ރިޕޯޓް / ރިޔާސީ އިންތިޚާބު 2018

އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް އެބަ އޮތްތަ؟

އިންތިޚާބުގައި ވޯޓުލި މީހެއްގެ އަތުގައި ފާހަގަ ޖަހަނީ: އިންތިޚާބުގެ މިނިވަންކަމާ މެދު ޕީޕީއެމުން މިހާރު ދަނީ ސުވާލު އުފައްދަމުން --- ފޮޓޯ/މިހާރު

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އައިއިރު އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ދައްކަމުން ދިޔައީ އެއް ވާހަކައެކެވެ. އިލެކްޝަންސް ކޮމިޝަނާ މެދު އިތުބާރު ނެތް ވާހަކަ އާއި އިންތިޚާބުގައި އޮޅުވާލުމުގެ ކަންތައްތައް ހިނގަން އުޅޭ ވާހަކަ އެވެ. ވޯޓުލާ މަރުކަޒުގެ އޮފިޝަލުންނަށް ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން ނަގަމުންދާ ކަމަށް ބުނާ ވާހަކަ އާއި ނަތީޖާ ބަދަލު ކުރަން ކޮމިޝަނުން މަސައްކަތް ކުރާ ކަމުގެ ތުހުމަތުތަކާއި ނުބައި ތަންތަނަށް ރީ ރަޖިސްޓާ ކުރަމުންދާ ކަމުގެ ޝަކުވާތަކެވެ.

އެކަމަކު އިންތިޚާބާ މެދު އެއްވެސް ކަންބޮޑުވުމެއް ނުވަތަ އެއްވެސް ޝަކުވާއެއް ޕީޕީއެމްގެ އޭރު ނެތެވެ. އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީގެ ފުރިހަމަ އިތުބާރު އޮތެވެ. އެ ކޮމިޝަނަށް ފާޑުކިޔައި، އިދިކޮޅުން އޭރުން ދައްކާ ވާހަކަތަކަށް އެންމެ ބޮޑަށް ރައްދު ދީ، ކޮމިޝަން ދިފާއުކުރީ ވެސް ޕީޕީއެމުންނެވެ. އިންތިޚާބުގައި މަކަރު ހަދަން އުޅޭ ކަމަށް ބުނެ އޭރު އިދިކޮޅު ފަރާތްތަކުން ދެއްކީ ފިތުނަ އުފެއްދުމުގެ ވާހަކަތަކެއް ކަމަށް ބުނެ އެކަން ވެސް އެ ޕާޓީން ދޮގުކުރި އެވެ.

އިންތިޚާބު ނިމި ނަތީޖާ އިއުލާން ކުރިއިރު، ކަން ވެގެން ދިޔައީ އިދިކޮޅު ފަރާތްތަކުން ކުރިން ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވިއިރު، ކުރި ތުހުމަތުތަކާއި ފާޅުކުރި ކަންބޮޑުވުންތައް އިންތިޚާބުން ފެނިގެނެއް ނުދިޔަ އެވެ. ރީ ރަޖިސްޓްރޭޝަންގެ މައްސަލަތަކާއި އެހެން މައްސަލަތައް ވެސް އެހެން ފަހަރުތަކާ އަޅާބަލާއިރު މަދެވެ. ވޯޓުލާ ދުވަހު ހަމަނުޖެހުން ބޮޑުވާނެ ކަމުގެ އަޑުތައް ފެތުރުނަސް، ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް އަމާންކޮށެވެ. އެހެންވެ، އިންތިޚާބު މިނިވަންވާނެ ކަމަށް ކުރިން ސުވާލު އުފައްދަމުން ދިޔަ ބޭރު ގައުމުތަކާއި ބޭރުގެ ޖަމާއަތްތަކުން ވެސް އިންތިޚާބުގެ ނަތީޖާ ބަލައިގަތެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރިތާ 24 ގަޑިއިރު ނުވަނީސް ފެނުނީ ރީތި މަންޒަރެކެވެ. ރީތި ގޮތުގައި ޕީޕީއެމުން ބަލި ގަބޫލުކޮށް، އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަރުހަބާ ދެންނެވި އެވެ. އަދި އިންތިޚާބުގައި އޮޅުވާލުމާއި މަކަރު ހެދުމުގެ ކަންކަން ހިނގާނެ ކަމަށް ބުނެ އިންތިޚާބުގެ ކުރިން އިިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ދިޔަޔަސް، އިންތިޚާބު އިންސާފުވެރިކޮށް ނިމިގެން ދިއުމުން އެކަމާ މެދު އުފާކުރާ ކަން ވެސް ޕީޕީއެމުން ހާމަކުރި އެވެ.

