ކަޝްމީރުގައި މިހާރު ހިނގާ ހަމަނުޖެހުންތަކުގައި އާއްމުންގެ މީހަކު މަރުވުމާ ގުޅިގެން އިންޑިއާ ސިފައިންނާ ދިމާލަށް ގާ އުކަނީ. --ފޮޓޯ:އޭއެފްޕީ
10 އޯގަސްޓް 2016 - 10:46
ނިއު ދިއްލީ (އޮގަސްޓް 10) - ކަޝްމީރުގައި ހަމަނުޖެހުންތައް ހިނގަން ފެށިތާ މަހެއްހާ ދުވަސް ފަހުން އެ ހަމަނުޖެހުންތައް ހުއްޓާލުމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ގޮވާލައްވައިފި އެވެ.
ކަޝްމީރުގައި އިންޑިއާ އިން ކޮންޓްރޯލް ކުރާ ސަރަހައްދުގެ ބޮޑު ބައެއްގައި ޖުލައި 8 އިން ފެށިގެން ވަނީ ކާފިއު ހިންގައިފަ އެވެ. ކަޝްމީރުގައި ހަމަނުޖެހުންތައް އުފެދިފައި ވަނީ އިންޑިއާ ސިފައިންގެ ހަމަލާތަކުގައި ވަކި ގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރިއަކު މަރުވުމާ ގުޅިގެންނެވެ. އޭގެ ފަހުން ހިނގި ހަމަނުޖެހުންތަކުގައި 50 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން ކަޝްމީރުގައި ހިންގަމުންދާ އެންމެ ބޮޑު ހަމަނުޖެހުން ވެސް މެ އެވެ.
"ކަޝްމީރުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އުފައްދަން ބޭނުންވޭ. ގައުމު ވަނީ ކަޝްމީރާ އެކު،" މޯދީ ވިދާޅުވި އެވެ.
ކަޝްމީރުގައި ހަމަނުޖުން ހިންގަން ފެށިތާ މަހެއްވީ އިރު ވެސް އެކަމާ ބެހޭ ގޮތުން މޯދީ ވާހަކަ ދައްކަވާފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ކަޝްމީރުގައި މިހާރު ހިނގާ ހަމަނުޖެހުންތަކުގައި އާއްމުންގެ މީހަކު މަރުވުމާ ގުޅިގެން އިންޑިއާ ސިފައިންނާ ދިމާލަށް ގާ އުކަނީ. --ފޮޓޯ:އޭއެފްޕީ
"ކަޝްމީރުގައި ހަމަޖެހުން ގާއިމްވުމަކީ ކޮންމެ މީހަކު ވެސް އެންމެ އިސްކަން ދޭ ކަންތައް. ހަމަނުޖެހުން ހިންގަނީ މަދު ބައެއް،" ގައުމީ ޓީވީން ބްރޯޑްކާސްޓް ކުރި ތަގްރީރުގައި މޯދީ ވިދާޅުވި އެވެ. "ލެޕްޓޮޕާއި ވޯލީބޯޅަ އާއި ކްރިކެޓް ބެޓެއް ލިބިފައިވާ ޒުވާނުން އަތަށް ގާ ދީފައި އުކަން ބުނުމަކީ އުނދަގޫވާ ކަމެއް. މިކަމުން ބައެއް ސިޔާސީ މީހުންގެ އެޖެންޑާ އަށް ފައިދާކޮށްފާނެ."
ބޮޑު ވަޒީރު މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަކީ އިންޑިއާގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ހަމައެކަނި ސްޓޭޓުގެ ސަރުކާރު ކޯލީޝަނުގެ ބައިވެރިއެކެވެ.
އިންޑިއާގެ އަތް ދަށުން މިނިވަންކަން ހޯދުމަށް މަސައްކަތް ކުރާ ކަޝްމީރުގެ ލީޑަރު މިރްވައިޒް އުމަރު ފާރޫގު ވަނީ މޯދީ އަށް ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ މިއީ ހަމައެކަނި މަގުމަތީގައި ގާ އުކަން އުޅޭ ޒުވާނުންގެ ހަރަކާތެއް ނޫން ކަމަށާއި ތައުލީމީ ޒުވާނުން ހަތިޔާރު ނަގަން ޖެހުނީ އެ މީހުންގެ އަސާސީ ސިޔާސީ ހައްގެއް ހޯދަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy