މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ގައުމީ އިނާމު ދެއްވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް
24 ޖުލައި 2018 - 10:29
ޝަރަފުވެރި ކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު މި އަހަރު 20 ބޭފުޅަކަށް ދިނުމަށް، ގައުމީ އިނާމާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ، ޝަރަފުވެރި ކަމުގެ ގައުމީ އިނާމު ފަސް ބޭފުޅަކަށް ލިބޭނެ ކަމަށެވެ. އޭގެ ތެރެއިން ހަތަރު ބޭފުޅުންނަކީ، މީގެ ކުރިން ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ބޭފުޅުން ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެނީ 15 ބޭފުޅަކަށެވެ.
މީގެ އިތުރުން މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ވެސް މި އަހަރު 24 ބޭފުޅަކަށް ދިނުމަށް ވަނީ ނިންމައިފަ އެވެ.
ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލް ހޯދައިގެން ދެ ބޭފުޅުން އިނާމު ލިބެ އެވެ. މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ 19 ބޭފުޅަކު ހޯދާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާފައިވަނީ ތިން ބޭފުޅެކެވެ.
ގުރުއާން ހިތުދަސްކޮށްގެން ހާފިޒު ކަމުގެ ސަނަދު ހާސިލްކުރި ހަތް ބޭފުޅަކަށާއި މިދިޔަ އަހަރާއި މި އަހަރު ބޭއްވި މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ހާސިލްކުރި ދަރިވަރުންނަށް ސަރުކާރުން ދެއްވާ ހާއްސަ މެޑަލް ލިބޭނެ އެވެ.
އެ ބޭފުޅުންނަށް ގައުމީ އިނާމު ދިނުން އޮންނާނީ، އަންނަ ބުރާސްފަތި ދުވަހު ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގަ އެވެ.
އާންމު ގޮތެއްގައި ސަރުކާރުން ގައުމީ އިނާމު ދެމުން އަންނަނީ، ކޮންމެ އަހަރެއްގެ ވެސް ޖުމްހޫރީ ދުވަހުގެ ހަފުލާގަ އެވެ. އެކަމަކު، މި އަހަރު އެ އިނާމު ދޭނީ މިނިވަން ދުވަހުގެ މުުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންމި
24 July 2018
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމަކީ މިހާރު ބަލައިގަނެވޭނެ އެއްޗެއްނޫން. ސަބަބަކީ ރާއްޖޭގެ ޕްރައިވެޓް ކޮލެޖްތަކުން ތިޔަ ދޭ ވަނަތަކާއި ބޭރުގެ ޔުނިވަރސިޓީ ތަކުން ހޯދާ ވަނަތަކާއި އަޅާ ނުކިޔޭނެތީ އެވެ. ފެންވަރުގެ ގޮތުންވެސް އަދި ގައުމަށް ލިބޭ ރީތި ނަމަށް ބެލިކަމުގަ ވީ ނަމަވެސް މި ދެންނެވި ދެ ބައި ވަކިވާން އެބަޖެހޭ. ގައުމީ ޔުނިވަރސިޓީގެ ވަނަޔަކަށް އަންނަ ބޭފުޅަކަށް ގައުމީ ދުވަހު އިނާމެއް ދިން ނަމަވެސް، ވިޔަފާރިޔަށް ހިންގާ ޕްރައިވެޓް ކޮލެޖްތަކުން ވަނަ ގެންނަ ފަރާތްތަކަށް އެއްފެންވަރެއްގަ ގައުމީ އިނާމެއް ދިނީމަ އެއީ އިންސާފު ކަމަމަށް ނުބެލެވޭނެ. މިއީ ކޮންމެ ދިވެއްސަކަށް އިނގޭނެ ހަގީގަތެއް. ޕްރައިވެޓް ކޮލެޖްތަކަކީ އަމިއްލަ ވިޔަފާރި ތަކެއް. އެންމެ މީހަކަށް ދަރިވަރުންގެ ނަތީޖާތަކަށާއި އެހެނިހެން ގޮތްގޮތަށް ފައިދާ ހޯދާދިނުމަކީ ވަރަށް ފަސޭހަކަމެއް. މިއީ ކަންހިނގާފަ ހުރި ގޮތް.
ނަސީ
24 July 2018
މިނިވަން ޚިޔާލަށް ބުނަމެވެ. ބަޔަކު ތިކަން ކުރަން އުޅުނަސް ތި ފުރުސަތެއް ނުލިބޭނެ. މިފަހަރުވެސް ރީދޫ މީހުންނަށް ލިބޭ ކަމަށްވަނީ. ޢިންސާފުވެރިވާނެކަމަށް ބެލެވޭ
މިނިވަން ޚިޔާލު
24 July 2018
ތިކަން ހެޔޮގޮތުގަައި ސިޔާސީ ނުކޮށް ކުރުން އެދެމެވެ. އެކަމަކު ފަޑިޔާރުން ކަން ދިނުން ވެސް މިހާރު ސިޔާސީ ވެފައި ވާތީ ހުރިހާ ކަމެއް އެމަގުން ހިނގާ ނުދާނެ ކަމަށް ބެލޭކަށް ނެތެވެ