ދުނިޔޭގެ ކުޅިވަރު / އޭސީ މިލާން

ޔޫރަޕްގެ މުބާރާތްތަކުން މިލާން ސަސްޕެންޑްކޮށްފި

އޭސީ މިލާނުގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީ (ކ) އާއި ކްލަބުގެ ސީއީއޯ މާކޯ ފަސޯނޭ: ޗައިނާ އިންވެސްޓަރުން ހަވާލުވެ ގެނައި އެންމެ މަޝްހޫރު ކުޅުންތެރިއަކީ ބޮނޫޗީ. --ފޮޓޯ: އޭސީ މިލާން

28 ޖޫން 2018 - 10:07

ނިޔޯން، ސްވިޒަލެންޑް (ޖޫން 28) – އިޓަލީގެ އޭސީ މިލާނުން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެފައިވާތީ ޔުއެފާ އިން އެ ކްލަބް ޔޫރަޕުގެ މުބާރާތްތަކުގައި ވާދަނުކުރެވޭ ގޮތަށް އެއް އަހަރަށް ސަސްޕެންޑްކޮށްފި އެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ އިން އެކުލަވާލާފައިވާ އެފްއެފްޕީގައިވާ ގޮތުން ކްލަބެއްގެ ދަރަނި 40 އިންސައްތަ އަށް ވުރެ މަތީގައި އުޅޭނަމަ އެއް ޓްރާންސްފާ މާކެޓެއްގައި 160 މިލިއަން ޔޫރޯ އަށް ވުރެން ބޮޑު ހަރަދެއް ނުކުރެވޭނެ އެވެ. ސިލްވިއޯ ބާލުސްކޯނީ 30 އަހަރަށް ފަހު މިލާން ވިއްކާލުމުން މިދިޔަ އަހަރު އެ ކްލަބް ގަތް ޗައިނާގެ އިންވެސްޓަރުން ވަނީ ކްލަބަށް 200 މިލިއަން ޕައުންޑް ހަރަދުކޮށްގެން ކުޅުންތެރިން ގަނެފަ އެވެ.

މިލާނަކީ މި ގަވާއިދު މުގުރާލާއިގެން އެންމެ ބޮޑު އަބަދެއް ލިބުނު ކްލަބެވެ. ފްރާންސްގެ ޕީއެސްޖީ އަށް މީގެ ކުރިން ދިން އަދަބަކީ ޖޫރިމަނާކުރުމެވެ.

ޔުއެފާ އިން މިލާނުގެ މާލީ ކަންކަމުގެ ތަހުގީގެއްކުރިއިރު، ސުވާލު އުފެދޭ ކަންތައްތަކެއް ހުއްޓެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެއީ މިލާން ގަތުމަށް ޗައިނާ އިންވެސްޓަރުން، އެމެރިކާގެ އެލިއޮޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ނެގި އިންޓްރެސްޓް ބޮޑު ލޯނު ހަލާސްކުރެވިދާނެ ކަމާ މެދު އުފެދުނު ޝައްކުތަކެކެވެ. މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް އެ ލޯން ނުދެއްކި ނަމަ މިލާނުގެ މިލްކުވެރިކަން އެލިއޮޓަށް ލިބި، އެ ކުންފުނިން އެ ކްލަބް ވިއްކާލާނެ އެވެ. އެކަމަކު އޭގެ ކުރިން ވެސް ޗައިނާ އިންވެސްޓަރުން އަތުން މިލާން ގަތުމަށް އެމެރިކާގެ ބިލިއަނަރު ރޮކޯ ކޮމިޝިއޯ އަދި ސްޓީވަން ރޯސް މަސައްކަތްކުރައްވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެ، މިލާނުން ކުރި ބޮޑު ހަރަދު ފޫބެއްދޭ ވަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވުނަސް އެ ޓީމަށް ފުރުސަތު ލިބުނީ ޔުރޮޕާ ލީގުންނެވެ. އެކަމަކު މި އަދަބާ އެކު އެ މުބާރާތުގައި ވެސް ވާދަނުކުރެވޭނެ އެވެ.

މިލާނުން ބުނީ މާޒީގައި ހެދުނު ގޯސްތަކުގެ އަގު އަދާކުރަން ތައްޔާރު ކަމަށާއި އަދި ގަވާއިދުތަކަށް ވެސް އިހުތިރާމްކުރާ ކަމަށެވެ. އެކަމަކު ނިންމުން ނިންމާއިރު ހަމަހަމަ ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައިވެ އެވެ. މިލާނުން މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި އިސްތިއުނާފްކުރާނެ އެވެ.

ޗައިނާ މީހުންގެ އަތްމައްޗަށް މިލާން ދޫކޮށްލެއްވި އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ އެ ކްލަބް ބައްލަވައިގަތީ 1986 ވަނަ އަހަރު އެ ކްލަބް ބެންކްރަޕްޓްވެފައި އޮއްވަ އެވެ. އޭނާ ހަވާލުވެވަޑައިގެން އެ ކްލަބް ޔޫރަޕުގެ ފުޓްބޯޅައިގެ ގަދަބާރަކަށް ހެއްދެވިއ އެވެ. ބާލުސްކޯނީގެ ދައުރުގައި މިލާނުން ޔޫރަޕުގެ ޗެމްޕިއަންކަން ފަސް ފަހަރު އަދި އިޓަލީގެ ޗެމްޕިއަންކަން 8 ފަހަރު ހޯދި އެވެ. އިޓަލީގެ އެންމެ ނުފޫޒު ގަދަ މަހުޖަނުންގެ ތެރޭގައި ހިމެނިވަޑައިގަތް ނަމަވެސް ފަހަކަށް އައިސް ބާލުސްކޯނީ ކްލަބަށް ބޮޑު ހޭދަކުރެއްވުން ހުއްޓާލެއްވި އެވެ. އެއާ އެކު މިލާން ވަނީ ޔޫރަޕުގެ އިތުރުން އިޓަލީގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ފަހުން މިދިޔަ އަހަރު ކްލަބް ވިއްކާލެއްވީ އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 13%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454