ޖަލު ގާޑުންގެ ބެލުމުގެ ދަށުން މައުމޫން މާލެ ގެނެސް ކޯޓަށް ހާޒިރު ކުރަނީ: ކުރެއްވީ ސިޔާސީ މަސައްކަތެއް -- މިހާރު ފައިލް ފޮޓޯ
20 ސެޕްޓެމްބަރ 2018 - 10:29
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މަތިން ދިވެހިން ހަނދާން ނެތިދާނެ ހެއްޔެވެ؟
ފަހަރެއްގައި މައުމޫން ޖަލަށް ލީ ބަޔަކަށް އެހެން ހީވެދާނެ އެވެ. މިދިއަ ފެބްރުއަރީ މަހުން ފެށިގެން އެމަނިކުފާނު އެ ހުންނެވީ ޖަލުގަ އެވެ. ދިވެހިން ނުކުންނަން ތައްޔާރުވަނީ ރިޔާސީ އިންތިހާބުގެ ވޯޓަށެވެ. މިއީ 1978 ގެ ފަހުން ރިޔާސީ އިންތިހާބެއްގައި މައުމޫންގެ އަޑުފުޅު ނީވި، ދިވެހިން ގޮތެއް ނިންމަން ޖެހޭ ފުރަތަމަ ފަހަރެވެ.
އެކަމަކު އެމަނިކުފާނު ހުންނެވި ގޮތް އެންމެންނަށް ވެސް އެނގެ އެވެ. އަދި އެމަނިކުފާނު ހައްޔަރުކޮށް، ޖަލަށް ލީ ސަބަބު ވެސް އެނގެ އެވެ: ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީ ގޮތުން އޮތް ޗެލެންޖެވެ.
މީގެ ދެ އަހަރު ކުރިން ޝީ ބިލްޑިންގުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ، މައުމޫން ވަނީ، އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު، ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން އިއުލާންކުރައްވައިފަ އެވެ. އެއީ ސިޔާސީ ގޮތުން ވަރަށް ބޮޑު ނިންމެވުމެކެވެ. ރައީސް ޔާމީން ދޫކުރައްވައި، ސިޔާސީ ގޮތުން ދުރަށް ޖެހިވަޑައިގަތުމަކީ، ދިވެހިންނަށް އޭރު ވެސް އެމަނިކުފާނު ދެއްވި މެސެޖެކެވެ.
ރައީސް ޔާމީންގެ އަމަލްފުޅުތައް ހުރި ގޮތަށް ބަލާ އިރު، ބޮނޑިއެއް ލިބިވަޑައިގެންފާނެކަން މައުމޫން އަމިއްލަފުޅަށް ވެސް ގަބޫލުކުރައްވާނެ އެވެ. އެކަން އައިސް ލައިގަތީ ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓުގެ އަމުރާ އެކު އެވެ. އެއީ ސިޔާސީ ހައްޔަރެއް ނޫންކަން ރައީސް ޔާމީން ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ގައުމީ ޔުނިވަސިޓީގައި އެމަނިކުފާނު ގިނިކަންޏާ ކުރެއްވި "ރިޔާސީ ބަހުސް"ގައި ވެސް، ވަރަށް ސާފުކޮށް އެ ވާހަކަ ވިދާޅުވި އެވެ.
އެކަމަކު މައުމޫން ކުރެއްވީ ސިޔާސީ މަސައްކަތްޕުޅެކެވެ. ދިވެހިންނަށް އެކަން އެނގޭނެ އެވެ. ރައީސް ޔާމީނާ ދެކޮޅަށް މައުމޫން ނުކުމެ ހުންނެވީ އެކަން އިއުލާން ވެސް ކުރައްވައިގެންނެވެ.
