ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަކަށް ފަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުން ނިކުމެވަޑައިގަންނަަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 ޖޫން 2018 - 16:27
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކޮށްފި އެވެ.
އެމަނިކުފާނުގެ ވަކީލް މޫސާ ސިރާޖު މިއަދު ވިދާޅުވީ، އެޗްއާރުސީއެމުން އަދީބާ ބައްދަލުކޮށް، އަދީބުގެ ކަންބޮޑުވުންތައް އޮޅުންފިލުވި ކަމަށެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ބޭސްފަރުވާ އާއި ޖަލުގެ ހާލަތާއި އާއިލީ އަދި ވަކީލުންގެ ބައްދަލުވުމާ ގުޅޭ ކަންކަން ހިމެނެ އެވެ.
"ވަރަށް ގިނަ ކަންބޮޑުވުންތައް އެޗްއާރުސީއެމާ ހިއްސާ ކޮށްފައި ހުންނާނެ،" ސިރާޖު ވިދާޅުވި އެވެ.
އެޗްއާރުސީއެމުން އަދީބާ ބައްދަލުކުރިއިރު، މަހަކަށް ވުރެ ގިނަ ދުވަސް ފަހުން އެމަނިކުފާނަށް ވަނީ ވަކީލުންގެ ބައްދަލުވުން ދީފަ އެވެ. އަދި އާއިލީ ބައްދަލުވުންތައް ދެމުން އަންނަ ގޮތާ މެދު ވެސް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ އެ މައްސަލަ ވެސް އެޗްއާރުސީއެމަށް ހުށަހަޅާފައި ވެ އެވެ. ހަމަ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.
އަދީބު މިހާރު ވެސް ގެންދަވަނީ އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި ވެސް ގިނަ މައްސަލަތަކެއްގެ އަޑުއެހުން ކޯޓުގައި ވަނީ ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy