ސްމިރްތީ އިރާނީ: އައިއެންޑްބީ މިނިސްޓަރުގެ މަގާމުން މިހާރު ވަކިކޮށްފައި.
15 މެއި 2018 - 11:08
މިހާރު ފްރާންސްގައި ކުރިއަށްދާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވާން އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން (އައިއެންޑްބީ) މިނިސްޓަރު އަދި ކުރީގެ ބަތަލާ ސްމިރްތީ އިރާނީ ތައްޔާރުވަމުން އަންނަނިކޮށް އިއްޔެ އޭނާ މަގާމުން ވަކިކޮށްފި އެވެ.
އައިއެންޑްބީ މިނިސްޓަރަކަށް މީގެ 14 މަސް ކުރިން ސްމިރްތީ އައްޔަންކުރި އިރު އޭނާއަކީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުގެ ޓެކްސްޓައިލް މިނިސްޓަރު ވެސް މެ އެވެ. އައިއެންޑްބީ މިނިސްޓަރުގެ މަގާމުން ސްމިރްތީ ވަކިކުރި ނަމަވެސް އޭނާ ޓެކްސްޓައިލް މިނިސްޓަރުގެ މަގާމުގައި ދެމި ހުންނާނެ އެވެ.
އެކްތާ ކަޕޫރް ގެނެސްދިން މަޝްހޫރު ޓީވީ ސިލްސިލާ "ކިޔުކީ ސާސް ބީ ކަބީ ބަހޫތީ" ގައި ތުލްސީގެ ރޯލް ކުޅެގެން އެތައް ބައެއްގެ ލޯބި ހޯދި ސްމިރްތީ، 42، އަކީ މޯދީގެ ސަރުކާރުގައި އަބަދުވެސް ވަރަށް ނުފޫޒު ގަދަ މިނިސްޓަރެކެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރިން ކޮށްފައިވާ ސްމިރްތުވަނީ މޯދީގެ ސަރުކާރުގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމު ވެސް 2014-2016 އަށް އަދާކޮށްފަ އެވެ.
އޭނާ އައިއެންޑްބީ މިނިސްޓަރުގެ މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. އަބަދު ވެސް ފިލްމީ ދާއިރާގެ ވަރަށް ގިނަ ބައެއްގެއް ފާޑުކިޔުންތައް އަމާޒުވެފައިވާ އެ މިނިސްޓްރީ މިހާރު ހަވާލުކޮށްފައި ވަނީ ޑެޕިއުޓީ މިނިސްޓަރަކަށް ހުރި ކުރީގެ ޕްރޮފެޝަނަލް ޝޫޓަރު ރަޖިވަރްދަން ރާތޯޑްއާ އެވެ.
ސްމިރްތީ، ބޮޑުވަޒީރު މޯދީއާ އެކު: އޭނާއަކީ ނުފޫޒު ގަދަ މިނިސްޓަރެއް.
ކާންސް ފިލްމް ފެސްޓިލްވަގައި ސްމިރްތީ ބައިވެރިވާން ދެ ދުވަހަށްވެފައި ވަނިކޮށް އޭނާ އައިއެންޑްބީ މިނިސްޓަރުމަކުން ވަކި ކުރުމާ ގުޅިގެން ކާންސްގައި އިންޑިއާގެ ރަސްމީ އިދާރާއެއްގެ ވެރިއެއްގެ ގޮތުން މިހާރު ބައިވެރިވާން ނިންމާގައި ވަނީ ސެންޓްރަލް ބޯޑް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) ގެ ޗެއާމަން އަދި މަޝްހޫރު ޅެންވެރިޔާ ޕްރަސޫން ޖޯޝީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy