މުއިއްޒުގެ ވާހަކަތަކަށް ރައްދުދެއްވައި، ސިޓީ ކައުންސިލްގެ މެމްބަރުން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: އަހުމަދު ނިޝާތު
02 ޖުލައި 2018 - 15:04
ސިނަމާލެ އާއި މާލޭހިޔާ އަދި ވިލިމާލޭގައި ހުންނަ ސޯޝަލް ހައުސިން ފްލެޓްތަކަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސިޓީ ކައުންސިލްގެ ބޮލުގައި މުޅިން ވެސް އެޅުއްވީ ދޮގު އިލްޒާމުތަކެއް ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ފްލެޓްތަކުގެ ހުރިހާ ޒިންމާތަކެއް ކައުންސިލް އަތުން ނަގައިފަ އެވެ. ސަބަބެއް ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވީ، ފްލެޓްތައް ވަރަށް ބޮޑަށް ބާވެ، ހަލާކުވެގެން ދިޔައިރު ވެސް ކައުންސިލުން އެ ތަންތަން ބަލަހައްޓާފައި ނުވުމެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ފްލެޓްތަކުގެ ހާލަތު ރަނގަޅު ކުރުމަށް އެތައް ފަހަރަކު މިނިސްޓްރީ އަށް ސިޓީ ހުށަހަޅައި އެހީ އަށް އެދުނު ނަމަވެސް، އެއްވެސް ޖަވާބެއް ނުލިބުނު ކަމަށެވެ. އަދި ފްލެޓާ ގުޅޭ ގޮތުން މިނިސްޓަރު އިއްޔެ ދެއްކެވި ހުރިހާ ވާހަކަތަކެއް ކައުންސިލުން ދޮގު ކުރި އެވެ.
ފްލެޓްތަކުގެ ހާލަތާ ގުޅޭގޮތުން ޝިފާ މިއަދު ވާހަކަ ދައްކަވަނީ-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
"ދައުވާ ކުރެވޭ ފަދަ ހާލަތެއް އޮތް ނަމަ އަޅުގަނޑުމެން ބޭނުން މިނިސްޓަރުގެ އެ ވާހަކަތަކަށް ދައުވާ ކުރަން ވެސް. އެކަމަކު އަޅުގަނޑުމެންނަށް އެ ފުރުސަތެއް ނެތް. ކައުންސިލުން އަދިވެސް އެބަ މަސައްކަތް ކުރަން، އެޓާނީ ޖެނެރަލްއާ ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދަން،" ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ ހާލަތު ރަނގަޅުކުރުމަށް، ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ފްލެޓްތަކުގެ މަރާމާތަށާއި އެތަންތަނުގެ ހާލަތު ބެލުމަށް ސާވޭކުރަން ބަޖެޓް ހޯދުމަށާއި ލިފްޓު ހަލާކުވުން ފަދަ ގިނަ ކަންކަމުގައި އެހީތެރިކަމަށް އެދި ފޮނުވާފައިވާ "ތިން ރީމުގެ" ސިޓީތައް ކައުންސިލުން މިއަދު ނޫސްވެރިންނަށް ވެސް ދައްކާލި އެވެ.
ކައުންސިލުން އެދޭ ވަރަށް ފައިސާ ދޭ ކަމަށް މިނިސްޓަރު ވިދާޅުވި ވާހަކަ އަށް ރައްދު ދެއްވައި ޝިފާ ވިދާޅުވީ، ފްލެޓްތައް ބަލަހައްޓައި މަރާމާތު ކުރުމަށް އެއް މިލިޔަން ރުފިޔާ، މި އަހަރުގެ ބަޖެޓްގައި ހިމެނުމަށް އެދުނު ނަމަވެސް ބަޖެޓު ލިބުނު އިރު އެކަމަށް އެއްވެސް ފައިސާއެއް ހިމަނާފައި ނުވާ ކަމަށެވެ. އަދި ވާރޭ ވެހޭ ކޮންމެ ފަހަރަކު ބޮޑު ގެއްލުމެއް ލިބޭ އެ ފްލެޓްތަކުގައި، ވިއްސާރަވުމުގެ ކުރިން ފުރާޅުގައި ޓިނުޖަހައި މަރާމާތު ކުރުމަށް 250،000 ރުފިޔާ ހަމަޖައްސައިދިނުމަށް އެދި ސިޓީ ފޮނުވުމުން ފިނޭންސް މިނިސްޓްރީން ޖަވާބު ދިނީ އެ ފައިސާ ހަމަޖައްސައިދެވެން ނެތް ކަމަށް ޝިފާ ވިދާޅުވި އެވެ.
