދައުލަތް ހިންގުމަށްޓަކައި، އެއް ބާރުން އަނެއް ބާރަށް އެހީތެރިވެދީ އެއްބާރުލުން ދޭ ބާރުތަކެއްގެ ގޮތުގަ އެވެ. ދައުލަތް ހިންގުމަށް ބޭނުންވާ އެންމެހައި ގާނޫނުތަކާއި ގަވާއިދުތައް ހަދައިދެނީ ގާނޫނު ހަދާ މަޖިލީހުންނެވެ. އެ ގާނޫނުތައް ތަންފީޒު ކުރަންޖެހޭ ފަރާތަކީ ތަންފީޒީ ބާރު ނުވަތަ ސަރުކާރެވެ. އެ ގާނޫނުތަކާ ޚިލާފަށް ކަމެއް ހިނގައިފި ނަމަ، އެ ކަމަކަށް ހައްލު ހޯދައިދެނީ އަދުލު އިންސާފުގެ ބާރުންނެވެ. އެހެންކަމުން މިއިން ކޮންމެ ބާރަކީ ވެސް ދައުލަތް ހިންގުމުގައި ހަމަހަމަ ގޮތެއްގައި ހިއްސާވާ ބާރުތަކެކެވެ.

އެ ތިން ބާރަށް ވެސް މަސްއޫލިއްޔަތުތަކާއި މިނިވަންކަމާއި އަމިއްލަ އިޚްތިޔާރާއި ބާރުތަކެއް ދިން ފަދައިން، އެއިން ކޮންމެ ބާރެއްގެ އިން ކަނޑައަޅައިދިނީ ވެސް ގާނޫނުއަސާސީންނެވެ. އެ އިމަކީ ކޮބައިކަން ބަޔާންކުރަމުން، ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި ބުނެފައިވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާން ވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތީން ކަމަށެވެ. އެ އިމުގެ ތެރޭގައި ބާރުތައް ހަރަކާތްތެރިވުމުގެ ރޫހަކީ، ކޮބައިކަން ބަޔާންކޮށްދެމުން ގާނޫނުއަސާސީގެ 70، 106، 142 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހި ދައުލަތުގައި ހިންގާންވާނީ ގާނޫނުގެ ވެރިކަން ކަމަށެވެ.

ގާނޫނުގެ ވެރިކަން ކަނޑައަޅައިދީފައި އޮތް އިރު، ދައުލަތުގެ ބާރުތަކުގެ މެދުގައި އުފެދޭ ދެބަސްވުންތަކަށް ވެސް ވަކި ހިސާބަކުން ނިމުމެއް ގެނައުމަކީ ދުނިޔޭގެ ހުރިހާ ދުސްތޫރުތަކެއްގައި ވެސް ކަނޑައެޅިފައި އޮތް ކަމެކެވެ. މަޖިލީހުން ފާސްކުރާ ގާނޫނަކާ މެދު ދެބަސްވުން އުފެދޭ ނަމަ، އެ ގާނޫނަކީ ގާނޫނުއަސާސީއާ ނުވަތަ އިސްލާމީ ޝަރުއީ މަސްދަރުތަކާ ޚިލާފު ގާނޫނެއްތޯ ކަނޑައަޅައިދިނުމަށް ކޯޓަށް ހުށަހެޅިދާނެ އެވެ. ސަރުކާރުން ކުރާ ކަމަކާ މެދު ހިތްހަމަ ނުޖެހުނަސް އެކަމެއްގައި ފައިސަލާކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ އެވެ. ދަށު ކޯޓުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ ހައި ކޯޓަށް އަދި ހައި ކޯޓުގެ ނިންމުން ގަބޫލު ނުކުރެވޭ ނަމަ ސުޕްރީމް ކޯޓަށް ދެވިދާނެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ އެކު، އެ ކަމަކަށް ނިހާއީ ހުކުމެއް އައީ އެވެ. އެއީ ގާނޫނާ ޚިލާފު ނިންމުމަކަށް ނުވަތަ ބޭއިންސާފު ނިންމުމަކަށް ވިޔަސް، ނުރުހުންތެރިކަމާ އެކު ވެސް، އެ ނިންމުމަށް ކިޔަމަންގަތުން ނޫން ގޮތެއް ނޯންނާނެ އެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުން ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަކަށް ހުށައެއް ނޭޅޭނެ އެވެ. ދައުލަތުގެ ވުޒާރާއަކަށް ނުވަތަ ބަންޑާރަ ނާއިބަކަށް ވެސް ސުޕްރީމް ކޯޓުގެ ނިންމުމެއް ބަދަލެއް ނުކުރެވޭނެ އެވެ.

