ރިޕޯޓް / ޕީއެސްއެމް

ޕީއެސްއެމް އުވާލާ؟!

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް: އޭނާ ވިދާޅުވަނީ ގާނޫނާ ހިލާފަށް ޕީއެސްއެމް ހިންގަންޏާ ގަވާނިން ބޯޑުން އޭނާއާ ސުވާލުކުރާނެ ކަމަށް!

05 ސެޕްޓެމްބަރ 2018 - 07:33

158 comments

"ސަރުކާރުގެ ޚަބަރުގެ ޒަމާން ނިންމަން ވެއްޖެ. ޕަބްލިކް މީޑިއާ އަކީ ސަރުކާރުގެ ޕްރޮޕެގަންޑާ މެޝިނަކަށް ވެގެން ނުވާނެ،" ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން، އޮގަސްޓް 23 ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އޭނާގެ އެ ވާހަކަ ފެށިގެން އައީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ މީޑިއާ ޓީމުގައި ހިމެނޭ އައިމިނަތު ޝައުނާގެ ޓްވީޓަކާ ގުޅިގެންނެވެ. ޝައުނާގެ ޝަކުވާ އަކީ "މިދިއަ 24 ގަޑިއިރުގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ކެމްޕޭންގެ އެންމެ ޚަބަރެއް ވެސް ގެނެސްދީފައި ނެތުމެ"ވެ.

އެގޮތަށް ލިއުއްވުމަށް ފަހު، ޕީއެސްއެމަށް މަލާމާތްކުރެއްވުމުގެ ގޮތުން ދެން ލިއުއްވީ "ތިއީ ދައުލަތުގެ ނަމޫނާ މީޑިއާއެއް" ކަމަށެވެ.

ވަކި ފަރާތަކަށް ނުޖެހި، ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ބޮޑު ޒިންމާއެއް ހަވާލުކޮށްފައިވާ ޕީއެސްއެމްގެ ހާލަތު (ތަނަށް ހޯދާ ޒަމާނީ ސާމާނާއި މޯލްޑިވިއަން އައިޑަލް ކަހަލަ ޕްރޮގްރާމްތަކުގެ ވާހަކައެއް ނޫން) މި ވަނީ، އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި، ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފަ އެވެ. އެ މީހުންގެ ނަޒަރުގައި އާ ގާނޫނުއަސާސީގެ ދަށުން 2008 ގައި ރިޔާސީ އިންތިހާބު ބާއްވަން ފެށި ފަހުން، އިންތިހާބުގެ ދުވަސްވަރު ދައުލަތުގެ މީޑިއާ މިހާރު މި އޮތް ފެންވަރަށް "ސަރުކާރު ކޮޅަށް ގޮސް ހުސްވެފައި" ވަނިކޮށް ފެނިފައެއް ނުވެ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށް ސަނާކިޔަމުން ގޮސް، "ނުވާ ކަންކަން ވީ ކަންކަމަށް" ހަދާ ހިސާބަށް ޕީއެސްއެމްގެ ޗެނެލްތަކުގެ ޚަބަރު ފެތުރުމުގެ އަޚުލާގު ވަނީ ވެއްޓިފަ އެވެ. އޭގެ އެއް މިސާލަކީ މި ފަހުން މާލޭގައި ހިންގަން ފެށި ގޭންގް ހަމަލާތަކަކީ ރިޔާސީ އިންތިހާބާ ދިމާކޮށް ގައުމު ހަލަބޮލިކޮށްލަން އިދިކޮޅުން ހިންގާ ކަމެއްގެ ގޮތުގައި ސިފަކޮށް ފޮނުވި ޚަބަރެވެ. މިއީ ދައުލަތުން އެތައް މިލިއަން ރުފިޔާއެއްގެ ބަޖެޓް ދީގެން، ވަކި ހާއްސަ ގާނޫނެއްގެ ދަށުން މިނިވަންކޮށް، ވަކި ފަރާތަކަށް ނުޖެހި ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ މީޑިއާއެއްގެ ފެންވަރު ނޫން ކަމަށް، އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

މިހާރު ޕީއެސްއެމްގެ ދަށުން ހިންގާ ޒަމާންވީ ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑަކީ 2008 ގެ ރިޔާސީ އިންތިހާބުގައި ނަމޫނާއަކަށް ވީ ދައުލަތުގެ މީޑިއާ އެވެ. އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވެއްޓުނީ ވެސް ވަކި ކޮޅަކަށް ނުޖެހި އޭރު ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުން ޚަބަރުތަކާއި ސިޔާސީ ޕްރޮގްރާމްތައް ގެނެސްދިނުމުންނެވެ.

