ރިޕޯޓް / ރިޔާސީ އިންތިޚާބު 2018

"ބަލި ގަބޫލު ނުކުރެވެނީއެއް ނޫން"! ދެން ކޮން ކަމެއް؟

ޕީޕީއެމުން ރޭ ބޭއްވި މުޒާހާރާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވެފައި -- ފޮޓޯ / މިހާރު

ރިޔާސީ އިންތިޚާބަށް ފަހު ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ؛

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިއްޔެ [ސެޕްޓެމްބަރު 23 ގައި] ދިވެހި ރައްޔިތުން، އެމީހުންގެ ގޮތް ބުނެދީފިއޭ. އެ ނަތީޖާ އަޅުގަނޑު ގަބޫލުކޮށްފީމު. އަދި މިއަދު ކުޑައިރުކޮޅެއް ކުރިން، ދެން ރައީސުލްޖުމްހޫރިއްޔާ ކަމަށް މިހާރު ދިވެހިން އިންތިޚާބު ކޮށްފައި އެ ހުންނެވި އިބްރާހީމް މުހައްމަދު ސޯލިހަށް އަޅުގަނޑު މަރުހަބާ ވެސް ދަންނަވައިފިން."

ރައީސް ޔާމީންގެ މައްޗަށް އިބޫ ކުރި ހޯއްދެވީ ޖުމްލަ 134،705 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ. އިބޫ ކުރި ހޯއްދަވާފައި މިވަނީ، 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.

ބޮޑު ތަފާތަކުން ނާކާމިޔާބުވެވަޑައިގަތް ކަމަށް ވިދާޅުވެ، ބަލި ގަބޫލުކުރިކަން އިއުލާން ކުރެއްވީ ރައީސް ޔާމީން އެކަންޏެއް ނޫނެވެ. ޕީޕީއެމްގެ އިސް ބޭފުޅުން ވެސް އެކަން އާއްމުކޮށް، ޑިމޮކްރަސީގެ ރީތި ނަމޫނާ ރައީސް ޔާމީން ދައްކަވައިފި ކަމަށް ވިދާޅުވެ އާދައިގެ މަތިން އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވި އެވެ. ވޯޓުން ވައްކަން ކުރާނެ ކަމަށް އިދިކޮޅުން ތުހުމަތުކުރިއަސް އެފަދަ އެއްވެސް ކަމެއް ނެތި، އިންތިޚާބު ނިމިގެން ދިޔައީ އޮމާންކަމާ އެކުގައި ކަމަށް ވެސް އިންތިޚާބަށް ފަހު ޕާޓީގެ އިސް ވެރިން ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

"އެއްވެސް އޮޅުވާލުމެއް، މަކަރު ހެދުމެއް މީގެ ތެރެއަކަށް ނުވަދޭ. ވަރަށް ސާފު، ދެފުށް ފެންނަ އިންތިޚާބެއް އަޅުގަނޑުމެންގެ ޒައާމަތުގައި ބޭއްވިގެން ދިއުން މިއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް،" ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޮމާންކޮށް އިންތިޚާބު ނިމިގެން ދިއުމާ އެކު، ރާއްޖޭގެ ހާލަތު، ގާތުން ބަލަމުން އައި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް ވަނީ އިންތިޚާބު ގަބޫލުކޮށް، އާ ސަރުކާރަށް އެއްބާރުލުން ދޭން ނިންމައިފަ އެވެ.

އިންތިޚާބަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ނިޝާން އަލީ

ތަރުތީބުން ހުރިހާ ކަމެއް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވުމަށް، ރައީސް ޔާމީން ދެން އިއުލާން ކުރެއްވި ގޮތުގައި ޕީޕީއެމަކީ އިދިކޮޅު ޕާޓީ އެވެ. އެއާއެކު، އިދިކޮޅު ލީޑަރުގެ މަގާމަށް ރައީސް ޔާމީން ވަޑައިގަތުމަށް، ކުއްލި ކޮންގްރެސްއަކުން ޕާޓީގެ ރައީސްކަން ވެސް ވަނީ ހޯއްދަވައިފަ އެވެ.

