އީރާނުގެ ރައީސް ހަސަން ރޫހާނީ. --ފޮޓޯ:އޭއެފްޕީ
22 ސެޕްޓެމްބަރ 2018 - 16:15
ތެހެރާން (ސެޕްޓެމްބަރު 22) - އީރާނާ ޖައްސާލައިގެން އުޅޭ ނަމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް ޖެހޭނީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިނަށް ޖެހުނު ހާލު ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
"ޓްރަމްޕަށް ވެސް ޖެހޭނީ އެ ހާލު. ސައްދާމް ހުސައިނަށްވީ ގޮތް އެމެރިކާ އަށް ވެސް ވާނެ،" ގައުމީ ޓީވީން ދެއްވި ބަޔާނެއްގައި ރޫހާނީ މިއަދު ވިދާޅުވި އެވެ.
އެމެރިކާ އިން ވަނީ އިރާގަށް އަރައި، ސައްދާމް ހުސައިން ހިފައި ހައްޔަރުކޮށް، ޝަރީއަތް ހިންގައި އެންްމެ ފަހުން ދަންޖައްސައިގެން އަވަހަރާކޮށްލައިފަ އެވެ.
އީރާނުގެ ރައީސް ވިދާޅުވީ އެ ގައުމުން މިސައިލް އުފައްދަނީ ދިފާއީ ބޭނުމުގައި ކަމަށާއި އެހެންވެ އެމެރިކާ ކިތަންމެ ރުޅި އައި ނަމަވެސް މިސައިލް ޕްރޮގްރާމް ނުހުއްޓުވާނެ ކަމަށެވެ.
ރޫހާނީ މިހެން ވިދާޅުވިއިރު އީރާނުން ވަނީ ގަލްފުގައި އަސްކަރީ ތަމްރީނުތަކެއް ބާއްވައިފަ އެވެ. އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފައި ވަނީ 600 އަށް ވުރެ ގިނަ އުޅަނދު އެ ތަމްރީނުތަކުގައި ބައިވެރިވެފައިވާ ކަމަށެވެ.
އީރާނާއި ދުނިޔޭގެ ބާރުތަކާ އެކު 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ އިން މިދިޔަ މެއި މަހު ވަކިވި ފަހުން ދެ ގައުމުގެ މެދުގައި ވަނީ ބަހުގެ ހަމަލާތައް ބަދަލުކުރަން ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލިބާޝާ
22 September 2018
އޭ ސައްދާމާ ނުބެހޭތި. އެއީ އަރަބިންގެ ރޫހު.
ދޮން ބަބުރު ސޮރު
24 September 2018
އަރަ ބީންގެ ރޫހު ކަތިލީ އެމެރިކާ އެދޭ ގޮތަށް ގަބު ޢަރަބީން