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމްގެ މުޅި ހަޔާތުގައި ވެސް އެހާ ތެދުވެރިކަމާ އެކު ޚަބަރު ފެތުރި އިރެއް ދެކެފައެއް ނުވެ އެވެ. ނަމަވެސް ދައުލަތުގެ މީޑިއާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު މާ ގިނަ ދުވަހެއް ނުވެ އޭރުގެ އެމްޑީޕީ ސަރުކާރުން ހޯދި އެވެ. އެއީ އެމްޑީޕީ ބިނާވެފައި އޮތް ފަލްސަފާ އާއި އޭރުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންނަށް ދެއްކެވި މިނިވަން ޚިޔާލުގެ އަސާސްތަކާ ވެސް މުޅިން އިދިކޮޅު އަމަލެކެވެ. ދައުލަތުގެ މީޑިއާ ވަކި ގާނޫނެއްގެ ދަށަށް ގެންދަން ހެދި ގާނޫނު އެމަނިކުފާނުގެ އަތްޕުޅުން ތަސްދީގު ކުރެއްވިޔަސް، އެއަށް ސަރުކާރުން އަމަލްކުރުމުގެ ބަދަލުގައި، ސަރުކާރުގެ ވަކި ކުންފުންޏެއްގެ ދަށަށް ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑު ގެންދިޔައީ އެވެ. އަދި ސަރުކާރުގެ ޚަބަރުތަކާއި ސަރުކާރުން ބޭނުންވާ ޕްރޮޕެގަންޑާ ފެތުރުމުގެ ނުބައި މަސައްކަތް މުވައްޒަފުން ލައްވާ ކުރުވި އެވެ.

އެކަމަކު އޭރު ވެސް މިހާރު ޕީއެސްއެމް މި އޮތް ފެންވަރަށް ދިޔަ ކަމަކަށެއް ނުބެލެވެ އެވެ. އޭރު އެމްޑީޕީގެ މެމްބަރުންނާ އެކު އިދިކޮޅު މެމްބަރުންނަށް ވެސް ބައެއް ޕްރޮގްރާމްތަކުން ފުރުސަތު ދިނެވެ. ދެ ފަރާތުގެ ޚިޔާލު ތަފާތުވުން އާންމުންނާ ހަމައަށް ގެނެސްދިނެވެ. އެކަމަކު މިހާރު ޕީއެސްއެމް އިން އިދިކޮޅު ކެމްޕޭންގެ ޚަބަރުތައް ފަތުރަނީ، މިސާލަކަށް ރިޔާސީ ކެންޑިޑޭޓް އިބޫ ވިދާޅުވާ އެއްޗެއް އެގޮތަށް ގެނެސްދިނުމުގެ ބަދަލުގައި އޭނާގެ ވާހަކައަށް ސަރުކާރުގެ ކޮންމެވެސް މީހަކު ދޭ ރައްދު އިސްކޮށްގެންނެވެ. މިއީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ދައުލަތުގެ މީޑިއާ ވެއްޓޭނެ އެންމެ ދަށް ފެންވަރު ކަމަށް، އިދިކޮޅު މީހުން ގަބޫލުކުރެ އެވެ.

މެނޭޖިން ޑިރެކްޓަރު ހަލީލްގެ ދިފާއު

މި ހުރިހާ ވާހަކައެއް ވެސް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލަށް އަލެއް ނޫނެވެ. އޭނާއަކީ އެމްޑީޕީ ސަރުކާރުން ދައުލަތުގެ މީޑިއާ ކޮންޓްރޯލްކުރި އިރު ވެސް މެނޭޖިން ޑިރެކްޓަރެވެ. އޭރު ވެސް އޭނާ އެކަން ދިފާއުކުރެއްވި އެވެ. އަދި މިހާރު ވެސް، ޕީއެސްއެމް ހިންގާ ގޮތް ގެންދަވަނީ ދިފާއުކުރައްވަމުންނެވެ.

