21 ޖޫން 2018 - 12:30
މީގެ 59 އަހަރު ކުރިން، އިނގިރޭސީން އަޑީގައި ތިބެގެން އުފެއްދި ދެކުނުގެ ދައުލަތުގައި އިސްކޮށް ހުންނެވި، އަބްދުﷲ އަފީފް ދެއްވި އިންޓަވިއުއެއްގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ލިޔުއްވި ފޮތް މިރޭ ނެރެން ނިންމައިފި އެވެ.
"ރައްޔިތު އަހުމަދު" ނަމުގައި ދުވަހު ނޫސް ހަވީރުގައި ކޮލަމް ލިޔުއްވި ޒާހިރުގެ އާ ފޮތަށް ދެއްވި ނަމަކީ "އައްޑޫ "ރަދުން"" އެވެ.
ފޮތުގައި ހިމެނޭ ބައިތައް ބިނާކުރައްވާފައި ވަނީ، ޒާހިރު ވިދާޅުވި ގޮތުގައި، 1980ގެ ކުރީކޮޅު އޭނާ ނެންގެވި އަފީފްގެ އިންޓަވިއުއަކަށެވެ. އެ އިންޓަވިއުގެ ސިލްސިލާތައް ޒާހިރު އޭރު ނެރުއްވި ނޫސް "ހަފްތާ" ގައި ޝާއިއުކުރި އެވެ. މިރޭ ނެރެނީ އެ ހުރިހާ ރިޕޯޓެއް އެއް ފޮތެއްގެ ގޮތުގަ އެވެ.
ޒާހިރު ވިދާޅުވި ގޮތުގައި އަފީފުގެ އިންޓަވިއު ނެންގެވީ ދެކުނު ބަގާވާތާ ގުޅޭ ގޮތުން އަފީފުގެ ވާހަކަތައް ރާއްޖޭގެ އެއްވެސް މީޑިއާއެއްގައި އެހާތަނަށް ގެނެސްދީފައި ނުވާތީ އެވެ. އަފީފުގެ ވާހަކަތަކުން އެނގެނީ، ޒާހިރު ވިދާޅުވި ގޮތުގައި، އޭނާ އަށް ގޯހެއް ހެއްދެވުނުކަމެވެ. އަދި ދެކުނުގައި ވަކި ދައުލަތެއް ހެއްދެވީ ކީއްވެގެންކަން އަފީފު ކިޔައިދެއްވި ކަމަށް ޒާހިރު ވިދާޅުވި އެވެ.
އޭރުގެ ފޮޓޯތަކާ އެކު ޗާޕްކޮށްފައިވާ ފޮތުގައި 175 ސޮފްހާ ހިމެނެ އެވެ.
"މީގައި އަޅުގަނޑުގެ ކޮމެންޓެއް ނޯންނާނެ. އަފީފު ވިދާޅުވި ގޮތަށް، ކަން ހިނގި ގޮތް ލިޔެފައި ވާނީ. މި ފޮތުން އެނގޭނެ އޭރުގެ ސަރުކާރު [އިބްރާހިމް ނާސިރުގެ ވެރިކަން]ގެ މައްސަލަތައް ހުރިކަން، މަޝްވަރާކޮށްގެން ހައްލުކުރެވޭނެ ކަންކަން ހައްލުނުކުރެވިގެން ދިމާވި ކަމެއްކަން،" ފޮތުގެ ހުލާސާއެއް ދެއްވަމުން ޒާހިރު ވިދާޅުވި އެވެ.
މީގެ 25 އަހަރު ކުރިން އަވަހާރަވި އަފީފުގެ އިންޓަވިއު ޒާހިރު ނެންގެވީ، ޓޫރިޒަމް އެންޑް ފޮރިން އިންވެސްޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރަކަށް ހުންނެވިއިރު ސީޝެލްސް އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. ޒާހިރު ހުންނެވި ހޮޓަލުގައި ދެއްވި އެ އިންޓަވިއު ހަ ގަޑިއިރަށް ދިގުދެމިގެން ދިޔަ އެވެ.
