ހެއްކެއް ނުފެނުނެވެ؛ އެކަމަކު ވެސް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އެ އޮންނެވީ ދެ ވަނަ ފަހަރަށް ޖަލު ގޮޅީގަ އެވެ. މިފަހަރު، އޭނާ ހައްޔަރުކުރަން ފުލުހުންނަށް އަމުރު ކުރެއްވީ، ކޯޓު އަމުރެއް ތަންފީޒުކުރުމުގެ ގޮތުން، ސީދާ ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް އޮފީހުން އެކަމަށް އެއްބަސްވެ އެވެ.
އެކަމަކު ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި، އެއީ ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރެއް ނޫނެވެ. އެގޮތަށް އަމަލުކުރެއްވުން ވާނީ ނުފޫޒު ފޯރުއްވުން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. ފާރިސް ހައްޔަރުކުރުމުގެ އަމުރު އައީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގައި ހަ މަސް ވަންދެން ޖަލުގައި ބަންދުކުރުމަށް ފަހު ދޫކޮށްލިތާ 48 ގަޑިއިރު ތެރޭގަ އެވެ. އަލުން ހައްޔަރުކުރީ، މެމްބަރުންތަކަކަށް ފައިސާ ބެހުމާއި މެމްބަރުންތަކަކާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ.
ކޮއްކޯފުޅު، ފާރިސް ހައްޔަރުކުރުމަކީ އިންސާފު ގާއިމްކޮށްދެއްވުމުގައި ރައީސް ޔާމީން ހަމަހަމަކަން ގެންގުޅުއްވާ މިންވަރު ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެ އެވެ.
އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ފާރިސް ޖަލުގައި ބާއްވަން ރައީސް ޔާމީން ބޭނުންފުޅުވެ އެވެ. ކީއްވެގެން ހެއްޔެވެ؟ އެ މީހުން ދައްކާ ސަބަބުތައް ބައިވަރެވެ.
ފާރިސްއާ ހެދި ރައީސް ޔާމީން ޕްރެޝަރަށް!
ބާރުތައް ވަކިކޮށްފައި އޮތް ނިޒާމަކަސް، ރައީސް ޔާމީން ވިދާޅުވާހާ ކަމަކަށް، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ގިނަ މެމްބަރުން އަމަލުކުރައްވަ އެވެ. ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން ވިއްކުމުގެ އިސްލާހް ފާސްކުރުމުގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެމްބަރުންހެން ތިއްބެވީ ރައީސްގެ ފަހަތްޕުޅުގަ އެވެ. އެކަމަކު އެއީ، ގައުމާއި ރައްޔިތުންނަށް ފައިދާ ހުރި އިސްލާހެއް ނޫން ކަމަށް ވިދާޅުވެ އެ ދުވަހު ފާރިސް ފިއްތަވާލެއްވީ "ރަތް" ފިތަށެވެ. އޭރު މަޖިލީހުގައި ކިތައްމެ މަޑުން އިންނެވި ނަމަވެސް އެ ވޯޓުގެ މާނަ ރައީސް ޔާމީންގެ އަރިސް ބޭފުޅުން ނެންގެވީ ސީދާ ރައީސާ ދެކޮޅަށް ނުކުތް ނުކުންނެވުމެއްގެ ގޮތުގަ އެވެ.
މިއީ، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތާ އެކު ވެރިކަން ކުރައްވަމުން ގެންދެވި ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ޕްރެޝަރެކެވެ.
އެއާ އެކު ދެން ހުޅުވުނީ ސިޔާސީ މަސްރަހުގައި މުޅިން އާ ބާބެކެވެ. ބައްޕާފުޅު، ކުރީގެ ރައީސް މައުމޫންގެ ލަފާފުޅާ އެކު، "ބިރުފަހަނައަޅައި" ފާރިސް ނިކުންނަވައި މުޅި ސިޔާސީ މަސްރަހުގެ މިސްރާބު ބަދަލުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި އެވެ. ރައީސް ޔާމީން، ކޮންޓްރޯލް ކުރެއްވަމުން ގެންދެވި ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް އެމަނިކުފާނާ ދުރަށް ޖައްސަވައި، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން، މަޖިލީހުގެ އަޣުލަބިއްޔަތު ހޯއްދެވި އެވެ.
