ރިޕޯޓް / ނޮވެމްބަރު 3 ބަޣާވާތް

ނޮވެމްބަރު 3، މޫސާ ޖަލީލުގެ ތަޖުރިބާ

މިއީ ނޮވެމްބަރު 3 ގެ ހަމަލާއަށް 25 އަހަރު ފުރުމާ ގުޅިގެން، 2013 ގައި، އަޅުގަނޑު އޭރުގެ "ހަވީރު" ނޫހަށް ލިއެދިން ރިޕޯޓެކެވެ. މިއަދު މި ރިޕޯޓް "މިހާރު"ގައި މި ޖަހަނީ ކިއުންތެރިންނަށް މި ހަމަލާގެ ހަނދާންތައް، އެދުވަހުގެ މުހިންމު އެއް ބަތަލުގެ ނަޒަރުން ގެނެސްދިނުމަށެވެ. --މޫސާ ލަތީފު

މޫސާ އަލީ ޖަލީލް: ނޮވެމްބަރު 3 ގެ ހަމަލާގައި ޓެރަރިސްޓުންނާ ދެކޮޅަށް، އެހެން ސިފައިންނާ އެކު ނުކުންނެވި

03 ނޮވެމްބަރ 2018 - 11:25

34 comments

"އެބައި މީހުންގެ ހަށިގަނޑާއި ފުރާނައިން އެ ގުރުބާންވީ ތިބާގެ ގައުމަށާއި ތިބާ އާއި ތިބާގެ ދަރިންގެ ހައްގުގައިކަން ތިބާ ދަންނާށެވެ."

މިއީ ރައީސެއްގެ ވާހަކަކޮޅެއް ނޫނެވެ. މިއީ ޅެންވެރިއެއްގެ އެތުރުމެއް ނޫނެވެ. އަދި މިއީ ލިއުންތެރިޔެއްގެ ޖުމްލައެއް ވެސް ނޫން މެ އެވެ. މިއީ މީގެ 25 އަހަރު ކުރިން، އޭރުގެ ސަރުކާރު ވައްޓާލަން ދިވެހިންގެ ބަޔަކު ރާވައިގެން ސްރީ ލަންކާގެ ތަމަޅައިންގެ ޓެރަރިސްޓް ގްރޫޕެއްގެ ހަނގުރާމަވެރިން ރާއްޖެ އަށް ދިން ހަމަލާގައި، ގައުމުގެ ދިފާއުގައި ޖެހިލުމެއް ނެތި ޖިހާދުކުރެއްވި މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލްގެ ބަސްކޮޅެވެ.

"އަޅުގަނޑު ބޭނުން މިތަންކޮޅު ދިވެހި ރައްޔިތުންނަށް ބުނެދޭން،" ނޮވެމްބަރު 3 ގެ ހަމަލާއާ ބެހޭ ގޮތުން އޭނާގެ އިންޓަވިއުއަކަށް އެދުމުން، މީގެ 20 އަހަރު ކުރިން، އޭނާ ލިއުއްވި "އެދުވަސް މާޒީވެ ދިޔަސް، އެ ހަނދާންތައް ފޮހެވިގެންނެއް ނުދެ އެވެ،" އަޅުގަނޑުމެންގެ އަތަށް ދެއްވަމުން ވިދާޅުވި އެވެ.

ފެނުނު ހުވަފެނުން އިތުރު ތައްޔާރުވުންތަކެއް!

އެފަދަ ނުރައްކާތެރި ހަމަލާއެއްގައި ޝަހީދުވި ދިވެހިންނަށްޓަކައި މޫސާ ޖަލީލްގެ ހިތްޕުޅުގައި އޮތް ލޯތްބާއި ގަދަރަށް އައި ކުޑަ ވެސް އުނިކަމެއް، 25 އަހަރު ފަހުން ވެސް، ނުފެނުނެވެ. އެދުވަހު ސިފައިން ކުރި ހިތްވަރާއި އެހެން ދިވެހިން ދެއްކި ގައުމީ އެއްބައިވަންތަކަން މިއަދު ވެސް އޭނާ އަށް، އިއްޔެއެކޭ އެއްގޮތަށް، ފެނެ އެވެ.

