ރަންބީރާއި އާލިއާ: ދެ ތަރިން 2020 ގައި ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނޭ.
25 ޖޫން 2018 - 07:06
ރަންބީރް ކަޕޫރާއި އާލިއާގެ ބަޓްގެ ލޯބީގެ ވާހަކަ މިހާރު ވަރަށް ހޫނުކޮށް ދެކެވެމުން އަންނަނިކޮށް، ލޯބީގެ ގުޅުމަކީ ޗަރުކޭހަކަށް ހަދަން ބޭނުން ނުވާ ކަމަށް ރަންބީރު ބުނެފި އެވެ.
އޭނާ އާއި އާލިއާގެ ގުޅުން މިހާރު ވަރަށް ވެސް ސީރިއަސް ހިސާބަކަށް ގޮސްފައިވާ ކަމަށާއި 2020 ގައި ކައިވެނި ކުރާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރައިފަ އެވެ.
އަދި އާލިއާ އަށް ރަންބީރުގެ ދައްތަ ރިދިމާ ކަޕޫރް، އަތުގައި އަޅާ ކެވެލިކޮޅެއް ހަދިޔާ ކުރުމާއި ރަންބީރުގެ އާއިލާ އެކު، އާލިއާ ރޭގަނޑުގެ ކެއުމަކަށް ނުކުމެ އުޅެނިކޮށް ދާދި ފަހުން މީޑިއާތަކަށް ތިލަވި ފޮޓޯތަކާއި ރަންބީރުގެ މަންމަ ނީޓޫ އިސްޓަގްރާމްގައި އާލިއާގެ ޕޯސްޓްތަކަށް ދޭ ކޮމެންޓްތަކާ އެކު، މި ގުޅުމަކީ ހަގީގަތަކަށްވެ ނިމިފައިވާ ކަމެއް ކަމަށް މީޑިއާތަކުން ސިފަ ކުރެ އެވެ.
އާލިއާ އާއި ރަންބީރު ސޯނަމް ކަޕޫރްގެ ކައިވެނީގެ ޕާޓީގައި.
ސީދާ ދެ މީހުން ހިތާވެގެން އުޅޭކަން ކަށަވަރުކޮށްނުދިން ނަމަވެސް، ރަންބީރް ދާދި ފަހުން ވަނީ އާލިއާ އޭނާގެ ގުޅުން އަދި ވަރަށް އާ ކަމަށް ބުނެފަ އެވެ.
ރަންބީރުގެ ކުރިއަށް އޮތް ފިލްމް "ސަންޖޫ" ގެ ޕްރޮމޯޝަނެއްގެ ގޮތުގައި ދާދި ފަހުން ޓްވިޓާ މެދުވެރިކޮށް ފޭނުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ބުނީ ވަރަށް އަވަހަށް ކައިވެނި ވެސް ކުރާނެ ކަމަށެވެ. ރަންބީރު މި ގޮތަށް ބުނިތާ ދުވަސްކޮޅެއް ކުރިން 25 އަހަރުގެ އާލިއާ ދިން އިންޓަވިއުއެއްގައި ވަނީ އުމުރުން 30 އަހަރުވުމުގެ ކުރިން ކައިވެނި ކުރާނެ ކަމަށް ބުނެ އެވެ.
ރަންބީރްގެ މަންމަ އާއި ޑައިރެކްޓަރު އަޔާންއާ އެކު އާލިއާ.
އެހެންވެ މި ދެ ތަރިން ދުރުދުރުން ދައްކާ ވާހަކަތަކަށް ބަލާ އިރު، ދެ މީހުން ހަމަ ހަގީގަތުގައި ސީރިއަސް ގުޅުމެއްގެ ތެރޭގައި ތިބި ކަމަށް ބުނެވިދާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން 2020 އަކީ ހަމަ ހަގީގަތުގައި ވެސް ދެ ތަރިން ކައިވެނި ކުރާނެ ކަމަށް އަހަރު ކަމަށް މީޑިއާތަކުން ވެސް މިހާރު ތިބީ ކަށަވަރުކޮށްގެންނެވެ.
މިކަމާ ބެހޭ ގޮތުން ޖީކިއު މެގަޒިނަށް ރަންބީރު ބުނީ އިތުބާރު ހުރި މަސްދަރުތަކާ ހަވާލީ މީޑިއާތަކުން އޭނާ އާއި އާލިއާގެ ކައިވެނި 2020 ކުރާނެ ކަމަށް ބުނާތީ އެ މަސްދަރުތައް ދެކެ މިހާރު ޖެހިލުންވާ ކަމަށެވެ.