އެ އަގުލަބިއްޔަތު ދައްކައިދިނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރަން 45 މެމްބަރުންގެ ސޮއި ހޯއްދަވައިގެންނެވެ. ރައީސް ޔާމީނާ ދެކޮޅަށް އިދިކޮޅުން ކުރި މުޒާހަރާތަކުގެ އިސް ސަފަށް ފާރިސް ނުކުމެވަޑައިގަތެވެ. މިއީ ގިނަ ދިވެހިންނަށް ކުރިން ލަފާކުރެވުނު ކަމެއް ނޫނެވެ.
އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެ މަސައްކަތްތަކުން، ރައީސް ޔާމީންގެ މައްޗަށް ފާރިސް ކުރި ހޯއްދެވި އެވެ. ރައީސް ޔާމީނާ މެދު ހިތްހަމަޖެހިވަޑައިނުގެން، ޕީޕީއެމްގެ 12 މެމްބަރަކު ޕާޓީން ވަކިވެވަޑައިގަތުން ގުނޭނީ، ގައިމު ވެސް ފާރިސަށް ވެސް ލިބިވަޑައިގަތް ކާމިޔާބެއްގެ ގޮތުގަ އެވެ. މުޖުތަމައަށް ނުރައްކާތެރި "ކުށްވެރިއެއް"ގެ އިލްޒާމް ފާރިސްގެ ބޮލުގައި އެޅުނީ އެ ހިސާބުންނެވެ.
ރައީސް ޔާމީން ތަރުޖަމާކުރައްވާ ގޮތުގައި، "އެއީ މަޖިލީސް ތެރެއިން ހިންގި ބަޣާވާތަކަށް ނޫނީ ނުވާނެ" އެވެ. އެ "ބަޣާވާތާ" ގުޅިގެން ފާރިސަށް ކުރަނީ މެމްބަރުންތަކަކަށް ރިޝްވަތު ދެއްވުމުގެ ތުހުމަތެވެ.
"ރައީސް މައުމޫންގެ މަންދޫބެއްގެ ގޮތުގައި ފާރިސް ވަރަށް އިސް ދައުރެއް އަދާކުރައްވައި ޕީޕީއެމްގެ ގިނަ ބައެއްގެ ތާއީދު ހޯއްދަވާނެ ކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ. އެހެންވެ، ސިޔާސީ ގޮތުން އެއްވެސް މަސައްކަތެއް ކުރިޔަ ނުދިނުމަށްޓަކައި ފާރިސް ބަންދުކޮށްގެން މި އުޅެނީ،" ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އިދިކޮޅު ހަރަކާތް ދެމިއޮވެއްޖެ ނަމަ، މި އަހަރުގެ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ނުކުރެއްވޭނެ ކަން އެމަނިކުފާނަށް ޔަގީންވެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ފާރިސް ހައްޔަރުކުރުމުގެ އެއް ބޭނުމަކީ އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުން ކަމަށް އިބޫ ދެކެވަޑައިގަންނަވަ އެވެ.
އެކަމަކު މި ތުހުމަތުތައް ސަރުކާރާއި ޕީޕީއެމްގެ އިސް ބޭފުޅުން ދޮގު ކުރައްވަ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ފާރިސް ހައްޔަރުކުރުމުން ދޭހަވަނީ، ގާނޫނު ތަންފީޒު ކުރެއްވުމުގައި ރައީސް ޔާމީން އެއްވެސް މީހަކަށް ތަފާތު ނުކުރައްވާނެ ކަމެވެ.
ފާރިސް ހައްޔަރުކުރުމާ ގުޅޭ ގޮތުން، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވެފައި ވަނީ، ޝަރުއީ ދާއިރާ އަށް ރައީސް ޔާމީން އެއްވެސް ނުފޫޒެއް ނުފޯރުއްވާނެ ކަމަށެވެ. އެއާއެކު، ގާނޫނު ތަންފީޒު ކުރެއްވުމުގައި ވަކި ފަންތިއަކަށް އަދި ގިންތިއަކަށް ވެސް ނުބައްލަވައި ހަމަހަމަކަމާ އެކު ކުރިއަށް ދިއުމުގެ ފުދުންތެރިކަން ރައީސް ޔާމީންގެ ސަރުކާރުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީހަކު ނިސްބަތްވާ އާއިލާއަކުން، ހަސަބަކުން އަދި ނަސަބަކުން ގާނޫނަށް ވުރެ ބާރުގަދައެއް ނުވެވޭނެ. ބޮޑުކެކުރި އާއި ކުޑަކެކުރީގެ ޒަމާން މިއަދު ވަނީ މާޒީވެފައި. ރައީސް ޔާމީންގެ ސަރުކާރަކީ ގާނޫނުގެ ބާރު ނަގަހައްޓާ ދެމެހެއްޓުމުގެ ގާބިލްކަން ހުރި ސަރުކާރެއް،" އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.