"ޔޫއެންޑީޕީގެ ދަތުރެއްގައި އަޅުގަނޑު ސީޝެލްސްއަށް ދިޔައީ. ދެން އަޅުގަނޑު އިންޑިއާގައި ކިޔަވަން ހުރި ދުވަސްވަރު [1970ގެ އަހަރުތައް] ވެސް އަފީފާ ގުޅަން މަސައްކަތް ކުރިން. ސީޝެލްސްއަށް ގޮސް އަފީފުގެ ގެއަށް ވަޑައިގެން އަޅުގަނޑު އިންޓަވިއުއަކަށް އެދުމުން ފުރަތަމަ އެއްވެސް ޖަވާބެއް ނުދެއްވި. ފަހުން އަޅުގަނޑު ހޮޓަލަށް އައި ފަހުން ގުޅުއްވާފައި ވިދާޅުވީ އިންޓަވިއު ދޭން ތައްޔާރު ކަމަށް،" ސިޔާސީ އަދި އިޖުތިމާއީ ގޮތުން ގިނަ ކޮލަމްތަކެއް ލިޔުއްވި ޒާހިރު ވިދާޅުވި އެވެ.
އައްޑޫ ބަގާވާތަށް ފަހު އަފީފް އާއި މުޅި އާއިލާ އިނގިރޭސި ސަރުކާރުން ވަނީ ސީޝެލްސް އަށް ބަދަލުކޮށްފަ އެވެ. އޭނާގެ ބައެއް ބޭފުޅުން މިހާރު ގެންދަވަނީ އެ ގައުމުގެ އިސް ބައެއް މަގާމުތައް ވެސް ފުރުއްވަމުންނެވެ.
މީގެ 36 އަހަރު ކުރިން ހަފްތާ ނޫހުގައި އަފީފްގެ ރިޕޯޓްތައް ލިޔުއްވުމުން ޒާހިރަށް ކުރިމަތިވި ފާޑުކިޔުންތަކަށް "އައްޑޫ ރަދުން" ގައި އޭނާ ރައްދު ދެއްވާފައިވެ އެވެ.
"ޕްރޮމޯޓް ކުރަން އުޅެނީއެއް ނޫން. ނުބައި މީހަކަށް ވިޔަސް ޝަހުސިއްޔަތު ވާނީ ޝަހުސިއްޔަތަކަށް،" ޒާހިރު ވިދާޅުވި އެވެ.
ނެޝަނަލް އާޓް ގެލަރީގައި މިރޭ ބާއްވާ ހަފުލާގައި އެފޮތް ނެރޭ އިރު މާދަމާއިން ފެށިގެން އަޝްރަފީ ބުކްޝޮޕުން އެފޮތް ވިއްކަ އެވެ. ފޮތުގެ އަގަކީ 175 ރުފިޔާ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގަައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ޒާހިރު މީގެ ކުރިން ވަނީ ދެ ފޮތެއް ނެރުއްވާފަ އެެވެ. އެއީ ސައުދީ އަރަބިއްޔާގެ މައުލޫމާތު ހިމެނޭ އަތްމަތީ ފޮތަކާއި ރައީސް މައުމޫންގެ ވެރިކަމާ ގުޅޭ ގޮތުން ލިޔުއްވި "ތިރީސް އަހަރު" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާައަލަބުރި
23 June 2018
ކޮބާ ލަދު. ކަލޭމެންގެ މުޅި ދިރިއުޅުން މިހާ ހިސާބަށް އައީ އަހަރުމެންގެ ކާބަފައިންގެ މުއްސަތި ކަމުން އެމީހުން ހޯދި އެއްޗަކުން. ބަލަ މި ދިވެހި ދަޢުލަތް ދަރަނިން ސަލާމަތް ކުރިީ ވެސް ހަމަ އަހަރުމެންގެ ކާބަފަ އިން.. ދެކުނު މީހުން. މިއަދު މާމިނިވަން ވެގަނެގެން މާ އިނގޭ ކަމަށް ހެދިގަނެގެން...
