ސުޕްރީމް ކޯޓު: އިޖްރާއީ އަޑުއެހުން ބޭއްވުމާ ބެހޭ އުސޫލެއް އެ ކޯޓުން ވަނީ އެކުލަވާލާފައި ---ފޮޓޯ/މިހާރު
01 އޮކްޓޯބަރ 2018 - 15:26
ސުޕްރީމް ކޯޓަށް އިސްތިއުނާފް ހުށަހަޅާ މައްސަލަތަކަށް ހުއްދަ ދިނުމުގެ ކުރިން އިޖްރާއީ އަޑުއެހުންތައް ބޭއްވުމާ ބެހޭ އުސޫލެއް އެކުލަވާލައި، މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ސުޕްރީމް ކޯޓުން އެކުލަވާލި އެ އުސޫލަކީ ހައި ކޯޓުން ނިންމާ މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅާ މައްސަލަތަކަށް ހުއްދަ ދިނުމުގެ ކުރިން އިޖްރާއީ އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން ނިންމައިފި ނަމަ، އެކަމުގައި އަމަލު ކުރާނެ އުސޫލެވެ.
އެ އުސޫލުގައިވާ ގޮތުން އިޖްރާއީ އަޑުއެހުމެއް ބާއްވަން ނިންމައިފި، އިޖްރާއީ އަޑުއެހުން ބާއްވާނީ މަދުވެގެން ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ. އެ މައްސަލައަކަށް ހުއްދަ ދިނުމާ މެދު ގޮތެއް ނިންމާނީ އެ މައްސަލައެއްގެ އިޖްރާއީ އަޑުއެހުން ކުރިއަށް ގެންދެވި ފަނޑިޔާރުން ކަމަށް އެ އުސޫލުގައިވެ އެވެ. އަދި އެ މައްސަލައަކަށް ހުއްދަ ދިނުމަށް ނިންމައިފި ނަމަ، އިސްތިއުނާފް މައްސަލައެއްގެ ގޮތުގައި އެ މައްސަލައެއް ބަލައި ހުކުމް ކުރާނީ ވެސް އެ މައްސަލައެއްގެ އިޖްރާއީ އަޑުއެހުން ކުރިއަށް ގެންދެވި ފަނޑިޔާރުން ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
އެ އުސޫލުގައިވާ ގޮތުން އިޖްރާއީ އަޑުއެހުން ބޭއްވުމަށް ފަހު މައްސަލައަކަށް ހުއްދަ ނުދޭން ނިންމައިފި ނަމަ، ހުއްދަ ނުދޭން ނިންމާ ސަބަބުތައް ބަޔާންކޮށް، އެ މައްސަލައެއް ނިންމާނީ ޝަރީއަތުގެ މަޖިލީހެއްގަ އެވެ.
މައްސަލައަކާ ގުޅިގެން އިޖްރާއީ އަޑުއެހުމެއް ބާއްވަން ނިންމައިފި ނަމަ، އެ އަޑުއެހުމެއް ބޭއްވޭނީ މައްސަލަ ހުށަހެޅި ފަރާތުން އިދާރީ ފީގެ ގޮތުގައި 500ރ. ސުޕްރީމް ކޯޓަށް ދެއްކުމުން ކަމަށް އެ އުސޫލުގައިވެ އެވެ. އެ ފީއަކީ މައްސަލަ އަނބުރާ ގެންދިޔަޔަސް ނުވަތަ އެ މައްސަލައަކަށް ހުއްދަ ނުދޭން ނިންމިޔަސް، އަނބުރާ ލިބޭނެ ފައިސާއެއް ނޫން ކަމަށް އެ އުސޫލުގައިވެ އެވެ. އެކަމަކު މައްސަލައަށް ހުއްދަ ދޭން ނިންމައިފި ނަމަ، އިތުރު ފީއެއް ނެގުމެއް ނެތި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އުސޫލުގައިި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންތޭ
01 October 2018
ތަމެން ތިޔާ ކަނޑައަޅާ ހުރިހާ އުސޫލު ބައިޕާސް ވާނެ ތަމެންނަށް ރަނގަޅު ޕެކޭޖެއް ހުށައަޅަނި ކޮށް އެއިރުން ތަމެން ނެރެލާނެ އަމުރެއް އެ މައްސަލަ އެއް ނެތް މީހަކު މަރާފައި ހުކުމް ކޮށްފައި ހުރި މީހަކު ވެސް ތަމެން ދޫކޮށްލާނެއޭ މަމެން ބުނަން ނެތީމު ދޯ...