އޭރު ދިވެހި ސިފައިންގެ ތެރޭގައި އެކަހަލަ ހަނގުރާމައަކަށް ތަމްރީންވެފައި ތިބި މީހުންނެއް ނެތެވެ. އެކަމަކު ފަތިހު، ވެރިރަށުގެ މުޅި ހިމޭންކަން ނައްތާލި ބަޑީގެ ހަމަލާތަކާ އެކު، ސިފައިންގެ މައި މަރުކަޒުގައި ތިބި ދިވެހި ސިފައިން ވަގުތުން ރައްދު ދޭން ފެށި އެވެ. އޭގެ އެންމެ ކުރީގައި، އެންމެ ހަރަކާތްތެރިކޮށް އުޅުއްވި އެއް ބޭފުޅަކީ، ޓާސްކް ފޯސް އޮފިސަ އިން ޗާޖުގެ އެހީތެރިޔާގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް މޫސާ ޖަލީލެވެ.

"އަޅުގަނޑަށް ނިދިފައި އޮއްވައި، 04:10 ގައި ސިއްސައިގެން ގޮސް ހޭލެވުމުން އިވެމުން ދިޔަ އަޑުފައްގަނޑުން މިއީ ހުވަފެނެއް ނޫންކަން ޔަގީންކުރެވުނެވެ،" ބަޑީގެ އަޑަށް ތެދުވެންނެވުމާ އެކު އެންމެ ފުރަތަމަ ކުރެއްވުނު އިހުސާސް އޭނާ ލިއުއްވާފައިވެ އެވެ.

ހުވަފެނެއް ނޫންކަން ޔަގީނޭ ވިދާޅުވުމުގެ ބޭނުމަކީ، މާލެ އަށް ބަޔަކު އަރައި ސިފައިންގެ ވަށައިގެން ހަމަލާ ދޭ ހުވަފެނެއް އޭގެ ދެ މަހާއި ހަ މަސް ކުރިން މޫސާ ޖަލީލަށް ފެނިވަޑައިގެންފައިވުމެވެ. އެ ހުވަފެންތަކުން އޭނާގެ ސިކުނޑީގައި މަންޒަރުތަކެއް ސިފަކޮށްދިނެވެ. އެފަދަ ހަމަލާއެއް އަތުވެދާނެކަމުގެ އިންޒާރު އޭނާގެ ވިސްނުމުގައި ހަރުލާފައި ހުއްޓެވެ. އެހެންކަމުން އޭރު ސިންގަޕޫރުންނާއި އެމެރިކާ ފަދަ ގައުމުތަކުން ހޯއްދެވި އަސްކަރީ މުހިންމު ތަމްރީނުތަކުގެ ބޭނުންކުރެއްވި އެވެ. އެގޮތުން ޓާސްކް ފޯހުގެ ސިފައިންނަށް މައި މަރުކަޒުގަ އާއި ގިރިފުށީގައި އޭނާ ވަނީ، "ސިފައިންގެ ދިފާއުކުރާނެ ގޮތްތައް އިތުރަށް ބުނެދީ ލައިވް ފަޔަރިން އެކްސަސައިޒެއް ވެސް" ބާއްވައިފަ އެވެ.

ނޮވެމްބަރު 3 ގެ ހަމަލާ ދިން މީހުން މާލެ ގެނައި ދުވަހު ސިފައިންގެ ދޮށަށް އާންމުން އެއްވެފައި: ޖުމްލަ 19 ދިވެހިން ޝަހީދުވި

ނޮވެމްބަރު 3 ގައި ކުރިމަތިވީ އިންތިހާ އަށް ބޮޑު އަދި ނުރައްކާ ހަމަލާއެކެވެ. އެކަހަލަ ދަނޑިވަޅެއްގައި، މުޅި ސިފައިންގެ ވަށައިގެން ހަމަލާތައް ދެމުން ދިޔަ އިރު، ދިވެހި ސިފައިން ވެސް ދޫނުކޮށް ރައްދުދިނީ، ލިބިފައި ހުރި ކުޑަ ތަމްރީނާ އެކު ވެސް، ދުޝްމަނުން މާޔޫސްވާ މިންވަރަކަށެވެ. ސިފައިންގެ އަށް ވަނުމަށް އެމީހުން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުކޮށްލި އެވެ. އޭގެ ތެރެއިން އެންމެ ބޮޑު މަސައްކަތަކީ، ސިފައިންގެ ހުޅަނގު ދެކުނު ފާރުގެ ބައެއް ގޮއްވާލައިގެން ވަންނަން އުޅުނު ވަގުތު އެތަން ހަމަ އެވަގުތު ކަވަރުކުރުމެވެ. މިހާރު ނޮވެމްބަރު 3 ގެ ރަމްޒީ ބިނާ އިން އެ ފެންނަނީ އެތަން ގޮއްވާލާފައި ހުރި ގޮތެވެ.