އެކަމަކު އިންތިޚާބުގެ ނަތީޖާއަށް ހަފުތާއެއް ވީތަނާ މުޅިން މަންޒަރު ބަދަލުވެއްޖެ އެވެ. އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރާފައި އޮތް ކަމުގެ ތުހުމަތުކޮށް، އިންތިޚާބުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދަން ޕީޕީއެމުން ފެށި އެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ފާޅުގައި އެ ކޮމިޝަންގެ މެމްބަރުންނަށް ފާޑު ކިޔަން ފެށި އެވެ. ދެލި ފޮހެވޭ ގަލަންތަކަކާއި ވަކި ކަހަލަ އަނގޮޓިތަކެއް ބޭނުންކުރި ވާހަކަ އާއި އަގު ބޮޑުކޮށް ވޯޓު ކަރުދާސް ޗާޕްކުރި މައްސަލަތައް ފަދަ، އިންތިޚާބުގެ ކުރިން އިދިކޮޅު ފަރާތްތަކުން ފެންމަތި ކުރަމުން އައި މައްސަލަތައް އީސީގެ ބޮލަށް ކަނޑާލި އެވެ.

އިންތިޚާބުގެ ކުރިން އެއްވެސް މައްސަލައެއް ފާހަގަ ނުކޮށް އޮތުމަށް ފަހު އަދި އިންތިޚާބުގެ ނަތީޖާއަށް ފަހު ބަލި ގަބޫލުކޮށް، އޭގެ ފަހުން އިންތިޚާބާ މެދު ޕީޕީއެމްގެ ރާގު ކުއްލި ގޮތަކަށް ބަދަލުވުމުން ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. ޕީޕީއެމްގެ އެ ޝަކުވާތަކަށް ފަހު، އިންތިޚާބު ބާތިލް ކުރަން އެ ޕާޓީން ކޯޓަށް ދާން އުޅޭ ކަމަށް ބުނެ ފުރަތަމަ ފެތުރި އަޑުތައް އެ ޕާޓީން އޭރު ދޮގު ކުރިޔަސް، މިހާރު މަސައްކަތް ކުރަނީ، އެއް ބަޔަކު ބުނާ ގޮތުގައި، އެކަން ވެސް ކުރެވޭތޯ އެވެ.

އިންތިޚާބުގައި ވޯޓުލާން ބަޔަކު ކިއު ހަދައިގެން --- ފޮޓޯ/މިހާރު

އިންތިޚާބުތައް ބާތިލް ކުރެވޭނީ ކޮން ހާލަތްތަކެއްގައި ކަން ބަޔާން ކުރަނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގަ އެވެ. އެ ގާނޫނުގެ 65 ވަނަ މާއްދާގައި ބުނާގޮތުން އިންތިޚާބެއް ބާތިލްކުރެވޭނީ ތިން ހާލަތެއް މެދުވެރިވެ، އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮވެއްޖެ ނަމަ އެވެ. އެއީ އިންތިޚާބުގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވާފައިވުން، އިންތިޚާބީ ހައްގެއްގެ ފައިދާ ވަކި މީހަކަށް ލެންބުމަށް ޓަކައި ރިޝްވަތު ދިނުން ނުވަތަ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ނުވަތަ ގަވާއިދެއް ނުވަތަ އެ އިންތިޚާބާ ބެހޭ ގޮތުން ހަދާފައިވާ ގާނޫނު ނުވަތަ ގަވާއިދާ ޚިލާފަށް އަމަލެއް ކުރުމެވެ.

މިދެންނެވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވުމާ އެކު، އޭގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް އައުމުގެ ފުރުސަތު އޮތުމަކީ އިންތިޚާބެއް ބާތިލްކޮށް، އަލުން އިންތިޚާބު ބާއްވަން އަމުރު ކުރުމުގައި ފުރިހަމަވާން ޖެހޭ ކަންކަމެވެ. ކުރުކޮށް ބުނާ ނަމަ، އިންތިޚާބެއް ބާތިލް ކުރެވޭނީ ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮވެގެންނެވެ. މިސާލެއްގެ ގޮތުން 2013 ގެ ރިޔާސީ އިންތިޚާބުގެ މައްސަލަ ނަގަމާ ހިނގާށެވެ.

ރިޔާސީ އިންތިޚާބު ސުޕްރީމް ކޯޓުން އޭރު ބާތިލްކޮށް، އަލުން އިންތިޚާބު ބާއްވަން އަމުރުކުރީ ވެސް އެ އިންތިޚާބުގައި ފާހަގަވި މައްސަލަތަކާއި ދެ ވަނައަށް އަށާއި ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ހުރި ފަރަގަށް ރިއާޔަތް ކޮށްފަ އެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާ ދެމެދު 2،600 ވޯޓުގެ ފަރަގު އޮތްއިރު، ގާނޫނުގައި ބުނާ މިންގަނޑާ ޚިލާފަށް 5،000 އަށް ވުރެ ގިނަ ވޯޓު ލާފައިވާ ކަމަށް ތުހުމަތުކުރި އެވެ. އިންތިޚާބު ބާތިލް ކުރުމުގައި ސުޕްރީމް ކޯޓުން އޭރު ފާހަގަކުރި މައިގަނޑު އެއް ކަމަކީ އެއީ އެވެ.

ފުރަތަމަ ބުރުން އެކަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެ ނަމަ ދެ ވަނަ ބުރަށް ދާނީ އެންމެ ގިނައިން ވޯޓު ލިބޭ ދެ ކެންޑިޑޭޓެވެ. އެ ފަހަރު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި މިހާރުގެ ރައީސް ޔާމީނާ ދެމެދު މާ ބޮޑު ތަފާތު ހުއްޓެވެ. އެހެންކަމުން ސުވާލު އުފެދުނީ ދެ ވަނަ އަށް ދާނެ ކެންޑިޑޭޓަކާ މެދުގަ އެވެ.

އެކަމަކު މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ތަފާތެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫ އާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތު އެބަ ހުއްޓެވެ. ވޯޓުލުމުގެ ހައްގުގެ ބޭނުން ހިިފާފައި ނުވާ 28،000 މީހުން ތިބިއިރު، އެ އެންމެންގެ ވޯޓު ހިމެނިޔަސް، ދެ ކެންޑިޑޭޓުންގެ މެދުގައި އޮތް ފަރަގު ނައްތާލެވޭކަށް ނެތެވެ. މިއީ ރާއްޖޭގައި ރިޔާސީ އިންތިޚާބެއްގައި މިހާ ބޮޑު ތަފާތަކުން ނަތީޖާ ނިކުތް ފުރަތަމަ ފަހަރެވެ.

ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި އިންތިޚާބުގައި ކުދިކުދި މައްސަލަތަކެއް އޮތުމަކީ އިންތިޚާބު ބާތިލް ކުރެވޭނެ ސަބަބެއް ނޫނެވެ. އެ ބޭފުޅުން ވެސް ފާހަގަކުރައްވަނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާ ފަދައިން ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތެއް މި އިންތިޚާބުގައި ނެތުމެވެ. ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގައި އެހާ ބޮޑު ފަރަގެއް ހުރުމުން ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތެއް ނެތްއިރު، ޝަކުވާތައް މަދުކަން އެ ބޭފުޅުން ވެސް ފާހަގަކުރައްވަ އެވެ.

"އަބަދުވެސް ކޮންމެ އިންތިޚާބެއްގައި ވެސް 100 ޕަސެންޓް ނުދާނެ އެއްވެސް މައްސަލައެއް ނެތިއެއް. ކޮންމެވެސް ވަރެއްގެ ކުދިކުދި ކަންތައްތަކެއް އުޅެދާނެ ކޮންމެ އިންތިޚާބެއްގައި ވެސް. އެހެންވެ، އިންތިޚާބެއް ބާތިލްކުރާ ނަމަ ބަލާނީ ނަތީޖާއަށް އަސަރެއް ކުރޭތޯ،" ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ.

"މިހާރު އެބަ ދައްކާ ފާހަގަ ޖެހޭ އަނގޮޓިއެއް ބޭނުންކުރި ވާހަކަ. އެެހެންވީމަ ބުނަނީ ސައްހަ ވޯޓުތަކެއް ބާތިލް ކުރަން އަނގޮޓިތަކެއް ބޭނުން ކުރިއޭ. އެކަމަކު ބާތިލް ވޯޓުގެ ގޮތުގައި އޮތް 3000 ވޯޓު ހިމެނިޔަސް ނަތީޖާ ބަދަލުވުމުގެ ފުރުސަތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ރިޝްވަތާއި ނުފޫޒުގެ ތުހުމަތުތަކެއް މިހާރު ކުރަމުން އަޔަސް، ޝަމީމް ވިދާޅުވި ގޮތުގައި އެއީކީ އިންތިޚާބުގެ ނަތީޖާއާ ސީދާ ގުޅުމެއް އޮތް ކަމެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވަނީ އޭގެ ސަބަބުން ވޯޓު އޮޅުވާލެވުނު ގޮތެއް އެނގެން ނެތުމެވެ.

"މެމްބަރުންނަށް ރިޝްވަތުގެ ތުހުމަތު ކުރެވެންޏާ އެކަން ބަލަންވީ. އެކަމަކު އެއީކީ އެހެން މީހުން ލާފައި ހުރި ވޯޓުތައް ބާތިލްކޮށް ނުވަތަ އިންތިޚާބު ބާތިލް ކުރަން ޖެހޭ ކަމެއް ނޫން. ރިޝްވަތު ނަގައިގެން ވޯޓުގެ ނަތީޖާއަށް އަސަރު ކުރާ ގޮތަށް އެ މީހުން ކުރީ ކޮން ކަމެއްތޯ ނުވަތަ އެކަމަށް މަގުފަހި ކުރަން އެ މީހުން ކުރީ ކޮން ކަމެއްތޯ އެކަންކަން ޖެހޭނެ އެނގެން،" އޭނާ ވިދާޅުވި އެވެ.

އެހެން ބައެއް ބޭފުޅުން ވެސް ވިދާޅުވާ ގޮތުން އިންތިޚާބު ބާތިލް ކުރެވޭނީ ނަތީޖާ ބަދަލުކުރެވޭ ވަރުގެ ބޮޑެތި މައްސަލަތަކެއް ހުރެގެންނެވެ. އެކަމަކު އެވަރުގެ މައްސަލައެއް މިހާތަނަށް ފެންނަން ނެތް ކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ. އިންތިޚާބުގައި ބޭނުންކުރީ ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ސޮއިކޮށްފައި އޮތް ވޯޓާސް ލިސްޓަކަށް ވެފައިި، ވޯޓުލުމާއި ނަތީޖާ އިއުލާން ކުރުން ނިމެންދެން ވެސް ނަތީޖާއަށް ބަދަލު އަންނަ ފަދަ ބޮޑު އެއްވެސް ޝަކުވާއެއް ފެންމަތިވެފައި ނެތް ކަން އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

