ނޯތު ހާބަރުގައި އޮތް ބޯޓަކަށް މުދާ އަރުވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
13 މެއި 2018 - 18:43
މި ހަފުތާގައި ފަށާ މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ރަށްރަށަށް ގެންދާ މުދާ އެތައް ގުނައެއް އިތުރުވެފައިވާ އިރު، އޮޑިދޯނިފަހަރަށް މުދާ ބަރުނުކުރެވިގެން މާލެ އިން ނުފުރި މާލޭގެ އުތުރު ފަރާތުު ފަޅުތެރެ ތޮއްޖެހިއްޖެ އެވެ.
އޮޑިވެރިން ބުނާ ގޮތުގައި ރޯދަ މަސް ފެށެން ދެތިން ދުވަހަށް ވެފައިވާ އިރު، މި ފަހަރު މި މައްސަލަ ކުރިމަތިވީ ދުވާލު ވަގުތުތަކުގައި މާލެތެރޭގައި އުޅަނދުފަހަރުގައި މުދާ އުފުލުން މަނާ ކުރުމާ ގުޅިގެން އޮޑިދޯނިފަހަރަށް މުދާ ބަރު ނުކުރެވިގެންނެވެ. ދުވާލު ވަގުތުތަކުގައި މާލެތެރޭގައި މުދާ އުފުލުން މަނާ ކުރުމުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށާއި އަދި ރޯދަ އަށް ރަށްރަށަށް ގެންދަންޖެހޭ މުދާ އިތުރުވުމުން އިންތިހާ އަށް ދަތިތަކާ ކުރިމަތިވަމުން ދާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ބައެއް ބޯޓުތަކުގެ ކައްޕިން ބުނެ އެވެ.
"ބޯޓު ބަރުކުރަން ކުރިން ނަގަނީ ހަފުތާއެއްހާ ދުވަސް. މިހާރު ބައެއް ފަހަރު އެބަ ނަގާ ތިން ހަފުތާ. ދުވާލު އެބަ އާދޭ ކުދި ފޮށިގަނޑުތައް ކަހަލަ އެއްޗެހި. އެހެންވެ އަނެއްކޮޅުން އެބަ ޖެހޭ ދުވާލު ވެސް މަސައްކަތުގަ އުޅެން،" އައްޑު އަށް މުދާ އުފުލާ ނަޒާ އެކްސްޕްރެސް ބޯޓުގެ ހުސައިން ޒައިދު ބުންޏެވެ.
ނޯތު ހާބަރުގައި ބޯޓަކަށް އަރުވަން ބަހައްޓާފައި ހުރި މުދާތަކެއް.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ނ. މިލަދޫ މަންޒިލް ބޯޓުގެ ކެޕްޓަން ގާބިލް އަހުމަދު ބުނީ، ދުވާލު މުދާ އުފުލުން މަނާ ކުރުމުން ދިމާވާ ދަތިތަކަކީ އޭނާ ބޯޓު ދަތުރު ކުރަން ފެށިތާ ހަ އަހަރު ވީއިރު، ކުރިމަތިވި އެންމެ ބޮޑު އުނދަގޫ ކަަމަށެވެ.
"ރޯދަ އަށް މުދާ ގެންދަަން މިތަން މި އޮންނަނީ ތޮއްޖެހިފަ. މުދާ ހިފައިގެން އަންނަ ޕިކަޕަށް، ކިއުގަ އޮވެގެން މިތަނަށް ވަދެވޭ އިރު ބައެއް ފަހަރު މި އޮންނަނީ ފަތިސްވާން ކައިރިވެފަަ،" ނޯތު ހާބަރުގައި އަޅާފައި އޮތް ބޯޓުގެ ކެޕްޓަން ބުންޏެވެ.
ބޯޓަށް މުދާ އެރުވުން މަޑުޖެހުމުން، އެހެން ބޯޓުތައް ބަނދަރާ ކައިރި ކުރަން ޖާގަ ނުލިބި، އެ ބޯޓުތަކަށް އަރުވަން ޖެހޭ މުދާތައް ބަނދަރުމަތީގައި ބަހައްޓަން ޖެހޭ ކަމަށް ވެސް ބައެއް ކައްޕިން ބުންޏެވެ. އެގޮތަށް ބަނދަރުމަތީގައި މުދާ ބަހައްޓަން ޖެހުމުން ވެސް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.