އޭގެ އިތުރުން މިދިޔަ އަހަރުގެ ފައިސާ މި އަހަރުގެ ފެބުރުއަރީ މަހު ފިނޭންސުން ދިން އިރު، މި އަހަރަށް އަދި އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފްލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުން ކުލި ނުދައްކާތާ އެތައް އަހަރެއް ވެފައިވާއިރު، ބައެއް މީހުންގެ ކުލި މިލިޔަން ރުފިޔާ އަށް ވުރެ އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ފައިސާ އެއްފަހަރާ ދެއްކުމަށް ކައުންސިލުން އަންގާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އެކަމަކު އެކަން ދޮގުކޮށް ކައުންސިލުން ބުނީ ފައިސާ ހޯދުމަށް އެންމެ ކުރިއްސުރެ ކައުންސިލުން މަސައްކަތް ކުރި ކަމަށާއި ކުލީގެ ގޮތުގައި ގިނަ އަދަދެއް އަރާފައި އޮތުމުން ފަސޭހަ ގޮތަކަށް އެ ބަހާލައިގެން ދެއްކުމަށް ވެސް އެދުނީ ހަމަ ކައުންސިލުން ކަމަށެވެ.
"މިއީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ. އަޅުގަނޑުމެންގެ ބަޖެޓަށް ވަންނަ ފައިސާއެއް ނޫން. މި ފައިސާ ނުލިބިގެން މީރާއިން ސިޓީ ފޮނުވާއިރު އެ ފައިސާ ހޯދުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އެކަމަކު ބައެއް މީހުންނަށް އެހާ ގިނަ ލާރި ނުދެއްކޭނެތީ ލުއި ގޮތަކަށް ފައިސާ ބަހާލައިގެން ދެއްކުމަށް ވެސް އަޅުގަނޑުމެން އެތައް ފަހަރަކު އެދުނިން،" ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްލެޓްތައް ބެލެހެއްޓުން ކައުންސިލްގެ ދަށަށް ބަދަލުކޮށްފައި އޮންނައިރު، ހައުސިން މިނިސްޓްރީން އެތަނަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އެކަމަކު އެއިން އެއްވެސް މަސައްކަތެއްގެ ތަފްސީލު ކައުންސިލަށް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
ފްލެޓްތަކަށް ލިބިފައިވާ މި ގެއްލުންތައް މިނިސްޓަރަށް ފެނިވަޑައިގެންނެވީ، ކައުންސިލުން ބުނިގޮތުގައި، ރައީސް އަބްދުﷲ ޔާމީނަށް ކެމްޕޭން ކުރެއްވުމަށް އެތަނަށް ވަޑައިގެން މީހުންނާ ބައްދަލުކުރެއްވުމުންނެވެ. އެކަމަކު މީގެ އެތައް އަހަރެއް ކުރިއްސުރެ ކައުންސިލުން އެކަންކަމަށް ހައްލެއް ހޯދަން މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ ކަމަށް އެތަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންމަނިކުފާނު
03 July 2018
މިމީހުން ވާހަކަ ހުހެއްނުވާނެ ދެއްތޯ! ދެބައިމީހުން ތަޅާފޮޅީމާ ހުރިހާ ބާރެއްކުރާނީ ރައްޔިތުންނަށް! ހަމައެއްމެ ކަމެއްގައި މަނަވެސް އެއްބައިވެގެން މައްސަލަ ހައްލުކޮށްދެއްވިއްޔާ ތިބޭފުޅުންގެ އާރަށާއި ބާރަށް ނިކަމެތިކަމެއް އަންނާނެތޯ!
އާމިނަތު އަޙުމަދު
03 July 2018
ސާބަސް މޭޔަރު ޙަޤީޤަތް ހާމަކުރޭ އަދިވެސް ހާމަނުކުރެވޭ ކަމެއް އޮތިއްޔާ އިތުރު ވަގުތު ހޯދައިގެން އެކަންކުރާތި އަބަދު ވެސް މުއިއްޒު ކަނޑާލާނީ ކޮންމެވެސް މީހެއްގެ ބޮލަށް މަމެންރަށުގެ ބަނދަރުގެ ނެރު މިހާރު ކަނޑާފައި އޮތް ދިމާގެ ސަބަބުން މާބޮޑަށް ފަޅުތެރެ ގަދަވާތީ އެހެންދިމާއަކުން ނެރު ކަނޑާދޭން އެދުމުން މިރަށަށް އައިސް ރައްޔެތުން އެދޭގޮތަށް ތިޔަކަން ކޮށްދޭނަމޭ ކިޔާފައި ގޮސް އެކަން ހަނދާން ނެތިކޮށްފައި އެހުރީ މީ ލައްކަ ވާހަކަ މިކޮމެންޓް ޖަހައި ދޭނެކަމަށް ހީކުރަން.