"ވަރަށް ބާރަށް ސިފައިންގެ ހުޅަނގު ދެކުނު ކަނާ ދިމާލުން ދެ ފަހަރަށް އެއްޗެއް ގޮވި އަޑު އިވުމާ އެކު ބަޔާންކުރަން ނޭނގޭ ފަދަ އޮލަ ދުންގަނޑެއް އެ ދިމާލުން ފެނުނެވެ. ވަގުތުން އަތުގައި އޮތް އޭ.ކޭ 47 ން ގޮއްވާލި ބާގަނޑަށް ބަޑި ޖަހަން ފެށީމެވެ،" މޫސާ ޖަލީލް ލިއުއްވާފައިވެ އެވެ.

ސިފައިންގެ ބަޑި ގުދަން ގޭޓް ކަވަރުކުރަން ބަހައްޓާފައި ހުރި ޖީ.ޕީ.އެމް.ޖީ އެ ބާގަނޑަށް އަމާޒުކޮށް ހަމަލާދޭން އޭނާ އަމުރުކުރެއްވުމުން ސިފައިންގެ ދެ މީހަކު އެ ބޮޑު ބަޑީގެ ވަޒަންތައް އެ ދިމާލަށް ދޫކޮށްލި އެވެ. އޭގެ ނަތީޖާ އަކީ، ތަމަޅަ ހަނގުރާމަވެރިންނަށް ސިފައިންގެ އަށް ނުވަދެވި، ބާގަނޑުން ބޭރުވި ހަމަލާގައި، ބުރު ކައިރި އަށް އޭގެ ތެރެއިން ދެ މީހަކު މަރުވެގެން ވެއްޓުމެވެ.

ސިފައިންގެ ތެރޭގައި އޭރު ހުންނެވި އެންމެ އިސް ވެރިޔަކީ މޭޖާ މުހައްމަދު ޒާހިރެވެ. މޫސާ ޖަލީލް ލިއުއްވާފައިވާ ގޮތުގައި ޒާހިރުގެ މަސައްކަތް އެދުވަހު ވަރަށް ބޮޑެވެ. ސިފައިންގެ އިސް އެހެން އޮފިސަރުންގެ އިރުޝާދު ވެސް ގަބޫލުކުރައްވަމުން، ޒާހިރު ގެންދެވީ އެވަގުތު ސިފައިން ލައްވައި ކުރުވޭނެ އެންމެ ބޮޑަކަށް ގައުމުގެ ދިފާއުގައި ޖިހާދަށް ރުކުރުވާލައްވަމުންނެވެ. މޫސާ ޖަލީލްގެ މަސައްކަތަކަށް ވެފައި އޮތީ އެންމެ ފަސޭހައިން ދުޝްމަނުންނަށް ސިފައިންގެ އަށް ވަދެވިދާނެ ހިސާބުތަކުގައި ސިފައިން ބޭތިއްބުމެވެ. މުޅި ސިފައިންގެ ތެރޭގައި އޭނާ، އެހެން ބައެއް އޮފިސަރުންނާ އެކު، ހަމަލާ ދެމުން، އިތުރަށް ދޭނެ ހަމަލާތަކާ މެދު މަޝްވަރާކުރައްވާ އަދި ރާވާރޭވުންތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވި އިރު، އެންމެ ފުރަތަމަ ހަމަލާތަކުގައި، އޭނާގެ ވާތު ފައި އޮތީ ޒަޚަމް ވެސް ވެފަ އެވެ. އެކަމަކު ފައި ބެންޑޭޖްކޮށްގެން އޭނާ ހުންނެވީ ޖިހާދުގެ ފުރަތަމަ ސަފުގަ އެވެ.

ކޮންމެވެސް ބަޔަކު ބޭރަށް ނުކުންނަން ޖެހޭ

މޫސާ ޖަލީލް ގަބޫލުކުރެއްވި ގޮތުގައި ސިފައިންގެ މަރުކަޒުގައި ތާށިވެގެން އެންމެން ތިބުމަށް ވުރެ ކޮންމެވެސް ބަޔަކު ބޭރަށް ނުކުންނަން ޖެހެ އެވެ. އެގޮތަށް އޭނާގެ ޚިޔާލު އައީ އެދުވަހުގެ ހެނދުނު 08:30 ހާ އިރު އެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުގައި ސިފައިންގެ ވެރިޔާ އަދި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސިފައިންގެ ވެރިޔާގެ ނައިބު އިލްޔާސް އިބްރާހިމް އަތުލައިގަންނަން ޓެރަރިސްޓުން އުޅޭނެ އެވެ. (އެކަމަކު ހަމަލާ ދިން މީހުން ގަބޫލުކޮށްގެން ތިބީ ރައީސް މައުމޫން ވީ ރާއްޖެ އިން ބޭރުގައި ކަމަށެވެ. އެހެންކަމުން އެމީހުން އަތުލަން އުޅުނީ ހަމައެކަނި އިލްޔާސް އެވެ. އިލްޔާސް އުޅުއްވި ގޭގެ ފާރުމަތިން ފުންމާލައްވައިގެން އޭނާ ފިއްލެވި އެވެ.)

އެންމެ އިސް ދެ ވެރިން އަތުލައިގަންނަ ހާލަތެއްގައި، ސިފައިންނަށާއި އާންމުންނަށް ވެސް ވަރަށް ނުރައްކާވެ، މުޅި މަސްރަހު ބަދަލުވެދާނެ ކަމަށް ލަފާކުރެއްވި ކަމަށް މޫސާ ޖަލީލް ވިދާޅުވި އެވެ. އެހެންވެ ކޮންމެހެން ވެސް ސިފައިންގެ ބަޔަކު ބޭރަށް ނުކުންނަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރެއްވި އެވެ. އަދި މުހަންމަދު ޒާހިރު ވެސް އެގޮތަށް ނިންމަވާ، ސިފައިންގެ މައި ގޭޓުން ބަހެއްގައި ބަޔަކު ނެރެން ހުއްދަ ދެއްވި އެވެ. އެކަމަށް އެންމެ ފުރަތަމަ ވޮލަންޓިއަކުރެއްވީ މޫސާ ޖަލީލެވެ. އެކަމަކު ދުޝްމަނުން ދޭ ހަމަލާތަކަށް ބަލާއިރު ބަހެއްގައި ނުކުތުމުގެ ނުރައްކާ ބޮޑުކަން އޭނާ ވެސް ގަބޫލުކުރެއްވި އެވެ.

އެކަމެއް ނުވި އެވެ. ސިފައިންގެ ދަގަނޑު ދޮރު، ޓެރަރިސްޓުންގެ ހަމަލާތަކުގައި ހުރީ ތާށިވެފަ އެވެ. އަދި ސިފައިންގެ ތެރެއިން ބަޔަކު ނުކުންނަން އުޅޭކަމުގެ ހަރަކާތްތައް، މައި ދޮރާ ދިމާލުން، މިހާރު ފުލުސް އޮފީހުގެ މައި މަރުކަޒު ކައިރީގައި ތިބި ތަމަޅައިންނަށް ފާހަގަކުރެވުނެވެ. އެހެންވެ ދޮރަށް އަމާޒުކޮށް ދިން ހަމަލާތައް ވަރުގަދަކުރި އެވެ.

އެންމެ ފަހުން އެގޮތަށް ނުކުމެވޭނެ ފުރުސަތު ނުލިބުމުން ދެން ނިންމީ ފައި މަގުގައި ނުކުންނާށެވެ. އެކަމަށް ސިފައިންގެ އިތުރު 10 މީހަކު ވޮލަންޓިއަކުރި އެވެ. އެމީހުންނާ އެކު މޫސާ ޖަލީލް ފުރަތަމަ މަސައްކަތްކުރެއްވީ މައި ދޮރުން ނުކުމެވޭތޯ އެވެ. އެކަމަކު ހަމަލާތައް ވަރުގަދަކަމުން ދިވެހި 11 ސިފައިން ދުއްވައިގަތީ، އޭރު ގާޒީ ބިންޑިންގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ދޮރުން ނުކުންނާށެވެ. ސިފައިންގެއަށް ހަމަލާ ދޭން ޓެރަރިސްޓުންގެ ބަޔަކު، ގާޒީ ބިލްޑިން އާއި ރައީސް އޮފީހުގެ ދެމެދުގައި އޮތް ގޯޅިގަނޑުގައި، ގާޒީ ބިލްޑުގެ ފާރާ ނިވާވެގެން ފަތިހުއްސުރެ ތިއްބެވެ. އެހެންކަމުން ބޭރަށް ނުކުންނަ އިރު އެދިމާއަށް ހަމަލާ ދެމުން ގެންދިއުމަށް މޫސާ ޖަލީލް ހުރިހާ ބައިވެރިންނަށް އަމުރުކުރެއްވި އެވެ. އެންމެ ފުރަތަމަ ނުކުންނެވީ އޭނާ އެވެ.