ޕީޕީއެމުން ބޭއްވި ކުއްލި ކޮންގްރެސްގައި ރައީސް ޔާމީން

އެހާ ހިސާބުން ދެން ކުރިމަތިވީ އަރަތެކެވެ؛

ހީނުކުރާތި، އަޅުގަނޑުމެން މިއުޅެނީ، އިންތިޚާބުން ބަލިވެގެން އެކަމާ ކަންބޮޑުވެގެންނޭ. ނޫން، އަޅުގަނޑުމެން ވަރަށް މޮޅުވެފައި މިތިބީ. --އަލީ އާރިފް

އިންތިޚާބުގެ ނަތީޖާއާ ގުޅުވައި، ރައީސް ޔާމީން ކުރިން ދެއްވި ހުރިހާ ޔަގީންކަމެއް މިހާރު ވަނީ އަނެއްކޮޅަށް އަނބުރާލައްވައިފަ އެވެ. ޕީޕީއެމްގެ ސަޕޯޓަރުން އާއްމުކުރި އޯޑިއޯއަކާ ހަވާލާ ދެއްވައި، އިންތިޚާބު އޮޅުވާލީ ކަަމުގެ ތުހުމަތު އެޅުވީ އެވެ. އެއާއެކު އަޑުއުފުއްލަވަން މަގުމައްޗަށް ވެސް ނުކުންނެވީ އެވެ.

އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ، އެންމެ 96،000 ވޯޓެއް ނޫން ކަމަށް ވިދާޅުވި އެވެ. ވޯޓުގައި، މަކަރު ހަދާފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ އޯޑިއޯ އިން ވެސް އެކަމަށް ހެކި ލިބިދޭ ކަމަށް ވިދާޅުވި އެވެ. މި ތުހުމަތުތައް ހުއްޓަސް ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޕީޕީއެމުން ފުރަތަމަ ދިނެވެ.

އެކަމަކު މިހާރު މަސައްކަތް ފަށާފައި ވަނީ އިންތިޚާބު ބާތިލްކުރަން ކޯޓަށް ދާށެވެ. އެހެންވެ އިބޫ، ރައީސް ކަމުގެ ހުވާ ނުކުރައްވައި މަޑުކުރައްވަން ޕީޕީއެމުން ވަނީ ގޮވާލައިފަ އެވެ. އެމަނިކުފާނަކީ އިންތިޚާބުވި ރައީސް ނޫން ކަމަށް ވެސް މަދު ބަޔަކު މަގުމަތީގައި ބައިތިއްބައިގެން، ޕީޕީއެމް އޮފީސް ތެރެއިން އިއްވި ގަރާރަކާ އެކު ، އަތްމައްޗަށް ނަގައިގެން "ފާސްކޮށްފި" އެވެ.

އިންތިޚާބަށް ފަހު، މިއީ، ރައީސް ޔާމީން އަމަލުކުރައްވާނެ ގޮތް ކަމަށް، އެއް ބަޔަކު މާ ކުރިން ވެސް ވިސްނުން ގެންގުޅުނެވެ. އެމަނިކުފާނަކީ އެހާ ފަސޭހަ އިން ބަލިގަބޫލުކުރައްވާނެ ބޭފުޅެއް ނޫން ކަމަށް އަމިއްލަފުޅަށް ވެސް ވިދާޅުވެ، ކަންކަން ކުރައްވާފައިވާ ގޮތުންނެވެ.

އެއް ބައެއްގެ ނަޒަރުގައި މިއީ ރައީސް ޔާމީނާއި، ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ދެނެވަޑައިގަންނަވާ، ޑިމޮކްރަސީގެ "ރީތި އުސޫލެ"ވެ. އެކަމަކު ބައިނަލްއަގުވާމީ ދުނިޔެ އާއި ގިނަ ދިވެހިން ދަންނަ ގޮތަކީ އިންތިޚާބުތައް ނިމުމުން ހަމަނުޖެހުމަށް މަގުފަހިނުކޮށް، ބަލި ގަބޫލުކުރުމެވެ.

