ދުނިޔެ / ފަލަސްތީން

ފަލަސްތީނުގައި ގުޑި އާއި ޑްރޯންގެ ކުރިމަތިލުމެއް

އަލިފާން ރޯކޮށްފައި ފޮނުވާ ގުޑިއެއް އެރުވުމަށް ފަލަސްތީނުގެ ޒުވާނަކު ތައްޔާރުވަނީ

18 ޖޫން 2018 - 08:25

"ނިކަން ބުނެދީބަލަ، މިއޮއް ގާޒާ ކަނޑާލައިގެން ނަގައި ކަނޑަށް އެއްލައިލެވިދާނެތަ؟" މިއީ ފަލަސްތީނާއި އިޒްރޭލާ ދެމެދު 1992 ވަނަ އަހަރު އޯސްލޯގައި ބޭއްވި ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިން ބައްދަލުވުމަކަށް ވަޑައިގަންނަވަމުން، އިޒްރޭލުގެ އޭރުގެ ބޮޑުވަޒީރު އިސްހާގް ރަބީން، އޭނާގެ އިސް މުޝީރަކާ ކުރެއްވި ސުވާލެއް ކަމަށް މީޑިއާގައި މަޝްހޫރުވެފައިވާ ވާހަކައެކެވެ.

އެއީ އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ފަލަސްތީނުގެ އާންމު ރައްޔިތުން ގާޒާގައި ކުރަމުން ދިޔަ މުޒާހަރާތައް ކޮންޓްރޯލް ކޮށް، އިޒްރޭލު ސިފައިންނާ ދެކޮޅަށް ދޭ ހަމަލާތައް ހުއްޓުވުމުގައި ޔަހޫދީ ދައުލަތް ނާކާމިޔާބުވެ އިޒްރޭލު ސަރުކާރަށް ގޮސް ހުސްވެގެން އޭނާ އަށް ވިދާޅުވެވުނު ވާހަކައެކެވެ. މިއަދު ވެސް ކަން އޮތީ އެ ގޮތަށެވެ.

އެމެރިކާ އާއި ވިލާތުގެ އެންމެ ޒަމާނީ ހަތިޔާރު ހިފައިގެން ވެސް ޔަހޫދީ ސިފައިން އެ އުޅެނީ، ހުސް އަތާ ތިބި ފަލަސްތީނުގެ އާންމުން މައިތިރި ނުކުރެވިގެންނެވެ. އެކި ދުވަސްވަރު އެކި ވަސީލަތްތައް ބޭނުންކޮށްގެން އިޒްރޭލު ސިފައިންނާ ކުރިމަތިލަމުންދާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ކޮންމެ އަހަރަކު އެތައް ސަތޭކަ މީހުން ޝަހީދުވެ އެވެ.

އެކަމަކު ވެސް ފަލަސްތީނު މީހުން އެމީހުންގެ ގައުމާއި ވަތަނުގެ ހައްގުގައި ކުރާ ޖިހާދު ހުއްޓައެއް ނުލަ އެވެ. އެއް ދުވަސްވަރެއްގައި އިޒްރޭލު ސިފައިންގެ ހަތިޔާރުތަކާ ކުރިމަތިލީ އޮށްގައު ހިފައިގެންނެވެ. އަނެއް ބައި ދުވަސްވަރަށް ސާޅަނގައިގައި ރުވާފައި އޮށްގަލުން ހަމަލާ ދީގެންނެވެ. އަނެއް ބައި ފަހަރަށް، ޖާނުން ފިދާވުމުގެ ހަމަލާ ދީގެންނެވެ.

ފަލަސްތީނުގެ ޒުވާނެއް ސާޅަނގައެއް ބޭނުންކޮށްގެން އިޒްރޭލަށް ހަމަލާ ދެނީ

މިހާރު ފަލަސްތީނު މީހުން ގެންގުޅޭނީ މުޅިން އާ ހަތިޔާރެކެވެ. ހުޅުޖަހާ ގުޑި އެވެ. މި އަހަރު ފެށުނު ފަހުން އިޒްރޭލުގެ އަމާޒުތަކަށް މި ބާވަތުގެ ގުޑިން އެތައް ސަތޭކަ ހަމަލާއެއް ދީ ބޮޑެތި ގެއްލުންތަކެއް ވަނީ ދީފަ އެވެ.