ނޮވެމްބަރު 3 ގެ ހަމަލާ ނާކާމިޔާބުވުމުން ޓެރަރިސްޓުން ފިލަންވެގެން ދަތުރުކުރި ޕްރޮގްރެސް ލައިޓް އަށް އިންޑިއަ ސިފައިން ހަމަލާދެނީ

"މާތްކަލާނގެ ކިބަފުޅަށް ވަކީލުކޮށް، ދިވެހި ރައްޔިތުންގެ ހައްގުގައި އެބައި މީހުން ދިފާއުކުރެވޭތޯ، ހަމަލާ ދީދީ ތިބި ދުޝްމަނުންގެ ކުރިމައްޗަށް ނުކުތީމެވެ. ހަމަ ނުކުތުމާ އެއްކޮށް ދުޝްމަނުން ހަމަލާ ދޭން ފެށި އެވެ. ރައްދު ހަމަލާ ވަގުތުން ދިނީމެވެ. މިގޮތުން އަޅުގަނޑުމެން ހަމަލާ ދިނުމުން ދުޝްމަނުން އެމީހުން ތިބި މަގާމުތަކުން ފަހަތަށް ޖެހުނެވެ. ފަހަތަށް ޖެހި އެ ސަރަހައްދުން ދުޝްމިނުންގެ ބާރު ކަނޑުވާލެވުނެވެ."

ނަމަވެސް މި ނުކުތުމުގެ ތެރޭގައި ހުރަވީ ބިލްޑިންގުގެ ހުޅަނގުން ސިފައިންގެ ކަންމައްޗަށް އޭގެ ތެރެއިން ޕްރައިވެޓް މުހައްމަދު ހަސަން، ސ. މަރަދޫ ފޭދޫ، ނިތުބަންޑިން އާއި ލާންސްކޯޕްރަލް އާދަމް ނަސީރު، މާލެ، ޝޭޑީ ވިލާ އަދި ޕްރައިވެޓް މުހައްމަދު އިބްރާހިމް (މެކާނޯ) ހއ. މޮޅަދޫ އަނބުގަސްދޮށުގެ، ޝަހީދުވި އެވެ.

އަނެއް އަށް މީހުން ގޮސް ވަދެ ތިބީ ހުކުރު މިސްކިތު ސަރަހައްދުގަ އެވެ. އެކަމަކު ސިފައިންގެ އިން ނުކުމެގެން ދުވެފައި ދިޔަ އިރު އޭގެ ތެރެއިން އެކެއްގެ އަތުގައި އޮތް ބަޑި ވެއްޓުނެވެ. އެހެންވެ އޭނާ އަށް އެނބުރި ސިފައިންގެ އަށް ދާން ނުކެރޭނެ ކަމަށް ބުނުމުން އޭނާގެ އަތުގައި ހުރި މެގަޒިންތައް ހިފައިގެން އަނެއް ހަތް މީހުން، ސިފައިންގެ އަށް ވަނީ ގަޑިއެއްހާ އިރު ބޭރުގައި ހޭދަކޮށްފަ އެވެ.

ނޮވެމްބަރު 3 ގައި އެގޮތަށް ބޭރަށް ނުކުތުމާއި އަދި ބަހުގައި ބޭރަށް ނުކުންނަން އުޅުމަކީ ވަރަށް ގޯސް ފިޔަވަޅެއް ކަމަށް ބުނެ ބައެއް މީހުން މޫސާ ޖަލީލްމެންނަށް މިހާރު ވެސް ފާޑުކިޔަ އެވެ. އެކަމަކު އެދުވަހުގެ ހާލަތު އޮތް ގޮތުން ކޮންމެވެސް ހިސާބަކުން، ސިފައިންގެ ބޭރުގައި ކަން ހިނގަމުން ދިޔަ ގޮތް ދެނެގަތުމަކީ، އެއްކޮޅުން ބަލާއިރު، އެ ދަނޑިވަޅު ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އަދި މިހާރު ވެސް އޭނާ ހުންނެވީ އެގޮތުގަ އެވެ.

ދިވެހި ސިފައިންގެ އެންމެ ބޮޑު ޖިހާދު

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ސަގަރު، އަހުމަދު ނާސިރު އިސްކޮށް ތިބެގެން ތަމަޅައިންގެ 80 ވަރަކަށް ޓެރަރިސްޓުންނާ އެކު މާލެ އެރީ ނޮވެމްބަރު 3، 1988 ގެ ފަތިހު، ސްރީ ލަންކާ އިން ކަނޑުމަގުން އައި ދެ ބޯޓެއްގަ އެވެ. މައުމޫން ސަރުކާރު ބަދަލުކޮށްލުމުގެ މި ރޭވުމުގައި ލުތުފީ އާއި ނާސިރަށް ދިވެހިންގެ އެހެން ބައެއް މީހުންގެ އެހީތެރިކަން ވެސް ލިބުނެވެ. ހަމަލާގައި ސިފައިންގެ އަށް މީހަކާއި އާންމުންގެ 11 މީހަކު ޝަހީދުވި އެވެ. އާންމުންގެ ތެރެއިން ބައެއް މީހުން ޝަހީދުވީ، ޓެރަރިސްޓުން ފިލަންވެގެން "ޕްރޮގްރެސް ލައިޓް" އާގު ބޯޓުގައި ދަނިކޮށް އިންޑިއާ ސިފައިން ދިން ހަމަލާތަކުގަ އެވެ. އެ ހަމަލާތަކުގައި އެ ބޯޓު ވެސް ފެތުނެވެ.

