ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް ސަމީރު ވާހަކަ ދައްކަވަނީ: ފުލުހުން ހޯދަމުންދާ ފަރާތްތައް ރާއްޖޭގައި ވޯޓުލާން ޖެހޭ ގޮތަށް ހަމަޖެއްސުމުގެ ބާރު ކޮމިޝަނަށް ނޯންނާނެ ކަމަށް ވިދާޅުވި ---ފޮޓޯ: ހުސައިން ވަހީދު/މިހާރު
09 ސެޕްޓެމްބަރ 2018 - 18:24
ރާއްޖެއިން ބޭރުގައި ތިއްބެވި އިދިކޮޅު ސިޔާސީ ބޭފުޅުންގެ ތެރެއިން ފުލުހުންގެ ތަހުގީގުތަކަށް ހޯދާ ބޭފުޅުން ރާއްޖެއިން ބޭރުގައި ވޯޓު ނުލެވޭ ގޮތަށް ހަމަޖެއްސުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ނޯންނާނެ ކަމަށާއި އެ ކޮމިޝަނުން ހުރަސް އަޅަނީ އަސާސީ ހައްގަކަށް ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.
ފުލުހުން ހިންގާ އެކި ތަހުގީގުތަކަށް "ފިލައިގެން" އުޅޭ ބަޔަކު ރާއްޖެއިން ބޭރުގައި ތިބި ކަމަށް ފުލުހުން އަންގާފައިވާތީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެފަދަ ފަރާތްތައް ރާއްޖޭގައި ވޯޓުލާން ޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ. އެކަމަކު އެގޮތަށް ހަމަޖެއްސީ ކިތައް މީހުންނަށް ކަމެއް އަދި އެއީ ކިހާ އަދަދެއްގެ މީހުންގެ ކަމެއް އެ ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.
ކޮމިޝަނުން އެގޮތަށް ނިންމިއިރު، އިދިކޮޅު ސިޔާސީ ގިނަ ލީޑަރުން މިވަގުތު ތިއްބެވީ ރާއްޖެއިން ބޭރުން ހިމާޔަތް ހޯއްދަވައިގެންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދުގެ އިތުރުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި އެ ޕާޓީގެ އިސް މަގާމެއްގައި ހުންނެވި ސޮބާހް ރަޝީދު ވެސް ހިމެނެ އެވެ.
އޭގެ ތެރެއިން ނަޝީދާއި ގާސިމަކީ ހުކުމެއްގައި ތިއްބެވި ދެ ބޭފުޅުން ކަމަށް ވާއިރު، ޖަމީލާއި އަލީ ވަހީދާއި އަމީންގެ އިތުރުން ސޮބާހަކީ ފުލުހަށް ހާޒިރުވާން އަންގާފައިވާ ބޭފުޅުންނެވެ.
އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ވޯޓުލުމަކީ އަސާސީ ހައްގެއް ކަމަށާއި ގާނޫނަކުން ބާރު ލިބިގެން ނޫނީ އެ ހައްގު ހަނި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. ޖަލުގައި ތިބޭ ގައިދީންނަށް ވެސް ވޯޓުލުމުގެ ހައްގު އޮންނަކަން ފާހަގަ ކުރައްވައި، ސަމީރު ވިދާޅުވީ ވަކި ގައުމެއްގައި ތިބި ވަކި ބޭފުޅުންތަކެއް ވޯޓުލާން ރާއްޖެ އަންނަން ޖެހޭ ގޮތަށް ހަމަޖެއްސުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ނޯންނާނެ ކަމަށާއި އަދި އެކަމަށް އެދުމުގެ ބާރު ފުލުހުންނަކަށް ވެސް ނޯންނާނެ ކަމަށެވެ. އަދި ވޯޓުލާނެ ތަނެއް ކަނޑައެޅުމަކީ އެ މީހެއްގެ އަމިއްލަ ކަމެއް ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
"ހައްޔަރު ކުރަން ބޭނުންވެގެން ހައްޔަރު ނުކުރެވިފައިވާ ބައެއް ބޭފުޅުންނާ މެދު މި އަމަލު ކުރަން މި އުޅެނީ އެ މީހާ ހިފާ ހައްޔަރު ކުރަން ވީމާ އެ މީހާގެ އަސާސީ ހައްގުތައް ނިގުޅައިގަންނަނީ. ހަގީގަތުގައި މިކުރާ ކަމަކީ ދިވެހި ރައްޔިތެއް ކަން މި ނިގުޅައިގަންނަނީ،" ސަމީރު ވިދާޅުވި އެވެ.
"އެންމެ އާދައިގެ ބަހުން ބުނާ ނަމަ ކުއްޔަށް ހިފައިގެން އުޅޭ މީހާ ގެއިން ނެރުމަށްޓަކައި ގޭގައި ހުންނަ އަސާސީ ޚިދުމަތް ކަނޑާލައިގެން ނެރުމަށް މަސައްކަތް ކުރުން." އޭނާ ވިދާޅުވި އެވެ.