އުތުރު މީހާ
22 June 2018
ފުރަތަމަ ވަކިވެ ގަންނަން މަސައްކަތް ކުރުމަކީ ކިހާ ހަަޑި ކަމެއްތޯ. މިކަމުންވެސް އިނގެނީ ދެކުނު މީހުންގެ ކިބުރުވެރި ކަމާއި ބޮޑާކަން.
ހުރަސް
21 June 2018
ހާދަ ހީނުވޭ ސީނާޒާހުރުމެން ލިޔުއްވިގޮތަށް ނެރޭނެ ހެން.
އަލިފުތާ
21 June 2018
އައްޑުއަތޮޅު ގަމަކީ ބިންގަނޑު ރަނގަޅު ފަރުމަސްވެރިކަން ތިޔާގި ރަށަކެވެ. ގަމުގައި ރައްޔިތުން ތިޔާގި ކަމާއިއެކު ދިރިއުޅެމުން ދަނިކޮށް އައްޑުއަތޮޅު ގަމުން ރައްޔިތުން ކުޑަރަށަކަށް ބާލާފަ ގަން އިނގިރޭސިންނަށް ކުއްޔަށްދިނީ އޭރު މާލޭ ސަރުކާރުންނެވެ. އަދި ކުލި ބޭނުންކުރަމުން ދިޔައީވެސް މާލޭ ސަރުކާރުންނެވެ. އޭރު ދެކުނުގެ ރައްޔިތުން ވިޔަފާރިކަމުގައި ބޯޓްފަހަރުތަކުގައި ބޭރު ގައުމުތަކަށް ކުރަމުން ދިޔަ ދަތުރުތަކަށް މާލޭ ސަރުކާރުން ހުރަސްއެޅީއެވެ. އޭގެފަހުން ދުއްޕާން ބޮޑުވެގެން އޭރު ދެކުނުގައި ވަކިސަރުކާރެއް އިއުލާން ކުރީއެވެ. އެސަރުކާރު 5 އަހަރުވަންދެން އޮތެވެ. އިނގިރޭސިން ގަމުން ފައިބައިގެން ދިއުމުން އައްޑު އަތޮޅުގައި ގާއިމުކޮށްފަ ހުރި ވަސީލަތްތައް ލޫޓުވާލާ އައްޑޫ ރައްޔިތުން ހާލުގައި ޖެއްސީއެވެ. ދެން އައްޑު އަތޮޅު ރައްޔިތުންގެ އަތުގައި ހުރި ގަހަނާއާއި ޕައުންޑާއި ނުއަގުގައި އަތުލައިގެން ބަޔަކު މުއްސަދިވީއެވެ. އަދިވެސް ގަމާއީ ބައްދަނީއެވެ. ނިކަމެތިކަންދީފަ އިލްޒާމު އަޅުވަނީ އައްޑޫ މީހުންގެ ބޮލުގައެވެ
އައްޑޫ ރައްޔިތެއް
21 June 2018
ދެކުނުގެ ރައްޔިތުން އެއްވެސް އިރެއް ގައި ބަޣާވާތެއް ނުކުރެއެވެ. ބަޣާވާަތަކީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރުމެވެ. ދެކުނު ރައްޔިތުން އެމީހުންގެ ޙައްޤު ތައް ހޯދުމަށްޓަކައި އިތުރު އެއްވެސް ފަދައެއް ނެތިގެން ދިވެހި ސަރުކާރުން ވަކިވެ ވަކި ސަރުކާރެއް އުފެއްދުމަށް ބަޣާވާަތެކޭ ނުކިޔޭނެއެވެ.
ދިވެހި ރައްޔިތެއް
21 June 2018
އެވެސް ފާޑެއްގެ ބަޢާވާތެއް އިނގިރޭސިން ހައްދާލީމަ އެމީހުންގެ ބަހައް ހެއްލިގެން ދިވެހި ސަރުކާރާއި ވަކިވެގަތުން. އަސްލު ބަޢާވާތައް ވުރެވެސް މާ ގޯސް.
