ނާފިއުގެ ކަނާތު ފައިގެ އިނގިލިތައް ބުރިކޮށްލާފައި: ވައަތު ފައިގެ އިނގިލިތައް ވެސް ބުރިކޮށްލަން ޖެހިދާނެ ކަމުގެ ބިރުއެބައޮތް.
27 އޮކްޓޯބަރ 2018 - 12:32
ޖަލަށް ލުމަކީ ކުށެއް ސާބިތުވުމުން މިހާރު ދޭ އެންމެ ބޮޑު އަދަބެވެ. އެ އަދަބު، އަހްމަދު ނާފިއު އަށް ބަދަލުވީ، މުޅި އުމުރު ހިތުން ނުފިލާވަރުގެ އަނިޔާއަކަށެވެ. ހަތް މަހުގެ ޖަލު ހުކުމުން މިދިޔަ މަހުގެ ފަހުކޮޅު މިނިވަންވިއިރު، ނާފިއު، 38، ގެ ކަނާތު ފައިގެ އިނގިލިތައް ޖެހުނީ ބުރިކޮށްލާށެވެ. ވައަތު ފަޔަށް ވެސް ބޭސްކުރަމުން އަންނައިރު، އެ ފައިގެ އިނގިލިތައް ވެސް ބުރިކޮށްލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ.
ނާފިއު އަށް މި އަނިޔާ ދިނީ، އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި، ކަރެކްޝަނަލް ސާވިސް އިންނެވެ. އެކަށީގެންވާ ފަރުވާ ނުދީ، އަދަބަށް ވުރެން ބޮޑަށް ޖަލުގައި އޭނާ އަށް އަނިޔާ ދިނީ އެވެ. ފަރުވާ ލިބުނު ނަމަ، އޭނާގެ ދެފައިގެ އިނގިލިތައް ވެސް ސަލާމަތްކުރެވުމުގެ ފުރުސަތު ބޮޑުކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނެ އެވެ.
ނާފިއު އޭޑީކޭގައި އެޑްމިޓްކޮށްފައި: މިދިޔަ ހަފުތާގައި އޭނާ ގެއަށް ދޫކޮށްލީ މަހެއްހާ ދުވަހު އެތަނުގައި ފަރުވާ ދިނުމަށް ފަހު.
މި އަހަރުގެ ކުރީކޮޅު، ނާފިއު ހަތް މަހަށް ޖަލަށްލީ މީހެއްގެ މުދަލެއް ހުއްދަ ނުހޯދައި ގެންގޮސް ބޭނުންކުރި މައްސަލައެއްގަ އެވެ. އެ ހުކުމުން މިދިޔަ މަހުގެ 23 ގައި މިނިވަންވުމާއެކު ޖެހިގެން އައި ދުވަހު އޭޑީކޭގައި އެޑްމިޓްކޮށް، ސީރިއަސް އޮޕަރޭޝަންތަކެއް ވަނީ ކޮށްފަ އެވެ.
އާއިލާ އިން ވާހަކަ ދެއްކި މުހައްމަދު ނާޒިމް (ބައުންޓީ) ބުނިގޮތުގައި ޖަލަށް ލިއިރު ނާފިއުގެ ކަނާތު ފައިގައި ނަގާފައި އިން ފޮޅަކީ އާދައިގެ ކަމަކަށް ހަދައި، އެކަށީގެންވާ ފަރުވާދޭން ކަރެކްޝަންސުން ދެކޮޅު ހެދީ އެވެ. ނަތީޖާއަކީ އޭނާގެ ކަނާތު ފައިގެ އެންމެ އިނގިއްޔެއް ފިޔަވައި ހުރިހާ އިނގިލިތައް ގިރުމުގެ ސަބަބުން ބުރިކޮށްލަން ޖެހުމެވެ. ޖަލުން ދޫކޮށްލިއިރު، ކަނާތު ފައިގެ ނާރެއް ބްލޮކްވެ، ރަނގަޅަށް ލޭ ދައުރު ނުވާތީ، ނާފިއުގެ ވައަތު ފައިން ނާރެއް ނަގައި މިހާރު ވަނީ ކަނާތު ފަޔަށް ލައްވައިފަ އެވެ.
ކަނާތު ފަޔަށް ލައްވަން، ވައަތު ފައިން ނާރެއް ނަގަން އޮޕަރޭޝަން ކޮށްފައި.
އެ އޮޕަރޭޝަނާ އެކު ކުޑަ ލުޔެއް ލިބުނު ނަމަވެސް، ވައަތު ފައިގެ އިނގިލިތައް ވެސް ދަނީ ގިރެމުންނެވެ. އެ ފަޔަށް ވެސް ބޭސްކުރަމުން އަންނައިރު، އެ ފައިގެ އިނގިލިތައް ވެސް ބުރިކޮށްލަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
އެޑްމިޓްކޮށްގެން މަހެއްހާ ދުވަހު ފަރުވާދިނުމަށް ފަހު މިދިޔަ ބުދަ ދުވަހު ނާފިއު ވަނީ ދޫކޮށްލައިފަ އެވެ.
"ހޮސްޕިޓަލުގައި ހޭދަކުރި މަހެއްހާ ދުވަހު، މިކަމުގައި އެޅި ވޭން ފެނުނު. ތަދު ކަނޑުވާ އިންޖެކްޝަނާއި ނިދާ އިންޖެކްޝަން ޖަހައިގެން އެ ވޭނަށް ކެތްކުރެވުނީ. އެހެންވީމަ ޖަލުގައި އޭނާ އުޅޭނެ ހާލު އެނގޭ،" ނާޒިމް ބުންޏެވެ.
އާއިލާ އިން ތުހުމަތުކުރާ ގޮތުގައި ޖަލުގައި ހުރިއިރު، ފައިގައި އަޅާ ވޭނުގައި، ކެތް ނުވެގެން ނާފިއު ޑޮކްޓަރަށް ދައްކަން އެދި އާދޭސްކުރުމުން ވެސް އެއީ، ސީރިއަސް ކަމެއްގެ ގޮތުގައި ކަރެކްޝަނަލް ސާވިސް އިން ނުނެގި އެވެ. ފުރަތަމަ ޑޮކްޓަރަކަށް ވެސް ނުދައްކައި އައިޖީއެމްއެޗަށް ގެނެސް ބޭސްއަޅައިގެން އަނބުރާ ޖަލަށް ގެންދިޔައީ ކަމަށް ނާޒިމް ބުންޏެވެ.
"ބައެއް އިނގިލިތައް ގިރިގެން ފޭބީ، ޖަލު ގޮޅީގައި. ވަރަށް އާދޭސްކުރި ފަހުން، އައިޖީއެމްއެޗުގެ ޑޮކްޓަރަށް ދެއްކީމަ ބުނަނީ ފައިގެ އިނގިލިތައް ޖެހޭނީ ބުރިކޮށްލާށޭ،" ނާޒިމް ބުންޏެވެ.
ނާފިއުގެ ވައަތު ފައިގެ އިނގިލިތައް ވެސް ގިރެން ފަށާފައި.
ނާފިއުގެ އިނގިލިތައް ގިރެން ދިމާވި ބަލި އެނގުނީ އޭޑީކޭ އިން އެކަމާ ގުޅޭ ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުންނެވެ. ފައިގެ އިނގިލިތައް ގިރެން ދިމާވީ، ސިނގިރެޓް ބޯތީ ޖެހޭ ބައްޔަކުންނެވެ. ރާއްޖޭގައި އެހާ އާއްމު ނޫނަސް، ބަލީގެ އަސްލު ސަބަބަކީ ސިނގިރެޓް ބުއިން ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް އާއިލާ އިން ބުންޏެވެ.