އެ އުސޫލާ ޚިލާފުވަނީ ކީއްވެތޯ، ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރާތީ، ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފް ވިދާޅުވި އެވެ:

"ހީނުކުރާތި، އަޅުގަނޑުމެން މިއުޅެނީ، އިންތިޚާބުން ބަލިވެގެން އެކަމާ ކަންބޮޑުވެގެންނޭ. ނޫން، އަޅުގަނޑުމެން ވަރަށް މޮޅުވެފައި މިތިބީ. އެކަކު އެކަނިމާ އެކަނި 96،000 ވޯޓު ނެގިއިރު، އަނެއްކޮޅުގައި ތިބި އެންމެންނަށް މި ނެގުނީ، އަދި ހުރިހާ މައްސަލަތަކާ އެކު ވެސް، 140،000 ވޯޓު."

އީސީގެ މެމްބަރުން ވެސް ރިޝްވަތު، އަބުރެއް ނެތް؟!

މައުސޫމް މީހުންނަށް ސާބިތު ނުހިފޭ ތުހުމަތު އަޅުވައި، އަބުރު ކަތިލުމަކީ ރައީސް ޔާމީން ވަރަށް ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމެކެވެ. އެކަމަށް ޖާގަ ނުދެއްވަން ވެގެން، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ލައްވައި އަބުރުގެ ގާނޫނެއް ވެސް ފާސްކުރި އެވެ. އަބުރު ކަތިލާ މީހުންނަށް އޮތް ތަނަކީ، ރައީސް ވިދާޅުވެފައިވާ ގޮތުގައި، ޖަލުގެ ގޮޅި އެވެ.

ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ހޮވަން، ކެމްޕޭން ކޮށްދެއްވަން އުޅުއްވި ޒަމާންވީ އެކުވެރިޔާ އަހްމަދު ޝަރީފް، އީސީގެ ރައީސް ކަމަށް ހަމަޖެއްސެވުމާ އެކު އިދިކޮޅުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ރައީސް ޔާމީންގެ ވިސްނުންފުޅަކީ އެ ކޮމިޝަން މެދުވެރިކޮށް ނުފޫޒުން ކަންކަން ކުރެއްވުން ކަމަށް ތުހުމަތުކުރި އެވެ.

އޭރު އިދިކޮޅު ޕާޓީތަކުން ބުނަމުން ދިޔައީ، ރައްޔިތުންގެ ހައްގު ގެއްލޭ ގޮތަށް އީސީން އެތައް ކަމެއް ކުރަމުން ދާ ކަމަށެވެ. ކޮމިޝަނަށް އިތުބާރު ނުކުރެވޭ ކަމަށެވެ. ވޯޓު އޮޅުވާލާނެ ކަމަށެވެ. ރިސޯޓުތަކުގެ ވޯޓު ފޮށި ބެހެއްޓުމާއި ރަޖިސްޓްރޭޝަނާއި އޮފިޝަލުން ނެގުމުގައި ވެސް ކޮމިޝަންގެ އަމަލުތައް ގޯސް ކަމަށެވެ. ސަރުކާރުގެ ނުފޫޒުގެ ދަށުވެ، އަމަލުތައް ހުރީ ދެފުށް ނުފެންނަ ގޮތަށް ކަމަށެވެ. މިކަންކަމާ މެދު ޕީޕީއެމުން ކަންބޮޑުނުވަނީ ކީއްވެތޯ އިދިކޮޅުން އެތައް ފަހަރަކު ސުވާލު ވެސް ކުރި އެވެ. ކޮމިޝަން ބަދަލުކުރަން އެތައް ފަަހަރަކު އިދިކޮޅުން ގޮވާލި އެވެ. ޔޫރަޕިއަން ޔޫނިއަން ފަދަ ބޭރުގެ ޖަމާއަތްތަކުން އެކަމަށް ބާރު ވެސް އެޅި އެވެ.

އީސީގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

މި ކަންބޮޑުވުންތަކަށް ހައްލު ހޯދަން ޕީޕީއެމަށް ފުރުސަތު ލިބުނެވެ. އެކަމަކު އޭރު ޕީޕީއެމަށް އަދި ރައީސް ޔާމީނަކަށް ވެސް އެކަން މައްސަލައަކަށް ނުވި އެވެ. އީސީގެ ކޮންޓްރޯލް އޮތީ، އިދިކޮޅުން ބުނާ ގޮތުގައި އެމަނިކުފާނުގެ އަތްޕުޅުގަ އެވެ.

އިދިކޮޅަށް ކުރިމަތިވި މި ގޮންޖެހުންތަކާ އެކު ވޯޓު ފޮށި ކައިރީގައި އެ މީހުން ތިބީ ވަރަށް ހުށިޔާރުވެގެންނެވެ. އެންމެ ވޯޓެއްގައި ވެސް މަކަރު ހެދިޔަ ނުދޭން ވެގެންނެވެ. އިންތިޚާބުގެ ވޯޓު ލުމާއި ވޯޓު ގުނުމާއި އިއުލާން ކުރުމުގެ ހުރިހާ ކަމެއް ދިޔައީ، ހާމަކަން ބޮޑުކޮށެވެ. ފޮށިތަައް ކައިރީގައި ތިބީ ޕީޕީއެމް މީހުންނެވެ. ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނާއި މީޑިއާތަކާއި ޕާޓީތަކުގެ މަންދޫބުން، ކަންކަން ބަލަމުން ދިޔަ އެވެ. އިންތިޚާބުގައި 38،000 ވޯޓުގެ ފަރަގު އުޅޭއިރު، މަކަރުހަދައި އޮޅުވާލި ނަމަ މައްސަލަތަކެއް ފެންމަތި ނުވެ، އޮމާންކަމާ އެކު އިންތިޚާބު ނުނިމުނީހެވެ.

ވޯޓު ކަރުދާހުގައި ޖެހި ފާހަގަ، އީސީން އެތެރެކުރި، "އަނގޮޓިތަކަކުން" ބަދަލުކުރި ކަަމަށް ތުހުމަތުކުރާއިރު، އެފަދަ ކަމެއް ހިނގި ނަމަ ޝައްކު ނުވާންވީ ސަބަބެއް ނެތެވެ. ވޯޓު ލުމާއި ގުނުމުގެ ހުރިހާ ކަމެއް ދިޔައީ އެންމެންގެ ކުރިމަތީގަ އެވެ.

އިލެކްޝަންސްގެ އޮފިޝަލަކު، ހިރިޔާ ސުކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށް ވޯޓުލާ މީހެއްގެ މައުލޫމާތު ޓެބްލެޓު ބޭނުންކޮށްގެން ޗެކްކުރަނީ.--ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އެކަން އެނގި ތިބެ، ޝަރީފް އާއި ކޮމިޝަންގެ އެހެން މެމްބަރުންނަށް ބޮޑެތި އިލްޒާމްތައް، ޕީޕީއެމުން މިހާރު އެ ދަނީ އަޅުވަމުންނެވެ. ރައީސް ޔާމީން އިސްވެ ހުންނަވައި، އެ މެމްބަރުންގެ އަބުރު ކަތިލައްވައި ރިޝްވަތުގެ ގޮތުގައި، ބޮޑެތި އަދަދުތަކުން ފައިސާ ނެގި ކަމުގެ ތުހުމަތެވެ. މި ތުހުމަތުތަކަށް އަދި ހެކި "ނުހޯދެނީ" އެވެ. އެހެން ނޫން މައްސަލަ އޮންނާނީ ކޯޓަށް ވައްދައިފަ އެވެ.

އެކަށީގެންވާ ހެކި ހުރި ނަމަ މައްސަލަތައް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިގެން ބަލަންވީ އެވެ. ވޯޓުގައި އޮޅުވާލުން އުޅޭ ނަމަ ހައްލު ހޯދަން ޖެހެ އެވެ. އެކަމަކު، ފުރަތަމަ ކުރަން ޖެހެނީ ސާބިތު ނުހިފޭ ދޮގު ތުހުމަތެއް ނޫނެވެ. މިއީ، ސިޔާސީ ބާރުވެރިކަން ހޯދުމަށް ވުރެން ބޮޑަށް އެތައް ރައްޔިތުންގެ ހައްގުތަކަކާ ގުޅިފައި އޮތް މައްސަަލައެކެވެ.

ދެން އޮތީ، މާޒީން ހަނދާން އާވާ ކަމެކެވެ؛ ރައީސް ޔާމީން ބަލިވާ ކޮންމެ ފަހަރަކު، މޮޅުވާން ބޭނުންކުރައްވާ އުކުޅަކީ ވެސް ރިޝްވަތާއި ނުފޫޒުގެ ތުހުމަތެވެ. އެއް ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅުނު މައްސަލަ އެވެ. އެމަނިކުފާނު ސަރުކާރު ހިންގަވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން ޕީޕީއެމް ދޫކުރައްވައި އިދިކޮޅު ޕާޓީތަކަށް ވަޑައިގަތް މެމްބަރުންނަށް ރިޝްވަތުގެ ތުހުމަތެވެ.

