އިސްކަންދަރު ސްކޫލުގެ ޓީޗަރަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (ކ)، ޓެބްލެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
21 މެއި 2018 - 14:11
ސްކޫލުތައް ޑިޖިޓައިޒްކޮށް ޓީޗަރުން ބޭނުންކުރާނެ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުންނަށް މިއަދު ބަހަން ފަށައިފި އެވެ.
އެ މިނިސްޓްރީން އެންމެ ފުރަތަމަ ޓެބްލެޓް ބެހީ އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށެވެ. މި ހަފުތާގެ ތެރޭގައި މާލޭގެ ސްކޫލުތަކަށް ޓެބްލެޓް ބަހައި، އަންނަ ހަފުތާގައި ރަށްރަށުގެ ސްކޫލުތަކަށް ޓެބްލެޓް ބަހަން ފަށާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭން ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓެވެ. އެ މަޝްރޫއުގެ ދަށުން މިހާރު ވަނީ 70،000 އަށްވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނެސްފަ އެވެ.
އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ތައުލީމީ ނިޒާމު ބަދަލުކޮށް ދަރިވަރުން ތައްޔާރުކޮށްދެމުން އަންނަނީ ކާމިޔާބު ދިރިއުޅުމަށް ކަމަށެވެ.
އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މިނިސްޓަރު ވިދާޅުވީ ދުނިޔެ އަށް އަންނަ ތަރައްގީއާ އެއްވަރަށް ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭ އެއްޗިއްސާއި ދަސްކޮށްދޭންޖެހޭ ކަންތައްތައް ބަދަލުވާންޖެހޭ ކަމަށެވެ. ސްކޫލުތައް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއަކީ އޭގެ އެއް މަސައްކަތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއަރައި ދަރިވަރުން ހޯދަމުން އަންނަ ނަތީޖާ ރަނގަޅުވަމުން އަންނަ ކަމަށެވެ.
"..ކުދިންގެ ވަކިވަކި ހުނަރުތަކަށް ދެވޭ ހިދުމަތް، މިސާލަކަށް ކުޅިވަރުގެ ދާއިރާ އިން ކުރިއަށް ދިއުމަށް ބެލިކަމުގައި ވިއަސް އަދި އޭގެ މުހިއްމު ކަމެއްގެ ގޮތުގައި، ސްކޫލުތަކާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުމަށް ވިއަސް، މި ހުރިހާ ކަމަކަށް ބެލިއަސް ތައުލީމީ ދާއިރާ އަށް ބޮޑު ކުރިއެރުންތަކެއް އެބަ އާދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ދަރިވަރުންނަށް ޓެބްލެޓު ހަވާލުކުރުމުގެ ކުރިން ރައްކާތެރި އެއްޗެއްގެ ގޮތުގައި އެ ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެ ކަންތައްތައް ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެ ރަސްމިއްޔާތަށް ފަހު އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ އަންނަ ހަފުތާގައި ގްރޭޑް 1-12 އަށް ކިޔަވައިދޭ ހުރިހާ ޓީޗަރުންނަށް ޓެބްލެޓް ބަހާ ނިންމާލާނެ ކަމަށެވެ. އަދި ދެ ވަނަ ޓާމު ފެށުމުން ދަރިވަރުންނަށް ވެސް ޓެބްލެޓް ބަހާނެ ކަމަށް ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ އެ މަޝްރޫއަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައި ކުރުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އެހެންވެ ދެ ވަނަ ޓާމުގައި ދަރިވަރުންނަށް ޓެބްލެޓް ބަހައި ބޭނުންކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ޓެބްލެޓްތައް ބޭނުންކުރުމުގެ ކުރިން ޓީޗަރުން ކުރު މުއްދަތުގެ ކޯހެއް ފުރިހަމަކޮށް އެ ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދީފައިވާ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުން ޓެބްލެޓް ބޭނުން ކުރާއިރު، އެއިިން ކުރާ ބޭނުންތައް ބެލޭނެ ގޮތްތައް ވަނީ ހަމަޖައްސައިފަ އެވެ. އެހެންވެ ދަރިވަރުންނަށް އެކަށީގެންނުވާ އެއްވެސް ބޭނުމެއް ޓެބްލެޓުން ބޭނުން ނުކުރެވޭނެ ފާހަގަކުރެއްވި އެވެ.
"ބެކްގްރައުންޑުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް އެބަހުރި. ރާއްޖޭގެ ހުރި ހުރިހާ ސްކޫލަށް މިވަރުގެ ކަމެއް ރޯލް ކުރެވިގެންދާއިރު މިކަމުގެ ފަހަތުގައި ހިނގާ ކަންތައްތައް އެންމެ ބޮޑު ކަމަކީ. މީގެ އެންމެ ކުޑަ މިންވަރަކީ ޑިވައިސެއް ހޯދާލާފައި އެ އެއްޗެހިތައް ބަހާލުން. ކުރިއަށް ހުރި މަސައްކަތްތައް ވެސް ބޮޑުވާނެ. އެއީ ޓީޗަރުން ކިޔަވައިދިނުމުގެ ކޮންޓެންޓާ ގުޅޭ ކަންތައްތައް،" ޝަފީއު ވިދާޅުވި އެވެ.
ފޮތްތަކާއެކު މިއަހަރުގެ ދެ ވަނަ ޓާމުން ފެށިގެން ޓެބްލެޓް ބޭނުންކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިހާމް
22 May 2018
ކުދިންނަށް ގްރޭޑް ރިޕޯޓް ދިނުން ހުއްޓާލާ، ކޮމްޕިޓަރު ޓެބްލެޓް ތަޢާރަފްކޮށް ދަރިވަރުން ހަލާކު ކުރައްވަންތޯ ތިއުޅުއްވަނީ، މިނިސްޓަރު. އާދެ، ދިިރާސާތަކުން ދައްކާ ގޮތުގައި ފޮތް މެދުވެރިކޮށް ކިޔަވާ ކުދިންނަށްވުރެ، ކޮމްޕިއުޓަރ ޓެބްލެޓް ފަދަ ޑީވައިސް ތަކުން ކިޔަވާ ކުދިން އޭގެން ކިޔެވި އެއްޗެއް ފަހުން ހަނދާން ނުހުންނަލެއް އަވަސް، އިނގޭތޯ!
ޖާސޫސް
22 May 2018
ވައިފައި އަކީ އެއިން ރޭޑިއޭޝަންގެ އަސަރުކުރާ ގެއްލުންތަކެއްވާ އެއްޗެއް. ފޮތަކަށްވުރެ ޓެބްލެޓެއް ރަނގަޅެއް ނުވާބެ. ޓެބްލެޓުން ކުއްޖާއަށް ފާރަލެވޭނެ. މީގެ ފަހަތުގަ ފޮރުވިފާވާ ސިއްރު އެޖެންޑާ އަކީ ކޮބާބާ؟
ހަޑިގިއްލާ
22 May 2018
ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަކީ އެހެން ގައުމުތަކުގެ ފަހަތުން ދުވަމުންދާ ނިޒާމެކެވެ. ކުރިއަރާފައިވާ ގައުމުތަކުގައިވެސް ދަރިވަރުންނަށް ޓެބްލެޓްބަހައި ހަދާފައެެއް ނުވެއެވެ މަޝްހޫރު އޮކްސްފޯޑު އަދި ހަވާޑް ޔުނިވާސިޓީގައިވެސް ފޮތާ ފަންސުރު ދޫކޮށްލާ ޓެބްލެޓަކަށް އަދިވެސް ބަދަލެއް ނުކުރެއެވެ. ނަމަވެސް ދުނިޔޭގައި އެއްވެސްބަޔަކު ނުކުރާކަމެއް ކޮށްލަނީކަމަށް ވާނަމަ ދެންބުނާނެ އެއްޗެތް ނެތެވެ. އެކަމުގެ ހުރިހާވެސް ޝަރަފެއް އޮތީ ސަރުކާރަށެވެ. ހުރިހާ ލައްޒަތެއް ހުއާވޭއާ ޑީލްގެ ބައިވެރިންނަށެވެ.
