އެމްއެމްއޭ އިން ހިދުމަތް ހޯދަން ގޮސްތިބި ބަޔަކު ކައުންޓަރު ކައިރީގައި މަޑުކޮށްލައިގެން: މިމަހުގެ 22 ވަނަ އެ އޮތޯރިޓީ އާއި ބޭންކުތައް ހުޅުވާނެ.
06 އޯގަސްޓް 2018 - 15:31
މި އަހަރުގެ ބޮޑު އީދު ބަންދާ ގުޅިގެން މި މަހުގެ 19 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސި ނަމަވެސް މަރުކަޒީ ބޭންކް އެމްއެމްއޭ އާއި ބޭންކުތައް މި މަހުގެ 22 ގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްއެމްއޭ އިން ނެރުނު އިއުލާނެއްގައި ބުނީ، އެ އޮތޯރިޓީ އާއި ބޭންކުތަކާއި އެމްއެމްއޭ ރެގިއުލޭޓް ކުރާ އެހެން މާލީ އިދާރާތައް މި މަހުގެ 22 ވަނަ ދުވަހު ހުޅުވާނެ ކަމަށެވެ އަދި އެމްއެމްއޭ އިން ފައިސާ ބަލައިގަތުމާއި ޖަމާކުރުމުގެ ހިދުމަތް ހެނދުނު 8:30 ން މެންދުރު ފަހު 2:00 އަށް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.
އަދި، ހެނދުނު 8:30 ން މެންދުރު 11:00 އަށް، ވަކި ލާރި ބަލައިގަތުމާއި ދޫކުރުން އޮންނާނެ އެވެ. ސިޓީ އާއި ތަކެތި ބަލައިގަންނާނީ އެ ދުވަހުގެ ހެނދުނު 8:30 ން މެންދުރު ފަހު 3:00 އާ ހަމައަށެވެ.
ކަލަންޑަރުގައި މިހާރު އޮތް ގޮތުން، ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 12 ވަނަ ދުވަހަށް ވެއްޖެ ނަމަ، މި މަހުގެ 19 ވާ އާދިއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަން ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ނިންމަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީލީމާ
06 August 2018
ބަަލަ ބެންކު ތަކުގަ އުޅެނީ މުސްލިމުން ނެއްނޫންތަ.ހަމަ އެމީހުންނަށްވެސް ހައްގެއް އޮންނަން ވާނެ. މި ފަހަރު ވޯޓު ދޭނީ ބެންކް މުއައްޒަފުންނަށް ވެސް ފުރިހަމަ ޗުއްޓީ ދޭ ކެންޑިޑޭޓަކަށް.
ހަސަންފުޅު
06 August 2018
އެމް.އެމް.އޭގެ މައްޗަށް ދައުލަތުން އަމުރެއްނެރެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއިއެކު އީދުޗުއްޓީ ދިނުމަށް އެންގުމަށް ދަންނަވަންޖެހޭ... ވަކި ބަޔަކު އީދު ޗުއްޓީން މަހުރޫމްވުމަކީ ތަފާތުކުރުން... އީދު ޗުއްޓީގައި އޭޓީއެމް މެޝިންތަކުން މުއާމަލާތްކުރެވޭނެ ...