އަމީނިއްޔާ ސްކޫލުގެ ޒަމާންވީ ލޯގޯ-- ފޮޓޯ: ނިޝާތު އަލީ/މިހާރު
28 ޖުލައި 2018 - 18:13
އަމީނިއްޔާ ސްކޫލުގެ ބޭރުގައި ހަދާފައި ހުންނަ ޒަމާންވީ ލޯގޯ އެ ސްކޫލުގެ ގޯތި ތެރޭގައި ބެހެއްޓުމަށް ނިންމައިފި އެވެ.
އަމީނިއްޔާ ސްކޫލުގެ ބާ އިމާރާތް ތަޅާލާފައިވާއިރު އެ އިމާރާތުގެ ބޭރުގައި ޗާންދަނީ މަގަށްވާ ގޮތަށް ރާނާފައި ހުރި އެސްކޫލުގެ ލޯގޯ މިއަދު ވަނީ އެ ތަނުން ނަގާފަ އެވެ. އަމީނިއްޔާ ސްކޫލުގެ ބެޖުގައި ހިމެނޭ ބޮޅާއި ތަރީގެ އިތުރުން އެ ސްކޫލުގެ މޮޓޯ ތިރީގައި ލިޔެފައިވާ އެ ލޯގޯ ނެގުމަށް ފަހު މިހާރު ބަހައްޓާފައި ހުރީ އެސްކޫލުގެ ގޯތިތެރޭގަ އެވެ.
އެ ލޯގޯގައި ވާ ޖަހައިގެން ނަގާ ފޮޓޯ ސޯޝަލް މީޑިއާ ގައި އާންމުކޮށް އެ ސްކޫލްގެ ކުރީގެ ބައެއް ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ މީހުންގެ މަދްރަސީ ދައުރުގެ ހަނދާންތަކާއި އެ ލޯގޯއާ ގުޅިފައިވާ ކަމަށް ބުނަމުންނެވެ. އެ ދަރިވަރުން ބޭނުމަކީ އެ ލޯގޯ މޮނިއުމެންޓަކަށް ހަދާށެވެ.
އަމީނިއްޔާގެ ލޯގޯ ނަގާތީ ކަންބޮޑުވުން ފާޅުކޮށް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއް
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު "މިހާރު" އަށް މިއަދު ވިދާޅުވީ އެ ލޯގޯ ނައްތައިނުލާނެ ކަމަށާއި އެއީ ޒަމާންވީ އަދި އެސްކޫލުގެ ތާރީޚާ ގުޅިފައިވާ އެއްޗަކަށް ވުމުން މޮނިއުމެންޓެއްގެ ގޮތުގައި ސްކޫލުގެ ގޯތިތެރޭގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
"ސްކޫލަށް ވަންނަ ގޭޓް ކައިރި ކުޑަ ބަގީޗާއެއް ގޮތަށް ހަދާފައި މޮނިއުމެންޓެއް ގޮތަށް އެލޯގޯ ބެއިންދުމަށް އަޅުގަނޑުމެން ކުރެހުމުގައި ހިމަނާފައި ވާނެ،" ޝަފީއު ވިދާޅުވި އެވެ.
އެއީ، ކިހާ ޒަމާންވީ ލޯގޯއެއް ކަމެއް އެޑިއުކޭޝަން މިނިސްޓްރީން ވެސް ސާފުވާގޮތެއް ނުވި އެވެ.
އަމީނިއްޔާ ސްކޫލުގެ ބާ އިމާރާތާއި އާ އިމާރާތް-- މިހާރު ފޮޓޯ
ޒަމާންވީ އަމީނިއްޔާގެ ބާ އިމާރާތް ތަޅާލައި މި އަހަރުން ފެށިގެން ކިޔަވައިދެމުން އަންނަނީ ފަހުން އިމާރާތްކޮށްފައިވާ އަށް ބުރީގެ އިމާރާތުގަ އެވެ. މިއީ ހިތްގައިމު، އަދި މާލޭގައި ހުރި މި ފަދަ އެންމެ ބޮޑު އިމާރާތެވެ. މުޅި އަމީނިއްޔާ ހެން މިހާރު ހިންގާނީ މި އިމާރާތުގަ އެވެ. މިއީ 2،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ އަމީނިއްޔާ އަށް، އެތައް ގޮތަކުން ލިބުނު ފަސޭހަ އެކެވެ.
މީގެ 74 އަހަރުކުރިން ތައުލީމު ދޭން ފެށި އެ ސްކޫލަކީ އަންހެނުންނަށް ތައުލީމް ދިނުމަށް ހާއްސަކޮށް ރާއްޖޭގައި ފެށި ފުރަތަމަ ސްކޫލެވެ. މަދަރަސަތުއް ސަނިއްޔާގެ ނަމުގައި ފެށި އެ ސްކޫލުގެ ނަން ފަހުން އަމީނިއްޔާ އަށް ބަދަލުކުރީ މުހައްމަދު އަމީންގެ ވެރިކަމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުބޭ
30 July 2018
ލޯގޯ ފުރަތަމަ ފަރުމާ ކުރީ އަލްފާޟިލު ޖޯން ރައިޓް ގެ ޕްރިންސިޕަލް ކަމުގެ ދުވަސްވަރު، 1961 ވަނަ އަހަރު. ސިމެންތިން ހަދާފަ ހުރި ލޯގޯ ހުރި އިމާރާތް ހުޅުވައިދެއްވީ 1970 ވަނަ އަހަރު، އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު. އެ ކިލެގެފާނަކީ 1954 ން 1958 އަށް ދިވެހިރާއްޖޭގެ ބޮޑުވަޒީރު.