ހަލީލް ގަބޫލުކުރައްވަނީ ގާނޫނުގައި އޮތް ގޮތަށް، ވަކި ފަރާތަކަށް ނުޖެހި، ޕީއެސްއެމުން ޚަބަރާއި މައުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެކަން އެނޫން ގޮތަކަށް ކުރިއަށް ދާ ނަމަ، އޭނާ ވިދާޅުވީ، "ޝައްކެއް ވެސް ނެތް، ޕީއެސްއެމްގެ ގަވާނިން ބޯޑުން އަޅުގަނޑާ އެ ސުވާލުކުރާނެ. އެއިން އެއްވެސް ކަމެއް ހިނގާފައެއް ނެތް،" ކަމަށެވެ. އަދި ގަވާނިން ބޯޑުން ގޯސްކޮށް ކަމެއް ކުރަންޏާ ރައްޔިތުންގެ މަޖިލިހަށް އެކަން ބެލޭނެ ކަމާއި އެފަދަ ކަމެއް ވެސް ކޮށްފައި ނުވާ ކަމަށް، ޕީއެސްއެމް ކުރިއަށް ދަނީ ގާނޫނާ އެއްގޮތަށް ކަމަށް މިސާލު ދައްކަވަމުން، ހަލީލް ވިދާޅުވި އެވެ.

އޭނާގެ އެ ވާހަކަތަކަށް ދެއްވާނެ ރައްދު އަލީ ހުސެންގެ މަދެއް ނޫނެވެ. އެގޮތުން ފުރަތަމަ ވެސް ވިދާޅުވީ "ހަލީލް އެ ދައްކަވަނީ ރައީސް ޔާމީން ވެސް ވާހަކަފުޅު ދައްކަވާ ގޮތަށް" ކަމަށެވެ. އޭގެ މިސާލަކީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން ކޯޓަށް ދާން ރައީސް ޔާމީން ތަކުރާރުކޮށް ގޮވާލާ ގޮވާލެއްވުމެވެ. އެކަމަކު މިނިވަންކަން ނެތް ކޯޓަކަށް ގޮސްގެން ލިބޭނީ ކޮން އިންސާފެއްތޯ އޭނާ ސުވާލުކުރެއްވި އެވެ.

"ޒިންމާ އަދާކުރާނެ ގަވާނިން ބޯޑެއް [ޕީއެސްއެމްގައި] ނެތް،" އަލީ ވިދާޅުވި އެވެ.

ޕީއެސްއެމްގެ ގާނޫނާ ހިލާފަށް ކުރާ ކަންކަން ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ބެލެން އޮތަސް، އޭނާ ވިދާޅުވީ، "ފަންކްޝަން ނުކުރާ މަޖިލިހަކަށް" އެކަން ނުކުރެވޭނެ ކަމަށެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން: އޭނާ ވިދާޅުވަނީ ސަރުކާރުން ހަރަދުކޮށްގެން މީޑިއާ ހިންގަން ނުޖެހޭ ކަމަށް

"ރައްޔިތުންގެ މަޖިލިހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ގާނޫނުއަސާސީއާ ހިލާފަށް ނިންމައި، ރައްޔިތުން މަޖިލިސް އެ އޮތީ ފަންކްޝަން ނުކުރާ ގޮތަށް ހަދާފައި،" ހަމައެކަނި ސަރުކާރުގެ މެމްބަރުން ހާޒިރުވެ ޖަލްސާ ބާއްވާ މަޖިލިހަކުން ޕީއެސްއެމްގެ ގަވާނިން ބޯޑާ ސުވާލުކުރާނެތޯ އައްސަވަމުން ހަލީލަށް އޭނާ ރައްދު ދެއްވި އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމްތަކަށް އަބަދުވެސް ސަރުކާރުގެ މީހުންނާއި ޕީޕީއެމްގެ މަޖިލިހުގެ މެމްބަރުން އަރުވާއިރު، އަލީ ސުވާލުކުރެއްވީ، އިދިކޮޅު މެމްބަރުންނަށް އެ ފުރުސަތު ނުލިބެނީ ކީއްވެގެންތޯ އެވެ؟

"ގައުމީ މައްސަލަތަކުގައި އާންމުން އެވެއާކުރަން އިދިކޮޅު މީހުންނަށް ފުރުސަތެއް ނުލިބޭ. އެހެންވެ އެންމެން ވެސް އެ ބުނަނީ ޓީވީއެމަކީ ރައީސް ޔާމީނަށް ކެމްޕޭން ކޮށްދޭ ތަނެކޭ."

ދައުލަތުގެ މީޑިއާ، އުވާލަން ޖެހޭ ތަނެއް؟

ދައުލަތުން މީޑިއާ ހިންގުމުގެ ބުރައިން ދުރުވެ، އެކަން އަމިއްލަ ފަރާތްތަކުގެ އަތްމައްޗަށް ދޫކޮށްލުމުގެ ޚިޔާލު އުފެދިގެން މި އުޅެނީ މިއަދަކު ނޫނެވެ. މިއީ 2008 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އަމިއްލަ ކެންޑިޑޭޓް ޑރ. ހަސަން ސައީދުގެ ރަނިން މޭޓް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވެސް ނެންގެވި މައުލޫއެކެވެ. އޭރު އޭނާ ވިދާޅުވި ގޮތުގައި ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހަމައެކަނި ސަރުކާރުން ބޭނުންވާ ގޮތަށް ޚަބަރާއި މައުލޫމާތު ގެނެސްދޭނެ މީޑިއާއެއް ހިންގުމުގެ ބޭނުމެއް ނެތެވެ.

އެކަމަކު ދައުލަތުގެ މީޑިއާ އެހާ މިނިވަންކަން އޮތް ދުވަސްވަރަކަށް ވުމާ އެކު، ޝަހީދުގެ އެކުވެރި ސިޔާސީ އެހެން ބޭފުޅުން އެ ޚިޔާލާ ދެކޮޅެވެ. އަދި އެމްޑީޕީ ސަރުކާރުގެ މުށުތެރޭގައި ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑު ތާށިވަމުން ދިޔައީ އެ ސަރުކާރުގެ ފޮރިން މިނިސްޓަރަކަށް ޝަހީދު ހުންނަވަނިކޮށެވެ.

އަލީ ހުސެން ވިދާޅުވި ގޮތުގައި ދައުލަތުން މީޑިއާއެއް ހިންގުމުގެ ޒަމާން މިހާރު މާޒީ ވެއްޖެ އެވެ. އޭނާ އެގޮތަށް ޓްވީޓްކުރެއްވީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން ފުރަތަމަ ވެސް ވިދާޅުވީ "އެއީ އުވާލަން ޖެހޭ ތަނަކަށް ވާތީ" ކަމަށެވެ.

"ދައުލަތުގެ ފައިސާ ބޭނުންކޮށްގެން، އޭރަކު ހުންނަ ރައީސުލްޖުމްހޫރިއްޔާއެއްގެ ޕްރޮޕެގަންޑާ މެޝިނަކަށް ހެދުމުގެ ފުރުސަތު ދީގެން ނުވާނެ،" އަލީ ވިދާޅުވި އެވެ.

"ދައުލަތުގެ މީޑިއާ މިނިވަންކުރަނީ ވަރަށް މާތް މަގުސަދެއްގައި. އެކަމަކު ކޮންމެ މީހަކު ވެސް ވެރިކަމަށް އައުމަށް ފަހު ބުހުތާނު ދޮގު ހަދާ، އޭނާ ޕްރޮމޯޓްކުރަން ބޭނުންކުރަނީ."

ހަލީލް ކިތައްމެ ވަރަކަށް ޕީއެސްއެމް ދިފާއުކުރެއްވިޔަސް، އެތަން މިހާރު ހިންގަނީ، އިދިކޮޅު ބައެއް މީހުން ބުނާ ގޮތުގައި، ޕީޕީއެމްގެ އަމިއްލަ މީޑިއާއެއް ކަމަށް ގަބޫލުކުރެވޭ ގޮތަށެވެ. ފޮނުވާ ޚަބަރާއި ސިޔާސީ މައުލޫމާތުތަކުގެ ފެންވަރު ދަށްވެފައި، ހަގީގަތް އޮޅުވާލުމުގެ ނުބައި އަމަލްތައް ވެސް އާންމުކަމަށް، އެ މީހުން ބުނެ އެވެ.