ސަމީރު ވިދާޅުވި ގޮތުގައި ހިމާޔަތް ހޯއްދަވައިގެން ތިއްބެވި ބޭފުޅުން އިނގިރޭސިވިލާތުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުން އެތަނުގައި ވޯޓުލުމަށް ކޮމިޝަނުން ފުރަތަމަ ރަޖިސްޓްރީކޮށް ދިން ކަމަށާއި ރާއްޖޭގައި އެ ބޭފުޅުން ވޯޓުލާން ޖެހޭ ގޮތަށް ބަދަލުކުރީ އޭގެފަހުން ކަމަށެވެ. އަދި ކޮމިޝަންގެ އެ ނިންމުމުން އެނގިގެންދަނީ ސަރުކާރުން ބޭނުންވާ ގޮތަށް އެ ކޮމިޝަނުން އަމަލު ކުރަމުންދާ ކަން ކަމަށާއި އެހެންވެ، މިއީ މިނިވަން އިންތިޚާބަކަށް ވާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
"މިކަންކަމުގެ ސަބަބުން ތި ބޭފުޅުންނަކީ ވަކި ފަރާތަކަށް ބުރަވެގެން އަދި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާ ބައެއް ކަމަށް ވުމުގެ ފުރުސަތު ވަރަށް ބޮޑުވެގެން އެބަދޭ. އަޅުގަނޑުމެންނަށް މިއަދު ބުނުމުގެ ހައްގު އެބައޮތް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން 1 ނަމްބަރު ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވައިގެން 2 ނަމްބަރު ކެންޑިޑޭޓަށް ހުރި ވޯޓްތަކުގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަންނަމުންދާ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ބޭޭރުގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައި ތިބި އެހެން މީހުން ވެސް އެހެން ގައުމުތަކަށް ބަދަލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންވެ. އެފަދަ ފަރާތްތައް މިހާރު ރަޖިސްޓްރީ ކޮށްފައި އޮތީ ކޮން ތަނަކަށްތޯ ގަވާއިދުން ބަލަމުން ގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ އެފަދަ އަމަލުތަކުގެ ސަބަބުން ވޯޓުލުމުގެ ހައްގު ގެއްލިއްޖެ ނަމަ އެއީ އިއާދަ ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި އެކަންކަމަށް ކޮމިޝަނުން ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީހެއްގެ އަސާސީ ހައްގު ނިގުޅައިގަތުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ. އެހެންވީމަ މިފަދަ އަމަލުތަކުގައި ބައިވެރިވާ ބޭފުޅުން އެ ކުރައްވަނީ ވަރަށް ބޮޑު ކުށެއް." ސަމީރު ވިދާޅުވި އެވެ.
މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވާދަ ކުރައްވާއިރު، އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ދެ ލައްކައަށް ވުރެ ގިނަ މީހުން އެބަ ތިއްބެ އެވެ. މިފަހަރު ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ ފަސް ގައުމެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސަރާ
10 September 2018
އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގެއް ނުގެއްލޭ. އެއްވެސް މީހަކަށް ބޭނުންހާ ފޮށްޓަކަށް ނުލެވޭނެ. އެމީހަކަށް ކަނޑައެޅުފަ ހުރި ފޮށްޓަށް އެމީހަކު ލާންވީ. ކުށްވެރިން ވޯޓުލާން ޖެހޭފޮށި ޖަލުގަ ހުންނާނެ. ހަމަ ވޯޓު ލާންވީ. އެއްވެސް ހުރަހެއް ނެތް!
މުދިރު
10 September 2018
ބަލަ މިހިރަމޮޔަޔާ. ބޭރުގަތިބިމީހުން އެއީ އެތަންތަނުގަ ރައްވެހިންނު. އަދި މާހެޔޮއެދިގެން ތަ ރާއްޖޭގެ އަގުވައްޓަން ހުރިހާ ބޭރުނޫސްތަކެއްގަ ގައުމުގެ އަގުވެއްޓީ. މިހާރު އެއްވެސް އުންމީދެއް ނެތީމަ ކިޔާނެ އްއްޗެއް ނޭންގިގެން ތިއުޅެނީ.
