މަސް ރޭހުގެ އެއްވަނަ ހޯދި މަލަހިނި ރިސޯޓުގެ ޓީމަށް ޓްރޮފީ ހަވާލުކުރަނީ.
17 ޖޫން 2018 - 12:31
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސް ރޭސް ކަމަށްވާ އުރީދޫ މަސް ރޭހުގެ މި އަހަރުގެ ޗެމްޕިއަން ޓީމަކަށް މަލަހިނި ރިސޯޓުގެ ޓީމް ހޮވިއްޖެ އެވެ.
މަސް ރޭހުގެ އެއް ވަނަ ހޯދުމާ ގުޅިގެން އުރީދޫން ވަނީ މަލަހިނި ޓީމަށް 175،000ރ.ގެ ލޯންޗަކާއި، 150،000ރ.ގެ އެވިންރޫޑް ބްރޭންޑްގެ 60 ހޯސްޕަވަރުގެ އިންޖީނެއް ދީފަ އެވެ.
ރޯދަ މަހާ ގުޅުވައިގެން އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސް ރޭހުގެ މި އަހަރުގެ ދެ ވަނަ ޓީމަކަށް ހޮވުނީ މިލައިދޫން ބައިވެރިވި ޓީމެވެ. ތިން ވަނަ ލިބުނީ އެންޒީގެ ޓީމަށެވެ.
އެ ޓީމުތަކުގެ އިތުރުން، ފައިނަލުގައި ވާދަކުރީ އެޗްޑީސީ އާއި ސްޓެލްކޯ އަދި ތާޖް އެގްޒޯޓިކާ އެވެ.
މި އަހަރު އެންމެ ތަފާތު މާކެޔޮޅަކަށް ހޮވިފައިވަނީ ސެމީ ފައިނަލްގައި 11.05 ކިލޯގެ ފާނައެއް ބޭނި، މިލައިދޫ ޓީމްގެ އަބްދުލްހާދީ މުހައްމަދެވެ. އަދި އެންމެ ތަފާތު އަންހެން ކެޔޮޅަށް ހޮވިފައިވަނީ 10.5 ކިލޯގެ ހަންޖެއް ބޭނި، މަލަހިނި ޓީމްގެ ނަޝާމާ މުހައްމަދެވެ. އެ ދެ މީހުންނަށް އިނާމެއްގެ ގޮތުން އުރީދޫން 5،000ރ. ދިނެވެ.
މަސް ރޭހުގެ އެއްވަނަ ހޯދި މަލަހިނި ރިސޯޓުގެ ޓީމް.
އުރީދޫގެ ސޭލްސް އެންޑް ބްރޭންޑް ޑައިރެކްޓަރު ހުސައިން ނިޔާޒް ވިދާޅުވީ މި އަހަރުގެ މުބާރާތް ވަރަށް ކާމިޔާބު ކަމަށާއި އަންނަ އަހަރުގެ މުބާރާތުގައި ވެސް ގިނަ ޓީމުތަކެއް ފެނިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެހެން އަހަރުތަކާ ހިލާފަށް، މި އަހަރުގެ މުބާރާތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޓީމުތައް ބައިވެރި ކޮށްގެން ކުރިއަށް ގެންދިއުމުން މުބާރާތުގެ ފޯރި ގަދަވެގެން ގޮސްފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި އެކި ޓީމުތަކާއި އެކު މި ފަަހަރުގެ މަސް ރޭސް ވެގެން ދިޔައީ ވަރަށް މަޖާ އަދި ފޯރިގަދަ މުބާރަތަކަށް، އަދި އަޅުގަނޑުގެ އުއްމީދަކީ އަންނަ އަހަރުގެ މުބާރާތުގައި ވެސް މި ޓީމްތަށް ފެނިގެން ދާނެ ކަމަށް،" ނިޔާޒް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަސދަސ
18 June 2018
އޫރިދޫއިން އަދިކިރިޔާ ރަނގާޅުކަމެއް ތިކުރީ. ފޯންގެ ހިދުމަތް ދެވޭވަރު ބައެއް ނޫން. ކަވަރޭޖް މައްސަލަ ހައްލުނުވެގެން ގުޅާއިރަށް ބުނާނެ މިއަންނަ ހަފްތާގައި ރަނގަޅުވާނެޔޭ. އެހެން ކިޔާތާ 2 އަހަރު. ކަވަރޭޖް ނުލިބޭތަނެއް އޮތްތޯ ހަމަ އެކޯލްގައި އަހާއިރަށް ބުނީ ރާއްޖޭގެ %100 ކަވަރޭޖްދޭ ހަމަ އެކަނި ކުންފުންޏޯލަ. ކިހާ ދެކޮޅު ނުޖެހޭ !!!!
އާދަމް12
17 June 2018
މަސްރޭސް ދެއްކި ޗެނަލެއް މިފަހަރަކު ނޭންގުނު.. އިސްތިހާރެއް ވެސް ނުފެނޭ... މިކަހަލަ ލިޔުން ތަކުގަ ވެސް ދައްކާ ޗެނެލް އާ ގަޑި ގެނެސް ދިނުން ރަނގަޅު!