މައުމޫނާއި ގާސިމް: އެ ދެ ބޭފުޅުން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
10 އޮކްޓޯބަރ 2018 - 20:20
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
މައުމޫން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން މިދިޔަ ޖޫން މަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު އެމަނިކުފާނު ހައްޔަރުކޮށް، ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލައިގަ އެވެ. ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން އިއްވީ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅުމުގެ ކުށުގަ އެވެ.
އެ ދެ މައްސަލަ އެ ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފް ކުރުމުން، އެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ. އެ ދެ މައްސަލަ ވެސް ކުރިއަށް ގެންދާނީ ވަކިވަކިންނެވެ.
މައުމޫންގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ހަފުތާގައި ވެސް ބާއްވަން ހައި ކޯޓުން މަސައްކަތް ކުރި އެވެ. އެކަމަކު، ދަށު ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ވަކީލުންނަށް އޭރު ނުލިބޭތީ އެ ދުވަހުގެ އަޑުއެހުން ހައި ކޯޓުން ކުރިއަކަށް ނުގެންދެ އެވެ.
މައުމޫނާއި ގާސިމްގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެ ދެ ބޭފުޅުން މިހާރު ތިއްބެވީ ކަފާލާތުގެ ދަށުން މިނިވަން ކޮށްފަ އެވެ. ހައި ކޯޓުން އެ ދެ ބޭފުޅުން މިނިވަންކުރީ ޑިޕޮޒިޓްގެ ގޮތުގައި ކޯޓުގައި ފައިސާ ބެހެއްޓުމުންނެވެ. މިދިޔަ އަހަރުން ފެށިގެން ޖަރުމަނުގައި ހުންނެވުމަށް ފަހު ގާސިމް ރާއްޖެ ވަޑައިގަތީ ވެސް ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމުންނެވެ.
މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ. އެކަމަކު އެ މައްސަލަ ދަށު ކޯޓުން އަދި ނުނިމެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
11 October 2018
މިފަހަރު ސާރީއަތަށް ގެންދަވާފަ ތުރުކުރައްވާ އައިނުކޮޅު ނުވަތަ އަރުއްވައިގެން ހުންނަވާ ފައިވާން ޖޯޑުކޮޅު ދޭކަށް ނާންގާނެބާ ؟ ކުރިން އޮތީ ގެންގުޅުއްވާ ފޯނު ނުދިންކަމަށް ވެފަ.
ވިއްސާރަ
10 October 2018
އެކަނި ވަޑައިގަތަސް މިފަހަރުވީސް. ދެރަ
ޖޯކު
10 October 2018
ސަރުކާރު ބަދަލުވާދުވަސްވަރު ކުށްވެރިން ދޫނުކުރަން އޭސީސީން އަދި މޑޕ ކީއްވެތޯ ބާރު ނާޅަނީ. ގޯތި ދޫކުރާތީ ހީވަނީ މިދެބައިމީހުން ފަޔަށް ހިނިއަރައިގެން އުޅޭހެން
ގުންބަރު
10 October 2018
މަގޭކާފަގެ ކުޑަ ރަތްފޮތުގައިވޭ. "ދަރިފުޅާވޭ ދުނިޔެ ހިނގަނީ ތޮށަލި ދުޅަޔަށް."