ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ދެ ވަނަ ދައުރަކަށް އެމަނިކުފާނަށް ރިޔާސީ ޓިކެޓް ދޭން ކައުންސިލުން ވަނީ ނިންމާފައި. ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
23 މެއި 2018 - 14:50
ރިޔާސީ ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭން ނިންމީ އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް، ހުދުމުހުތާރުކޮށް ކަމަށް ބުނެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ޕީޕީއެމަށް ފާޑުކިޔާ މީހުން ސިފަކުރި ގޮތުގައި، ރައީސް ޔާމީން "އާއްމު މެމްބަރުންގެ އަތުން ޓިކެޓް ޖަހައިގަތީ" އެވެ. އެ މީހުން ދެކޭ ގޮތުގައި، ޕާޓީގެ ޓިކެޓް ދިނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށެވެ.
ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި، އެ މަނިކުފާނަށް ޓިކެޓް ދޭން ނިންމީ ކައުންސިލްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށް ޕީޕީއެމުން ބުނެ އެވެ. މައިގަނޑު ސަބަބަކީ އެ މަނިކުފާނު ފައްޓަވާފައިވާ ތަރައްގީގެ މަސައްކަތްތައް ނިންމަން އިތުރު ފުރުސަތެއް ދިނުމެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަށް ފަހު، އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދެ ވަނަ ދައުރަކަށް ރައީސް ޔާމީނަށް ޓިކެޓް ދޭން ނިންމީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (އ)އާ އެއްގޮތަށް ކަމަށެވެ. އެއީ، އެ ޕާޓީގެ ޓިކެޓުގައި ހޮވިވަޑައިގެން ހިނގަމުންދާ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ، ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ނަމަ ޕްރައިމަރީއަކާ ނުލައި އެ ބޭފުޅަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދެވިދާނެ ކަމަށް ބުނެފައި އޮންނަ މާއްދާ އެވެ.
އެއާ ވިދިގެން، އެ މާއްދާގައި އޮތް ބައި އޭނާ ވިދާޅެއް ނުވެ އެވެ. އެ މާއްދާގައި ދެން އޮތީ މިހެންނެވެ؛ "ނަމަވެސް، ޕާޓީގެ މުސްތަޝާރާ ވާދަކޮށް، ޕާޓީގެ ޓިކެޓް ހޯދުމަށް އިތުރު މެމްބަރަކު ނުވަތަ މެމްބަރުންތަކެއް ޝައުގުވެރިކަން ފާޅުކޮށްފައިވާ ނަމަ، އެ މެމްބަރަކު ނުވަތަ މެމްބަރުންނަށް ޕްރައިމަރީއަކަށް ގޮސް ޕާޓީގެ މުސްތަޝާރާ ވާދަކޮށްގެން ޓިކެޓް ހޯދުމުގެ ފުރުސަތު ދޭން ފެނޭތޯ، އެ ރިޔާސީ އިންތިހާބުގެ ތާރީޚާ އެންމެ ކައިރިކޮށް ބޭއްވޭ ޕާޓީގެ ގައުމީ ޖަލްސާއެއްގައި މަންދޫބުންގެ ވޯޓަކުން ނިންމަންވާނެ އެވެ. އަދި އެގޮތަށް އެ މެމްބަރުންނަށް ފެންނަ ނަމަ ޕްރައިމަރީއެއް ބާއްވަން ޖެހޭނެ އެވެ."
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިން ގޮތާ މެދު ނުރުހުން ފާޅުކުރާ ބައެއް މީހުން ބުނި ގޮތުގައި، އެމްޑީޕީ އަށް ވުރެން ޕީޕީއެމްގެ ހާލަތު މާ ގޯހެވެ. ސަބަބަކީ، ރިޔާސީ ޕްރައިމަރީއަކަށް ހުޅުވާލަން ވެސް ނުކެރި، ޓިކެޓް ދިނުމެވެ.