ކަލޯ22
22 May 2018
މަ ބުނަން އޮތް ވާހަކަ އަކީ ތިޔަ އުޅޭ ޓީޗަރުންނަށްވުރެ ދަރިވަރުން ވެސް ތިޔަ ޓެބް އަށް މާފަރިތަވެފަ މޮޅުވާނޭ. އެންޑްރޮއިޑް ޓެބް ބޭނުން ގޮތަކަށް އަނބުރާލާނޭ. ވިސްނާ
ހަސަސް
22 May 2018
ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ތިޔަ ޓެބްލެޓް ތައް އެޑިއުކޭޝަންގެ ކޮންމެވެސް ގުދަނެއްގައި ދަބަރަށް ވެފައި ހުއްޓާ އުކާލަން ލޮރީތަކަށް ލޯޑު ކުރާމަންޒަރު ދިވެހިންނަށް ފެންނާނެ.
ދާލު
21 May 2018
އަބަދުވެސް އިސްކަންދަރު، މިނޫން ސްކޫލެއްނެތީތަ މިމާލޭގެ. ތިއީ ފުކެއްބޮޑުވަރު ތަފާތު ކުރިއަސް. މިނިސްޓަރުންގެ ދަރިން ދާތަނޭކިޔާފަ
ދޯ
21 May 2018
ދަރިވަރުންނަށް ރަނގަޅިއްޔާ މަ ވެސް ވަރަށް ތާއީދު. ޖުމްލަކޮށް ބުނަންޏާ މިނިސްޓަރ ވަރަށް ބުރަކޮށް މަސައްކަތްކުރައްވާކަމަށް މަ ގަބޫލުކުރަން.
މައިނޭމް އިޒް އެކުސް
21 May 2018
ޓީޗުންނަށް ޓެބްލެޓް ދީފައި ދަރިވަރުންނަށް ޓެބްލެޓް ދިނީމައި ނިމުނީ ތައުލީމުދޭނެކަމެއް ނެތް
ފޒުހޖ
21 May 2018
ތިޔައީ ބަޔަކަށް ބޮޑުފައިދާގަނޑެއް ލިބޭގޮތަށް ކުރިކަމެއް. މެކްސްކޮމް ކިޔާބަޔަކު ވަނީ މުއްސަދިންނަށްވެފަ. 32 ޖީބީ ގެންނަން ޖެހޭގޮތަށް އޮށްވާ 16 ޖީބީ އަށއ ބަދަލުވީކީއްވެ? އަދި ޗައިނާގެ ހުއާވޭ
ލަސްސަ
22 May 2018
މެކްސްކޮމް އަކީ ވާވޭގެ އޮޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ. އެމީހުންވެސް ހުށަހެޅީ ޕްރޮޕޯސަލް އެއް. އެންމެ ކަމުދާ އެއްޗެއް ނެގާނީ. ދެންވެސް ޝުކުރުވެރި ވެވޭތޯ ބަލާބަލަ މިވަރުކަމެއް ވީތީ. ކަލޭމެންކަހަލަ މީހުނަށް ބަހަނާ ދެއްކުން ނޫން ކަމެއް ނޯންނާނެ. ހަޖަމް ކުރާ ނިޒާމް އޮންނަނީ މައްސަލަޖެހިފަ.
ފާރި
21 May 2018
ރޯޔަލް ސްކޫލްތަކަށް ދޯ ފުރަތަމަ. ތަފާތުކުރިއަސް ބޮޑުވަރުތީ...
ހަސް
22 May 2018
ޝަކުވާ ކުރެވޭތޯ ބަލާ. ޝަކުވާ ކޮއްލަ ކޮއްލާ ތިބޭ. މީ ދިވެހިންގެ ފެންވަރު.