ސިޔާސީ މަސައްކަތަކީ ކޮބައި ހެއްޔެވެ؟ ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތު ސަރުކާރަށް ގެއްލުމުން، 12 މެމްބަރަކު އެ މަޖިލިހަށް ނުވަދެވޭ ގޮތަށް، ސިފައިންނާއި ފުލުހުން ލައްވާ ހުރަސް އެޅުމަކީ، ސިޔާސީ ކަމެއް ހެއްޔެވެ؟ އޭގެ ފަހުން ސުޕްރީމް ކޯޓު ތެރެއަށް، ސިފައިންގެ ވެރިންނާއި ސަރުކާރުގެ ވެރިން ވަދެވަޑައިގެން، ފަނޑިޔާރުންނަށް "ވިސްނައިދިން ވިސްނައިދިނުމަކީ" ސިޔާސީ މަސައްކަތެއް ހެއްޔެވެ؟
އާނއެކެވެ. ސިޔާސީ ގޮތުން ކުރިމަތިވި/ވެދާނެ ގޮންޖެހުންތަކަށް ހޯދި ސިޔާސީ ނިޔަތް ހިމެނޭ ހައްލުތަކެވެ.
މައުމޫނާއި އެހެން އިދިކޮޅު ލީޑަރުން ވެސް ކުރައްވަމުން ގެންދަވަނީ، ރައީސް ޔާމީން ފަދައިން، ހަމަ އެ މަސައްކަތެވެ. އަދި މައުމޫން ޖަލަށް ލައިގެން، ދިގު މުއްދަތުގެ ހުކުމެއްގެ ތެރެއިން އެމަނިކުފާނުގެ އަޑު ކަނޑުވާލައިގެން، ސިޔާސީ ހަނގުރާމަ ކާމިޔާބުކުރެވިދާނެ ކަމަކަށެއް ނުފެނެ އެވެ.
އުމުރުފުޅުން 80 އަހަރުގެ މައުމޫންގެ މަތިން ދިވެހިން ހަނދާނެއް ނުނެތެ އެވެ. ނުވެސް ނެތޭނެ އެވެ.
އެއީ ބާރުތައް މަސްހުނިކޮށްގެން 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވުމަށް ފަހު، ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފުވީ އިރު ހުންނެވި ވެރިޔާ އެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ޓީމަށް "ބުރައަކަށް ވެފައިވާ" ގާނޫނުއަސާސީ ހަދަން ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކުރެއްވި އަދި މީގެ 10 އަހަރު ކުރިން އެ ގާނޫނުއަސާސީ ތަސްދީގުކުރެއްވި ރައީސެވެ. ފުރަތަމަ ފަހަރަށް އޮތް ވާދަވެރި އިންތިހާބެއްގައި ބަލިވެވަޑައިގަތުމުން، ހަމަ އެރޭ، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް މަރުހަބާ ވިދާޅުވެ، އަނެއް ދުވަހު ރައީސް އޮފީހުގައި ބައްދަލުކުރެއްވި ރައީސެވެ.
އެކަމަކު އަމާންކަމާ އެކު ވެރިކަން ބަދަލުވިޔަސް، ސިޔާސީ މަސައްކަތުގައި ގޮންޖެހުންތައް ހުންނާނެ އެވެ. ރޮލާ އޮތް ރާއްޖޭގެ ޑިމޮކްރަސީގައި، މާޒީގެ ހިތި ތަޖުރިބާ އާއި އަނިޔާގެ ބަދަލުހިފުމުގެ ރޫހު ވެސް، ފުރަތަމަކޮޅު، ދިރިގެން އަންނާނެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް ހުކުމްކުރުމުގެ ކުރިން، ޖޭޕީގެ މައި ޖަގަހާގައި މައުމޫނާ ބައްދަލުކުރައްވަނީ --ފޮޓޯ/މިހާރު
ރައީސް ނަޝީދުގެ ވެރިކަމުގައި މައުމޫނަށް ކުރިމަތިވެވަޑައިގަތީ، އެހާ ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވި ރައީސަކަށް، ގިނަ ފަހަރަށް ދިމާވާ މައްސަލަތަކެވެ. ބޮޑު ހަމަނުޖެހުމެއްގެ ތެރެއިން ފުލުހުންގެ އޮފީހަށް މައުމޫން ހާޒިރުކޮށް ސުވާލު ވެސް ކުރި އެވެ. މައުމޫންގެ ޚިޔާނާތުގެ މައްސަލަތައް ބަލަން ރިޔާސީ ކޮމިޝަނެއް ވެސް އުފެއްދި އެވެ. ސިޔާސީ ކަންކަމުން ދުރުވެވަޑައިގަތުމަށް މައުމޫނަށް މަޖުބޫރުކުރުންތައް ވެސް އަ އެވެ.
