ހައި ކޯޓު: މުލިއާގެ ކައިރީގައި ބޮމެއް ބޭއްވި ކަމަށް ބުނެ ޖަލަށްލި މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ވަނީ ހުކުމް ކޮށްފައި --- މިހާރު ފޮޓޯ
18 އޮކްޓޯބަރ 2018 - 16:56
މުލީއާގެ ކައިރީގައި އޮތް ވެހިކަލެއްގައި ބޮމެއް ބޭއްވި ކަމަށް ބުނެ ޖަލަށް ލި ހަތަރު މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ހައި ކޯޓުން އޭނާ މިއަދު މިނިވަންކޮށްފި އެވެ.
ނޮވެމްބަރު، 2015 ގައި އަމިއްލައަށް ތައްޔާރުކުރި ބޮމެއް މުލީއާގެ ކައިރީގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި ބޭއްވި އުޅުނު މައްސަލާގައި ޖަލަށް ލާން ހުކުމްކުރީ ހއ. ހޯރަފުށީ އާރޯ، އަހުމަދު މަމްދޫހު އާއި މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމާއި ތ. ތިމަރަފުށީ ވިލާ، އަހުމަދު ޒިހާންގެ އިތުރުން ހ. މިޓާޒް، ތަލްއަތު މުހައްމަދުގެ މައްޗަށެވެ. އޭގެ ތެރެއިން މަމްދޫހުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއިރު، ދެން ތިބި ތިން މީހުންނަށް އިއްވީ 17 އަހަރުގެ ޖަލު ހުކުމެކެވެ.
އޭގެ ތެރެއިން އުބައިދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ހައި ކޯޓުން މިއަދު އޭނާ މިނިވަންކުރީ އޭނާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެކަމުގައި އުބައިދު ބައިވެރިވި ކަމަށް ބުނެ ހުށަހަޅާފައި އޮތީ އެ މައްސަލާގައި ތުހުމަތު ކުރެވޭ އެއް ފަރާތް ކަމަށްވާ ޒިހާން ތަހުގީގަށް ދިން ބަޔާނެއް ކަމަށާއި އިތުރު އެއްވެސް ހެއްކެއް އުބައިދާ ދެކޮޅަށް ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އުބައިދާ ދެކޮޅަށް ތަހުގީގުގައި ޒިހާން ދިން ބަޔާނަކީ މަޖުބޫރު ވެގެން ދިން ބަޔާނެއް ކަމަށާއި އެކަމުގައި އުބައިދުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ޒިހާން ދަށު ކޯޓުގެ ޝަރީއަތުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ދަށު ކޯޓުގައި ހެކިބަސް ދިން ފުލުހުންގެ ހެކިބަހަށް ބަލާއިރު ވެސް، އުބައިދުގެ ގެއިން އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް އެ މީހުން ބުނެފައިވާ ކަމަށެވެ. އެ ހާދިސާއާ ގުޅޭ ވީޑިއޯ ފުޓޭޖްތަކުން ވެސް، އުބައިދު އެއިން ކަމެއްގައި ހަރަކާތްތެރިވި މަންޒަރު ފެނިފައި ނެތް ކަމަށާއި އެ ހާދިސާއާ ގުޅިގެން ނެގި ޑީއެންއޭތަކުގެ އެއްވެސް ޑީއެންއޭއެއް ވެސް އުބައިދާ ދިމާނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެކަންކަމަށް ދައުލަތުން ވެސް ހައި ކޯޓުގައި އެއްބަސްވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އުބައިދުގެ މައްޗަށް ކުށް ސާބިތުވާ މިންވަރު ހެއްކެއް ނެތް ކަމަށާއި އެހެންވެ، ދަށު ކޯޓުގެ ހުކުމުގައި އޭނާ ޖަލަށްލާން ހުކުމްކުރި ބައި ބާތިލްކުރާ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލަބަލަ
19 October 2018
ފަޑިޔާރުން ޙުކުމް ކުރިޔަސް ވާކަމެއް ނޯވެ ބައެއް މީހުންނަކަށް. ނިކަމެތި ރައްޔިތުން ތިބީ ހަމަ އެއް ހުކުމެއްގަ ޖަލުގަ. އެކަމު މައުމޫން ސަލާމަތްވެއްޖެ. އެކްސްޓްރީމްހަޔަރސްޕްރީމްކޯޓް ހުޅުވަންވީ
ސިކުނޑި
18 October 2018
90 ގެ އަހަރު ތަކުގައި ދަރޭ މެންގެ ފިލްމުތައް ބަލާއިރުވެސް އަހަރުން ވަރަށް ސީރިއަސްވޭ! އެކަމަކު ފިލްމު ނިމުނީމަ ހެވޭނެ! އެކަހަލަ ކަމެއްމިވެސް!!