"ކުރީކޮޅު ފަރުވާ ދެވުނު ނަމަ، އިނގިލިތައް ބުރިކޮށްލަން ނުޖެހުނީސް،" ނާޒިމް ބުންޏެވެ.
ދައުލަތުން ނާފިއު އަށް އިއްވި އަދަބު ތަންފީޒުކޮށް ނިމުނުއިރު، ޖަލުގައި އޭނާ ލާއިންސާނީ އަނިޔާ ދިނުމަކީ އާއިލާ އިން ދެކޭ ގޮތުގައި ކުޑަ މައްސަލައެއް ނޫނެވެ. ފަރުވާ ދިނުމުގައި އިހުމާލުވި މީހުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ އެވެ.
އެކަމަކު ކަރެކްޝަނަލް ސާވިސް އިން މި މައްސަލައިގައި، މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. މީޑިއާގައި، މި އިހުމާލުގެ ވާހަކަ ރިޕޯޓްކުރުމުން ވެސް ކަން ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ވެސް އެއްޗެއް ނުބުންޏެވެ. ޖަލުގައި ހިނގާ އެހެން އިހުމާލުތަކުގެ މައްސަލަ ރިޕޯޓްކުރުމުން ވެސް ޖަވާބުދާރީނުވުމަކީ ގިނަފަހަރަށް، ކަރެކްޝަނަލް ސާވިސް އިން އަމަލުކުރާ ގޮތެވެ.
ނާފިއުގެ ފައި: ހާލަތު ގޯސްވީ ކަރެކްޝަނުން ފަރުވާ ކުޑަކުރުމުން ކަމަށް އާއިލާއިން ބުނޭ --
އެކަށީގެންވާ ފަރުވާ ނުދީ، ނާފިއުގެ ހައްގުތަކަށް އަރައިގަތް މައްސަލަ އާއިލާ އިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ވެސް ހުށަހަޅައިފަ އެވެ. ހޮސްޕިޓަލުގައި އޮތްއިރު، އެ ކޮމިޝަނުން ހާޒިރުވެ، ހާދިސާގެ މައުލޫމާތު ނެގި އެވެ. އޭގެ ފަހުން، ގުޅައި ހާލު ބެލި ކަމަށް އާއިލާ އިން ބުންޏެވެ.
އާއިލާގެ ކަންބޮޑުވުމަކީ، އެޗްއާރުސީއެމުން މައްސަލަ ތަހުގީގު ކުރާ ކަމަށް ބުނި ނަމަވެސް މިކަމުގައި ޒިންމާވާ މީހުންނަށް ފިޔަވަޅު އެޅޭނެ ކަމުގެ ޔަގީންކަމެއް ނެތުމެވެ. ޖަލުތަކުގައި މިހާތަނަށް ހިނގާފައިވާ އިހުމާލުގެ ހާދިސާތައް ވެސް ބަލައި އެކަށީގެންވާ ފިޔަވަޅު އަޅާކަން ކަށަވަރު ނުވާތީ އެވެ.
"މިއީ، ވަރަށް ބޮޑު އަނިޔާއެއް، މިކަމުގައި ކަރެކްޝަނަލް ސާވިސް އިން ޒިންމާ ނަގަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" ނާޒިމް ބުންޏެވެ.
ޖަލުތަކުގައި ހިނގާ މިފަދަ މައްސަލަތައް އެޗްއާރުސީއެމުން ތަހުގީގު ކުރި ނަމަވެސް މީޑިއާތަކަށް، އެ މައުލޫމާތުތައް ހިއްސާއެއް ނުކުރެ އެވެ. އެއީ، އެޗްއާރުސީއެމުން ބުނެފައިވާ ގޮތުގައި، އެ ކޮމިޝަނުން ހިފަހައްޓާ އުސޫލެކެވެ.
ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީންނަށް ކުރިމަތިވާ ސިއްހީ ކަންކަމުގައި ކަރެކްޝަނަލް ސާވިސް އިން އިހުމާލުވަމުންދާ ކަމުގެ ޝަކުވާ ބޮޑެވެ. ޖަލުގައި ބައެއް މީހުން މަރުވެފައިވާއިރު، ބައެއް ހާދިސާތަކުގައި ދައުލަތަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފައިވެ އެވެ.
އާއިލާގެ ވިސްނުމަކީ ނާފިއުއަށް ޖަލުގައި އިހުމާލުވި މައްސަލައިގައި އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން ކަރެކްޝަނާ ދެކޮޅަށް ދައުވާ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ333
29 October 2018
މާތް ﷲ އަށް ބިރުވެތިވޭ....ﷲ ދިރި ތިބީންނަށް އިބުރަތެއް ކަމުގައި މިކަން ލައްވާށި....އަދި އޭނަޔަށް އަވަސް ޝިފާއެއް ދެއްވައި ހެޔޮވިސްނުން ދެއްވައި ހެޔޮރަހުމަތް ލައްވާށި..
އެކޮޅުގޭ މުހައްމަދު
28 October 2018
މީހުން ހާދަ ބަދު ދުޢާއެއ ކުރާނޭޔޭ މީހުންގެއެއްޗެހި ވައްކަން ކުރުމާއި ފޭރުމުން އެފަދަ ކަމަކަށް ވެދާނެ ދޯ
ލުގުމޭން
28 October 2018
ތީ ހުސްދޮގު ވާހަކަ. ކަރެކްޝަނަލް އިން އިހުމާލެއްނުވާނެ. ނުލާހިކު ރަނގަޅަށް ކަންކަން ކުރަނީ އެކުދިން.
ހިޓްލިސްޓް
28 October 2018
ޖަލަށް ލުމާއެކު ބަލިވާނީ ސިޔާސީ މީހުން. ޖަލުގައި އާއްމު ރައްޔިތުން ބައްޔެއް ނުވާނެ. އަވަހަށް އަދީބް ދޫކޮއްލެވޭތޯ ބަލާ. ދެން ނުތިބޭނެ އިންސާނުންނެއް. ދެން އަތްޖަހާ.
އިހޫ
28 October 2018
ހިޔުމަން ރައިޓްސް ކޮމިޝަނުން މަޢުލޫމާތު ނުދޭން ގެންގުޅޭ އުޞޫލެއް ގެންގުޅެންވީ. އެކަމަކު އަހަރުމެންނަށް އެނގޭ އެއްޗަކީ މިކަމަކީ ކަރެކްޝަނަލްގެ އިހުމާލުން ވީ ކަމެއް ކަން. އެޗްއާރުސީއެމުން އެކަން އެގޮތަށް ނިންމާ މި ރައްޔިތަށް ދައުލަތުގެ ޚަރަދުގައި ފަރުވާ ދިނުން ލާޒިމް. އަދި އިހުމާލުވީ ފަރާތްތަކަށް އެކަމުގެ އަދަބު ދެވެންޖެހޭ.
އެކޮޅުގޭ މުހައްމަދު
27 October 2018
އިބުރާހިމް ނާސިރު ދައުރުގެ ވެރިކަމުގައި ހުވަދު އަތޮޅުން ގެނެސް ޖަލަށްލީ މީހުންތައް ކޮބައިތޯ އެކަމުގެ މައުލޫމާތު ހުރި މީހަކު ހޯދައިގެން ކޮންމެވެސް ނޫހެއްގެ ފަރާތުން މަޒުމޫނެއް ނުވަތަ މައުލޫމަތުކޮޅެއް ލިޔެދީބަލަ
އެމްސް
27 October 2018
ރަޢިއްޔަތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިބެ ރަޢިއްޔަތުންނަށް މިހާ ބޮޑަށް އިޙުމާލު އެ ވެވެނީ 2 ފުށް ފެންނަ ސިޔާސަތެއް ތަނުގަ ނޯންނާތީ!