ރައީސް ޔާމީނަށް ގަބޫލުނުކުރެއްވޭ ގޮތަށް، ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި، ނެރުނު ހުކުމަކީ ވެސް ރިޝްވަތުގެ ހުތުރު އަމަލެއް ކަމަށް ތުހުމަތުކުރެއްވި އެވެ. މިހާރު ރިޝްވަތުގެ ތުހުމަތު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށެވެ.

ރައީސް ޔާމީން ވޯޓު ލައްވަނީ -- ފޮޓޯ؛ ރައީސް އޮފީސް

މި ހުރިހާ ވާހަކަތަކެއް އެއްކޮށްލުމުން އެނގެނީ އަދިވެސް ރައީސް ޔާމީނަށް، ބަލިގަބޫލު ނުކުރެއްވިގެން އުޅުއްވާ ތަން ކަމަށް، ވަރަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެ މީހުންގެ ނަޒަރުގައި މި ފެންނަނީ ކޯޓަށް މައްސަލަ ހުށަހަޅުއްވައި، އިންތިޚާބު ބާތިލްކޮށްގެން ނަމަވެސް ވެރިކަމުގައި ދެމިހުންނަވަން ހުއްޖަތުތަކެއް ހޯއްދަވާ މަންޒަރެވެ. އެކަމަށް ދައުލަތުގެ މުއައްސަސާތަކުން އެއްބާރުލުން ދޭނެތޯ ރައީސް ޔާމީން ގެންދަވާނީ "ޓެސްޓުތައް ހައްދަވަމުންނެ"ވެ. ސަބަބަކީ ރައްޔިތުންގެ ނިންމުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދައުލަތުގެ ބާރުތަކުން ދީފައިވާތީ އެވެ.

ރައްޔިތުންގެ ހުކުމަކީ މިއެވެ؛

"ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރެއްވި ގޮތް ގޯހެވެ. އިތުރު ދައުރެއް ދޭކަށް ބޭނުމެއް ނުވެ އެވެ. ހަަމައެކަނި ތަރައްގީ އަށް ވުރެން އިސްކުރާނީ، މިނިވަންކަމާއި އިންސާފާއި ހައްގުތަކެވެ."

ވެރިކަން ފެށެނީ އަދި ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގަ އެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މި މާއްދާއާ އެކު، ހަމަނުޖެހުމަށް މަގުފަހިނުކޮށް، ރައްޔިތުންގެ އިއްވި ހުކުމަށް ރައީސް ޔާމީން އިހްތިރާމް ކުރައްވަން، އެކި ފަރާތްތަކުން އެ ގޮވާލަނީ ޑިކޮމްރަސީއަކީ އެއީ ކަމަށް ވާތީ އެވެ.

57 ކޮމެންޓް, 144 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 1%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގިނިކަންޏާ

05 October 2018

ހާދަހާ ފޫއްސެކޭ ވަނީ ޔާމީނު މިއުޅެ ގޮތަކުން. އެހެރަ އަލީ އާރިފަކާ މޮންދޫދަކާ ނިހާނަކާ އަދުރޭއެއް. މީ ޔާމީންގެ ބަލިފަޔަކަކީވެސް. ފޫހިވެ އަންތަރީސްވެއްޖެ މީހުން ފްރޭމް ކުރަން އެއްވެސް ޖެހިލުމެއްނުވާތީ.

The name is already taken The name is available. Register?

އަޙުމަދު

04 October 2018

ސާބަހޭ ސާބަހެ ރައްޔިތުނަށް ސާބަހޭ، މިއޮއްބޮޑު ކޯލިޝަނުން، ގަދަފަދަ މީހަކު ކުޑަކަކުލަށް ތިރިކޮށްފިޔޯ. ދެން އަތްޖަހާ.

The name is already taken The name is available. Register?