މިއަދު އެ ބިރުވެރި އަދި ލޭއޮހޮރުވުން ބޮޑު ހަމަލާގެ ހަނދާންތައް ގިނަ ބަޔަކު ނެތަސް ނޮވެމްބަރު 3، 1988 އަކީ ރާއްޖޭގެ މިފަހުގެ ތާރީޚުގައި ސިފައިން ކުރި އެންމެ ބޮޑު ޖިހާދެވެ. އެއީ އެއްވެސް މީހަކަށް، އެއްވެސް ސުވާލެއް އުފެއްދެން ނެތްހާ ސާފުކޮށް އޮތް ކަމެކެވެ. އެ ދުވަހު ދިވެހި ސިފައިން ކުރި ހިތްވަރުގެ އަގުވަޒަންކުރަން، މިހާރުގެ ސިޔާސީ ޚިޔާލު ތަފާތުވުމުގައި ބައެއް މީހުން ބޭނުން ނުވިޔަސް އެ ޖިހާދާ މެދު، ދިވެހިން އިއްޔެ ވެސް، މިއަދު ވެސް އަދި މާދަމާ ވެސް ފަޚުރުވެރިވާން ޖެހޭނެ އެވެ. އެ ދުވަސް ދުށް ދިވެހިން އޭރު އޮއްސާލި ގައުމީ ރޫހާއި އެއްބައިވަންތަކަމާއި ހަމަލާގައި ބައިވެރިވި މީހުން ދެކެ އައި ރުޅިވެރިކަން ތާރީޚުގައި ލިއެފައިވެ އެވެ.

ނޮވެމްބަރު 3 ގެ ދިރިހުރި އެންމެ ބޮޑު އެއް ބަތަލަކީ ގައިމު ވެސް މޫސާ ޖަލީލެވެ. އޭނާގެ އިތުރުން ވެސް އެތައް އޮފިސަރުންނަކާއި ސިފައިންގެ އެތައް ބަޔަކު މާޒީ އަށް ވަދެފައި ވަނީ ގައުމީ ބަތަލުންގެ ގޮތުގަ އެވެ. ޝަހީދުވި ސިފައިންގެ ހަނދާން ދުވަހަކު ވެސް ފޮހޮވިގެން ނުދާނެ އެވެ.

މޫސާ ޖަލީލް ލިއުއްވާފައި ވަނީ ހަމަ ރަނގަޅަށެވެ.

"އެބައި މީހުންގެ ހަށިގަނޑާއި ފުރާނައިން އެ ގުރުބާންވީ ތިބާގެ ގައުމަށާއި ތިބާ އާއި ތިބާގެ ދަރިންގެ ހައްގުގައިކަން ތިބާ ދަންނާށެވެ."

މިއަދުގެ ދިވެހި ރައްޔިތުން އެކަން ހަމަ ވަރަށް ރަނގަޅަށް ދަންނަން ޖެހޭނެ އެވެ.

34 ކޮމެންޓް, 83 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 75%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖްވާ

07 September 2020

ވާނުވާ ނޭނގި، ހަތިޔާރު އެޅި ބަޔެއްގެ ކުރިމައްޗަށް ދިހަ ވަރަކަށް މީހުން ސިފައިގޭން ނުކުތުން މީ، އެންމެ ގަޅި އެއް ކަންތައް! މީ އެއްވެސް، އަސްކަރީ އިސްތިރާޖެއްގައި ކުރާނެ ކަމެއް ނޫން!

The name is already taken The name is available. Register?

ދިވެހި ދަރިއެއް.

04 November 2018

މަދުންވެސް ދަރިންވެސް ބޮޑުވެ މައިބްބަފައިންގެ އަގު ވަޒަން ނުކުރާ ޒަމާނެއް، ހަމަ އެހެއްމެ ކިތެއްމެ ޚިދުމަތެއް ކޮށްދިނަސް “އެއްބައިމީހުން” އުޅޭނީ މީހާގެ އެއްމެގޯސް ކަމެއްވެސް ފެނޭތޯ، އެނގެނީ ސިފައިންގެ މީހާ ވިދާލުވިހެން ތިޔައި އަދައިގެ މީހެއްކަމާއި ސިޔާސީގައި ފާޑުފާޑު އަޑު އުފުލަމުނުދާ މީޑިއާއާއި ދުރު ބޭފުޅެއްކަން. އެހެންވެ އަދިވެސް ހަމަ ގިނަ ދިވެހިން މަނުކުފާނަށް އިޚްތިރާމް ކުރަނީ. ޢެދެނީ އަދިވެސް ޚިދުމަތް ކޮށްދެއްވާނެ ކަމަށް ސެލިއުޓް ކުރަން!

The name is already taken The name is available. Register?

މުހައްމަދު އަހްމަދު

04 November 2018

3 ނޮވެމްބަރު 1988 ގައި ދިވެހި އެތައް ބަޔަކު ޝަހީދުކޮށް، އެތައް ބަޔަކު ޒަޚަމްކޮށް، މުދާތައް ލޫޓުވާ ހެދުމަކީ، ވަރަށްބޮޑު ގަތުލު ޢާއްމެއް.. ވަރަށްބޮޑު ބަޣާވާތެއް... އެއީ 7 ފެބުރުއަރީ އާއި، މޭޑޭ ފަދަ ދުވަސްތަކާ އެއްފަދަ ކަމެއްނުން...

The name is already taken The name is available. Register?

ހޮޓްކިންގ

04 November 2018

މޫސާ ޖަލީލަކީ ބަޠަލެއް. ނަމަވެސް 3 ނޮވެމްބަރުގައި ބަނޑޭރިގޭން ބަޔަކު ނިކުތުމުން މަރުވެދިއުމުގައި މޫސާޖަލީލު ގޯސްތަކެއް ހަދާފައިވޭ.

The name is already taken The name is available. Register?

ޕެޓްރިއަޓް

04 November 2018

މަަށަކީ ކުރީގެ ސިފައިންގެ މީހަކަށްވާތީ ސަރ ދަންނަން ވަރަަށް ބޮޑަށް. މައުމޫން ދައުރުގަ ޖަލީލަކީ ވައިސް ޗީފް.ޢަންނި ސަރުކާރުގަ ޗީފް އޮފް ޑިފެންސް. ޔާމީން އިރުގަ ޑިފެންސް މިނިސްޓަރުކަން ކޮށްފަ.އެހުރިހާ ޒަމާނު ބާރުގަދަ މަތީ މަގާމުތަކުގަ އުޅެފަ ހުރި މީހެއް. އެކަމު އެއްވެސް ވިޔަފާރިއެއް ކުރާ އަޑެއް ނީވެ. ދުއްވަނީ ބާ ސައިކަލުގަނޑެއް.ކާރެއްގަ އުޅޭތަނެއް ނުފެނެ. ކޮރަޕްޝަންގެ އަމަލެއް ހިންގި އަޑެއް ނީވެ.އައި ސެލިއުޓް ޔޫ ސާރ ފޯ ޔޯރ އޮނެސްޓީ އެންޑް ބްރޭވަރީ

The name is already taken The name is available. Register?

އޮފިސަރ

04 November 2018

ތެދުފުޅެއް. ކުރުނިސް ކުރަން ތިޔަ ކޮށްދެއްވި ޚިދުމަތްތަކަށް

The name is already taken The name is available. Register?

އިބްރާހިމު

04 November 2018

އެދުހު ޖަލީލް ނުކުތީ ވޮލަނަޓިޔަރު ކުރި 12 ފަހުަލަވާނުންނާއި އކު، ގައުމުގެ ދިފާއުގައި...... ﷲ ރަހުމަތުން އެދުހުގެ ހާލަތާއި ބަލައި އެދހު ސިފައިން ކުރި މަސައްކަތުން، ތަމަޅަ ޓައިގަރުންނަށް ސިފައިންގެ ތެރެއަށް ނުވަދެވުނީ.... ...ޝަހީދު ހުސައިން އާދަމް އަދި ޝަހީދުވި8 ބޭކަލުންނަށް ސުވަރުގޭގެ ދާއިމީ ނިޔުމަތް މިންވަރު ކުރައްވާށި... މޭޖަރ ޖެނެރަލް ޖަލީލް ފަދަ ބަތަލުންގެ ދަރިވަރުން އެޖޯޝާއި ހިތްވަރު ނެރެ، ކުރިމަގުގައި ގައުމު ދިފާއު ކުރައްވާށި..

