އަބްދުﷲ ރިޔާޒް: ކަފާލާތުގެ ދަށުން އޭނާ ދޫކޮށްދޭން ސުޕްރީމް ކޯޓުގައި ވަނީ އެދިފައި --- މިހާރު ފޮޓޯ/ނިޝާން އަލީ
16 އޯގަސްޓް 2018 - 11:00
ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކަފާލާތުގެ ދަށުން މިނިވަންކޮށް ދިނުމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
ކުރިން ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި ރިޔާޒް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން މިދިޔަ އޭޕްރީލް މަހު ހައި ކޯޓުން ހުކުމްކުރީ ފުލުހުންގެ ތަހުގީގެއްގައި އޭނާގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލާގަ އެވެ. އޭނާ ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް އޭނާގެ ފަރާތުން އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
ރިޔާޒްގެ ވަކީލުން ނެރުނު ބަޔާނެއްގައިވަނީ އެ ހުކުމުގެ ތިން މަހާއި 24 ދުވަސް ރިޔާޒް މިހާރު ތަންފީޒުކޮށް ނިމިފައިވާ ކަމަށާއި އެ މައްސަލަ އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިހާތަނަށް އެ ކޯޓުން ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އެހެންވެ، އެ މައްސަލައިގެ އިސްތިއުނާފް ސުޕްރީމް ކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން ރިޔާޒް މިނިވަންކޮށް ދިނުމަށް އެދި މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އިދިކޮޅު މުޒާހަރާއެއްގެ ތެރެއިން މިދިޔަ މާޗް މަހު ރިޔާޒް ހައްޔަރުކުރި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާތީ، އެ މައްސަލަ ފައިލް ކޮށްފައިވާ މިދިޔަ އަންގާރަ ދުވަހު ފުލުހުން އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެހެންވެ، އެދުވަހު ރިޔާޒް ހައްޔަރު ކޮށްގެން ގެންގުޅުނު ގެންގުޅުމަކީ ގާނޫނާ ޚިލާފަށް ރިޔާޒް ހައްޔަރުކުރި މައްސަލަ ތަހުގީގު ކުރުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ރިޔާޒްގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، އޭނާގެ މައްޗަށް ދައުވާކުރާ އިތުރު ތިން މައްސަލައެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެގޮތުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާގެ އިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅިކަމުގެ ދައުވާއެއް އޭނާގެ މައްޗަށް ދައުލަތުން ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހިމ
16 August 2018
ރިޔާޒަކީ އިހްލާސްތެރި މަސައްކަތެއް ވޭތުވެދިޔަ ތާގައި ކޮއްދީފައިވާ ދަރިޔެއްކަން ފާހަގަ ކުރަން. އަޅުގަނޑުމެން އޭރު ކިތަންމެ ވަރަކަށް މުޒާހިރާ ކުރަންވެސް ފުރުސަތު ދިން. މިހާރު އިނގޭ އަސްލު ޤާނޫނަށް ބެލުމަކީ ކޮބާކަން. ރިޔާޒަށް އިންސާފު ލިބުން އެދެން.
ކިއްލިބާޝާ
16 August 2018
ކެފިޔަސް ނުކެފިޔަސް ރިޔާޒުދޫކޮށްގެންނުވާނެ. މީ ބަގާވާތްގެނައުމުގާ އެންމެ އިސްކޮށްހުރި އެކަކު.
ދަތްއަދުރޭ
16 August 2018
އަބްދުﷲ ރިޔާޒަށްވެސް މާތްﷲ ހެޔޮ ވިސްނުން ދެއްވާނެއެވެ! 7 ފެބުރުއަރީގައި ޔާމީނުގެ ބަހަށް ހެއްލި އެމް.ޑީ.ޕީގެ ވެރިކަން ބަދަލުކޮށް، މުޅި ގައުމުގެ ދުސްތޫރީ ހަމަ ގެއްލުވާލާ، މި ގައުމުގެ އަގު ވައްޓާލާއި، ނުވިތާކަށް ޔާމީނު ވެރިކަމަށް ހޮވާ! މި ހުރިހާ ކަމެއް ކޮށް، މިއަދު ތިޔަ އަޅާ ވޭނުގެ ރަހަ ރިޔާޒަށް ހިތިވާނެއެވެ. ނަމަވެސް ރައީސް ނަޝީދާއި، އެމް.ޑީ.ޕީން ރިޔާޒަށްވެސް މައާފުކޮށްފިއެވެ! އަދި މި ގައުމު ހަމަ މަގަށް އަޅުވަން ރައްޔިތުން ކުރާ މަސައްކަތުގައި ރިޔާޒު ދެމި ހުރުމަށް އެދެމެވެ. އަޅުގަނޑު އެދެނީ ރިޔާޒަށް ހެޔޮގޮތްތަށް ﷲ މިންވަރު ކޮށްދެއްވުމެވެ.
ވިސްނާލީމާ
16 August 2018
4 މަހާ 24 ދުވަހު ޖަލުގާ ކެތްކޮށްލަން ތިއުޅެނީ އުނދަގޫވެގެން. ދެން ވިސްނާލަބަލަ ތިބޭފުޅުންގެ ބާރާއިއެކު އެތާ އުޅުނުއިރު 25 އަހަރަށް ނުވަތަ 15 އަހަރަށް ޖަލަށްލާފާވާ މީހުންގެ ހާލަތު. ގިނަމީހުނަށް ކަންކަން ބޮޑަށް ވިސްނޭނީ އެފަދަ ހާލަތުތައް ތިމާ ކަޑައްތުކުރަން ފެށީމަ. -އިބްރާހީމް-
ވިދާދު
16 August 2018
ބޭއިންސާފަށް މަރުހަބާ ކިޔަނީތޯއެވެ.
ޝާން
16 August 2018
ރިޔާޒުއަށްވެސް މިހާރު ވިސްނޭނެ އާރާއި ބާރު އޮތްއިރު ބޭނުންހާ ކަމެއް ކުރިޔަސް ﷲ ގެ އިރާދަފުޅުން ކަންކަން ބަދަލުވާން ސިކުންތު ކޮޅެއްވެސް ނުނަގާނެކަން
އަލީ ނާޒިމް
16 August 2018
ފާފު އަތޮޅުގެ ދަތުރެއްގަތޯ ތި އުޅުއްވަނީ؟ ހާދަ ނުފެނެޔޭ!
ޔެސްމީން
16 August 2018
މަށަށް ހީވަނީ ކަފާލާތުވަނީ އުންތިހާބަށް ފަހުހެން.
ޝައިމްބެ
16 August 2018
ތީ ޟަރޫރީ މައްސަލައަކަށް ނުވާތީ އަވަހަކަށް ނުބެލޭނެ. ޔާމިނު ހޮވެއްޖެ ނަމަ އިތުރު 5 އަހަރުގެ މުއްދަތެއްވެސް ވެދާނެ. އަވަސްވާނެ އިބޫ ހޮވެއްޖެއްޔާ.