އެސްޓީއޯގެ މުވައްޒަފުންނަށް އަގުހެޔޮކޮށް ފްލެޓް ދޫކުރާ "ހިޔާ ސްކީމް" އެ ކުންފުނީގެ ޗެއާމަން ހުސެއިން ސާލިމް (ކ) ލޯންޗްކޮށްދެއްވަނީ. ފޮޓޯ: އެސްޓީއޯ
10 ޖުލައި 2018 - 00:57
އެންމެ ހެޔޮއަގުގައި ފްލެޓް ލިބޭ ސްކީމާ އެކު، އެސްޓީއޯގެ މުވައްޒަފުންނަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ މުވައްޒަފުންނަށް ހެޔޮއަގުގައި ފްލެޓް ލިބޭ ސްކީމް ތައާރަފް ކޮށްދެއްވީ، އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ޗެއާމަން ހުސެއިން ސާލިމް އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ދެ ޓަވަރުގެ ބިންގާ މިދިޔަ ފެބްރުއަރީ 26 ގައި އަޅާފައިވާއިރު، އެ ޓަވަރުތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި "ހިޔާ ސްކީމް" ގެ ފްލެޓަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން ހުޅުވާލާފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ ހިޔާ ސްކީމަށް ފޯމު ހުށަހެޅުމަށް މިއަދުން ފެށިގެން ދެ ހަފުތާގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އެސްޓީއޯ އިން ބުނިގޮތުގައި، އެ ކުންފުނީގެ ޓަވަރުތަކުގައި، މުވައްޒަފުންނަށް ޚާއްސަ ކޮށްފައިވާ 304 އެޕާޓްމަންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 68 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 36 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ކޮޓަރި ހިމެނޭ 144 އެޕާޓްމަންޓް އަދި ދެ ކޮޓަރި އާއި މެއިޑް ކޮޓަރިއެއް ހިމެނޭ ޕްރިމިއަމް ކެޓަރީގެ 56 އެޕާޓްމަންޓެވެ.
މި ފްލެޓްތަކުގެ އެސްޓިމޭޓް އަގުތަކަކީ އެއް ކޮޓަރީގެ އެޕާޓްމަންޓެއް 971,460ރ. އަށެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓެއް 1,375,200ރ. އަށް ދޭއިރު ދެ ކޮޓަރި އާއި މެއިޑް ކޮޓަރި ހިމެނޭ އެޕާޓްމަންޓެއްގެ އަގު އުޅެނީ 1,598,400ރ. އަށެވެ. އަދި ދެ ކޮޓަރި އާއި މެއިޑް ކޮޓަރި ހިމެނޭ ޕްރިމިއަމް އެޕާޓްމަންޓެއްގެ އަގަކީ 1,795,200ރ. އެވެ.
އެސްޓީއޯގެ މުވައްޒަފުންނަށް އަގުހެޔޮކޮށް ފްލެޓް ދޫކުރާ "ހިޔާ ސްކީމް" ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިރޭ ވާހަކަދައްކަވަނީ. ފޮޓޯ: އެސްޓީއޯ
އެސްޓީއޯ އިން ބުނީ އެ އަގުތަކަށް ފަހުން ބަދަލު އައި ނަމަވެސް ފަސް ޕަސެންޓަށް ވުރެ ބޮޑު ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި އެ އެ ސްކީމަށް ފައިސާ ދެއްކުމުގައި މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި ތަފާތު ހަތަރު ފައިނޭންސިން އޮޕްޝަން ތައާރަފް ކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯގެ ފްލެޓްގެ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭނީ 10 ޕަސެންޓެވެ. އަދި އެ 10 ޕަސެންޓް ވެސް އެއްފަހަރާ ދެއްކުމުގެ ބަދަލުގައި މުވައްޒަފުންނަށް ދެ އަހަރަށް ބަހާލައިގެން ދެއްކޭނެ އުސޫލެއް ހަމަޖައްސާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނިގޮތުގައި، ބޭންކް ލޯނު ހަމަޖެހޭ މުވައްޒަފުންނަށް އެސްޓީއޯ އިން ލޯނު ހަމަޖައްސައިދޭނެ އެވެ. އަދި މިއީ މިހާތަނަށް އެންމެ އަގުހެޔޮކޮށް ހިޔާ މަޝްރޫއުން ފްލެޓް ލިބޭ ސްކީމް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ގަބޫލުކުރާ ގޮތުގައި ބޯހިޔާވަހިކަމުގެ އެ މަޝްރޫއުގެ ސަބަބުން ގިނަ މުވައްޒަފުންނަށާއި އެ މުވައްޒަފުންގެ އާއިލާތަކަށް ފައިދާ އާއި މަންފާ ކުރާނެ އެވެ.