އެކަމަކު އިދިކޮޅު ލީޑަރެއްގެ ގޮތުން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅާ ގުޅިގެން މައުމޫން ޖަލަކަށް ނުލަ އެވެ. ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދެވި އެވެ. އަދި އެ މަސައްކަތަކީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަކަށް، އެމަނިކުފާނު ދެކެ އެންމެ ރުޅިއަންނަ މީހުން ވެސް، ގަބޫލެއް ނުކުރާނެ އެވެ.
އެކަމަކު ކޮއްކޯފުޅުގެ ވެރިކަމުގައި އެ ހުންނެވީ ޖަލުގަ އެވެ. ކުރިފުޅުމަތީގައި އޮތީ ޓެރަރިޒަމްގެ ދައުވާ އެވެ.
އާ ގާނޫނުއަސާސީގެ މައިގަނޑު ބިންގަލަކީ ނުހައްގު އަނިޔާތަކާއި އަދަބުތަކާއި ބޭއިންސާފު ހުކުމްތަކުން ރައްޔިތުން ސަލާމަތްކޮށްދީ، ވަކި މީހެއްގެ އަތް ދަށަށް ގައުމުގެ ހުރިހާ ބާރެއް ދިޔަ ނުދިނުމެވެ. ދިވެހިން ވަނީ އެފަދަ ހައްގުތަކުން މަހޫރުމްވެ، އެތައް އަނިޔާއެއް ތަހައްމަލްކޮށް، ބޭއިންސާފު ނިންމުންތަކުގެ ހިތި ތަޖުރިބާ، ދިގު މުއްދަތެއްގައި ކޮށްފަ އެވެ. އެކަމަކު ގާނޫނުއަސާސީގައި އެ ހައްގުތައް އަދި ކަށަވަރުވިޔަކަސް، މިނިވަން މުއައްސަސާތައް ހިންގަން "ފިނޑިންގެ ލަސްކަރެއް" ލައިގެން އެ މަގުސަދު ހާސިލްނުވާނެކަން، މައުމޫނަށް މިއަދު ޖައްސާފައިވާ ހާލުން ވެސް، އެނގި ސާބިތުވެ އެވެ.
ކެރިގެން ބަހެއް ބުނެލާނެ ވެރިޔަކު އެއިން ތަނަކު ނެތެވެ. "ތިއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެކޭ، ވަޒީފާ ގެއްލުނަސް ތިކަމެއް ނުކުރާނަމޭ" ބުނެލާނެ ފަހުލަވާނަކު ނުފެނެ އެވެ. އެކަމަކު މައުމޫންގެ ވެރިކަން ނިމިގެން ދިޔައީ، އެ ހިތްވަރު ދިވެހިންނަށް ލިބި، އެތައް ބަޔަކު އޭގެ ބޭނުންކޮށް، އަދި ކުރިމަގުގައި ވެސް ދިވެހިން ދިވެހިންނަށްޓަކައި ގާނޫނުއަސާސީ ހިމާޔަތްކުރާނެކަމުގެ އުއްމީދު ގެނެސްދީފަ އެވެ.
ޖަލަކީ، ކިތައްމެ ރީއްޗަށް ހަދާފައި ހުއްޓަސް، އަދި މައުމޫނަށް ފަރުވާ ދޭން ހުރިހާ ސާމާނަކާ އެކު "އައި ކްލިނިކް" ފަދަ ސިއްހީ ޚިދުމަތް ގާއިމްކުރިޔަސް، ހަމަ ޖަލެވެ. އެތަނުގައި އޮންނާނީ އެކަނިވެރިކަމެވެ. އެހެން މީހުންނާ މުޅިން ވަކިން އުޅެން ޖެހޭ ބަންދުވުމެކެވެ. ބައެއް އިންސާނުން ބަލިކޮށްލަ އެވެ. މާޔޫސްކޮށްލަ އެވެ.