މި މަހު 30 ގައި އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލެއްވުމުން އެންމެ ބޮޑަށް ފާޑުކިއުން އަމާޒުކުރީ ޕީޕީއެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނެވެ. އެހެން މީހަކަށް ފުރުސަތު ނުދީ، ރިޔާސީ ޓިކެޓަށް ނަޝީދު ކުރިމަތިލެއްވުން ބޮޑު މައްސަލައަކަށްވި އެވެ.
ރިޔާސީ ޓިކެޓަށް އެހެން ބޭފުޅަކު ޝައުގުވެރިކަން ނެތް ނަމަ، ދެ ވަނަ ދައުރަކަށް ރައީސަށް ރިޔާސީ ޓިކެޓް ދެވިދާނެ ކަމަށް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި އޮންނައިރު، މިއީ، ބައެއް ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެވެ.
މައްސަލައަކީ، ޕާޓީގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން ޚިލާފަށް ޓިކެޓް ދިނުން ކަމަށް ޕީޕީއެމުން ވަކިކޮށްފައިވާ، މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވި އެވެ. ރައީސް ޔާމީނަށް ޓިކެޓް ދެވޭނީ، ރިޔާސީ ޓިކެޓަށް ފުރުސަތު ހުޅުވާލައި، ޝައުގުވެރިވާ އެހެން ބޭފުޅަކު ނެތް ކަން ޔަގީންކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"ޝައުގުވެރިވާ މީހަކު ހުރިތޯ ބަލަން، އެންމެ ކުޑަމިނުން އިއުލާންކުރަން ޖެހޭނެ. ޔަގީން ކަށަވަރު ވަނީ، އިއުލާންކުރި ނަމަ ރިޔާސީ ޓިކެޓަށް ވާދަކުރާނެ އެހެން ބޭފުޅުން އެ ޕާޓީގައި ތިއްބަވާނެ. އެ ބޭފުޅަކާ އެކު ރައީސް ޔާމީން ޕްރައިމަރީގައި ވާދަކޮށްފި ނަމަ ބަލިވާނެ. ޕާޓީގެ އާއްމު މެމްބަރުންގެ ތާއީދެއް ވެސް އެ މަނިކުފާނަކަށް ނެތް،" އަމީތު ވިދާޅުވި އެވެ.
"ރިޔާސީ ޓިކެޓާ ގުޅޭ ގާނޫނީ މަރުހަލާތައް ފުރިހަމަ ނުކޮށް، އާއްމު މެމްބަރުންގެ އަތުން ޓިކެޓް މި ޖަހައިގަތީ. ޑިމޮކްރަސީއާ މުޅިން ބީރައްޓެހި، ޚުދުމުހުތާރު ގޮތަކަށް، އެ މަނިކުފާނު ރިޔާސަތުގައި އިންނަވައިގެން ޓިކެޓް މި ނެންގެވީ."
އަމީތު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އަސާސީ ގަވާއިދު މުގުރާލާފައި އެ ޕާޓީގެ ޓިކެޓް ދިނުމަކީ އިންސާފެއް ނޫނެވެ.
ޖަލަށްލާފައިވާ ކުރީގެ ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު އެންމެ ބޮޑަށް ޚިޔާލުތަފާތުވުން އުފެދުނު އެއް މައްސަލައަކީ ވެސް ރިޔާސީ ޓިކެޓްގެ މައްސަލަ ކަން އަމީތު ފާހަގަކުރެއްވި އެވެ. ރައީސް ޔާމީނަށް، ޓިކެޓް ދޭން ޕެޓިޝަނެއްގައި ސޮއިކުރަން ފެށުމުން، އެ ގޮތަށް ޓިކެޓް ދެއްވަން މައުމޫން ދެކޮޅު ހެއްދެވި އެވެ.
އެ ޚިޔާލު ތަފާތުވުންތަކާއި ދެން ކުރިމަތިވި މައްސަލަތައް ހައްލު ނުވެ އެންމެ ފަހުން މައުމޫން ވަނީ ޕީޕީއެމުން ވަކިކޮށްފަ އެވެ.