ފަލަސްތީނު މީހުން މި ފަދަ ހަމަލާ ދިނުމަށް ކުރާ ކަމަކީ، އަލިފާން ރޯކޮށްފައި އޮންނަ އެއްޗެއް ގުޑީގައި އެލުވާފައި ގުޑި އަރުވަނީ އެވެ. އެއަށް ފަހު ވައިގެ ތެރެއިން ލާފައި އިޒްރޭލުގެ އެތެރެއަށް އުދުއްދުމަށް ފަހު، އިޒްރޭލުގެ ތެރެއަށް ގުޑި ވައްޓާލަނީ އެވެ. އޭރުން އެ ގުޑި ވެއްޓޭ ތަނެއްގައި އަލިފާން ރޯވެ އެވެ.

މި ބާވަތުގެ ގުޑި އިޒްރޭލުގެ ތެރެއަށް އެންމެ ފުރަތަމަ ފޮނުވަން ފެށީ، އަލިފާން ރޯކޮށްފައިވާ ފުޅި ފަދަ ތަކެތި އެލުވާފައި ކަމަށް ވިޔަސް، މިފަހަކަށް އައިސް މިފަދަ ގުޑިތައް ފޮނުވާއިރު، ގޮވާ ތަކެތި ވެސް ހަރުކޮށްފައި ހުންނަ ކަމަށް އިޒްރޭލުން ބުނެ އެވެ.

ވެއަތުވެ ދިޔަ މަސްތަކުގައި މި ބާވަތުގެ ހަމަލާ އެންމެ ގިނައިން ދީފައިވަނީ އިޒްރޭލުގެ ދަނޑުބިންތަކަށެވެ. އަދި އާންމު ގޮތެއްގައި މި ފަދަ ހަމަލާތައް ދީފައި ހުރީ، ފަލަސްތީނު މީހުން އިޒްރޭލާ ދެކޮޅަށް މުޒާހަރާތަކަށް ނުކުމެ އެ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި އިޒްރޭލު ސިފައިން އަވަދިނެތި އުޅޭ ވަގުތުތައް ބަލައިގެންނެވެ.

އަލިފާން ރޯކޮށްފައި ފޮނުވާ ގުޑިތަކުގެ ސަބަބުން އިޒްރޭލުގެ ގޮވާން ދަނޑެއްގައި ރޯވެފައި.

އިޒްރޭލު ސިފައިން ބުނާ ގޮތުގައި ވެއަތުވެ ދިޔަ ދެތިން މަހުގެ ތެރޭގައި ފަލަސްތީނު މީހުން ދީފައިވާ ހުޅުޖެހި ގުޑީގެ ސަބަބުން އިޒްރޭލުގެ އެތައް ހެކްޓަރެއްގެ ދަނޑުބިން ވަނީ ސުންނާފަތި ވެފަ އެެވެ.

ފަލަސްތީނު މީހުން ދޭ މި ބާވަތުގެ ހަމަލާތައް ނާކާމިޔާބު ކޮށްލުމަށް އިޒްރޭލު ސިފައިން މިހާރު ބޭނުން ކުރަނީ އެކަމަށް ޚާއްސަ ކޮށް އުފެއްދި ޑްރޯންތަކެކެވެ. އިޒްރޭލު ސިފައިން އިއްޔެ ބުނި ގޮތުގައި މިދިޔަ ހަފުތާގައި އިޒްރޭލުގެ ތެރެއަށް ގާޒާ އިން ފޮނުވި މި ބާވަތުގެ ގުޑިތަކެއް އޭގެ އަމާޒަށް ފޯރުމުގެ ކުރިން، ޑްރޯން ބޭނުންކޮށްގެން ވަނީ ވައްޓާލައިފަ އެވެ.