ހިޔާ މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ ދަށުން، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަަށް ލުއިފަސޭހަކަމާ އެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިފްތިތާހުކުރި މަޝްރޫއެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ
10 July 2018
ތީ އެސްޓީއޯގެ މުވައްޒަފުންގެ ލާރިތަ ނޫނީ ރައްޔިތުންގެ ލާރިތަ،
މޫސަ123
10 July 2018
ވާނުވާ ނޭގެންޏާ އަޅާނުލުން ރަގަޅުވާނެ
މުހައްމަދާ
10 July 2018
ދެން އިންތިޚާބު ގާތްވާ ވަރަކަށް ތިފަދަ, ހިތުން އުފާވެރި ކަމުން މަކަރުވެރި, ޚަބަރުތައް ނޫސްތަކުގެ ފަލަ ސުރުޚީތަކުން ފެންނަލެއް ގިނަވާނެ ... އެކަމަކު ކިތައްމެ ފުލެޓެއް ދިނަސް އަދި ފައިސާއެއް ދިނަސް ޔާމީނަށް މިގޭ ވޯޓް ނުލިބޭނެ ... ވަރަށް ސާފް.
ރަޅޭ
10 July 2018
2 ލައްކަޔާއި 3 ލައްކައަށް 2 ކޮޓަރީގެ ހެޔޮވަރު ގެއެއް އެޅޭއިރު ، ކުޑަކުޑަ 2 ކޮޓަރީގެ އެޕާޓްމެންޓެއް މިލިއަނުން ރުފިޔާއަށް ރައްޔިތު މީހާ ދަރަނިވެރި ކުރުވާފަ ރައްޔިތު މީހެ ބޮލުގައި އަޅުވަން ސަރުކާރުން މަސައްކަތް ކުރުމީ އިންސާފެއް ނޫނެވެ، ރައްޔިތުމީހާގެ މަޖުބޫރީ ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން ސރުކާރަކުން ދިމާކުރުމީ ބަލައިގަނެވޭނޭ ކަމެއްނޫނެވެ. ރައްޔިތުންނަށް ގޯތި ދޫކުރާށެވެ. ގޯތިދޭން އެއްބަސްނުވާ ސަރުކާރަކަށް ތާއީދެއް ނުކުރެވޭނެއެވެ. ބިމަކީ ރައްޔިތުންގެ ބިމެވެ. އަހުރެންވެސް މިހުރީ ގޯއްޗެއް ނުލިބުމުގެ ސަބަބުން ގެދޮރު އިމާރާތް ކުރެވޭނެ ގޮތެއް ނެތި އުޅޭނެ ތަނެއް ނެތިފައެވެ.
ރަޅޭއަށް
10 July 2018
ވަރަށް ގިނަ މީހުން ހަމަ ތިޔަ ހާލުގަ.. އެކަމު ގެއެއް ނޭޅޭ ތިބުނާ އަގަކަށް މިހާރު.. މިލިއަނުން އަގު އަރާ. އަސްލު އެސްޓީއޯ އިން އެދޭ އަގުތައް ވަރަށް ރަނގަޅުހެން ހީވަނީ މިދޭ އެހެން ހައުސިންގތަކާ ބަލާފަ.
ފުންއަސަރު
10 July 2018
އަޅެ އެސްޓީއޯ މުވައްޒަފަކަށް ވީނަމަ ކޮންފަދަ. މީ އަސްލު ކަންވާންވީ ގޮތަކީ. މީ އަސްލު ބަޔަކަށް ކަމެއް ކޮށްދިނުމަކީ. މީ އަސްލު ބޯހިޔާވަހިކަން ޔަގީންކޮށްދިނުމަކީ. މީ އަސްލު މަމެން ރައްޔިތުން ބޭނންވާ ގޮޔތަކީ. އެކަމަކު މަމެން ކުރާނީ ކީތްތޯ؟ ބޮޑުއަގުގާ ދިން ފްލެޓްތަކަށް ފައިސާ ދައްކާލަ ދައްކާލަ ތިބުންނޫން ގޮތެއް އެބައޮތްތޯ؟ އެކަމަކުވެސް އަހަރެންގެ ދުއާއަކީ އިންތިޚާބުގެ މި ދުވަސްވަރުގާ ރައީސް ގެ އިސްނެންގެވުމުގެ ތެރެއިން މިކަމުގާ މަމެންނަށް ބޮޑުއަގުން ކުޑަނަމަވެސް މިންވަރެއް ކަނޑާލަދެއްވުން. މިކަމަކީ އެއިރެއްގެ ައީސަށް ނުކޮށްދެވޭވަރުގެ ކަމެއްނޫން. އެހެޔޮ މަހުކުލީގެ ގޮތުގާ ދައްކަންޖެހޭ އެއްޗެއް ކުޑަކޮށްދެއްވިޔަސް. އެވެސް ބޮޑުވަތރަކަށް ވާނެ މަމެންނަށް. ޕްލީޒް ހެލްޕްމީ.