އަލީގެ ޓްވީޓްގެ ފަހުން ޕީއެސްއެމްގެ ހީވާގި ނޫސްވެރިޔަކު ވަނީ، ކުރިން ހީކުރެވިފައި ނެތް ގޮތަކަށް، އިސްތިއުފާ ދީފަ އެވެ. ދައުލަތުގެ މީޑިއާގައި މަސައްކަތް ކުރާ މުވައްޒަފުން އަމިއްލައަށް ކެނޑުމަކީ ވަރަށް ނެތް ސިފައެކެވެ. ކުރިން ނަމަ ވަޒީފާ އަދާކުރަން ފަސޭހަވެފައި، ލިބޭ އާމްދަނީ ރަނގަޅުކަމުންނެވެ. މިހާރު ނަމަ އެ ދާއިރާ އިން ވަޒީފާއެއް ހޯދަން އުނދަގޫކަމުންނެވެ. އެކަމަކު ޕީއެސްއެމްގެ ކުޅިވަރު ޑިޕާޓްމަންޓްގައި އެންމެ އިސްކޮށް އުޅުނު ހަފުސީ އަބްދުﷲ އަށް އިސްތިއުފާ ދިނުން ނޫން އެހެން ގޮތެއް ނުފެނުނެވެ. އިސްތިއުފާއާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ސިފަކޮށްފައިވާ ގޮތުގައި ޓީވީއެމްގައި އޭނާ ހޭދަކުރި 13 އަހަރުގެ ތެރޭގައި "މި މިންވަރަށް ދައުލަތުގެ މީޑިއާގެ ހިންގުން ޚަރާބުވެގެން ދިޔަ ފަހަރެއް ނާދެ އެވެ."

އޭގެ މިސާލު އޭނާ ދެއްކީ ޕީއެސްއެމުން ޚަބަރުތަކުގެ އަސްލު ސިފަ ގެއްލުވާލަން ކުރަމުން ދާ މަސައްކަތުގެ ތެރެއިންނެވެ.

"ޕީއެސްއެމް އިން މިހާރު ފަތުރަމުން ގެންދާ ޚަބަރުތަކުގައި ދައުލަތުގެ މީޑިއާއަކުން ޚަބަރު ފެތުރުމުގައި ގެންގުޅެން ޖެހޭ ސިފަތަކާ ތައާރުޟުވެ، މުޖުތަމައުގެ އާންމު އަޚުލާގީ މިންގަނޑު ހިފެހެއްޓުމުގެ ޒިންމާއާ ވެސް ޚިލާފުވެފައިވާ ކަމަށް އަޅުގަނޑު ދެކެމެވެ،" ބަޔާނުގައި އޭނާ ބުންޏެވެ.

ޕީއެސްއެމުން އިސްތިއުފާ ދީ އިދިކޮޅު ފަރާތްތަކާ ގުޅުމުން، ބައެއް މީހުންގެ ފާޑުކިއުން، ހަފްސީއަށް އަމާޒުވެދާނެ އެވެ. އަދި އޭނާ އެގޮތަށް ބަޔާން ނެރުނީ އިދިކޮޅު ސިޔާސީ ފިކުރުގައި ހުރެގެން ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެކަމަކު އޭނާ އެ ފާހަގަކުރި ކަހަލަ ޚަބަރުތަކާއި ބައެއް މައުލޫމާތުތައް ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުން ފަތުރަމުން ގެންދާތާ ކިތައްމެ ދުވަހެކެވެ. އެހެންކަމުން ހަފުސީ ބަޔާންކުރި މައްސަލަތައް އޭނާގެ މިހާރުގެ ސިޔާސީ ވިސްނުމާ ގުޅުވޭކަށް ނެތެވެ.

ޕީއެސްއެމް އުވާލަން ޖެހޭ ކަމަށް ބުނެވޭ ވަރަށް އެ މީޑިއާއާ މެދު އަލީ ހުސެން ކަހަލަ ޒުވާން މެމްބަރުންގެ މާޔޫސްކަން ވަނީ ބޮޑުވެފަ އެވެ. އެކަމަކު ހަލީލު އެކަން ގަބޫލެއް ނުކުރައްވަ އެވެ. އެފަދަ މާޔޫސްކަމެއް އާންމުންގެ ތެރޭގައި އުފެދިފައިވާ ކަމަށް ގަބޫލުކުރައްވަންތޯ ދެންނެވުމުން އޭނާ ވިދާޅުވީ "ނޫން" ކަމަށެވެ.

މި ދަންނަވަނީ ބަޔަކު "މާޔޫސް ވާ ގޮތަކަށް ދައުލަތުގެ މީޑިއާ ނުހިންގަމޭ،" ހަލީލް ވިދާޅުވި އެވެ.

ހައިރާންވާން ޖެހޭ ވާހަކައެއް ނޫނެވެ. މެނޭޖިން ޑިރެކްޓަރުކަމަށް ހަލީލް ލާފައި ހުންނާނީ ސަބަބެއް އޮވެގެންނެވެ.