އަހުމަދޭ
10 September 2018
ބޭރުގަތިބީ ފިލައިގެންނޭ.. މޮޔަޔާ
އުމަރުބެ
10 September 2018
ގާނޫނުގައި ކުއްވެރިންނަށްވެސް ވޯޓްލެބޭގޮތަށް އޮވޭ، ދުނިޔޭގެ ކޮންމެ ތަނެއްގައި ދިވެއްސަކު ހުއްޓަސް އެއީ ފިލައިގެންގޮސް ހުއްޓަސް، އޭނާ މިނިވަންކަމާއި އެކުގައި އެހުރި ތަނެއްގައި އުޅޭނަމަ އޭނާއަށް ވޯޓްލުމުގެ ހުއްދަދޭންޖެހޭނެ، މިމައްސަލައިގައި އީސީގެ ރައީސްގެ މައްޗަށް ދައުވާކުރެވޭނެ، އަދި މިހާރު ވޯޓްލުމުގެ ހުއްދަ ނުދީގެން ތިޔައުޅޭ މީހުންނަކީ ދިވެހިންގެ ތާއިދުއޮތް، ސިޔާސީގޮތުންވެސް ފުންނާބު އުސްބައެއް، 1 ފެބްރުއަރީގައި އޭގެއިން ގިނަ މީހުންވަނީ ދޫވެފައި، ޤާނޫނު އައިސް އީސީގެ ރައީސްގެ އަތުގައި ހިފާއިރު ބަލާނީ 1 ފެބްރުއަރީގެ އަމުރު، އެކަން ހަނދާން ކުރާންވާނެ، އަދި 1 ފެބްރުއަރީގެ އަމުރު ތަންފީޒް ނުކުރި ހުރިހައި މީހުންގެ ކަރުގައި ޤާނޫނު ވަރަށް ބާރަށް އައިސް ހިފާނެ އެއީ ޔަގީންކަމެއް، އެހެންކަމުން ވިސްނާ ފިކުރުކޮށް ދިވެހިންނަށް ކޮންމެ 5 އަހަރުން އެއްފަހަރު ލިބޭ ވޯޓް ލުމުގެ ހައްގު ނިގުޅައިނުގަނޭ
ނަންފަވާ
10 September 2018
ސަމީރޫ ތިޔައީ މާރަގަޅު މީހެއްނުން ވާހަކަ ނުދައްކާ ހުރޭ. ފަޅާ އަރުވާލަފާނަން. ޔާމިން ސިޔާސީ ދާއިރާއަށް ނެރެދިނީމަ ތިޔައުޅެނީ
ވޯޓް
10 September 2018
ކޮންމެ މީހަކަށްވެސް ވޯޓް ލިޔުމުގެ ހައްޤު ލިބެންޖެހޭނެ. އެމީހުންގެ އަސާސީ ހައްގު ހޯދަވައި ދެއްވަންޖެހޭނެ. ކުއްވެރިއަކަސް އެ ހައްގު ލިބޭނެ. ނުބުނެވޭނެ މިވެނިތާކު ވޯޓް ލާށެވެ.
ޤާދިރު
10 September 2018
ޖަލުގައި އޮންނަންޖެހޭ މީހަކު ފިލައިގެން އުޅޭއިރު ވެސް ދޮއްތޯ؟ ބަލަ އޭނަ ވޯޓުލާން ޖެހޭ ފޮށްޓަށް މިނިވަންކަމާއެކު ވޯޓުލެވޭނެ. އެ ފޮށި ހުންނާނީ ޖަލުގައި. އެނޫންތަނަކަށް ނުލެވޭނެ.
އަލް އަޙް
10 September 2018
ފިލާގެން އެހެން އުޅޭ މީހުންނަށް ކޮން ވޯޓުލުމުގެ ހައްޤެއް އޮންނާނީ. ވޯޓު ލާން ގައުމަށް ވަޑައިގަންނަވާ. އެކަމެއް ކުރާކަށް ކެރިވަޑައިނުގަންނަވާނެ. އެ ގަޓެއް އެމީހުންގެ ކިބައިގައި ނެތޭ.
ހަސަނުބެ
10 September 2018
ތިފަދަ މައްސަލަތައް ބައިނަލް އަގުވާމީ ފަރާތްތަކަށް ހުށަހަޅަންފެނޭ.
ރާވެރިބެ
10 September 2018
ދެން ދައުލަތޭ ކިޔާ އެއްޗެއްގެ އެއްވެސް ބާރެއް ހަމަ ނޯންނާންވީ އުތަ؟ އޭރުން ވާނެގޮތަކީ ތަމެންނަށް ވެރިކަން ލިބުނަސް އުޅެންޖެހޭނީ ގާނުނުތަކަށް ވުރެ މަތީގައި އުޅޭ ރައްޔިތުންތަކެއް މާތްތިރި ނުކުރެވިގެން ... މިކަހަލަ ކޮސްގޮވާތީ މައްސަލައަކީ ..
ޔާނޫ
10 September 2018
ޖަލުހުކުމް ތަންފީޒު ކުރަމުންދާ ބަޔަކު އޮޅުވާލައިގެން ނާ ފިލާގެން ގޮސް ތިބުމަކުން ނުޖެހޭ ބޭރުގައުމު ތަކުގައި ވޯޓުލެވެން