ދެން އުފެދޭ ސުވާލަކީ ސުޕްރީމް ކޯޓުގެ ނިންމުމެއް ގޯސްވެއްޖެ ކަމަށް އެ ކޯޓުގެ ފަނޑިޔާރުންނަށް ފެނިއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ސުޕްރީމް ކޯޓުން ނިންމާފައި އޮތް ނިންމުމެއް އެ ކޯޓަށް ބަދަލު ކުރެވިދާނެ ހެއްޔެވެ؟ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި، މިނިވަން ކުރުމަށް، ދައުލަތުގެ އިދާރާތަކަށް އަންގާފައިވާ ނުވަ ބޭފުޅުންގެ ތެރޭގައި އިސްތިއުނާފް މަރުހަލާތައް ނިމި ސުޕްރީމް ކޯޓުން ނިހާއީ ހުކުމް އިއްވާފައިވާ ބައެއް ބޭފުޅުން ހިމެނެ އެވެ.

އެ މައްސަލައިގައި ސަރުކާރުން ބުނަމުން އަންނަނީ، އެ ބޭފުޅުންގެ މައްޗަށް ދަށު ކޯޓުތަކުން އިއްވާފައިވާ ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ، ސުޕްރީމް ކޯޓަށް ވެސް އެ މައްސަލައިގައި ދެން އިތުރު ގޮތެއް ކަނޑަނޭޅޭނެ ކަމަށެވެ. އަދި މި އަހަރުގެ ރިއާސީ އިންތިޚާބުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެވޭނެ ފުރުސަތު ދިނުމަށް ވިލާތުގެ ގައުމުތަކުން ގޮވާލާފައިވާ ގޮވައިލުމާ ބެހޭ ގޮތުން ވެސް ސަރުކާރުން ބުނަނީ ނަޝީދަކީ ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، ނަޝީދުގެ ހުކުމް ވެސް ސުޕްރީމް ކޯޓަށް ބާތިލު ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ އެ ވިސްނުމާ، ގާނޫނީ ދާއިރާގެ އެހެން ބައެއް ބޭފުޅުން ދެކޮޅު ހައްދަވަ އެވެ. އެ ބޭފުޅުން ދެކޭ ގޮތުގައި، ދަށު ކޯޓުތަކާއި ހައި ކޯޓުގެ ނިންމުންތައް އަލުން މުރާޖައާ ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިދޭ ފަދައިން، ސުޕްރީމް ކޯޓުގެ ނިންމުންތައް އަލުން މުރާޖައާ ކުރުމުގެ ބާރު ވެސް ގާނޫނީ އޮނިގަނޑުގެ ތެރޭގައި އޮތީ ސުޕްރީމް ކޯޓަށް ދީފަ އެވެ.

"އެ ކޯޓެއްގެ ނިންމުން އެ ކޯޓަކަށް ބަދަލު ކުރެވިދާނެ. އެތައް ޒަމާންތަކަކަށް ފަހު ވެސް ކޯޓުތަކުގެ ނިންމުން އެބަ ބަދަލުކުރޭ ދުނިޔޭގެ ކުރިއަރާފައި ހުރި ގައުމުތަކުގައި ވެސް. އެ މައްސަލައެއްގައި ކުރިން ނޭނގޭ ވަގާއިއުތަކެއް ފެނިގެން، ކުރީގެ ނިންމުން މުރާޖައާ ކޮށްފައި އެބަ ހުރި. ސުޕްރީމް ކޯޓުގެ ނިންމުމެއް އެ ކޯޓަށް ބައިންޑެއް ނުވާނެ. އެހެންވިއްޔާ ކުރީގެ ނިންމުމެއް ވެސް އަލުން ރިވިއު ކުރެވިދާނެ،" ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލެއް ވިދާޅުވި އެވެ.

ރާއްޖެ އިން އޭގެ މިސާލެއްގެ ގޮތުގައި އެ ވަކީލު ނެންގެވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ސާބިތުވި ވައްކަމުގެ ކުށުގެ ސަބަބުން އެމަނިކުފާނަކީ، ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ބޭފުޅެއް ކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެވެ.