The name is already taken The name is available. Register?

އައިޖޭ

04 November 2018

"އެބައި މީހުންގެ ހަށިގަނޑާއި ފުރާނައިން އެ ގުރުބާންވީ ތިބާގެ ގައުމަށާއި ތިބާ އާއި ތިބާގެ ދަރިންގެ ހައްގުގައިކަން ތިބާ ދަންނާށެވެ." އެކަމު ހިތާމަ އަކީ އަދު، އެ ޝަހީދުންގެ ބަގުބަރާ އޮތް ހާލަތު... ސަފު ކޮށްލަން ނުކެރިފައި އަދުގެ ސިފައިންވެސް މިކަމުގައި އިސްނަގަން ޖެހޭ

The name is already taken The name is available. Register?

އަހަންމާބެ

04 November 2018

ތިވަރުގެ ކެރޭ ވަފާތެރި ޖެނެރަލެއް 1 ފެބްރުއަރީގަ ހުރީ މާޖެހި ގަމީސް ލައިގެން ގަދަޔަށް ދުފާފަ. ކުރެވުނު ކަމެއްނެތް ސިފައިން ނުކުމެ ގާނޫނުތައް މުގުރާ ސަރުކާރު ވައްޓާލިއިރު. ލަދުގަނޭ ހަމަ

The name is already taken The name is available. Register?

ހުސެން

03 November 2018

ހަޤީޤަތަކީ 80 ވަރަކަށް ޓެރަރިސްޓުން އަރާ ރާއްޖޭގެ ސިފައިން ބަލިކުރިކަން، މިކަމުގެ ހެއްކަކީ އެންމެ 80 ވަރަކަށް ޓެރަރިސްޓުން ކޮންޓުރޯލްދަށަށް ގެނައުމަށް އިންޑިއާ ސިފައިންގެ އެހީހޯދަންޖެހުން، މިހާރު ހަމަލާއެއް ދޭނަމަ އަންނާނީ ކުރިންއައި 80 ވަރަކަށް މީހުނަށްވުރެން އެޑްވާންސް މީހުން އަދި އެޑްވާންސް ހަތިޔާރާއެކު، ވީމާ ސިޔާސީ ކުޅިން އެއްކިބާވެ ސިފައިންނާ ފުލުހުން ޕޮރުފެޝަނަލްވާން އެބަޖެހޭ

The name is already taken The name is available. Register?

ހަގީގަތް

03 November 2018

ވަފާތެރި ބަތަލެތް. ލާރި އެއްގަ ޖެހިފައެއްނެތް. ކަޒިން ކޮއްކޮ އާއި ޔާމީނު އިނދެގެން އުޅުން ނަމަވެސް ގާނޫނާ ހިލާފު އަމުރުތަކައް ބޯ ނުލެނބީމަ ދަންވަރު ވަޒީފާއިން ވަކިކުރީ. ސިފައިންގެ އަހަރީ ދުވަހު ދެއްވި ސްޕީޗުގައި ސިފައިންގޭގަ ސިޔާސީ ކުލައް ނުޖެއްސޭނޭ ބުނީމަ ޔާމީނައް ހަޖަމު ނުވީ. ހަސަދަވެރީން ދައްކާނެ އޮއްޓަރު ހުރި ވާހަކައެއް ނެތް. ހަޑި ހާވާފަ ނެތީމަ ކުރެވޭނެ ދައުވާއެއްވެސް ނެތް. ބާރު ގަދަ މަގާމު ތަކުގެ ގޯސް ފައިދާ ނަގާފަނެތީމަ ކުރެވޭނެ ކަމެއް ނެތީ. މޫސާ ޖަލީލް ފަދަ ބަތަލުން މަދުވާނެ.

The name is already taken The name is available. Register?

ސަމާ

04 November 2018

ހަޑިހޭވީ އެންމެންގެ ކުރިމަތީގަ 7 ފެބްރިއަރީގަ. ކުރެވޭ ކުޑަކަމަކުންވެސް މީހާއަށް ދެވިފައިވާ ގަދަރާ އިއްޒަތް ގެއްލިދެއެވެ. ޔަގީނުން ވެސް އަހަރެން އޭނާއަކަށް މިހާރު ގަދަރެއް ނުކުރަމެވެ. އެއީ މީހަކު ބުނީތީއެއް ނޫނެވެ އަހަތެންގެ ލޯކުރިމަތިން އަހަންނަށް އަޑުއިވޭހިސާބުގަ ހިގާދިޔަ ކަންތައްތަކެއްގެ ސަބަބުންނެވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454