"ޕަދްމާވަތު" ގެ މަންޒަރެއްގައި ދީޕިކާ: މިިއީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް.
04 ޖޫން 2018 - 09:32
މި އަހަރު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ލޯބީގެ ފިލްމް "ޕަދްމާވަތު" މި އަހަރު ބާއްވާ 21 ވަނަ ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (އެސްއައިއެފްއެފް) ގައި ވާދަކުރާކަން އިއުލާންކޮށްފި އެވެ.
މި ފިލްމް އިންޑިއާ އިން ވާދަ ކުރާ ފިލްމަކަށް ހޮވިފައިވާކަން "ޕަދްމާވަތު" ގެ ޓީމުން ވަނީ ސޯޝަލް މީޑިއާގައި ބުނެފަ އެވެ.
ދުނިޔޭގެ އެކި ކޮޅުތަކުން ފިލްމްތައް ވާދަކުރާ އެސްއައިއެފްއެފް މި އަހަރު ކުރިިއަށް ދާނީ މި މަހުގެ 16-25 އަށް ޗައިނާގެ ޝަންހާއީގަ އެވެ.
"ޕަދްމާވަތު" ގައި ލީޑް ރޯލް ކުޅެފައި ވަނީ ދީޕިކާ ޕަދްކޯނާއި ރަންވިރް ސިންގްގެ އިތުރުން ޝާހިދު ކަޕޫރެވެ.
މިދިޔަ ޖެނުއަރީ މަހުގެ 25 ގައި ރިލީޒް ކުރި ފިލްމަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ޖުމްލަ 585 ކްރޯޑް ރުޕީސް (89.8 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ. "ޕަދްމާތު" ހަދަން ހޭދަކޮށްފައި ވަނީ 215 ކްރޯޑް ރުޕީސް (33 މިލިއަން ޑޮލަރު) އެވެ.
އެސްއައިއެފްއެފްގައި މި ފިލްމް ވާދަކުރާ އިރު، މިއީ ބަންސާލީގެ މޮޅު ޑައިރެކްޝަނާ އެކު ފިލްމްގެ ލީޑް ތިން ތަރިންގެ މޮޅު އެކްޓިންއެއް ވެސް ދައްކުވައި ދީފައިވާ މޮޅު ފިލްމެކެވެ.
މިދިޔަ އަހަރު ބޭއްވި 20 ވަނަ އެސްއައިއެފްއެފްގައި 106 ގައުމަކުން 2،528 ފިލްމް ވާދަ ކުރި އެވެ.
އެ ފަހަރު އެންމެ މޮޅު ފީޗާ ފިލްމަކަށް ހޮވުނީ ޕޮލެންޑްގެ "އައި އެމް އަ ކިލާ" އެވެ. އަދި އެންމެ މޮޅު ޑައިރެކްޓަރަަކަށް ހޮވުނީ އެ ފިލްމްގެ ޑައިރެކްޓަރު މެސިއެޖް ޕައޮޕްރީޒްކާ އެވެ.
ޗައިނާގެ ފިލްމް ފެސްޓިވަލެއްގައި "ޕަދްމާވަތު" ވާދަ ކުރާ އިރު، ހިންދީ ފިލްމްތައް އެ ގައުމުގެ ސިނަމާތަކުގައި ދައްކައިގެން މިހާރު އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދަމުންނެވެ. އޭގެ ތެރޭގައި "ޑަންގަލް"، "ސީކްރެޓް ސުޕަސްޓާ"، "ބަޖިރަންގީ ބައިޖާން"، "ބާހްބަލީ" އަދި "ހިންދީ މީޑިއަމް" ފަދަ ފިލްމްތައް ހިމެނެ އެވެ.
ދެން އެންމެ އަވަހަށް ޗައިނާގެ ސިނަމާތަކުގައި އަޅުވާ ހިންދީ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި އަކްޝޭ ކުމާރްގެ "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" އެވެ. އެ ފިލްމް މި މަހުގެ 8 ގައި އެ ގައުމުގައި އަޅުވާނީ "ޓޮއިލެޓް ހީރޯ" ގެ ނަމުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
55559
04 June 2018
މަރުހަބާ އޭސީސީގެ ރައީސް....މަނިކުފާނަށް މި ފިލުމުން ބެސްޓް ސަޕޯޓިން އެކްޓަރގެ މަގާމު ހައްގު....