ރަދީފް
18 October 2018
ބަޔަކު ބީތާ ނުވާނެތަ؟؟ މިހަބރާއި ގުޅިގެން ކިޔާ މީހުން ބޭނުންވާނީ އެމީހާގެ ފޮޓޯ ބަލަންދޯ.ހައިކޯޓްގެ ފުރާޅު ނުވަތަ ނަން ބޯޑް ބަލަން ބޭނުމެއް ނޫން.
ޢީޒު
18 October 2018
މިއަދު ހަމަ އެމީހުން އެމީހުންގެ އަތްތަކުން ހޭވި ހަޑި ފިލުވަމުންދާއިރު، އަނިޔާ ލިބުނު މީހާގެ ގެއްލިފައިވާ އަބުރާއި، ބަރުބާދުވި ޙަޔާތުގެ ބަދަލެއްގެ ގޮތުގައި އޮތީ ކޮން ކަމެއްތޯ؟ ޖަލަށް ކުރެވުނު ނާއިންސާފު ހުކުމާއި އަނިޔާގައި އެއްބަޔަކު ދުނިޔެ ދޫކުރި އިރު އަނެއްބައި މީހުން ގުނަވަންތައް އުނިވެ، އުމުރަށް ނުކުޅެދުންތެރި ބަޔަކަށް ވެއްޖެއެވެ. މިއަށްވުރެ ބޮޑު އަނިޔާއަކާއި ބޭއިންސާފު ފަހެ ކޮބާހެއްޔެވެ. މަޢާފަށް އެދެންވީ މިފަދަ މީހުންގެ ކިބައިންނެވެ
ފިއްލަބަކަރި
18 October 2018
17 އަހަރޭ؟ އިންތިހާބުގެ ނަތީޖާ މިހެން ނައިނަމަ އޭނަ ހުންނާނީ 17 އަހަރުވަންދެން ޖަލުގަ ނޫންބާ؟ އަހަންނަކަށް ގަބޫލެއް ނުކުރަން މިގައުުމުގައި ހިނގަ ކޮންމެ ވަކިވަކި ކަމަކީ ޔާމީނު ވަކިގޮތަކަށް ބުނެގެން ކޮށްފަ ހުރި ކަންކަން ކަމަކަށް. ބައެއް ނުލަފާ މީހުން ޔާމީނު ރުއްސަންށޭ ހިތާވެސް ބޮޑެތި ޖަރީމާތަށް ހިންގާފަ އެބަހުރި. އިންސާފު ލިބޭނެބާ ދުވަހަކުވެސް.
ބޮއްކުރާ
18 October 2018
ރައްޔިތެއްގެ ހަޔާތް ބަރުބާދުވީ، ދެން ސޮރީއޭ ބުނެލީމަ އެނިމުނީ.
އަސްލުވެ
18 October 2018
ދޮގެއް ނޫން. މި ފަނޑިޔާރުން ދެކެނީ މީ ކުޅޭ ކުޅޭ ކަމެއް ކަމަށް