އަދި އިޒްރޭލުގެ ތެރެއަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ މިބާވަތުގެ ގުޑިތަކެއް އަރުވައި ބަރާކޮށްފައި އޮތް އުޅަނދަކަށް އިޒްރޭލުގެ މަތިންދާބޯޓުތަކުން ހަމަލާ ދީ ވަނީ އެ އުޅަނދު ގޮއްވާލައިފަ އެވެ. ގާޒާގައި އޮތް އުޅަނދަކަށް ދިން މި ހަމަލާގައި ފަލަސްތީނުގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ފަލަސްތީނުން ބުނެ އެވެ.

އިޒްރޭލުން ތުހުމަތު ކުރާ ގޮތުގައި ހުޅު ޖަހާ ގުޑި އިޒްރޭލުގެ ތެރެއަށް ފޮނުވަނީ ހަމާސް ޖަމާއަތުންނެވެ. އަދި ގާޒާގައި އިޒްރޭލާ ދެކޮޅަށް ފަލަސްތީނު މީހުން މުޒާހަރާ އަށް ނެރެނީ ހަމާސް ޖަމާއަތުން އާންމުންނަށް ފައިސާ ބަހައިގެން ކަމަށް ވެސް އިޒްރޭލުން ބުނެ އެވެ.

އިޒްރޭލަށް ހަމަލާ ދިނުމަށްޓަކައި އަލިފާން ރޯކޮށްފައި ފޮނުވާ ގުޑިއެއް އެރުވުމަށް ފަލަސްތީނުގެ ޒުވާނުންތަކެއް ތައްޔާރުވަނީ

އިޒްރޭލުން ބުނާ ގޮތުގައި ހުޅު ޖަހާ ގުޑި ބޭނުންކޮށްގެން ދިން ހަމަލާތަކުގައި މިހާތަނަށް 6،000 އޭކަރުގެ ދަނޑުބިން ހަލާކުވެއްޖެ އެވެ. އަދި އެ ދަނޑުތައް އެނދުމުގެ ސަބަބުން 1.5 މިލިއަން ޕައުންޑުގެ ގެއްލުން ލިބުނެވެ. މިއީ ފަލަސްތީނުގެ ސަބަބުން ލިބުނު ގެއްލުންތަކަކަށް ވާތީ، އިޒްރޭލުން ފަލަސްތީނަށް ދޭންޖެހޭ ޓެކްސް ފައިސާ ފަލަސްތީނަށް ދޭނީ ދަނޑުބިންތަކަށް ލިބުނު ގެއްލުމުގެ ބަދަލު ކަނޑާފައި ކަމަށް އިޒްރޭލުން ބުނެ އެވެ.

މާޗް 30 ވަނަ ދުވަހުން ފެށިގެން ގާޒާގައި ފަލަސްތީނު މީހުން މުޒާހަރާ ކުރަމުން އަންނަނީ، އިޒްރޭލު ސިފައިން ފޭރިގެންފައިވާ، ފަލަސްތީނު މީހުންގެ ބިންތައް އަލުން އަނބުރާ ހޯދައިދިނުމަށް ގޮވައިލުމަށެވެ.

އިރުމަތީ ގުދުސް ވެސް ހިމެނޭ ގޮތަށް އިޒްރޭލުން ހުޅަނގު އައްސޭރި ހިފީ 1967 ވަނަ އަހަރު އަރަބީންނާއި އިޒްރޭލާ ދެމެދު ކުރި ހަނގުރާމައިގަ އެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ ޚިލާފަށް އިޒްރޭލުން ފޭރިފައިވާ އެ ބިމުގައި މިހާތަނަށް ޔަހޫދީންގެ 600،000 އަށް ވުރެ ގިނަ އާބާދީ ހަދައި ޔަހޫދީން ވަޒަންވެރި ކުރުވާފައިވެ އެވެ.

0 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 20%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454