"ރައީސް މައުމޫން ވަކާލާތު ކުރެއްވި ޕާޓީގެ އަސާސީ ގަވާއިދު މުގުރާލާފައި އެއްވެސް ބޭފުޅަކަށް ޓިކެޓް ނުދޭން. އަސާސީ ގަވާއިދުގައި އޮތީ ދެ ލޯ މަރާލާފައި ބޭނުން މީހަކަށް ޓިކެޓް ދިނުމެއް ނޫން. އެއީ ޑިމޮކްރަސީގެ ހަމައެއްގެ ގޮތުގައި ބަލައިގަނެވޭނެ އެއްގޮތެއް ވެސް ނޯންނާނެ،" އަމީތު ވިދާޅުވި އެެވެ.
ރިޔާސީ ޓިކެޓް ދިން ގޮތާ މެދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާގެ ފާޑުކިއުން އަމާޒުކުރެއްވީ އިލެކްޝަންސް ކޮމިޝަނަށެވެ. އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ފޭރިގަތް އިރު އިލެކްޝަންސް އޮތީ ދެ ލޯ އަނދިރިވެ، ކަންފަތް ބީރުވެ، ހޭނެތިފައިތޯ ރޮޒައިނާގެ ޓުވީޓުގައި ސުވާލު އުފެއްދެވި އެވެ.
"ނުކުރޭނެ މިކަމަށް ޗުއްޕު ވެސް ބުނަން. ފޭރިގަތް ޕާޓީގެ ރިޔާސީ ޓިކެޓް ވެސް ފޭރިގަތީއޭ މުޅި ދުނިޔެ އެބަ ގޮވާ. އިލެކްޝަންސް ކޮމިޝަނަށް އަޑު އިވޭތަ؟" ރޮޒައިނާގެ ޓުވީޓްގައި ސުވާލު އުފައްދާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާދާސީދާ
24 May 2018
ޕީޕިއެމްގެ އަސާސީ ޤަވާޢިދާއި ޚިލާފަށް ދިން ޓިކެޓެއް. ވުމާއިއެކު އެއީ ޣައިރު ޤާނޫނީ ކަމެއް.
މާރިޔާ
24 May 2018
މަރުހަބާ ރައީސްޔާމިން
99
24 May 2018
ހިޔާލު123 ބޯއެބަހުރިތަ
އަލްޖިބްރާ
23 May 2018
ކޮބާ އީސީ ؟ ވަކިބަޔަކު ކުރީމަ ، އެއީ ޤައުމު ވިއްކާލުންވިއަސް އޯކޭ އެހެންނު ؟ ކޮބާތަ ތިކިޔާ އަސާސީ ޤަވާއިދު ؟
މަރޭމިތުރާ
23 May 2018
މަގޭވޯޓް މިގައުމުގެ ވަރަށްބޮޑު އަމާނާތެއް!.... އަގައް ވިއްކާލުމީ މިގައުމަށްވާ ހިޔާނާތެއް!
ސަމާ.
23 May 2018
ރައްޔަތުންގެ ތާއީދާ ލޯބި ނެތީމާ ކަންތަށް ކުރަންޖެހޭނީ މިގޮތަށް.
ނުނން
23 May 2018
ބުނާނެ އެކަޗެއްވެސް ނެތް !
މުލުވަގު
23 May 2018
މުޅިންވެސް ވަލުދޮރާށިން ކަންކަން ނިންމާ ބައެއް ތީ
ޢާލަމް
23 May 2018
ހެހެހޭ! ކުދިންނޭ ޕީޕީއެމް ގައި މެންބަރުން އިންތިހާބް ކުރި ނައިބްރައީސް އެއްވެސް ރައީސްއެއްވެސް މިހާރަކު ނެތް މުޅިންވެސް އެތިބީ ގަދަބާރުން އަރާތިބި މީހުން އެހެންވީމަ ދެން ހުރިހާކަމެއްވެސް ދާނީ ނުގަވާއިދުން
ބައްޕަ
23 May 2018
މީތޯ އެވިދާޅުވާ ގަޓަކީ؟