އަލީ
27 October 2018
ޖަލު ރާއްޖޭގައި ވަކި ޤާނޫނެއް. މިނިވަން މުއައްސާތަކާއި ކޯޓުތަކުގެ އަމުރެއް ނުހިނގާތާ ޖަލު ބަލަހަށްޓާ އިދާރާ އާމެދު ފިޔަވަޅެއް ކީއްކުރަންތޯ ރިޕޯރޓެއް ހާމަކުރަން ފަސްޖެހޭ. ކަރެކްޝަންސް އަކީ ހާދަހާ ސިއްރުކަން ބޮޑު ތަނެކޭ. އެތަނަށް ދާ ޤާޒީން، މަޖިލިސް މެމްބަރުން، ރައީސުން، ކޮމިޝަނަރުންވެސް އެނބުރި އައުމަށްފަހު އަނގަ ބަންދު.
ކެކެ
27 October 2018
މިކަހަލަ ކަންކަން ހިނގަނިކޮށް ރާއްޖެއަށް ދުވަހަކު ހަމަޖެހުމެއް ނައަންނާނެ. ޤާނޫނު ދަމަހަށްޓާ ބޯލަނބަން އަދި ބޯލަންބަން ތިބޭފަރާތްތަކުން އެއާ ޚީލާފުވީމަ ދެން ކޮންހަމައެއް ލަމައެއް.
ހަޤީގަތް
27 October 2018
ޖަލުގައި ތިބޭ ޤައިދީންނަށް ސިއްހީ ފަރުވާ އެއްމެ ރަނގަޅަށް ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި މި ދިވެހި ރާއްޖެ ހިމެނޭނެ. އެކަން ޖަލަށް ޒިޔާރަތް ކުރާ ބޭރު ގައުމުތަކުގެ ކޮމިޝަން ތަކުގެ ބޭފުޅުން ގަބޫލުވެސް ކުރައްވާ . 2000 އެއްހާ މީހުންގެ ތެރެއިން މީހަކު ބޮޑު ބައްޔެއް ވުމަކީ ހަމަ ވުން އެކަށީގެންވާ ކަމެއްކަން ހުރިހާ ބޭފުޅުންވެސް ގަބޫލުކުރައްވަން ވާނެ. ޖަލުތަކުގައި މީހުން މަރުވަނީ ފަރުވާ ނުދޭތީއެއްނޫން... މިއީ 1980 ގެ ހިސާބެއްނޫން ....އަނިޔާ ކުރާކަށް..
މަނިއްޕުޅު
28 October 2018
މިސާލަކަށް ކަލޭގެ ދަރި ނޫނީ ބޭބެއެއް ، ކޮއްކޮއަކަށް އެކަން އެގޮތަށްދިމާވީ ބޭފުޅާ ހަމަ ތިހެންވިދާޅުވެފަ ނިންމާލާނީ ތޯ؟ ޒިންމާވާނެ މީހަކު ހުންނަންޖެހޭކަމަށް ޤަބޫލް ނުކުރެވެނީތޯ؟ ބަލި މީހަކު ފަރުވާ އަށް އެދި އާދޭސްކުރީމާ ޖެހޭނެ އެކަންކަން ބަލަން. ކަރެކްސަނުން އެތިބީ ޤައިދީންނާ ޤާނޫނީގޮތުން ހަވާލުވެފަ. ހާދަ ރަހުމްކުޑަ ކޮމެންޓެކޭތީ. އަސަރުކުރިލެއް ބޮޑުކަމުން ކެއްނުވެގެން މި ރައްދު ދިނީ. ﷲ ބޭފުޅާ އަށް ރަނގަޅު މަގު ދައްކަވާންދޭވެ.