ނަޝީދުގެ ވައްކަމުގެ މައްސަލައިގައި 2008 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމީ، އެއީ އިސްލާމީ ޝަރީއާގައި ބުނާ ފަދަ ހައްދު ކަނޑައެޅިފައިވާ ކުށެއް ނޫން ކަމަށާއި އެއީ ތައުޒީރީ އަދަބު ކަނޑައެޅޭ ވައްކަމެއް ކަމަށެވެ. ނަމަވެސް 2012 ވަނަ އަހަރު އޮތް ލާމަރުކަޒީ އިންތިހާބަށް، ކުރިމަތިލި މީހުންގެ ތެރެއިން ވައްކަމުގެ ކުށް ސާބިތުވެފައި ހުރި ކޮންމެ މީހަކީ، ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެފައިވާ މީހުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ނިންމި އެވެ.

"އެ މައްސަލައަށް ބެލުމުން ވެސް އެބަ އެނގޭ ސުޕްރީމް ކޯޓުން އޭގެ ކުރިން ދެމެހެއްޓި ޕްރިންސިޕަލެއް ބަދަލު ކުރެވިދާނެ ކަން ވެސް. ލޯކަލް އިންތިހާބުގައި ކުރިމަތިލި މީހުން މައްސަލަތަކުގައި ސުޕްރީމް ކޯޓަކުން އެ ނިންމީ ކޮންމެ ބާވަތެއްގެ ވިޔަސް ވައްކަމެއް ކޮށްފަ އޮތިއްޔާ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް،" އެ ވަކީލު ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 155 ވަނަ މާއްދާއިން މަޖިލީހަށް ދީފައި ބާރުގެ ދަށުން، ކޯޓުތަކުގެ އިޚްތިސާސްތައް ކަނޑައަޅާފައިވަނީ ކޯޓުތަކުގެ ގާނޫނުންނެވެ. އެ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި "މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ދިވެހިރާއްޖޭގެ އެހެން ހުރިހާ ކޯޓުތަކުން ތަބާވުން ލާޒިމު ނިންމުމެކެވެ."

އަދި އެ މާއްދާގެ (ށ)ގައ ބުނެފައިވެ އެވެ؛ "މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ މަގާމުތަކާ ހަވާލުވެ ތިބި މީހުންނާއި ސިފައިންނާއި، ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި، އެންމެހައި ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމު ނިންމުމެކެވެ."

އެއަށް ފަހު އެ މާއްދާގެ (ނ) ގައި ބުނެފައިވެ އެވެ؛ "މި މާއްދާގެ (ހ) ގައި އެހެން އޮތް ކަމުގައިވީ ނަމަވެސް، ގާނޫނީ އުސޫލުތަކާ ބެހޭ ގޮތުން ގާނޫނީ ނުކުތާއަކާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ނުވަތަ ބާތިލު ކުރުމަށް ނުވަތަ އެ ނިންމުމާ ދުރަށް ދިއުމަށް ނުވަތަ އެ ނިންމުމަށް ފަހުގެ ނިންމުމަކާ ތަފާތު ކުރުމަށް ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރަކަށް މި ގާނޫނުގައި ހުރަހެއް ނެތެވެ."

ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ބަދަލު ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަން، އިސްވެ ދެންނެވި މާއްދާއިން ސާފުކޮށް އެނގެ އެވެ. ގާނޫނުގައި އެހާ ސާފުކޮށް އެކަން ބަޔާން ކޮށްފައި އޮތް އިރު، ވަކި ސިޔާސީ ބޭފުޅުންތަކެއްގެ މައްސަލައާ ޖެހުނީމާ، ސުޕްރީމް ކޯޓަށް އެ ކަން ނުކުރެވޭނެ ކަމަށް ވަކާލާތު ކުރުމަކީ، ސުޕްރީމް ކޯޓަށް ލިބިދޭ ދުސްތޫރީ އަދި ގާނޫނީ ބާރަށް އިންކާރު ކުރުން ކަމަށް ބައެއް ވަކީލުން ދެކެ އެވެ.

ނަމަވެސް ސަރުކާރުން މީގެ ކުރިން ވެސް ބުނެފައިވާ ގޮތުގައި ފެބްރުއަރީ 1ގެ އަމުރުގައި ސިޔާސީ ބޭފުޅުންތަކެއް މިނިވަންކުރުމަށް ދައުލަތުގެ މައްޗަށް އަމުރު ކޮށްފައިވަނީ، އެ ބޭފުޅުންގެ މައްޗަށް ކުރިން އިއްވާފައިވާ ނިހާއީ ހުކުމްތައް ނަފީކުރެވޭ ފަދަ ގާނޫނީ އަދި ޝަރުއީ އެއްވެސް ހަމައެއް ނުވަތަ ހުއްޖަތެއް ބަޔާން ކުރުމެއް ނެތި އެވެ. އަދި އެ އަމުރު ބިނާކޮށްފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ނޫން ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

ސަރުކާރުން އެހެން ބުނި ކަމުގައި ވިޔަސް، އެ ނުވަ ބޭފުޅުން ބަނދެވިފައި ތިބި ހުކުމްތަކުން އެ ބޭފުޅުން ވީއްލަން ޖެހޭ ސަބަބުތައް އެ އަމުރުގެ ފަސް ވަނަ ނަންބަރުގައި ވަރަށް ސާފު ބަހުން ބުނެފައި އެއޮތީ އެވެ. ފުރަތަމަ ކަމަކަށް އެ އަމުރުގައި ބުނެފައިވާ ގޮތުން އެ ނުވަ ބޭފުޅުންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގާފައިވަނީ ސިޔާސީ ސަބަބުތަކަށްޓަކަ އެވެ. ދެ ވަނަ ކަމަކީ، އެ ބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގީ ގާނޫނުއަސާސީ އާއި ރާއްޖެ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފަށެވެ. ތިން ވަނަ ކަމަކީ، އެ ބޭފުޅުންގެ މައްޗަށް ދައުވާކުރީ ގާނޫނާ ޚިލާފަށް ހިންގި ތަހުގީގުތަކެއްގެ މައްޗަށް ބިނާކޮށެވެ. ހަތަރު ވަނަ ކަމަކީ އެ ބޭފުޅުންގެ މައްޗަށް ހުކުމްކޮށްފައިވަނީ، ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރު ގެ އަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއާތުތަކާ ޚިލާފަށެވެ.

މިއީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ހުރި ވާހަކަތަކެވެ. އެ އަމުރުގައި އެ ނުވަ ބޭފުޅުން މިނިވަންކުރުމަށް އަމުރު ކުރި ބައި، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލު ކުރިޔަސް، މުޅި އަމުރު އެކުގައި ބާތިލެއް ނުކުރެ އެވެ.

ކޯޓުން އިއްވާފައިވާ ޝަރުއީ ހުކުމެއް ގާނޫނާ ޚިލާފުތޯ ނޫންތޯ ކަނޑައެޅުމުގެ ފަހު ބަސް ބުނުމުގެ އިޚްތިޔާރު އޮތީ ސުޕްރީމް ކޯޓަށެވެ. އެހެންކަމުން މައްސަލައެއްގައި އިއްވާފައިވާ ހުކުމަކާ ގުޅޭ އެހެން ހަގީގަތްތަކެއް ނުވަތަ ވާގިއާތަކެއް ފަހުން ސާބިތުވެއްޖެ ހާލަތެއްގައި، ކުރީގެ ހުކުމަށް ބަދަލު ގެނައުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ކޮށްއުޅޭ ކަމެކެވެ. ސުޕްރީމް ކޯޓުގެ ނިންމުންތައް މުރާޖައާ ކުރުމަކީ އިންޑިޔާ ފަދަ ކުރިއަރާފައިވާ ޑިމޮކްރެސީތަކުގައި ވެސް ސުޕްރީމް ކޯޓަށް ލިބިދީފައިވާ ދުސްތޫރީ ބާރެކެވެ.

38 ކޮމެންޓް, 80 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 4%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާޑުވާ

20 June 2019

މި ޚަބަރު ލިޔުއްވި ބޭފުޅާ އަށް އޮޅިވަޑައިގެން އޮތަސް ޤާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގައި އެވަނީ އެބްމެހާ ބާރުތަށް ފެށިގެން އަންނަނީވެސް އަދި ދެމިއޮންނާނީވެސް ރައްޔޮތުންގެ ކިބައިގަ ކަމަށް. ރައްތިތުން އެކަމަށް ހޮވާފައި ތިބި ބަޔަކީ ރައްޔިތުންގެ މަޖްލިސް. އެހެންކަމުން ވަރަށް ސާފު ރައްޔިތުންގެ މަޖިލީހަށް ބާރު ނުފޯރުވޭ އެއްވެސް މުއްއްސަސާއެއް ނޯންނާނެ އަދި އޮވެގެންވެސް ނުވާނެ.

The name is already taken The name is available. Register?

ކޮން ތާކު ކާކު

18 June 2019

އެއްމެ ރަނގަޅުގޮތަކީ އެމީހަކު ކާނެވަރަކަށް ކާން ދޫކޮލުން! މިއޮތްބޮޑު ގައުމު މިހަލާކުކުރަނީ އެއްމެ މަހުޖަނެއް އޭނަގެ ހަމަބިމައް ތިރިކޮގެންނޫނީ މިގައުމު ހަމަޔަކަށް ނޭޅުވޭނެ!

The name is already taken The name is available. Register?

މަންތިރި

18 June 2019

ވަށައިގެން ޓީނު ޖަހައި ބައްދައިގެން 5 ފަނޑިޔާރުން އެކަނި ދެ ޚަޞްމުން ނުލާ ތިބެ ފަހުބަސް އިއްވާފަ އޮތް ކަމެއް ބަދަލުކޮށްފީމެކޭ އެއީ ސްޕްރީމް ކޯޓް ވިޔަސް ނުބުނެވޭނެ. އަދި އެހެން ނޫނަސް ފަހުބަހަކީ ސަތޭކަ ފަހަރަށް ބުނެވޭނެ އެއްޗެއް ނޫން. އެއް ހާސް ފަހަރު ފަހުބަސް ބުނާ ނަމަ އޭ ކުޗް ގަޑްބަޑްހެއި....

The name is already taken The name is available. Register?

ރުމާލު10

13 May 2018

ފުރާޅުން ޓިނު ނަގާގެން ފަނޑިޔާރުން އުފުރާލެވިގެންނުވާނެ.

The name is already taken The name is available. Register?

ކަލާ 123

13 May 2018

އެއްވަނައިގެ ލިޔުމެއް! ލިޔުންތެރިޔާ ސައީދަށް އައްސަރިބަހާއި ސާބަސް! މިފަދަ ލިޔުންތެރިންނަށް ފުރުސަތު ދެއްވައި މިފަދަ ލިޔުންތައް އާއްމުންނަށް ފޯރުކޮށްދެއްވާތީ "މިހާރު"ގެ ވެރިންނާއި ހިންގުންތެރިންނަށް ވެސް ޝުކުރާއި ތަހުނިޔާ ދަންނަވަން!

The name is already taken The name is available. Register?

ޕޮކަންޑިމޭން

13 May 2018

ސްޕްރީމް ކޯޓް ފެނުނިއްޔާ އިނގޭނެތަ؟

The name is already taken The name is available. Register?

އަޖީތު

13 May 2018

ބާރެއް އޮތް އެންމެ މުއައްސަސާއެއްވެސް އެބަ އޮތްތޯ؟ ހުރިހާ ބާރެއް އޮތީ ރައީސް އޮފީހަށް ޖަމާކޮށްފައި.

The name is already taken The name is available. Register?

ޔުނައިޓެޑް އައްޑޫ

13 May 2018

މިލިޔުން ކިޔުމުގެ ބޭނުމެއްނެތް. ރައްޔިތުން ބޭނުންވެއްޖެނަމަ 3 ބާރުވެރ ވެރިން ބަދަލުކުރުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނަންވާނެ. އެއީ އޭރަކު ރައީސަކަށް ހުންނަ މީހާއަށް އޮންނަންވާ ބާރެއް ނޫން.

The name is already taken The name is available. Register?

ހާސަރު

13 May 2018

ކިތަންމެ ތަފްސީލްކޮށް ކަންއޮތްގޮތް ހާމަކުރިއެއްކަމަކު ހަމައެއް ލަމައެއް ގާނޫނެއް ނެތް ތަނެއްގައި ތިޔައިން އެކައްޗަކަށްވެސް ބެލުމެއް ނުއޮންނާނެއެވެ. އެންމެ ބާރުގަދަވާނީ ބަޑިއެވެ. އަދި އެބަޑިތަކުގެ ވެރިންނެވެ. އެއީ ރައްޔިތުން އަމިއްލައަށް ނިކަމެތިވެގަނެގެން ތިބިހާދުވަަހަކުއެވެ.

The name is already taken The name is available. Register?

