ރޯގާ ޖެހި ނޭފަތް ބެދުމުން އަޅަން ދޭ ބޭހުގެ ފައިދާއެއް ނެތް ކަމަށް ދިރާސާއެއްގައި ވަނީ ބުނެފައި
24 އޮކްޓޯބަރ 2018 - 07:16
އަރިދަފުސް ރޯގާ ޖެހި ނޭފަތް ބެދުމުން ނޭފަތަށް އަޅަން ދޭ "ޑިކޮންޖެސްޓަންޓް" ގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި އެ ބޭނުންކުރުމާ ދުރުވާން އާ ދިރާސާއެއްގައި ލަފާ ދީފި އެވެ.
ބީއެމްޖޭ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނީ ޑިކޮންޖެސްޓަންޓުން ލިބެނީ ވަރަށް ކުޑަ މިންވަރެއްގެ ލުޔެއް ކަމަށާއި އެ ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑުވެދާނެ ކަމަށެވެ. އެގޮތުން، މީގެ ސައިޑްއިފެކްޓްތައް ކުޑަކުދިންނަށް ވަކިން ބޮޑަށް ނުރައްކާ ކަމަށް ބުނެފައިވެ އެވެ.
ޑިކޮންޖެސްޓަންޓް އާއި އެއާ އެކު ބޭނުންކުރަން ދޭ ޑިކޮންޖެސްޓަންޓްސް ހިމެނޭ ބޭހުގެ ސަބަބުން ބޯ އެނބުރުން، ބަނޑުގައި ރިއްސުން، ބޮލުގައި ރިއްސުން އަދި ނުނިދުން ފަދަ މައްސަލަތައް ދިމާވާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އަދި އުމުރުން ދެ އަހަރުން ދަށުގެ ކުދިންނަށް މި ބޭނުންކުރުމުން ހިތުގެ ހިނގުން އަވަސްވުން ފަދަ ނުރައްކާތެރި ހާލަތްތައް ވެސް މެދުވެރިވާ ކަމަށް ދިރާސާއިން ދެއްކި އެވެ.
އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ކްއީންސްލޭންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. މިއޭކޭ ވެން ޑްރިއެލް އިސްކޮށް ހުންނެވި ދިރާސާގައި އޭނާ ލަފާ ދެއްވާފައި ވަނީ އުމުރުން ހަ އަހަރުން ދަށުގެ ކުދިންނަށް ޑިކޮންޖެސްޓަންޓް ބޭނުން ނުކުރުމަށެވެ. އަދި 6-12 އަހަރާ ދެމެދުގެ ކުދިންނަށް މި ބޭނުންކުރުމުގައި ސަމާލުވުމަށެވެ.
"ގިނަ ގައުމުތަކުގައި ޑިކޮންޖެސްޓަންޓް ދެނީ އުމުރުން 6-11 އަހަރާ ދެމެދުގެ ކުދިންނަށް، ހަމަ އެކަނި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން. މިގޮތަށް އަމަލުކުރާ ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އޮސްޓްރޭލިއާ ވެސް ހިމެނޭ،" ޑރ. ޑްރިއެލް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ މި ދިރާސާގައި، 12 އަހަރުން މަތީގެ ކުޑަކުދިން ބަލާފައި ވަނީ ބޮޑެތި މީހުންގެ ކެޓަގަރީގައި ކަމަށާއި އެހެންވެ އެ އުމުރުގެ ކުދިންނަށް ބޭހުން ކުރާ އަސަރު ވަކިން ދެނެގަނެވިފައި ނެތް ކަމަށެވެ.
ވެންޑްރިއެލް ވިދާޅުވީ ޑިކޮންޖެސްޓަންޓް އަކީ ކުޑަކުދިންނަށް މަސައްކަތްކުރާ އެއްޗެއް ނޫން ކަމަށާއި އެކަމަކު އެއީ ކީއްވެގެން ކަމެއް ދިރާސާއިން ހޯދިފައި ނުވާ ކަމަށެވެ.
"ބޮޑެތި މީހުންނަށް ވެސް މިއީ މާބޮޑު އަސަރެއް ކުރާ އެއްޗެއް ނޫން. އަދި މިކަމާ ބެހޭ ގޮތުން މިއަށް ވުރެ ފުޅާ ދާއިރާއެއްގައި ދިރާސާކުރި ކަމުގައި ވިޔަސް މި ދިރާސާގެ ނަތީޖާއާ މާބޮޑު ތަފާތެއް ފެނިދާނެ ކަމަކަށް ވެސް ނުބެލެވޭ،" އޭނާ ވިދާޅުވި އެވެ.
މި ދިރާސާގައި ބުނެފައި ވަނީ އަރިދަފުސް ރޯގާ ޖެހުމުން ލުއިވާނެ ކަމަށް ބުނެ އާންމުކޮށް ދެމުން އަންނަ ފަރުވާތަކާއި ބޭސްތަކުން ނަތީޖާއެއް ނުފެންނަ ކަމަށެވެ. އާދައިގެ އަރިދަފުސް ރޯގާ އަކީ އަމިއްލަ އަށް ރަނގަޅުވާ ކަމަކަށް ވާއިރު، އެންމެ ރަނގަޅީ ބޭސްތަކެއް ކެއުމުގެ ބަދަލުގައި އަމިއްލަ އަށް ރަނގަޅުވާން ދޫކޮށްލުންކަން ކުދިންނަށް ވެސް ވިސްނައިދޭން ޖެހޭ ކަމަށް ތަޖުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުވާން
24 October 2018
ވާނެ ބޭނުންކުރަން. ބައެއްމީހުންނައް ޑރ ކަމުވެސް ނުދާނެ ކޮތަޅެއްގެ ފުރާ ބޭސް ނުލިޔެދިނިއްޔާ. ދެން އެހިސާބުން ޑރ ނުވާނެ އެއްވެސް މީހަކަށް. ވައިރަލް ހުމެއް ޖެހުނަސް ބޭނުންވާނެ އެންޓިބަޔޮޓިކްސްވެސް. އިމިއުން ރެސްޕޮންސް އެއީ ބަލާ އެއްޗެއްނޫން. ނޮން ޑުރަގް ޓްްރީޓްމެންޓެއް ނުވަތަ ލައިފް ސްޓައިލް މޮޑިފިކޭޝަން އެއް ގެނެސްގެން ކަމެއް ހައްލުވާން އޮތަސް ޗޫސް ކުރެވެނީ ފާމަސޫޓިކަލްސް.ބޭކާރު ލެބޮރަޓޮރީ އަދި ރޭޑިއޮލޮޖީ ޓެސްޓްތަށް ހެދުންވެސް ފާލުން ނައްޓާފަ
ހިޝާ
24 October 2018
މީގެ ބަދަލުގައި ސެލައިން ސްޕްރޭ މާ އެފެކްޓިވް ހެން ހީވެ. އެއީ ހަމަަ ކަނޑުގެ ލޮނު އެކުލެވިގެން އުފައްދާފަ ހުންނަ އެއްޗެހި