ޤައުމު

04 October 2018

މަ ހިތަށްއަރާ ނަސީބެކޭ މިނިވަން މީހަކު ނުލިކަން އިލެކްޝަން ކަމިޝަނަށް. ޔާމިނު ބޭނުންވެގެން ޝަރީފު ލީމަ އަރުވާލާ ވަރު މި ފެންނަނީ. ލަދުން ބޯ ހަލާކު!

The name is already taken The name is available. Register?

އަލީ12

03 October 2018

ސާބަހޭ ރައީސް ޔާމީން.. ޙައްގަކީ ވަކިބަޔަކަށް ލިބެންޖެހޭއެއްޗެއްނޫން.. އެހޯދުމުގަ އެންމެ އިންޗިއެއްވެސް ފަހަތައް ނުޖެހޭތި. ތިޔަދައްކަވާ މަޑުމައިތިރި މިސާލަށް އައްސަރިބަހާ ސާބަސް.. ޕީޕީއެމް މީހުނަށްވެސް ހަމަޖެހުން ނަގާލާކަށް އެންމެ މިނެޓެއްވެސް ނުނަގާނެ، އެކަމުވެސް ތިދައްކަވާ ކެތްތެރި ކަމަށް ހަމަސާބަސް..

The name is already taken The name is available. Register?

އަޙުމަދު

04 October 2018

އަލީ 12 އަށް. ބުނެލަން، ޔާމީނަށް ދެން ކޯއްޗެއް ދެއްކޭނީ. 5 އަހަރު ވީއިރު ނުދެއްކުނު އެއްޗެއް ދެން ނުދެއްކޭނެ ،ދެއްކިހާވެސް އެއްޗަކީ އަނިޔާވެރިކަމާ ކޮރަޕްޝަނާ ފަސާދަ، މިއެއްޗިއްސެއް ރައްޔިތުން ބަލައެއް ނުގަތް

The name is already taken The name is available. Register?

ސާރާ1

03 October 2018

މަވެސް ޔާމީންއަށް ތާއީދުކޮށް ވޯޓްލީ މީހެއް. އެކަމު މިހާރު މިއުޅޭ ގޮތުން ވަރަށް ފޫހިވެއްޖެ

The name is already taken The name is available. Register?

އަލީގ

03 October 2018

މިހާރު ހާސްވެގެން ތެޅި ފޮޅުނީ ބެދެން ހުރިކަންތައްތަކުގެ ގިނަކަމުން. ބޭނުންވަނީ ހަމަޖެހުން ނަގާލައިގެންވިޔަސް ޑީލެއް.

The name is already taken The name is available. Register?

Thhhk

03 October 2018

ބަލިގަބޫލު ކޮށްފީމޯ .ހެހެ ހެހެ ތާއީދެއްނެތޯ ހެހެ ހެހެ ހެހެ ހެހެ ...

The name is already taken The name is available. Register?

ކަލޯގެޔާަ

03 October 2018

ޔާމިނު އަމިއްލަޔަށް ތިމަންނާއަކީ ތެދުވެރިޔެކޭ ބުނުމެކޭ، މިއާ ޙަލީފާ ތިމަންނާއަކީ ބިކުރުވެރިޔެކޭ ބުނުންފަދައެވެ.

The name is already taken The name is available. Register?

ޅަވިޔަނިނއ

03 October 2018

ހުރިހާ ސިޔާސީ ލިޑަރުންނާ ވާދަކޮށްގެނޭ ބުނާއިރު އެއްމެ ލީޑަރެއްވެސް ނެތޭ ކެމްޕޭނުގަ. އެމީހުންގެ ފޮޓޯ ބޭނުންކުރުން މަނާ. އެމީހުންގެ އަޑު އެއްވެސް މީޑިއާްއަކުން ފޮނުވުން މަނާ. ލީޑަރުންނާ ވާދަކުރިނަމަ ޔާމީނުގެ އަސްލު ސައިޒަކީ ކުކުޅު ބިހެއްގެ ސައިޒު.

The name is already taken The name is available. Register?

ހަނާ

03 October 2018

އަސްލު އަދުރޭމެން ރައީސާށް ވިސްނާދީފައޮތީ 4*50 އެއީ 200000 ކަމަށް އެހެންވެ އެއަދަދު ހަމަނުވާތީ ރައިސަށް ހަޖަމުނުވަނީހެން ހީވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454