"މައުމޫނަށް ދޭ އަނިޔާއެއް"
އަނެއް ބަޔަކު ދެކޭ ގޮތުގައި، ފާރިސް ހައްޔަރުކޮށްގެން އުޅެނީ މައުމޫނަށް އަމާޒުކޮށެވެ. ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރެއްވި ސިޔާސީ އިދިކޮޅު ހުރިހާ ލީޑަރުން ތިއްބެވީ އެކި ހުކުމްތަކުގަ އެވެ. ކުށެއްގެ ތުހުމަތު އަމާޒުނުވެ މިހާތަނަށް "ސަލާމަތުން" ހުންނެވި ހަމައެކަނި ބޭފުޅަކީ ރައީސް މައުމޫނެވެ.
"ހުރިހާ ޕާޓީތަކެއްގެ ލީޑަރުންނަށް ހުކުމްކުރި އިރު ވެސް ރައީސް މައުމޫނާ ސީދާ ބެހިވަޑައިގަންނަވާކަށް ކެރިވަޑައެއްނުގެންނެވި، ދަރިކަލުން ފާރިސް އަށް ޓާގެޓް ކުރައްވާފައި މިއޮތީ. އެހެންވީމަ، އެއީ ރައީސް މައުމޫނާ ސީދާ ނުބެހެންވެގެން ކުރި ކަމަކަށް ވުން ގާތް،" ރިޔާޒް ވިދާޅުވި އެވެ.
އޭނާގެ ވާހަކަ އަށް ތާއީދުކުރެއްވި ނަމަވެސް އިބޫ ވިދާޅުވީ ރައީސް ޔާމީން އަމަލުކުރައްވާ ގޮތުން "މައުމޫން ހައްޔަރު ނުކުރާނެ" ކަމަށް މިހާރު ގަބޫލުކުރަން ދަތި ކަމަށެވެ. ވެރިކަން ދިފާއު ކުރެއްވުމަށް، އެ ވަގުތަކު ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ރައީސް ޔާމީން ކުރައްވަފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޒުމް މާ ވަރުގަދަ، ގުޑުވައެއް ނުލެވޭނެ
ހަ މަސް ދުވަހަށް ފަހު ޖަލު ބަންދުން ދޫކޮށްލުމާ އެކު ފާރިސް ފެނުނީ ކުރިއަށް ވުރެ ވެސް އަޒުމް ވަރުގަދަކޮށެވެ. ސިޔާސީ މަސައްކަތް ވަގުތުން ފެއްޓެވި އެވެ. ބައްދަލުވުންތައް ބާއްވަވައި، ކަންކަން އިސްލާހު ކުރެއްވުމަށް އިދިކޮޅު ފަރާތްތަކުން ދާންވީ މަގު އެކުލަވާލެއްވުމުގައި ބުރަކޮށް އުޅުއްވި އެވެ.
"ފާރިސް ދޫކޮށްލުމާ އެކު ކުރެއްވި މަސައްކަތްތަކާއި ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭނާ ދެއްކެވި ވާހަކަތައް ރައީސް ޔާމީނަށް ހަޖަމު ނުކުރެއްވުނީ. އެހެންވެ އަލުން އާ ތުހުމަތެއްގައި އެ ހައްޔަރުކުރީ،" ފާރިސްގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަށް ގުޑުވާނުލެވޭ ވަރަށް، ފާރިސްގެ އަޒުމް ވަރުގަދަ އެވެ.
"ކިތަންމެ އަނިޔާވެރިވިޔަސް ފާރިސް ހުންނެވީ ވަރަށް ހިތްވަރާއި އަޒުމާ އެކު. ފާރިސްގެ ހިތްވަރަށް، އެ ކަންކަމުން ބަދަލެއް، އަދި އަޅުގަނޑުމެންގެ މަސައްކަތެއް ވެސް ހުއްޓުވައެއް ނުލެވޭނެ. ޔާމީން އެ ޖައްސަވަނީ ނުބައި ހިސާބެއް،" އިބޫ ވިދާޅުވި އެވެ.