ނޯތު ހާބަރުގައި އޮތް ބޯޓަކަށް މުދާ އަރުވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
ބޯޓުތަކަށް ކާޑު އެރުވުމަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން ހަވީރު ހައެއް ޖެހުމާ އެކު އެއްފަހަރާ މުދާ އުފުލަން އުޅަނދުތައް ނުކުތުމުން، ފަހަކަށް އައިސް މާލޭގެ މަގުތައް ރޭގަނޑު ވަގުތުތަކުގައި ވަރަށް ބޮޑަށް ތާށިވެ އެވެ.
ރަށްރަށަށް ފޮނުވަން ބޯޓުތަކަށް ކާޑު ޑެލިވަރީ ކުރާ މީހަކު ބުނީ، ޓްރެފިކް ބާރު ބޮޑުވުމުން ބައެއް އޯޑަރުތައް ކެންސަލް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ބައެއް ބޯޓުތައް ކާޑު ނާރުވައި ފުރަންޖެހޭ ހާލަތްތައް ވެސް އަންނަ ކަމަށް އޭނާ ބުންޏެވެ.
"މިހާރު މި އޮންނަނީ 700-800 ވަރަކަށް ބަސްތާގެ އޯޑަރެއް އަޔަސް ޑެލިވަރީ ނުވެފަ. ބައެއް ފަހަރު ޑެލިވަރީ ލަސްވެގެން ދޯނިތަކުން ކާޑު ނުނަގާ ފުރައިގެން އެބަދޭ. އަނެއްކާ ބައެއް އޯޑަރުތައް އަހަރެމެންނަށް ޑެލިވަރީ ނުކުރެވޭތީ ދޫކޮށްލަން ވެސް ޖެހޭ،" އޭނާ ބުންޏެވެ.
ބައެއް އޮޑިވެރިން ބުނި ގޮތުގައި މާލޭ ބަނދަރުގައި މި ދުވަސްވަރު ބޯޓުތައް ތޮއްޖެހިފައި އޮތުމުން، ތޮށިގަނޑާ ކައިރި ނުކުރެވި ދެތިން ބޯޓުގެ ބޭރުގައި ބޯޓު އަޅައިގެން ތިން ހަތަރު ދުވަހު ވެސް ތިބެންޖެހެ އެވެ. އެހެންކަމުން ރަށްރަށަށް މުދާ ގެންދިއުމުގައި މި ދުވަސްވަރު ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވާ ކަމަށް އޮޑިވެރިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފް
14 May 2018
އިތުރު ވާހަކައެއް ނެތެވެ. ފެއިލްއެވެ. ރޯދަ މަހަކީ ކޮންމެ އަހަރަކު އެއް ފަހަރު އެނގިގެން އަންނަ މަހެކެވެ. ޓްރޮލީ އެއް ނުހުރެއެވެ. އުރުން ދުވަސްވީ މީހުން ކޮނޑަށް ބަރު އެއްޗެހި ލައިގެން ދާތީ ދެރަވެއެވެ. އެއީ އަގުބޮޑު އެއްޗެއް ނޫނެވެ.
އަހުމަދުބެ
14 May 2018
އިތުރު ވާހަކަ އެއ
ހެހެ
14 May 2018
ނުވާނެ. ހަމަ ތެދެއް؟ މިޔޮށް ފަޅު މާލޭގަ؟ އަހަރެން ގަބޫލު ކުރާނީ ރައީސް ބުނާއެއްޗެއް. މާލެ ތިހާ ބާރު ބޮޑު ކަމަށް ގަބޫލެއް ނުކުރަން. މާލެ އޮތީ ފަޅަށް.
