ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ލިވަޕޫލާއި ޗެލްސީ އެއްވަރު، ޔުނައިޓެޑަށް ހިތްދަތިކަން

ޗެލްސީގެ ވިލިއަން (މ) ކައުންޓާ އެޓޭކެއްގައި އަރާއިރު ލިވަޕޫލުގެ ވެން ޑައިކް (ވ) އާއި ޖޯ ގޯމޭޒްގެ ހުއްޓުވަނީ. --ފޮޓޯ: އޭއެފްޕީ

ލަންޑަން (ސެޕްޓެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ ދަނޑުގައި ލިވަޕޫލާ 1-1 އިން އެއްވަރުވިއިރު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން ރަށުން ބޭރުގައި 3-1 އިން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް އިތުރު ހިތްދަތިކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ލިވަޕޫލާއި ޗެލްސީ އެއްވަރުވުމުން އޭގެ ފައިދާ ކުރީ މެންޗެސްޓާ ސިޓީ އަށެވެ. އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 2-0 އިން މޮޅުވެގެން ސިޓީ ވަނީ ލީގުގެ އެއް ވަނައިގައި އޮތީ ހަތް މެޗުން 19 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވެސް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. ޗެލްސީ ތިން ވަނައިގައި އޮތީ ހަތް މެޗުން 17 ޕޮއިންޓާ އެކު އެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ކުޅުނު ލީގު ކަޕް މެޗުގައި ލިވަޕޫލާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ޗެލްސީގެ އެޑެން ހަޒާޑް ވަނީ އެޓީމު މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ރޭގެ މެޗުގައި ޗެލްސީ އަށް ލީޑުނަގައިދިނީ ވެސް ހަޒާޑް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދޭން މުހައްމަދު ސަލާހު ޖެހި ބޯޅަ ގޯލުގެ ރޮނގު މަތިން ސަލާމަތްކުރީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އެވެ.

ދެ ވަނަ ހާފުގައި ޗެލްސީ އަށް ލީޑުފުޅާކޮށްދޭން އެޑެން ހަޒާޑަށް ލިބުނު ރަނުގެ ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދޭން ޒެރްޑަން ޝަގީރީ އާއި ރޮބާޓޯ ފިރްމީނޯ އަށް ލިބުނު ފުރުސަތުތައް ކާމިޔާބުނުވި އެވެ. ލިވަޕޫލް ބަލިނުވެ ސަލާމަތްކޮށްދިން ލަނޑު ޖެހީ މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ޑެނިއަލް ސްޓަރިޖް އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތްތާ ގިނަ އިރުތަކެއް ނުވެ އޭރިއާ ބޭރުން ސްޓަރިޖް ޖެހި ބޯޅަ ގޯލުގެ ކަނަށް އަމާޒުވީ ޗެލްސީގެ ކީޕަރު ކެޕަ އަރިއްޒަބަލާގާ އަތްމަތިން ގޮހެވެ.

ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ މިއީ ވަރަށް ބަލާލަން ހިތްގައިމު ފުރިހަމަ މެޗެއް ކަމަށާއި މެޗުގެ ފަހު ވަގުތުގައި ލިވަޕޫލުން ލަނޑު ޖެހި ނަމަވެސް ޝަކުވާކުރަން ބޭނުންނުވަނީ މިއީ އިންސާފުވެރި ނަތީޖާއެއް ކަމަށްވާތީ ކަމަށެވެ.

ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި ވެސްޓް ހޭމަށް ލީޑުނަގައިދިނީ ފިލިއްޕޭ އެންޑަސަން އެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ވެސްޓް ހޭމް އިން ލީޑުފުޅާކުރީ ޔުނައިޓެޑްގެ ވިކްޓަ ލިންޑެލޮފް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޔުނައިޓެޑްގެ ޒުވާން ފޯވާޑް މާކަސް ރެޝްފޯޑް އެ ޓީމަށް ލަނޑެއް ޖަހައިދީ މެޗުގެ އުއްމީދުއާ ކޮށްދިން ނަމަވެސް ވެސްޓް ހޭމްގެ އޮސްޓްރިއާ ފޯވާޑް މާކޯ އާނައުޓޮވިޗް ވަނީ އެ ޓީމަށް ތިން ވަނަ ލަނޑެއް ޖަހައިދީ މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

މިއީ ޔުނައިޓެޑްގެ ތާރީހުގައި އެ ޓީމު ލީގުގެ ފުރަތަމަ ހަތް މެޗުގެ ތެރެއިން ތިން މެޗުން ބަލިވި ދެ ވަނަ ފަހަރެވެ. މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ވެސްޓް ހޭމް އިން ފުރަތަމަ ޖެހި ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށާއި ދެ ވަނަ ގޯލަކީ ޔުނައިޓެޑުން ޖެހި ބައިގޯލެއް ކަމަށެވެ. އަދި ޔުނައިޓެޑުން ގޯލެއް ޖަހާފައި ވަނިކޮށް އަނެއްކާ މެޗު ގެއްލުނީ ރެފްރީގެ ގޯސް ނިންމުމެއްގެ ސަބަބުން ވެސްޓް ހޭމް އިން ޖެހި ގޯލަކުން ކަމަށް ވެސް ބުންޏެވެ.

ރޭ އާސެނަލް ކުޅުނު މެޗުން އެ ޓީމު ވަނީ 2-0 އިން ވަޓްފޯޑް ބަލިކޮށްފަ އެވެ. އަދި ރަށުން ބޭރުގައި ހަޑްސްފީލްޑް އަތުން ޓޮޓެންހަމް ވަނީ 2-0 އިން މޮޅުވެފަ އެވެ. ޓޮޓެންހަމް ލީގުގެ ހަތަރު ވަނައިގައި އޮތީ ފަސް ވަަނައިގައި އޮތް އާސެނަލާ އެއްވަރަށް ހަތް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ ބައްޔާ އެކު ޔުނައިޓެޑް ވަނީ ލީގުގެ 10 ވަނަ އަށް ވެއްޓިފަ އެވެ.

2 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 8%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗެލްސީ

30 September 2018

ވަރަށް ސަޅި މެޗެއް.. ޗެލްސީ އޮތީ ރަނގަޅުމަގުގައި.. މޮރީނިއޯ އަބަދުވެސް ކިޔަނީ ކައިގެންނޭ ފުރާނީ.. ނުކައެއްނުފުރާނަމޭ.. ބޮޑާކަމާ ކިބުރުވެރިކަމުން ތިމާގެ އުނިސިފަ ނުފެންނެ ކަމުގެ މިސާލެއްތިއީ..

The name is already taken The name is available. Register?

ރަދީފް

30 September 2018

މަރުހަބާ އާސެނަލް ، މަރުހަބާ ލިވަޕޫލް.ލެޓްސް ޓޭކް އަ މޮމެންޓް ޓު ލާފް އެޓް މެންޔޫ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454