"މިސާލަކަށް މައްސަލަ ޖެހުނީ ހުޅުމާލޭގައި ހުރި ވޯޓު ފޮށްޓަކަށް ލާފައިވާ 1،900 ވޯޓެއްގެ މައްސަލަ ކަމަށް ވިޔަސް، 40،000 ވަރަކަށް ވޯޓުގެ ތަފާތަށް ބަދަލު އަންނަ ވަރުގެ މައްސަލަތަކެއް އެބަ އޮންނަން ޖެހޭ. މިވެނި ޝަކުވާއެއް އެބަ އޮތޭ ބުންޏަސް އެކަންކަން ޕްރޫވް ކޮށްދޭން ޖެހޭނެ. އަދި އެކަންކަން ޕްރޫވް ކޮށްދޭން ޖެހޭ މިންގަނޑުތަކެއް ވެސް ހުންނާނެ،" އެހެން ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވި ގޮތުގައި ރިޝްވަތުގެ ތުހުމަތުތަކެއް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ބަޔަކު ކުރަމުން ދިއުމަކީ އިންތިޚާބުގެ ނަތީޖާއާ ކުރުމާ ގުޅުން ހުރި ކަމެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވެސް ވިދާޅުވަނީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭ ގައިޑްލައިންތަކާއި އުސޫލުތައް ދުރާލާ ކަނޑައެޅިފައި ހުރުމެވެ.

"ކޮމިޝަންގެ ފަސް މެމްބަރުން ތިބެގެން މި ނިންމަނީ ނިންމުންތަކެއް. މިސާލަކަށް މިވެނި ދުވަހެއްގައި އިންތިޚާބު ބާއްވާނަމޭ. މިފަދަ ކަންކަން އެ މީހުން މި ނިންމަނީ. އިންތިޚާބުގެ ކަންކަން މި ގެންދަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް. އެހެންވީމަ އެ ފަސް މީހުން ތިބެގެން ކުރި ކޮން ކަމަކުންތޯ އިންތިޚާބު ބާތިލް ކުރަން މިޖެހެނީ؟ އެންމެން ކުރިމަތީގައި އެންމެން ބައިވެރިވެގެން ހުރިހާ ކަމެއް މި ދިޔައީ،" އެ ވަކީލް ވިދާޅުވި އެވެ.

ރާއްޖޭގެ ރިޔާސީ އިންތިހާބު މުުޅި ދުނިޔެއިން ވެސް އެ އޮތީ ބަލައިގެންފަ އެވެ. އިންތިޚާބަށް ނުފޫޒު ފޯރާފައިވާ ކަމަށް މިހާރު ބުންޏަސް، ތަފާތު ބޮޑު ނަތީޖާއަށް ފަހު އެނގެނީ އެންމެ ކަމެކެވެ. އެއީ އެހެން ފަހަރުތަކަށް ވުރެ މައްސަލަތައް މަދު ކަމާއި ނަތީޖާއަށް ބަދަލެއް އަންނާނެ ފަދަ ބޮޑު އެއްވެސް މައްސަލައެއް ފެންނަން ނެތް ކަމެވެ.

52 ކޮމެންޓް, 115 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 3%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހްމަދު

10 October 2018

ކޯޓަށް މައްސަލަ ވައްދާނީ، ވައްދާ ބައެއްގަ އަތުގަ ހެކި ހުރެގެންތާ.... ތިބެމާ ބަލަން ދޯ!!!

The name is already taken The name is available. Register?

އަހަމާބެއްޔާ

10 October 2018

ގަޑިބަދަލުކުރުން ޓެބުލެޓުބަދަލުކުރުން ބާވަރުމައްސަލަ 4 ޖަހާއިރު ނިންމަން ބުނެފަ ރޭގަޑު 7 ޖަހަންދެންފަސްކުރުން މިގޯހެއް ހަމަރަޅައްވަގުހަދާލެވޭނެ

The name is already taken The name is available. Register?

ސަކީނާ

10 October 2018

ޔާމީނު މިހާރު އެއްގޮތަކަށްވެސް ނުފެނޭ.... ރަނގަޅީވެސް ނުފެނުނިއްޔާ އެކަމަކުވެސް ހަމަ އަހާލީ

The name is already taken The name is available. Register?

