ޕީއެސްއެމް: އެ ކުންފުނި އަތުން 1.3 މިލިއަން ހޯދަން މީޑިއާ ނެޓުން ދައުވާކުރިޔަސް އެ ފައިސާ ނަގައި ދެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
29 މެއި 2018 - 16:13
ދައުލަތުގެ މީޑިއާ ކުންފުނި ޕީއެސްއެމްގެ މައްޗަށް، 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މީޑިއާ ނެޓުން ދައުވާ ކުރިޔަސް، އެ ފައިސާ ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މީޑިއާ ނެޓުން ޕީއެސްއެމްއާ ދެކޮޅަށް ދައުވާކުރީ ކުރިން މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްްއެންބީސީ) އިން ދައުލަތުގެ މީޑިއާ ހިންގިއިިރު، އެމްއެންބީސީގެ ދަށުގައި އޭރު އޮތް ޗެނަލެއް ކަމަށްވާ ޔޫތު ޓީވީއަށް 2009 ވަނަ އަހަރުން ފެށިގެން މީޑިއާ ނެޓުން ފޯރުކޮށްދިން ޚިދުމަތްތަކެއްގެ އަގު ހޯދުމަށެވެ.
އެ ފައިސާ ޕީއެސްއެމްގެ ފަރާތުން ނަގައިދެވެން ނެތް ކަމަށް ނިންމައި، ސިވިލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމްކުރީ އެމްއެންބީސީގެ މުދަލާއި ވަސީލަތްތައް ޕީއެސްއެމްގެ ދަށަށް ބަދަލުވިއިރު، ޔޫތު ޓީވީގެ މުދަލާއި ވަސީލަތްތައް ޕީއެސްއެމްގެ ދަށަށް ބަދަލުވެފައި ނެތުމުންނެވެ.
ކޯޓުގެ ހުކުމުގައިވަނީ އެމްއެންބީސީން ދައުލަތުގެ މީޑިއާ ހިންގަމުން ދަނިކޮށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ ގާނޫނަށް އަމަލު ކުރަން ފެށުމުން އެމްބީސީގެ ދަށަށް ބަދަލުވެގެން ދިޔައީ އެމްއެންބީސީގެ ދެ ޗެނަލެއް ކަމަށެވެ. އެ ގާނޫނުގެ ދަށުން އެމްބީސީގެ ދަށަށް ބަދަލުވީ ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑު ކަމަށާއި އަދި ދެ ޗެނަލްގެ ވަސީލަތްތަކާއި ހަދާފައިވާ އެއްބަސްވުންތައް ވެސް އެމްބީސީގެ އެ ގާނޫނުގެ ދަށަށް ބަދަލުވި ކަމަށް ހުކުމުގައިވެ އެވެ.
އޭގެފަހުން ޕީއެސްއެމްގެ ގާނޫނު 2015 ގައި ވުޖޫދު ވުމާ އެކު، ޕީއެސްއެމްގެ ދަށަށް ބަދަލުވީ އެހާތަނަށް އެމްބީސީގެ ދަށުގައި ހުރި މުދަލާއި ވަސީލަތްތައް ކަން ވެސް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި އެމްބީސީގެ ދަށަށް ބަދަލުވެފައި ނެތް ޗެނަލަކާ ގުޅިގެން މީޑިއާ ނެޓާއި އެމްއެންބީސީއާ ދެމެދު ހަދާފައިވާ އެއްބަސްވުުމެއްގެ ދަށުން ޕީއެސްއެމް ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ކޯޓުގެ ހުކުމުގައިވަނީ ޔޫޓް ޓީވީ ކިޔާ ޗެނަލަކާ ގުޅިގެން އެމްއެންބީސީ އާއި މީޑިއާ ނެޓާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ޕީއެސްއެމް އިން އުފުލަން ޖެހޭނެ ގާނޫނީ ޒިންމާއެއް ނެތް ކަމަށެވެ. އެހެންވެ، މީޑިއާ ނެޓުން އެދުނު 1.3 މިލިއަން ރުފިޔާ ނަގައި ނުދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަދި
30 May 2018
އެކި އެކި ނަންތައް ބަދަލަުކޮށް މީހުންގެ ހައްގުތައް ނުދީ.ހެޔޮްނުވާ ނެއެއްނު
ޙުސެން
30 May 2018
ޔޫތުޗެނަލް އޭ ދައުލަތުގެ ޗެނަލެއްނޫންތަ. ޢެޗެނަލް ރަގިސްޓްރީކޮށްފަ އޮތީ ކޮންފަރާތެއްގެ ނަމު.
އަލީ ނާޒިމް
29 May 2018
ވަރައް ސަޅި! ޖަލައް ހުކުމް ކޮއްފަ ތިބި މީހުން މިހާރު ޖަލަކު ނެތޭ، އެހެންވީމަ ހުކުމެއް ދެނެއް ނޯންނާނެޔޭ ބުނާކަހަލަ! ކޮންހިސާބަކުންތަ، ދިވެހި ރާއްޖޭގެ ހުރިހާ މުއައްސަސާއެއްގެ އިތުބާރު ގެއްލުނީ؟؟
ވާލުސޮރު
29 May 2018
ތިޔަ ޢަދަދުގެ %50 ދޭން މީޑިއާ ނެޓުން އެއްބަސްވަނިކޮށް ތިޔަ ފައިސާ ހޯދުމުގަ އެހީތެރިވެދޭން މަ ތައްޔާރު. ސީރިއަސްކޮށް މިބުނީ.
އަޝްމަލީ
29 May 2018
ޕީއެސްއެމްއަކީ ރުމާލު ދޭއްގެ ޖަގަހައެއް. މީޑިއާނެޓަށް އިންސާފު ލިބޭނެ ގޮތަކީ މިއަދު ނެތް ގޮތެއް.
ނނލލ
29 May 2018
ޔޫތު ޓީވީގެ ދަށުން ވެފަ ހުރި އެއްބަސްވުން ތަކާއި އެއްޗެހި ދިޔައީ ދެން ކިންތަނަކަށް.. ޔަޤީނުންވެސް ޔޫތު ޓީވިގައި ބޭނުން ކުރި މުދާ ޕީއެސްއެމް އިން ހުންނާނެ ބޭނުންކޮއްފަ.. ދެން މީޑިޔާނެޓްގެ ހައްޤު ކޮންފަރާތަކުން ހޯދަނީ...
ކަޅުސޮރު
29 May 2018
ޢެހެންވިއްޔާ އޭގަ ސޮއިކުރިމީހުން އަތުންނަމަވެސް ބައެއްގެ ހައްގެއް ލިބެންޖެހޭނެ....