"އަހަރެން ބޭނުމެއް މާ ބޮޑަށް ޒާތީ ވާހަކަތައް މީޑިއާތަކުގައި ހިއްސާ ކުރާކަށް. ކޮނުނު ކޮނުނުހެން ފަސް ގިނަވާހެން ވާހަކަތަކެއް ދެއްކި ވަރަކަށް މީހުންގެ ހިތްތަކުގައި އޮޅުންބޮޅުން ބޮޑުވާނީ،" 35 އަހަރުގެ އެކްޓަރު ބުންޏެވެ.
ރަމްބީރާއި އާލިއާ "ބުރައްމަސްތުރާ" ގެ ޑައިރެކްޓަރު އަޔާންއާ އެކު.
ރަންބީރު ބުނި ގޮތުގައި ލޯބީގެ ގުޅުމަކީ އޭނާ އަބަދު ވެސް ވަރަށް އިހުތިރާމު ކުރާ އަދި އުފާވެރިކަން ގެނުވައިދޭ އެއްޗެކެވެ.
"އެހެންވެ އަހަރެން ބޭނުމެއް ނޫން ލޯބި ޗަރުކޭހަކަށް ހަދާކަށް. މި ވަގުތު ބޭނުމެއް އަހަރެންގެ ލޯބީގެ ގުޅުމާ ބެހޭ ގޮތުން އިތުރަށް އެއްވެސް ކޮމެންޓެއް ކުރާކަށް،" އޭނާ ބުންޏެވެ.
ރަންބީރު މީގެ ކުރިން ވެސް ވަނީ ބޮލީވުޑްގެ ދެ ބަތަލާއަކާ ސީރިއަސް ލޯބީގެ ގުޅުންތަކެއް ބާއްވައިފަ އެވެ. އެއީ ދީޕިކާ ޕަދްކޯނާއި ކެޓްރީނާ ކެއިފްއާ އެވެ.
އާލިއާ، ރަންބީރްގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާއާ އެކު.
އާލިއާ އާއި ރަންބީރު ރައްޓެހިވެގެން އުޅޭ ކަމަށް އަޑުތައް ފެތުރުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ އާލިއާގެ ދުވަސް ވެސް ދިޔައީ ކަމަށް ބުނެފަ އެވެ. އެގޮތުން ދުވަސްކޮޅަކުން ރަންބީރު އޭނާ ވެސް ދޫކޮށްލާނެ ކަމަށާއި އޭނާއަކީ އާލިއާއާ އެކަށީގެންވާ ކަހަލަ މީހެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކޮމެންޓްކޮށްފައިވެ އެވެ.
އެއް ބަޔަކު ބުނެފައި ވަނީ ރަންބީރަކީ އެކަކާ ހިތާވެގެން އުޅެވޭނެ މީހެއް ނޫން ކަމަށާއި އޭނާއަކީ "ޕްލޭބޯއިއެއް" ކަމަށެވެ.
ރަންބީރާއި އާލިއާ މިހާރު އަންނަނީ އެކުގައި ފިލްމެއް ވެސް ކުޅެމުންނެވެ. އެއީ އޮގަސްޓް، 15، 2019 ގައި ރިލީޒް ކުރާ އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިޕިކެޓްރީނާ
25 June 2018
ދިޕިކާާއާ ރައްޓެހިވެގެން އުޅުންއިރުވެސް ހީވަނީ ދެމީހުން އުޅެނީ އިނދެގެންހެން އެކަމު ދުވަސްކޮޅެއްފަހުން ދިޔައީ ކެޓްރީނާ ކައިރިޔަށް. އެކަމު މިއަދު އޭނާއާ އޭނާގެ މައިންބަފައިން ވެގެން ކެޓްރީނާގެ ދިރިއުޅުންވެސް ވަނީ ބަރުބާދު ކޮއްލާފަ! ރަންބީީކީ ކިތަންމެ ސިފަ ރީތި މީހަކަށް ވިޔަސް އޭނާއަކީ ލޯބިވުމުގަ ޅަކުއްޖެއް! ބޮލީވުޑްގެ ނަމްބަ. 1 ބޯއިފްރެންޑަކީ ރަންވީރް ސިންގް