އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ޝަރީފް ފާޅުކުރައްވައިފި

ވާދަވެރި ސިޔާސީ ޕާޓީތަކުގެ ނިޒާމްގައި، ރާއްޖޭގައި މިހާރު އިދިކޮޅު ޕާޓީއެއް ނެތުމުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.


އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރަށް ފާރަވެރިވާނެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުން މުހިއްމު ކަމަށެވެ. އެކަން ކުރެވޭނީ ގާނޫނުތަކާއި ގަވާއިދުތަކާއި އެކަމަށް ހަދާފައިވާ އުސޫލްތަކާ އެއްގޮތަށް ބިނާކުރާ ލީޑަޝިޕެއްގެ ދަށުން ކަމަށް ވެސް ވިދާޅުވި އެވެ.

އީސީގެ ރައީސް ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ޝަރީފަކީ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. މަގާމާ ހަވާލުވެވަޑައިގަތީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ކުރުމަށްޓަކައި ކެމްޕޭންގައި ކުރިން އުޅުއްވުމަށް ފަހު އެވެ. އެއީ، ސިޔާސީ މަސައްކަތަށް ވިޔަސް ކޮމިޝަންގައި މަސައްކަތް ކުރައްވާނީ ނުފޫޒުތަކުން އެއްކިބާވެ، ގާނޫނުގައި އޮންނަ ގޮތަށް މިނިވަންކޮށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޝަރީފްގެ ޓުވީޓް.

ޔާމީންގެ ސަރުކާރު ޒިންމާދާރުކުރުވަން މަސައްކަތް ކުރި އިދިކޮޅު ޕާޓީތައް މިހާރު ތިބީ ސަރުކާރު ކޯލިޝަންގަ އެވެ. އެއީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަޕޯޓަރުންނާއި އަދާލަތު ޕާޓީ އެވެ.

ޔާމީންގެ މައްޗަށް ކުރި ހޯއްދަވައި ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަތުމާ އެކު، ޕީޕީއެމުން ނިންމީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. އެކަމަށް، ޕާޓީ އަތުރާލަން ޚާއްސަ ކޮންގްރެސްއެއް ބާއްވައި ޕާޓީގެ ރައީސް ކަމަށް ޔާމީން އިންތިޚާބު ކުރި އެވެ. އެކަމަކު އެ ކޮންގްރެސް ބޭއްވީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށް ބުނެ ލީޑަޝިޕް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލަ ޕީޕީއެމުން ވަނީ ކޯޓަށް ވައްދައިފަ އެވެ. އޭގެ އިތުރުން ވެސް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ޕީޕީއެމަށް އޮތް ހުރަހަކީ، ޕާޓީގެ ރައީސްގެ މަގާމުން މައުމޫން ވަކި ކުރީ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލަ އެވެ.

އެ ޕާޓީގެ ރައީސަކީ، ބޭބޭފުޅު މައުމޫންތޯ ނުވަތަ ޔާމީންތޯ ސާފުވާނީ ސުޕްރީމް ކޯޓުން މައްސަލައިގައި ގޮތެއް ނިންމުމުންނެވެ.