ހޮޓްކިންގ
10 July 2018
އަހާދީބަލަ އިމިގްރޭޝަން ކޮންޓްރޯލަރު ނޫނީ އިކޮނޮމިކް މިނިސްޓަރ ޝަޢީދު ކުރެން ކޮބައިތޯ އިމިގްރޭޝަން މުވައްޒަފުންނަށް ޕްލެޓް ދޭނަމޭ ކިޔައިގެން އެޅުވި އަނދުން. ތިމާމެންނަށް ކަންކަން ނުވާއިރު އަނގައިން ކަންކަން ކުރަން ނޫޅޭ ގޭގައި ތިއްބަސް ބަޔަކު އެއްޗެކޭ ނުކިޔާނެ.
ބޯ ހަލާކު
10 July 2018
ތަންކޮޅެއް ކުރިން ވިލާ އިން ފްލޮޕީ ޑިސްކާ އާދައިގެ ޕެންޑްރައިވް އަށްދަންދެން އައިޓީ ސާމާނު ވިއްކަން ފަށައިގެން އިދަޖެހުނީ އޭގެ ކިތައް ކުދި ވިޔަފާރިހެއްޔެވެ؟ އެގޮތަށް މިހާރު ރާއްޖޭގެ އެންމެ މުއްސަދި ޕަބްލިކު އެއްކުންފުނިން، ކޮންމެ ބޭނުމެއްގައިނަމަވެސް ތިޔަ ކުރަން އުޅެނީ ވަރަށް ނުރައްކާތެރި ކަމެކެވެ! އެއީ، ގެއެއް ހެދުމަށް ބޭންކުން ލޯނުދެނީ 11.25ގެ ކޮންފައުންޑް އިންޓްރަސްޓްގައެވެ. މީގެ މާނައަކީ 800 އަކަފޫޓްގެ ބިންކޮޅެއްގައި 10 ބުރި ގެއެއް ހަދާކަމަށްވަންޏާ 800*1400*10=11.2 މިލިއަން ރުފިޔާ ބޭނުންވާނެއެވެ. މީގެ އިކުއިޓީއަށްވާ %30 އަކީ 3.36 މިލިއަން ރުފިޔާއެވެ. މީ އާމްދަނީ ރަގަޅު 5 މީހެއްގެ 10 ވަރަކަށް އަހަރުގެ ސޭވިންގްއެވެ! އިކުއިޓީއަށް ފަހު ލޯނަށް ބޭނުންވާ 7.84 މިލިއަން ރުފިޔާ އަށް 15 އަހަރުވަންދެން މަހަކު 90،343.91ރ ބޭންކަށް ދައްކަން ޖެހެއެވެ. ފައިދާގެ ގޮތުގައި ބޭންކަށް 8،421،903ރ ލިބެއެވެ! ވީމާ، ޢާންމުންނަށް ތިކަމުން ވާނެ ގެއްލުން ވިސްނާލާށެވެ!
best
10 July 2018
ތިހިސާބް ގޯސް! މޭބީ މަށަށް ނުވިސްނުނީ ކަންނޭންގެ!
ސައްބޭ ބައި
10 July 2018
ކަރެކްޝަން. މާލެ ގެ 10 ބުރީގެ ގެ އަޅި މީހުންނަށް ވާނީ ގެއްލުން. ޔައުނީ މަހު ބޮޑު ކުލި ނުލިބޭނެ. ދެން އަނެއް ކަމަކީ ރާއްޖޭ އިން ބޭރުގައި ދިރިއުޅޭ ދަރިންނާއި އަނބިން މާލެ އަންނަން ޖެހޭނެ. އެކަމަކު ރައްޔިތު މީހާ އަށް ގެއްލުން. ހިސާބު ތައްވެސް ގޯސް. 800 އަކަ ފޫޓު ގައި 10 ބުރީގެ ޢިމާރާތެއް އަޅަންދާނީ 10 މިލިއަން ރުފިޔާ. ބެންކުން ލޯނު ދޭނީ 7 މިލިއަން ރުފިޔާ. އިކުއިޓީގެ ގޮތުގައި 3 މިލިއަން ރުފިޔާ. ލޯނަށް މަހަކު 82 ހާސް ރުފިޔާ. ބެންކަށް ފައިދާ ގެ ގޮތުގައި 7 މިލިއަން ރުފިޔާ އިތުރަށް ދައްކަން ޖެހޭނެ. ސުވާލަކީ. ބޮޑު ކުއްޔަށް ދޭން ކޮންމެހެން 10 ބުރިއަށް އަޅަންޖެހޭ ތޯ. މީހުންނަށް ސަރުކާރު އެކިއެކި މަޝްރޫތައް މެދުވެރިކޮށް ފްލެޓް ދެންޏާ ތިބޭފުޅާވެސް އަމިއަލަ އާއިލާ އަށް ވާވަރު ތަނެއް އެޅީމަ ހުންނާނީ ރަނގަޅަށް. ނިކަމެތިން އަކީ ބޮޑު ކުލި ދައްކާ މީހުން. 10 ބުރި ޢިމާރާތް ކުރާމީހުން އެއް ނޫން.
