ހައި ކޯޓު: ބަންދު އަމުރުތައް އިސްތިއުނާފް ކުރާ ނަމަ މާލޭގެ ހައި ކޯޓަށް ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައި --ފޮޓޯ/މިހާރު
05 ޖުލައި 2018 - 15:52
ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ ބަންދާ މެދު ނިންމާ ނިންމުންތައް އިސްތިއުނާފް ކުރާ ނަމަ މާލޭގެ ހައި ކޯޓަށް ހުށަހަޅަން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައި ހައި ކޯޓުގެ ދެ ގޮފި ގާއިމް ކުރުމުން އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރަނީ އެ ސަރަހައްދެއްގައި ހުރި ހައި ކޯޓުގެ ގޮތްޕެއްގަ އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ސާކިއުލާއެއްގައިވަނީ ބަންދާ މެދު ނިިންމާ ނިންމުންތަކުގެ މައްސަލަތަކަކީ އަވަސްކަމާ އެކު ނިންމަންޖެހޭ ބާވަތުގެ މައްސަލަތަކެއް ކަމަށެވެ. އަދި ހައި ކޯޓުގެ ގޮފިތަކުގެ ފަނޑިޔާރުން ދާއިމީކޮށް އެ ގޮފިތަކުގައި ތިއްބަވާ ގޮތަށް މިހާރު ހަމަޖެހިފައި ނުވާތީ، ބަންދާ މެދު ނިންމާ ނިންމުންތައް އިސްތިއުނާފަށް ހުށަހަޅަން ޖެހޭނީ މާލޭގައި ހުންނަ ހައި ކޯޓަށް ކަމުގައި ހަމަޖައްސާފައިވާ ކަމަށް އެ ސާކިއުލާގައިވެ އެވެ.
ހައި ކޯޓުގެ ގޮފިތައް އުފެދުމާ، އެއިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ކަނޑައަޅަން ޖެހުނެވެ. އޭރު ހައި ކޯޓުގައި ނުވަ ފަނޑިޔާރުންގެ ބެންޗެއް އޮއްވާ ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ކަނޑައެޅުމުން މާލޭގެ ހައި ކޯޓަށް ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވި އެވެ. އެކަން ހައްލު ކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ހައި ކޯޓުގެ ބެންޗްގެ އަދަދު 11 އަށް އިތުރު ވެސް ކުރި އެވެ.
މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ހަމަޖެއްސީ ފަނޑިޔާރުން ދާއިމީކޮށް ގޮފިތަކުގައި ތިއްބެވުމުގެ ބަދަލުގައި ކަނޑައެޅޭ ވަކި އުސޫލަކުން ގޮފިތަކަށް ދަތުރު ކޮށްގެން މައްސަލަތައް ނިންމާ ގޮތަށެވެ. އެހެންވެ، ހައި ކޯޓުގެ ހުރިހާ ފަނޑިޔާރުން ވެސް ދާއިމީކޮށް މިހާރު މަސައްކަތް ކުރައްވާނީ މާލޭގެ ހައި ކޯޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސްކުޅަނދު
05 July 2018
ކުޑަ މާލޭ.. ފަސްކުޅަނދު މަދު ރާއްޖޭތެރެ
މޮޑަފްް
05 July 2018
ތިގޮފިތައް ހެދިއިރުވެސް އެނގޭ ތިކަންދާނީ ފަނުފުލުންކަން. ހުޅުމީދޫގަ ގޮފިހަދާފަ އެހެރީ އަމިއްލަ ރަށަށް ކަމެއް ކޮއްދޭންވެގެން. ބޮޑު އާބާދީ މިޖެހެނީ ފަޅުވަމުންދާ ތަނަކަށް ޚިދުމަތް ހޯދަންދާން ކަނޑު ހުރަސްކޮށް. މިހާރު ދެން ތިރަށުން ތިގޮފި ދިއުމުގެ ޗާންސް ބޮޑު.