އަސްލުގަ
30 July 2018
ތިޔަ މޮނިއުމެންޓަކީ އެހާ މުހިއްމު އެއްޗެއް ކަމަކަށް މިހާރަކު ނުބެލެވޭ. އަމީނިއްޔާ ސްކޫލް އޭގެ ގޮތުގައި ދެމިއެއްނުއޮތް. އެންމެ ކުރިއްސުރެ އަންހެން ކުދިން އެކަނި ކިޔަވަމުން އައި ފަޚުރުވެރި ސްކޫލަކަށް ފިރިހެން ކުދިން ވެއްދި ހިސާބުން އެއޮތީ އަމީނިއްޔާގެ އަމިއްލަވަންތަކަން ނައްތާލާފަ. އެ ސްކޫލުން ދަމަހައްޓަމުން އައި، އެންމެ ގިނަ ދުވަސްވީ އަންހެންކުދިންގެ ސްކޫލަށްވުމުގެ ތާރީޚީ ނަމަށްވެސް ނިމުން ގެނެސްފައި..
ހުސޭނުބޭ
31 July 2018
އަމީނިއްޔާ ސުކޫލަށް އެންމެ ފުރަތަމަ ފިރިހެންކުދިން ވެއްދީ 1963 ވަނަ އަހަރުގެ ޖަނަވަރީ މަހު.
އަހުމަދުބޭ
30 July 2018
މިނިސްޓްރީން ތިޔަނިންމެވި ނިންމުން ގޯހެއްނޫން، ދެންއޮތް ޖީލަށް ތިޔަލޯގޯ ބަލަހައްޓައި ގެންގުޅޭނެ ނިޒާމެއް ތައާރަފް ކުރުން ވަރަށް މުހިއްމު، މިހެން މިދަންނަވަންޖެހެނީ ތިހެން ހުރި އެކިކަހަލަ މޮނިއުމެންޓްތަށް ވެރިކަމަށް އަރާ ކޮންމެ މީހަކު ތަނަކަށް ބަދަލް ކުރާތީ، މިފަދަ ތާރީކީ ތަންތަން ނުވަތަ އެއްޗެތި ރައްކައިތެރިކޮށް ބެލެހެެއްޓޭނެ އިންތިޒާމެއްއޮތުން ވެސް މުހިއްމު، އެއީ ހަދާނާ ތާރީޚައްޓަކައި
ބަލްރޯގް
29 July 2018
ދިވެހިންގެ އަގީދާ ބަލިކަށި ކަމުން ސްޓެޗޫއެއް ނުވަތަ މޮނިއުމެންޓެއް ގައުމުގެ ކޮންމެތާކު ހުއްޓަސް އެއަށް އަޅުކަންކުރާ ހިތުން ނުނިދޭނެ.
އަމީނިއްޔާ
29 July 2018
ލޯގޯ ބަހައްޓަން މިނިސްޓްރީއިން ނިންމި ނިންުމަކީ ވަރަސް ރަގަޅު ކަމެއް. އެކަމަކު ބަޔަކު ބުނެފާނެ ބުދެއްގެ ބޮލާއި ވަރަށް ވައްތަރުކަމުން ނައްތާލަން ޖެހޭނެ ކަމަށް! ހެހެހެ..
ޖިމްބެ
28 July 2018
އޭ އަނެއްކާ ތިޔަ މޮނިއުމަންޓް އަވަހަށް ފޮރުވާ އެހެންނޫނީ ތިވެސް ބުދަކަށްވެގެން ބަޔަކު އުޅެދާނެ ހެހެހެ
އަނދިރި އަނދިރި
28 July 2018
އަނެއްކާ ތިލޯގޯ ގެއްލުވާނުލާތި ކުރިން ކަޅުވަކަރު މިސްކިތް ވެސް ގެއްލުވާލީ......
އަޕު ޑޭޓު
28 July 2018
ލޯގޯ އިންތިޚާބަށް ލާރި ހޯދަން ނުވިއްކާތި
ގަހާފޮޑިދޮންތިފޭދޫ
29 July 2018
ތިޔަ ލޯގޯ އަކީ ދިވެހި ރާއްޖޭގެ މަންމައިން އަހަރެން އަތުގައި މިވަގުތު ޖަމާގައި ހިރި 6 މިލިއަން ދީފަވެސް ތި ލޯގޯ ބޭނުން ގަނެ އަމީނިއްޔާ ސުކޫލައް ހަދިޔާކުރަން... 6 މިލިއަން ބަހައްޓައިގެން މިހުރީ އަލައް އަޅާ ފުލެޓުން ފުލެޓެއް ގަތުމުގެ ބޭނުމުގައި ނަމަވެސް އަމީނިއްޔާ ސުކޫލްގެ ލޯގޯގެ އަގު އެއީ އެއްވެސް މީހަކައް އަދާކުރެވޭނެ އަގެއްނޫން... އެލޯގޯ ވަނީ އެތަކެއްމާޒީއަށް ދަތުރުކޮށް ދީފައެވެ.
ތަރިކަ
28 July 2018
ސޫލްގެ ހައިބަތު ދައްކާ ދެނީ މިކަހަލަ އެއްޗެހިން. ތާރީހައްޓަކާ ނަމަވެސް ތިހުރިތާ ބަހައްޓަދީ.
ވާހަކަ
28 July 2018
މިއީ ވަގުތު... ގޭ ދޮރުމަތި ފޮޓޯއެއް ނަގާފަ މިތާނގަ ހިޔާވާ ރުކެއް އިންދާދޭށޭ ކިޔާފަ ސޯޝަލް މީޑިއާއައްލިޔަސް އެކަންވާނެ.. އަނެއް ދުވަހު ހައުސިންގެ ހެޔޮފުޅުކަމާއެކު ގޭ ދޮރުމަތީގަ ރުކެއް އިންދާނެ..