ފާސްނުވާ ޑރ

10 October 2018

އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް އެބަ އޮތްތަ؟ އަސްލުނެއް ކެންޕެއިންތެރޭ ޕޕ އޮފީހުން ގުޅި މަށަށް ކާކައްތޯ ވޯޓްލަނީބަލަން މަބުނިން މަވޯޓް ލާނީ ޔާމީނަށޭ މިގޭއެންމެންވެސް އޭނަޔަށޭވޯޓްލާނީ އެކަމް އޭނަޔަކަށް ނުދެން މަގޭވޯޓެއް މިގޭއެކަކުވެސް.. ދެން މިކަހަލަ ހިސާބުޖަހާކެން %80 ހަދާގެން އޭނަނިކުތީ.. ރައްޔަތުންނަށް އޮޅުވާލީމަ ރައްޔަތުން ޔާމީނަށް އޮޅުވާލީ... އިލެކްޝަންސް ކޮމިޝަންގެ ނެއް މާބޮޑުމައްސަލަޔެއް..

The name is already taken The name is available. Register?

ފަރީ

10 October 2018

މިގޭ އެންމެނަށްވެސް ގުޅި މެޑަމް ކެމްޕޭނު އޮފީހުން ތިން ދުވަހު ރައީސް ޔާމީނު ކެމްޕެއިން އޮފީހުން ދެ ދުވަހު. އަހަރެމެން ބުނިން ވޯޓު ދެނީ ޔާމީނަށޭ. އެކަމަކު މިގޭ އެކަކުވެސް ނުދޭ ޔާމީނަށްވޯޓު.

The name is already taken The name is available. Register?

ޖާބިރު

10 October 2018

އާން އެބަ އޮތެއްނު. އެއީ އަބްލާހި ޔާމީނަށް ވޯޓު އަޅާނެ މީހުން ހަމަ ނުވުން. ގޮސް ވެސްޓުޕާކުގަ އިދެގެން ކެމްޕޭނު ކުރާނީ ކިހިނެއް؟

The name is already taken The name is available. Register?

އަލީގ

10 October 2018

އެހެން ވިޔަސް އިންތިހާބު ބާތިލުކުރެވޭވަރުގެ ކަމެއް ހިނގާފަ އޮތީ އެކަމަކީ އިލެކްޝަންގެ މެންބަރުން އެމީހުންގެ ޖާދޫ އަކުން ނަމަވެސް ޔާމީނު ހޮވޭނެފަދަގޮތަކައް އިންތިހާބުގެ ނަތީޖާ އިއުލާނު ނުކުރުން.

The name is already taken The name is available. Register?

ާކޮރަކަލި

10 October 2018

ޔާމީނުވިދާޅުވީވޯޓުލާންދާޢިރުސިކުނޑިގޭގާބާާްށްވާފާނުދާށޭ

The name is already taken The name is available. Register?

ބަޑިބެ

10 October 2018

ހުސްބޮލާ ދިޔަ މީހުން އެކަނި ޔާނު އަށް ވޯޓު ދިނީ.

The name is already taken The name is available. Register?

ކަނދިކަމަނާ

10 October 2018

ޢެއްވެސް މައްސަލައެއް ނެއް ޔާމިން ބަލިވި މާބޮދދައްވިޔާ

The name is already taken The name is available. Register?

ނަސޫ

10 October 2018

ބަލަ ޔާމީން ހީކުރީ އޭނައަށް ހިބައިން ވެރިކަން ދިނީ ކަަމަށްތައް. ވަކި މުއްދަތަކަށް ޤާނޫން އަސާސީ ދީފަ ރައްޔިތުންގެ ބޯޓުގެ ކަޕިއަށް އޭނަ އެރުވީމަ ބޯޓު ފަރަށް އަރުވާފަ މި ކިޔަނީ ފާތުމާ އާއި ދަތިންނަށް ދައްކާނެ މޫނެއް ނެތްކަމަށް. ދެން މިކިޔަނީ ފަޅުވެރިން ބޯޓުގައި މަޑުކުރަން ފަރައް އެރީމަ ކާކުތޯ މަޑުކުރާނީ ސަލާމަތުގެ އައްސޭތިއަށް ނޫތަ އެންމެންދާނީ.

The name is already taken The name is available. Register?

އަޖީތު

10 October 2018

ޔާމީނު ހޮވޭ ވަރަށް ވޯޓު ނުލިބުން އެއީ އިންތިޚާބު ބާަތިލް ކުރެވޭ ވަރުގެ ބޮޑު ކުށެކޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454