އެކަމަކު މައުމޫން ހުންނެވީ ހިތްވަރާ އެކު، ކޮއްކޯފުޅާ ދެކޮޅަށްކަން އެންމެންނަށް ވެސް މިހާރު އެނގެ އެވެ. އިންތިހާބުގެ ކުރިން "ޑީލެއް ހައްދަވައިގެން" ނުކުންނަވައި، އެއްޗެކޭ ވިދާޅުނުވެ ގެކޮޅުގައި ހުންނަވަން ނުނިންމެވުމުން، ދިވެހިންނަށް އެނގި ކަށަވަރު މިވީ، ޝީ ބިލްޑިންގައި އޮތް ހަފުލާގައި، "އަޅުގަނޑު ރައީސް ޔާމީނަށް ކުރި ތާއީދު އަނބުރާ ގެންގޮސްފިން" ކަމަށް އިއުލާންކުރެއްވުމަކީ، މައުމޫން ހަމަ އަސްލު ވެސް ހުންނެވި ގޮތް ކަމެވެ.
މައުމޫން ޖަލުގައި އެ ހުންނެވީ، 2008 ގެ އިންތިހާބަށް ފަހު، ރައީސް އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި ނަޝީދު ވިދާޅުވި ފަދަ "ދުނިޔޭގައި ވެސް ވަރަށް މަދު ލީޑަރެއްގެ ފަރާތުން ނޫނީ ނުފެންނަ ނަމޫނާއެއް" ދައްކަވައިފަ އެވެ: އެއީ ޚުދުމުޚުތާރު ވެރިކަމަކުން، ހުޅުވިފައިވާ ޑިމޮކްރަސީއެއް ގައުމާ ހަވާލުކުރެއްވުމެވެ. އެ ޑިމޮކްރަސީގެ އެންމެ ބޮޑު އެއް ހައްގު ކަމަށް ވާ، މިނިވަންކަމާ އެކު ވޯޓު ލުމުގެ ފުރުސަތުގެ ބޭނުން ހިފަން ދިވެހިން ތިބީ ތައްޔާރުވެގެންނެވެ.
މައުމޫންގެ ހާލަތަށް އެކަނި ވިސްނާލިޔަސް މިހާރު ރާއްޖޭގެ ޑިމޮކްރަސީ އޮތީ ކޮން ހާލަތެއްގައިކަން، ދިވެހިންނަށް އެނގޭނެ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ބައިވެރިވެވަޑައި ނުގެންނެވުނަސް، ހަމަ ޔަގީނެވެ، ދިވެހިން މައުމޫންގެ މަތިން ހަނދާނެއް ނުނެތެ އެވެ. އަދި ހަނދާން ނައްތައެއް ވެސް ނުލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އއ.ހިމަންދޫ
26 September 2018
މިރަށުގެ މިހާރުގެ ޕީޕީ ކުދިންވެސް މައުމޫނު ޖަލަށް ލަންދެން ތިޔައީ ޒަޢީމޭ' ރަންތިރީހުގެ ބާނީއޭ ގޮވި ޖަލަށް ލީމާ އެއީ ބާޣީ އަކަށް ހަދާ ލަވަކިޔާ އެކަމާ އުފަލުން ފަރިވަޅު ކެއްކިތަށް ދުށީން
އައްލާ
22 September 2018
ޖަލުގަ ބައިވަރު ދިވެހި ދަރިން އެބަތިބި ފަހަރަކު މީހެއްގެ ވާހަކަ ގެނެސްދީބަލަ
ޢަސްލު
23 September 2018
އެއީ ހުކުމް ކޮށްގެން ކުށް ސާބިތުވެފަ ތިބި މީހުންނެވެ. މީ ސިޔާސީ ހައްޔަރީންނެވެ.. ދެބައި މީހުން ހާސް ތަފާތެވެ
މަނީނު
21 September 2018
މައުމޫނަށްޓަކާ އަހަރެންގެ ވޯޓް 2 އަށް!
ކޮންކޮ ފަރާތުން ކާފައަށް
21 September 2018
ކޯޓުގެ ނިންމުމަކީ ހުށަހެޅިފައިވާ އެއްވައްތަރުގެ މައްސަލަތަކަކާއި މެދުގައި އެއްފަހަރާއި ގޮތެން ނިންމި ނިމުން. މިއީ ކޯޓުގެ އިމްތިޔާޒުގެ ތެރެއިން ކުރެވުނު ކަމެން. ބަންޑާރަ ނައިބު އަނިލް ނޫނީ އާޒިމާ ސްކޫރު ކިތަންމެ ފުންނާބު އުސްވިޔަސް މަތީ ކޯޓުގެ ނިމުމަކަން ސުވލެް ނޫފެދޭނެ. ސްޕްރީމް ކޯޓްގެ ފުރާޅުމައްޗަށް ސިފއިން އެރުވުމާއި ފަޑިޔާރުން ހައްޔަރުކުުމަކީ ހުދުމާތުރުކަން އަދި ރައީސްގެ ބާރުން ބޭރުން ކުރެވުނު ކަމެއް.
ސަންްފަ
21 September 2018
ހަނދާން އެބަހުޜި އެއީ ވަޔަށް ޖައްވަށް ފަޒާއަށް ބަޑި ޖެހި ރައީސް
ބަނާނާ
21 September 2018
ތިބުނާބަޑިޖެހީ މައުމޫނެއްނޫން. ޖަކުކޮންޓްރޯލުންނައްޓައިލައިގެން ކުއްވެރިން މައިތިރި ކުރަން ގާޑުންވެސް އެމީހުންގެ ދިފާއުގައި ކުރެވުނުކަމެއް ކުރާނެދޯ؟
އެދުރުދައިތަ
21 September 2018
އެއްފަހަރުކުވެސް މައުމޫން ނުވަތަ އޭނާގެ ދަރިއެއްގެ ފަރާތުން އެއިން ކުއްޖަކަށް ވެރިކަން ހޯދަވެގެނޭ ބުނިތަ. މީހަކު ކިޔާހާ އެއްޗެއް އެއީ ހަގީގަތެއް ނޫން. މައުމޫން ވެރިކަން ހޯދަދިނީ ކޮއްކޯފުޅު ޔާމީނަށް. އެ އަމާނާތް ހެޔޮގޮތުގައި އަމަލުކޮށްދިނުމަށް ނުކުޅެދުނީ ޔާމީން. އިސްލާހަށް ގޮވާލާ ކޮންމެ މީހެއްގެ ދުވަސް ދުވާލާ ބީދައިން މިއަދު އެއޮންނެވީ ޖަލުގައި. އެމަނިކުފާނުގެ ގައުމީ މަސައްކަތުގައި ކާމިޔާބުއާއި ވާގި މިންވަރުކުރައްވާށި. އަޅުގަނޑުގެ ވޯޓް އިންތިހާދަން.
ޢަޖައިބު
21 September 2018
އަހރެން ވޯޓްލާނެ މީހެއް ދައްކާދެއްވާ. އަދިނެތް ލާނެ މީހެއް
އެދުރު
22 September 2018
ސޯލިހަކަށް ލީމަ ރަނގަޅު ވާނެ
ޙަފްޞާ / މާލެ
20 September 2018
ލައްބަ! އެއީ އެމްޑީޕީ ކުދިން ކިޔާއުޅުނު "ގޮޅާބޯ" އެއްނު؟
ޝޮކްތެރަޕީ
20 September 2018
މިއަދު މައުމޫން މާރަގަޅުމީހަކަ މިހަދަނީ ކީވެބަ. އަހަރެން ވޯޓްލާނީ ރައިސް ތާމީނަ.
އޮބާމާ
20 September 2018
ކޮމެންޓްތަކަށް ރިއާޔަތްކޮށްފަ އެއްޗެއް ބުނާނަމަ ބުނެވޭނީ އަނިޔާއަކީ ހަމައެކަނި މައުމޫނާ ހަމައިން ފެށިގެން އައިކަމެއް ނޫނޭ. އަނިޔާއަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެ ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ލިބެމުން އައި އެއްޗެކޭ. ދިވެހި ތާރީޚު މިކަމަށް ހެކިދެޔޭ. ތިބުނާފަދަ އަނިޔާވެރި ނޫން ވެރިޔަކު މިގައުމު ދެކިފައެއް ނެތޭ. 2018 ސެޕްޓެމްބަރު 20 ވަނަ ދުވަހާ ހަމަޔަށްވެސް ހަމަ އަނިޔާވެރިކަން މި އަންނަނީ ދެމިގެންނޭ..