158 ކޮމެންޓް, 241 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 2%
icon angry icon angry 37%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީކޮއެ

05 September 2018

ހަލީލު ކުރިން ހޭޔަންބޯ އަށް އަރާ ފޮނުވާނެ ނަސޭހަތުގެ ބަސްކޮޅު. ދެރައީ މިއިން އެއްވެސް ނަސޭހަތެއް މީނަ އަޑު އަހާފަވެސް ނެތްކަން މީނާގެ ބަހުރުވަ ހުރި ގޮތުން ޔާގީން ވާތީ މިހާރު.

The name is already taken The name is available. Register?

ހުސޭނުބޭބެ

05 September 2018

ތިއައީ ހަމަ ކަން ހިނގަމުންދާގޮތް. ހިތާމައަކީ ބްރޮޑްކާސްޓަރުން ބްރޮޑްކާސްޓު ކުރާ ކޮންޓެންޓު ރިވިއު ކުރަން ހަދާފައި އޮތް ކޮމިޝަން ވެސް މިނިވަން ނުވުން.

The name is already taken The name is available. Register?

ކާސިމްބެ

05 September 2018

ސަކީނާ އަށް ނޭގުނަސް އެމްޑީޕީ ސަރުކާރަކީ އަލީ ހުސައިންގެ ވެސް ސަރުކާރު ، މާނައކީ ޖާނާމާލުން ދުލާއި ގަލަމުން އެސަރުކާރަށް މަރުދޭމީހަކެ އެއީ

The name is already taken The name is available. Register?

ވަފާ

05 September 2018

ހަމަ އުވާލާ. ތީބޭކާރު މީޑިޔާއެއް. ތިތާނގެ ޕުރޮގުރާމު ބަލާމީހަކު ނޫޅެ

The name is already taken The name is available. Register?

އަބިިއޯ

05 September 2018

އަދިވެސް ޕީއެސްއެމް ވަރެއް ނެތް

The name is already taken The name is available. Register?

ނަގޫރޯޅި

05 September 2018

މޑޕ ވެރިކަމުގަ ދައުލަތުގެ ޓީވީ ބޭނެނުން ކުރަމުން ދިޔައީ މޑޕގެ ޕްރޮޕަގަންޑާ ފަތުރާ ހަބެއްގެގޮތުގަ. އެތަނުގަ އޭރު ތިބިބައެއްއިސްމީހުން އެއީ އެއްވެސް ބާރެއްނެއް ބައެއްގެގޮތުގަ އަމިއްލަޔައް އެތަނުން ވަކިވެގެންދާން މަޖުބޫރުކުރި. މަރިޔަން ވަހީދާމެން އެތަންބޭނުން ކުރަމުންދިޔައީ މޑޕ އިސްތިހާރުކޮއް ނަސީދުއައް ތާއީދުހޯދުން. ހަލީލް، އާތިފް(މިހާރު ވޓވ ސީއޯ)، މަހުރަބު އިއްބެމެން މިކަމައްހެކިދޭނެ.

The name is already taken The name is available. Register?

އަލީކޮއެ

05 September 2018

ތިއީ މުޅިން ދޮގެއްނޫން. އެކަމު މިފެންވަރަށް މިތަން އޭރުވެސް ހަރާބެއްނުވޭ. އޭރު އިދިކޮޅު ގަ ތިބި މީހުނަށް ފުރުސަތުވެސް ލިބޭ. އަހަރުމެން ދުށިން އިދިކޮޅުގަ އޭރު ނީހާނާ މަހުލޫފުމެން ޓީވީގަ ލެވި ހަޅޭއް. މިހާރު އެއްވެސް ގޮތަކަށް އިދިކޮޅު މީހަކަށް ފުރުސަތެއްނެތް. ގެނެސްދެނީ އިދިކޮޅު ހޭޓް މެސެޖް. އިކުރާމް އަކީ ޔާމީނުގެ އެމްސީ. ޗެނަލް 13 އަށް ވުރެ ޓީވީއެމް ގެ ހާލު ދެރަ. އަނެއްކޮޅުން މިއަދު ކޮންމެހެން އެމްޑީޕީގެ ވާހަކަ ދައްކާނެ ކަމެއްނެތް. އެމްޑީޕީ ވެރިކަމުގަ ހިންގީ މިހެންނޭ ކިޔާ މިހާރު އެހެން ހިންގާކަށް ނުޖެހޭ.