ޥާންޔާ
03 July 2018
ކަލޭ މެން 2 ޕާޓީ މީހުން ކޯޅި ކޯޅި ތިބޭ އަހަރުމެން ވަނީ ހަލާކު
ފުރަތަމަ
03 July 2018
ވެއިޓް. ފުރަތަމަ ތިބުނީ މިނިސްޓްރީއިން އެއްވެސްކަމެއް ނުކުރެޔޭ. ފަހުން ތިބުނީ ހައުންސިން މިނިސްޓްރީއިން ފްލެޓްތަކަށް ބޮޑެތި ބަދަލުތަކެއް އެބަ ގެނެޔޭ. ދިމައެއް ނުވޭނު؟
ސިނަމާލެ
03 July 2018
2014 ވަނަ އަހަރުގެ އެނުއަލް ރިޕޯޓުގަ ކައުންސިލުން ބުނެފަ އެބަވޭ މާލޭހިޔާ އަދި ސިނަމާލެ ފްލެޓް މެއިންޓެއިންކުރުމުގެ މަސައްކަތްކުރުމަށް ކައުންސިލާއެކު ކޮންޓްރެކްޓުކޮށްފައިވާ ވިލެޖް ކޮންސްޓްރަކްޝަނުން އެކަށީގެންވާ މަސައްކަތް ނުކުރާތީ އެއަހަރުގެ ނިޔަލަށް އެއްބަސްވުން ބާޠިލުކުރަން ނިންމިކަމަށް. 2015 ވަނަ އަހަރުގެ ރިޕޯޓުގަވެސް އެއްބަސްުވުން ބާޠިލުކުރަން ނިންމި ވާހަކަ ތަކުރާރުކޮށްފައިވޭ. އެކަމަކު، 2016 ވަނަ އަހަރުގެ ރިޕޯޓުގަ ބުނެފަ އެބަވޭ ވިލެޖް ކޮންސްޓްރަކްޝަނުން ކުރާ މަސައްކަތްތައް މޮނިޓަރ ކުރަމުންދިޔަކަމަށް. 2017 ވަނަ އަހަރުގެ ރިޕޯޓުގަ އެބަ ބުނޭ އެތަނުގެ އަލިފާން ނިއްވާ ނިޒާމުގަ ހުރި މައްސަލަތައް އެމް.އެން.ޑީ.އެފް އިން ފާހަގަކޮށް އެންގުމުން ވިލެޖަށް އެވާހަކަ ކައުންސިލުން އެންގި ނަމަވެސް އެއްވެސް މަސައްކަތެއް ނުކުރާ ވާހަކަ. ކީއްވެތޯ އެއެއްބަސްވުން އުވާނުލެވިގެން ތިއުޅެނީ؟ އޭގަ އެބަ ބުނޭ އެމީހުންނަށް ފައިސާ ދޫކުރާ ވާހަކަވެސް. ނޫސްވެރިން މިކަންކަމާ ސުވާލުނުކުރަނީ ކީއްވެތޯ؟
ރީތި މޫސަ
03 July 2018
އެއީ ދޮގުނަމަ ސިޓީކައުންސިލުން ކީއްވެފައިސާ ދައްކަންއެންގީ އެއީ ހަމަތެދު
އިބްތިހާލް
02 July 2018
ޑރ މުއީޒުވެސް އަދި ޝިފާވެސް އަބަދު ފެންނަނީ ކޮންމެވެސް މީހެއްގެ ނުބައިކަން ދެކުމުގައި! އަމަލީ ގޮތުން ހެޔޮ މަސައްކަތް މަދު!
އަބްދުއްލާ
02 July 2018
ކައުންސިލެއްނު މިހާރު ކިޔަނީ ކުރީގަ މުނިސިޕަލްޓީ ދޯ ފައިސާދޭނީ ކިހިނެތް ކުނިގޮނޑުި ސާފުކުރަން ދެފަހަރު ދިންފައިސާ ކޮބާ ؟
ޙަފްޞާ / މާލެ
02 July 2018
މާލޭގައޮތް ބޮޑު ކުނިގޮނޑުން ދުމާއެކު ނުބައިވަސްފެތުރި ސުކޫލުތައް ބަންދުކޮށް މާލެތެރޭގައި ނޯށްދަމާލަންނުކެރޭހިސާބަށް ދިޔުމުން ކަލޭމެންގެ ޒިންމާއަދާނުކޮށް މަހުމުސާރަ ލިބޭދުވަހަކަށް ކަލަންޑަރު ބަލންތިބީ! އެހިނދު ސަރުކާރުން ، ތިޔަތަނުގެ ބައެއް ބާރުތައް އަތުލީމާވެސް ބުނީ ސަރުކާރުން ހަދަނީ ދޮގެކޭ! އެކަމަކު އެއީ ޙަޤީޤަތްކަން އެންމެހައި ރައްޔިތުންނަށް އެގޭނެ!
ޢޙަމީދު
02 July 2018
ލިޔެކިއުމުން ތެދު ދޮގު ހޯދަން ފެނޭ