ޔޫތު ޗެމްޕިއަންޝިޕްގައި ގްރީން ސްޓްރީޓްސް އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
30 އޯގަސްޓް 2018 - 09:55
ނަވާރަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް އާއި މާޒިޔާ 1-1 އެއްވަރުވިއިރު، އީގަލްސް އިން ފަހަތުން އަރައި 4-2 އިން ނިއު ރޭޑިއަންޓް ބަލިކޮށްފި އެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތައް ކުރިއަށް ގެންދަނީ ގަލޮޅު ދަނޑުގަ އެވެ. މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދަނިކޮށް ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވިއިރު، ދިވެހި ޕްރިމިއާ ލީގުގެ ބައެއް މެޗުތައް ކެންސަލްކުރަން ޖެހުނެވެ. މިހާރު ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކުޅުން މެދުކަނޑާލާފައިވަނީ އަންނަ މަހު 4-15 އިން ކުރިއަށްގެންދާ ސާފް ސުޒުކީ ކަޕަށެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދިނީ މެޗުގެ 17 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން މޫސާ އަޒީމް ހަސަން އެވެ. މާޒިޔާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 72 ވަނަ މިނިޓްގައި އެ ޓީމުގެ މުހައްމަދު ޝަޒާން އެވެ.
މުބާރާތުގައި ރޭ ކުޅުނު މެޗުން ނިއު އިން ވަނީ މެޗުގެ ފުރަތަމަ 30 މިނިޓް ތެރޭ އެ ޓީމުގެ ޔޫސުފް ޖައިޝަމް ނާފިޒުގެ ލަނޑުތަކާ އެކު ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސް މެޗުގެ ތެރެއަށް އެނބުރި އައީ މެޗުގެ 41 ވަނަ މިނިޓްގައި އަހުމަދު ސަމާހު ޖެހި ގޯލުންނެވެ.
ދެ ވަނަ ހާފުގައި އީގަލްސް މޮޅުކޮށްދިން ލަނޑުތައް ކާމިޔާބުކުރީ ހުސެއިން އަހުސާމް މޫސާ އާއި އިބްރާހިމް އިލްހާން އިސްމާއިލް އަދި ސަމާހު އެވެ.
ޔޫތު މުބާރާތުގައި މި ހަތަރު ޓީމު ވާދަކުރާއިރު މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުންނެވެ. އެ ގޮތުން ދެ ބުރު ކުޅުމަށް ފަހު ފައިނަލް ކުޅޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއްގެ މެދުގަ އެވެ.
އެފްއޭއެމުން 2011 ވަނަ އަހަރު ތައާރަފްކުރި ޔޫތު މުބާރާތް މީގެ ކުރިން ހާއްސަކުރީ 21 އަހަރުން ދަށަށެވެ. އޭގެއިން ގިނަ ކުޅުންތެރިންތަކެއް އުފެދި މިހާރު އެ މުބާރާތުގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް އަންނަނީ ފުރަތަމަ ޑިވިޝަނުގެ އިތުރުން ގައުމީ ޓީމުގައި ވެސް ކުޅެމުންނެވެ.
އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން މި މުބާރާތް ކުރިއަށްގެންގޮސްގެން ގިނަ ކަންތައްތަކެއް ހާސިލްވެފައިވާ ކަމަށާއި 19 އަހަރުން ދަށަށް ބަދަލުކުރީ އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް މީގެ ކުރިން އެފްއޭއެމުން ވަނީ ބުނެފަ އެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އީގަލްސް އެވެ. އެންމެ ފަހުން ބޭއްވި ތިން ފަހަރުގެ ޗެމްޕިއަނަކީ ވެސް އެ ޓީމެވެ. އެކަމަކު މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމު ވެގެންދާނީ 19 އަހަރުން ދަށުގެ ފުރަތަމަ ޗެމްޕިއަނަށެވެ.
މުބާރާތުގައި ދެން އޮތް މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި އީގަލްސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު5678
31 August 2018
ވޯލްޑްކަޕް ގެނެސްދިން އިރު މީޑިއާ އެހެން ކަމެއްހެން. އެކަން ދިވެހި ފުޓްބޯޅައަށް ބީރު ކަންފަތެއް. މިއަށްވުރެ ރަނގަޅަށް މިމުބާރާތުގެ ކަވަރޭޖް ގެނެސް ނުދެވޭނެތޯ؟