ކިޔަވާ ސޮރު

13 May 2018

ސަޢީދު ސަރ ވަރަށް ރަގަޅަށް ޤާނޫނީ ހަމަ ރިޕޯޓްގައި ދައްކަވާފައިވޭ! އެހެންނަމަވެސް ރިފަރަންސް ދީފައި ޢިލްމީ ފާޑުކިޔުން ކިޔުމަކީ، ކޮންމެ މީހަކަށް ވެސް ކުރެވިދާނެކަމެއްކަމަށް ވާތީ ދަންނަވަމެވެ. ވަރަށް ބޮޑުކަމެއް މިރޭވާނޭ ކިޔާފައި އެމްޑީޕީ ހަރުގެ ކުރިމަތި ވަރަށް ވަރުގަދަ ސެލިބްރޭޝަން އަކަށް 1 ފެބް ހަވީރުން ފެށިގެން ތައްޔާރު ކުރުމުގެ އިތުރުން ލައުޑް ސްޕީކަރ ބަހައްޓާފައި ލޯރި ތައްޔާރުކުރި! މައުމޫން ހަނދުކޭތަ ހިފިރޭ ކޭތަ ނުފެނުނެއްކަމަކު "ވަރަށް އަވަހަށް ރީތި ކޭތައެއް" ފެންނާނެކަމަށް ވިދާޅުވި! އެމްޕީ ޢ. ޝާހިދު 1 ފެބް ހުކުރު ވިލޭރޭ ވަރަށް ބޮޑުކަމެއް ވާނެކަމަށް 2 ރޭކުރިން އިޢުލާނުކުރެއްވި! ފުރަތަމަ ސ ކޯޓްގެ ވެބްސައިޓްގައި އަމުރު ޕަބްލިޝްކުރިއިރު އެއްވެސް ފަޑިޔާރެއްގެ ސޮއި ނެތް! މިކަންކަމަށް ބަލާއިރު އަމުރު ނެރުނީ އިދިކޮޅަށް އެގިގެންނޭ ބުނުމުގެ ޖާގައެބައޮތް! މީ އިންސާފުތޯ؟ ރިފަރރަންސް: ސ. ކޯޓް ވެބްސައިޓް- މިހާރު ނޫސް- ރާއްޖެ ޓީވީ. 1 ފެބްރުއަރީ 18' ހަވީރު، ރޭގަޑު އެމްޑީޕީ ހަރުގެ ކުރިމަތި

The name is already taken The name is available. Register?

މަހީމް

13 May 2018

ބަޔަކަށް އެގުނަސް ނޭގުނަސް ސްޕްރީމް ކޯޓުގެ އަމުރެއް ތަންފީޒުނުކޮށް އޭގެ ބާރު ކަޑުވާލާ ސްޕްރީމް ކޯޓް ފަޅާލައިގެން އުއްތަމަ ފަޑިޔާރު ދަމާކޫއްތާފަ ޖަަލަށްލުން އެއީ އިންސާފުތޯ.

The name is already taken The name is available. Register?

މާމިނގިލީ ޒާހިރު

13 May 2018

ކުރިޔަށް ހުރި ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށް މޫސުމާއިބެހޭ އިދާރާތަކުން މާކުރިން ބުނަމުންދޭ. އެކަމަކު އެއީ ޤުދުރަތީ ކަމެއް. އެހެންވީއިރު އިންސާފު ވެރި ހުކުމެއް ނެރޭކަން އެގުމަކީ ވަރަށް އާދައިގެ ކަމެއް....

The name is already taken The name is available. Register?

ބޮޑެތި ހިކުމަތްތެރި ޢިލްމުވެރިއެއް

13 May 2018

ކިޔަވާ ސޮރު އަދި ކިޔަވައިގެން މޮޅުކުއްޖަކަންވާން މަސައްކަތްކުރޭ! އިހަށް ހޯމްވޯރކް ހަދާލަން އެއް މަސައްކަތް ހަވާލުކޮށްލަދޭނަން! ރައީސް ނަޝީދުގެ މައްސަލަ އަނބުރާގެނެސް ޓެރަރިޒަމުގެ ދަށުން ދަޢުވާ ކުރުމުން ދޭހަވާ ކަންކަމާ އިތުރު ދިރާސާ ކޮށްލައްވާ! ކޮންފަރާތަކުން ނުފޫޒު ވަދެ އޭގެ ސަބަބުން އަދުލު އިންސާފަށްއައި ލޮޅުން ބަލާ އިތުރަށް ތަހުލީލްކޮށް ފާހަގަކުރެވުނު މައްސަލަތައް އެކްސްޕާޓުންގެ ލަފާހޯއްދަވާ! އުއްމީދު ކުރަނީ މޮޅުކުއްޖަކަށްވާނެކަމަށް! އޭގެކުރިން ބޮޑެތި ހިކުމަތްތެރި ޢިލްމުވެރިންގެ ހިޔާލާ ލަފާ ހޯއްދަވާ! ޝުކުރިއްޔާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454