The name is already taken The name is available. Register?

މުރާސިލް

05 September 2018

ޕީއެސްއެމާއި ނެހޭގޮތުން ވާހަކަދައްކަވަމުން ޓުވީޓުކުރަމުން ތިގެންދަވަނީ ޤާނޫނީވަކީލުގެ ނަންބޯޑު އަޅުވައިގެން ވަކި އަތަކަށްގޮސް ހުސްވެފައިވާ ވަރަށް މަވެތި ބޭފުޅެކެވެ. ދަޢުލަތުގެ މީޑިޔާ ގަނޑުބަޑުކޮށްލީ ކެނެރީގޭ ޑިކްޓޭޓަރ އަދި ޓެރެރިސްޓް ނަޝީދުގެ ވެރިކަމުގައެވެ. އޭރި ތިޔަވިދާޅުވާ އިންސާފަށާޢި ހަމަހަމަކަމަށް ލޯބިކުރައްވާ ބޭފުޅާ ''ގާނޫނީ ވަކީލު'' ކޮބާހެއްޔެވެ؟ ތިމާއަށް މޮޅުނުވީމާ ކޮސްގޮވަނީއެވެ. ތިއީ ހިޔަޅު ބުނި ކަހަލަ ވާހަކައެކެވެ. މޭބިސްކަދުރު ކާންވެގެން މޭބިސްކަދުރު ވެލަށް ފުންމަ ފުންމާ ބޭބިސްކަދުރެއް އަތުނުޖެހުނީމާ ހިޔަޅުބުނީ މޭބިސްކަދުރު ނުކާނެކަމަށާއި ބޭމިސްބަދުރަކީ ހިތި އެއްޗެއް ކަމަށެވެ.

The name is already taken The name is available. Register?

އެޑްމުންޑޯ

05 September 2018

ހިތާމަހުރިކަމެއް ، ނަޝީދުގެ ސަރުކާރުގައިވެސް އަދި ޔާމީނުގެ މިސަރުކާރުގައިވެސް ދައުލަތުގެ މީޑިޔާ ކޮންޓްރޯލު ކުރަނީ އެވަގުތަކު އޮންނަ ސަރުކާރަކުން ، ދެރައީ އިޚްލާސްތެރި ބަޔަކު މިކަމަށް އަޑު އުފުލަންނެތީމާ ، އަލީހުސައިންމެންގެ ސަރުކާރުގައި މިސޮރުއޮތީ ނިދާފައި

The name is already taken The name is available. Register?

ސަކީނާ

05 September 2018

އަލީހުސެންގެ ސަރުކާރެއްއޮއްތަ؟ ކަލޭ ތިޔައުޅެނީ ރާއްޖެއަކު ނޫންދޯ.

The name is already taken The name is available. Register?

ހުޗަލް

05 September 2018

ހަލީލު ބުނީ އަހަރެންމީ ހުސްބުޅީގައި މީހުން ގަތުމުގެ މާހިރެކޯ އަހަރެންގެ ވާހަކައިގައި ޖައްސައިގެން ކޮންމެމީހަކުވެސް ހައްލާލާނަމޯ، ކޮންމެބަޔަކު ވެރިކަމަށް އަޔަސް ހަމަ މިމަގާމުގައި ހުންނާނަމޯ. އެމް.ޑިގެ މަގާމު އުވާގެން ނަމަވެސް މީނާ ދުރަށް ލާންވީ. ހަމަ ބިމަށް ތިރިކުރަންވީ. އަދި ބުނަން ވާހަކައެއް. ޕީއެސްއެމް ވެސް އުވާލަންވީ.

The name is already taken The name is available. Register?

ދަރަނިބޯ

05 September 2018

ޕީއެސްމެން އެކަންޏެއްނޫން ހުރިހާ މިނިވަން މުއައްސަސާ ސަރުކާރުގެ ކުންފުނިތަކާ ރައްޔިތުންގެ މަޖިލީހާ ކޯޓުތަކަކީވެސް ތަރިކަ މުދަލަށް ހަދައި ހުރިހާތަނެއްގެ އަގުވެއްޔާމޮޑެވިއްޖެ އުވާލަންޏާ އުވާލަންވީ ބަހައްޓަންޏާ ބަހައްޓަންވީ ރައިޔިތަކު އިތުބާރުކުރާތަނެއް ހަމަ ހަރާން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454