ގަލަންވެރިޔާ
21 June 2018
އައްޑު ބަޢާވާތޭ؟؟؟؟
އަބުދުﷲ ަ
21 June 2018
މި ތަނުގައި ކޮމެންޓް ކުރާ މީހުންގެ ވާހަކަތަކުން ހަމަ ހައިރާންވެއެވެ. ވަރަށް ޢިލްމީ ރައްޔިތުންތަކެއް އުޅޭ ޤައުމެއް ކަމަށް ބުނެވޭ ޤައުމެކޯލައެވެ. ލަދުން ބޯހަލާކުވާވަރު ވެއެވެ. ރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ މުހިންމު ހާދިސާއެއްގެ އެއްމެ އިސްފަރާތުގެ ބަސް ތާރީޚަށްޓަކައިވެސް ޝާއިޢު ކުރެވެން ޖެހެއެވެ. ހަމަ ޔަޤީނުންވެސް ތިފޮތުގައި ވިސްނާ ބަޔަކަށް ފިލާވަޅުތަކެއް ހުންނާނެއެވެ. އެމީހަކު އެ ފޮތް ގަނެގެން ކިޔަން ބޭނުން ނެތިއްޔާ ނުގަތީމާ ނިމުނީ ނޫންތޯއެވެ. ތާރީޚަށް ޓަކައި މިވަރުގެ މަސައްކަތެއް ކުރާ މަދު މީހަކަށްވެސް އެންމެ ކުޑަމިނުން ހެޔޮ ބަހެއް ބުނެލާނެ ހިއްވަރުވެސް މި ތަޢުމީލީ ކަމަށްބުނާ މި ޖީލުގައި ނެތީތޯއެވެ. ޝުކުރިއްޔާ ޒާހިރު ކުރެއްވި ބުރަ މަސައްކަތަށް
ހަގީހަތް އޮޅުވާލައިފައި
21 June 2018
އިބްރާހިމަ ނާސިރު ގެ ޖަރީމާތައްވެސް އެބަހުރި. ރަގަޅުކަންތައްވެސް ބައިވަރު. އަފީފުގެ ޖަރީމާ ތައްވެސް އެބަހުރި. އަދި އަފީފުގެ ރީސަންތައްވެސް އެބަހުރި. ނަމަވެސް މިހާތަނައް ރ. ނާސިރަކީ ހީރޯއެއްކަމައް ވަނީ މަދުރަސާތަކުގައިވެސް ކިވަވައިދީފަ. އެއީ ގޯހެއް. ބެލަންސް ވާންޖެހޭ.
ތަހުގީގު ކުރަނޖެހޭ..
21 June 2018
'އިބްރާހިމް ނާސިރުގެ ވެރިކަމުގައި މައްސަލަތައް ހުރިކަން، މަޝްވަރާކޮށްގެން ހައްލުކުރެވޭނެ ކަންކަން ހައްލުނުކުރެވިގެން 'ސުވާދީބު' ބަގާވާތް ގެނެވުވީ. ނަމަވެސް މިކަމުގެ ބުރައާއި ނިކަމެތިކަމާއި ބޭއަދަބީ ބަސްތައް އަދި އަދައދާންދެންވެސް އައްޑޫ ހުވަދޫމީހުންނައް ރައްދުކުރޭ. 1990 އާއި ގެޖެންދެނެވެސް އައްޑޫހުވަދޫ މީހުންނައް ވަޒީފާދިނުމުގައާއި ކުރިއެރުން ދިނުމިގައިވެސް އިންތިހާއައް ޑިސްކްމިނޭޓް' ކުރެވޭ.
އެޑްމުންޑޯ
21 June 2018
އަފީފް ވައްތަރަށް އިގިރޭސީންގެ ޕަޕެޓަކަށް ވާން އަންނި މަސައްކަތް އެކުރަނީދޯ