ރަށްވެހި މީހާ
10 July 2018
ހިސާބު ރަނގަޅު، 10 ބުރި ހަދާފަ 5 ބުރި ކުއްޔަށް( ކޮންމެ ބުރިއެއް 20000ރ) ދިނުމުން މަހުން މަހަށް ބެންކަށް ދައްކަން ޖެހޭ ފައިސާ ލިބޭނެ. ބާކީ 5 ބުރީގަ އާއިލާގެ 5 ފެމިލީ ދިރުއުޅުން ނުވަތަ އަމިއްލަ ފައިދާއަށް ކުޔަށް ދިނުން، މީ މަށަށް ވިސްނުނުގޮތް.
އަޖީތު
10 July 2018
މިހާތަނަށް އެންމެ އަގު ހެޔޮ ފްލެޓު. އަދި ފައިސާ ދައްކަންވެސް އެންމެ ލުއި ގޮތް. މީގެ މާނަ އަކީ ސަރުކާރުގެ އެހެން ފްލެޓުތައްވެސް މިގޮތަށް ދެވޭނެއޭ.
ނަހޫ
10 July 2018
ކުންފުނިތަކުގެ މީހުންގެ ވޯޓް ހޯދަން ކުރާކަމެއްތީ، ރައްޔިތުންގެ ފައިސާ ވަކިބަޔަކަށް މަންފާ ލިބެގޮތަށް ހެދުމަކީ ކޮށްގެންވާނެކަމެއްނޫން، ތިމީހުންނަށް ތިތަނުންވެސް ފްލެޓް ސޯޝަލް ސްކީމުންވެސް ފްލެޓް، ކޮބައިތޯ ހަމަހަމަކަމަކީ،
ނަހޫ
10 July 2018
ތީ ރައްޔިތުންގެ ފައިސާ، ވަކި އެސްޓީއޯ މުވައްޒަފުންނަށް ތިކަމެއް ނުކުރެވޭނެ، ކޮބާ ރައްޔިތު މީހާގެ ފައިސާއިން މަގޭ ހައްގު، މިފަހަރު ފްލެޓަށް އެދޭ ކެޓަރީ ނުވެސްނެތް، މިސްކީމަށްވެސް ތިމުވައްޒަފުންނަށްވެސް ލެވޭ، ދެކޮޅެއް ނުޖެހޭ
best
10 July 2018
ތާޢީދު!
ނަހޫ
10 July 2018
ތީ ވަރަށް ހެއްވާ ތާކުންތާކު ނުޖެހޭކަމެއް، ތީ ހަމައެކަނި އެސްޓީއޯ މުވައްޒަފުންގެ ފައިސާއެއްނޫން، ތީ ދިވެހި ރައްޔިތުންގެ ފައިސާ، ތިފައިސާ ބޭނުންކުރަންޖެހޭނީ އެންމެންނަށް ހަމަހަމަކޮށް މުވައްޒަފުންނަށް މަސައްކަތްކުރީމަ މުސާރަ އަދި އިނާޔަތްތައްދީ، ބޯހިޔާވަހިކަމުގެ ފްލެޓްތަކެއް އަޅާފަ ހަމައެކަނި އެކުންފުނީގެ މުވައްޒަފުންނަށް ކުޑަ އަގުގައި ފްލެޓް ދިނުމަކީ ބަލައިގަނެވޭނެކަމެއްނޫން، ހުރިހާ ކުންފުނިތަކުން ބައިވެރިވެގެން ހައުސިން ސްކީމެއްހަދައި އެންމެންނަށް ބައިވެރިވެވޭގޮތަށް ހެދުމަކީ އެންމެ ރަގަޅުގޮތް،