މީޑިއާ ނެޓަށް 9.3 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޕީއެސްއެމްގެ މައްޗަށް އެ ހުކުމް އައީ އެ ކުންފުނިން މީޑިއާ ނެޓުން ހޯދި ހިދުމަތްތަކަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި އެ ފައިސާ ނުދެއްކުމުން އިންޓްރެސްޓްގެ ގޮތުގައި އަރާފައިވާ 4.2 މިލިއަން ރުފިޔާ ހޯދަން މީޑިއާ ނެޓުން ދައުވާ ކުރުމުންނެވެ.
ސިވިލް ކޯޓުގެ ހުކުމުގައިވަނީ ހިދުމަތުގެ އަގުގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ދައްކަން ޕީއެސްއެމްއިން ކޯޓުގައި އެއްބަސްވުމަށްފަހު އިންޓްރެސްޓްގެ ގޮތުގައި އަރާފައިވާ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏަސް، އެ ފައިސާ ނެގޭނެ ކަމަށް އެއްބަސްވުމުގައި ބުނާ ކަމަށެވެ.
އެކަންކަން ފާހަގަކޮށް، ހުކުމުގައިވަނީ ހިދުމަތުގެ އަގާއި އިންޓްރެސްޓްގެ ގޮތުގައި 9.3 މިލިއަން ރުފިޔާ ޕީއެސްއެމްގެ ފަރާތުން މީޑިއާ ނެޓަށް ދައްކަން ޖެހޭނެ ކަމަށެވެ. އެހެންވެ، އެ ފައިސާ މިއަދުން ފެށިގެން އެއް މަސް ތެރޭގައި ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
މީގެކުރިން ވެސް އެކި ފަރާތްތަކަށް ޕީއެސްއެމްއިން ދައްކަން ޖެހޭ ފައިސާތައް ނުދައްކާތީ އެ ފައިސާ ދައްކަން ކޯޓުތަކުން ހުކުމްކޮށްފައިވެ އެވެ.