ސަލީމް
14 May 2018
ޔާނުމިނު ކުރިޔަސް ކޮށްފައި މިއޮތީ ކަނޑުކޮހަކުވެސް ނުކުރާވަރުކަމެއް ސަރުކާރުން ދަޑިމާރު އަޅައިގެން މިގަވާއިދު ހިންގިއަސް ރައްޔިތުން މިތިބީ އެކަމާ ނުރުހިފައި އެ ނުރުހުން އަހަރުމެން ދައްކާނީ ވޯޓުލާދުވަހު ގަދަވާކޮޅެއް އެނގިދާނެތާ؟
ހާސަރު
14 May 2018
ބަޔަކަށް ކިތަންމެ ދަތިވިއަސް މިވެރިން ކުރަން ބޭނުންކަމެއް ކުރަނީ. ހަގީގަތުގައި މުދާއުފުލާ ބާލާ ގަޑިއަށް ގެނައި ބަދަލުން ވީ ފަސޭހައަށް ވުރެ ވާއުދަގު މާބޮޑު އިރުއޮއްސި 6 ޖެހުމާއި އެކު މާލެ ތެރެ އެއްކޮށް މިއޮންނަނީ ތޮއްޖެހިފަ. މުދާއުފުލުމަށް ހިގާ ޚަރަދު އެތައްގުނައެއް ބޮޑުވެއްޖެ. ވިލިގިލީ ފެރީޓަރމިނަލް ތޮއްޖެހި ހުއްޓޭ. އެންމެފަހުން މިއަޑުއިވުނީ ރައްރަށަށްވެސް މުދާނުގެންދެވި ދަތިވީވާހަކަ. ހުރިހާވެސް މައްސަލައަކީ މާލެއަށް ނުތަކާވަރަށް ދުއްވާ އެއްޗެތި ރަޖިސްޓްރީ ކޮށްދީ ޕާރކުކުރެވޭނެ ގޮތެއްނެތި މަގުތަކުގެ ދެފަރާތް ޕާރކްކުރަން ފެށުން. މިހާރުވެސް ޕާރކިންނަށް ހައްލެއްގެނައިމަ ހުރިހާ ވަގުތެއްގާވެސް މުދާއުފުލިއަސް ދައްޗެއް ނުވާނެ.
ސައިނީ
14 May 2018
ސަރުކާރުން ވިސްނަނީ ހުޅުމާލެ ނުވަތަ ތިލަފުއްޓައް ތިކަން ބަދަލުކޮށްލަން
މަ މިއު މަ
14 May 2018
ކުރިން ހަފްތާއަކު ދެ ދަތުރު އަޅާ އޮޑި ފަހަރަށް މިހާރު އެޅެނީ އެއް ބުރު. #ފެއިލް
ސަރުކާރު
14 May 2018
ނޯވޮރީސް ފެނޭ ހުޅުމާލެއަށް ބަދަލުކޮށްލަން އޭރުން މިކަން ހައްލުވީ
އެހެލާ
14 May 2018
ކުރިން 24 ގަޑިއިރަށް ބެހިގެން ކުރި މަސައްކަތް މިގޮތަށް ހަދާލީމަ، ދަތި އުނދަގޫނުވާ އެއްވެސް މީހަކު ނެތެވެ. ތަކެތީގެ އަގު އެހާ ބޮޑު. ލިބުން އެހާ އުނދަގޫ. މަގުމައްޗަށް އެއްވެސް ވަގުތަކު ނުކުންނަން އެހާ ދަތި. މީހުންނަށް އުނދަގޫކޮށް ބިކަކުރަންވެސް ހައްދެއް އޮންނާނެ. ހިތައްއަރާ މިމުޞީބާތުން ސަލާމަތްވާނީ ކޮންދުވަހަކުންބާއޭ1
މަރޭމިތުރާ
14 May 2018
ވިސްނުމެއްނެތި ކޮށްފިކަމަކުން ދޭހުގާ!!! ގިސްލަމުން ހިތާމަކުރަންޖެހޭ ރައްޔިތުން.
ާއިޙްލާސް
14 May 2018
ފިނިކޮޓަރިތަކުގަ ތިބެގެނެއް މިކަން ރަގަޅެއް ނުވާނެ.