ސްޕެނިޝް ލީގުގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ (ވ) އާއި އިނިއެސްޓާ.-- ފޮޓޯ: އޭއެފްޕީ
30 ޖުލައި 2018 - 10:30
ބާސެލޯނާ (ޖުލައި 30) - ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އަންދްރެސް އިނިއެސްޓާ ނެތުމަކީ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް އޭގެ އަސަރުކުރާނެ ކަމެއް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.
އުމުރުން 33 އަހަރުގެ ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ ރެކޯޑް އަގަކަށް އެ ޓީމަށް ސޮއިކޮށްފަ އެވެ. އަދި އިނިއެސްޓާ ވަނީ ބާސެލޯނާ ދޫކޮށް ޖަޕާނު ލީގުގެ ވިސެލް ކޯބޭ އަށް ބަދަލުވެފަ އެެވެ. މި ދެ ކުޅުންތެރިންނަކީ ވެސް ބާސެލޯނާ އާއި ރެއާލުން ފާއިތުވި އަހަރުތަކުގައި ހޯދި ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިންނެވެ.
"އަހަރެމެންނަށް ޔަގީނުން ވެސް އެނގޭ ކަމަކީ މި ދެ ކުޅުންތެރިން ނެތްތަން މި ދެ ޓީމަށް ވެސް ދައްކާނެ. ކްރިސްޓިއާނޯ ރޮނާލްޑޯ ސްޕެނިޝް ލީގާއި ރެއާލަށް ގެނެސްދިން ފުރިހަމަކަމުގެ ވާހަކަދައްކާއިރު އަހަރެމެންނަށް ވެސް ގެއްލިއްޖެ ވަރަށް މުހިއްމު ކުޅުންތެރިއެއް. އިނިއެސްޓާ އަކީ ރޮނާލްޑޯ ފަދަ މުހިއްމު ކުޅުންތެރިއެއް،" ވަލްވޭޑޭ ބުނެފި އެވެ.
އޭނާ ބުނީ ރޮނާލްޑޯ ނެތް ނަމަވެސް ރެއާލުން މި ފަހަރުގެ މުބާރާތްތަކުގެ ތަށްޓައް ވާދަކުރާނެ ކަމަށާއި އަދި އެތުލެޓިކޯ މެޑްރިޑަކީ ވެސް މި ފަހަރު ތަަފާތު ދައްކާނެ ޓީމެއް ކަމަށެވެ.
ބާސެލޯނާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލޯން އެއްވަސްވުމެއްގެ ދަށުން ބްރެޒިލްގެ ޕައުލީނިއޯ ދޫކޮށްލުމަށް ފަހު އެ ގައުމުގެ ގްރެމިއޯގެ މިޑްފީލްޑަރު އާތޯ މެލޯ އާއި ރޯމާ މެލްކޮމް ގެނެސްފަ އެވެ. އިތުރު ކުޅުންތެރިއަކު ގެނައުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ވަލްވޭޑޭ ވަނީ ބުނެފަ އެވެ.
"އިތުރު ކުޅުންތެރިއަކު ގެނައުމާ މެދު އަދި ވަކި ގޮތްތަކެއް ނުނިންމަން. އެއީ ބާސެލޯނާގެ ބީ ޓީމުގައި ވެސް އެބަތިބި ސީނިއާ ޓީމަށް އަންނާނެ ފަދަ މޮޅެތި ކުޅުންތެރިން. އެއީ ވެސް ހުރި އޮޕްޝަންތަކެއް،" ވަލްވޭޑޭ ބުންޏެވެ.
ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބާސެލޯނާ އިން މެލްކޮމް ގެނައުމުން އެ ޓީމަށް ކުޅޭ ފްރާންސްގެ ވިންގް އޮސްމާނޭ ޑެމްބެލޭ ހުރީ ހިތްހަމަ ނުޖެހިފަ އެވެ. އެކަމަކު ވަލްވޭޑޭ ވަނީ އެކަން ދޮގުކޮށްފަ އެވެ.
"ކޮންމެ ކުޅުންތެރިއަކަށް ވެސް ޓީމުން އޮންނާނީ ހަމަހަމަ ފުރުސަތެއް. ޖާގަ ހޯދަން ޖެހޭނީ މަސައްކަތްކުރަން،" ވަލްވޭޑޭ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭކުލޯނާ
30 July 2018
މިކިޔާލެވުނީ ބާސާގެ ކޯޗުގެ ބަސް. ދެން މިތާ ދިވެހިން މިކިޔަނީ ކީކޭތަ.