ޚަބަރު / އިލެކްޝަންސް ކޮމިޝަން

ޕީޕީއެމްގެ ކޮންގްރެސްގައި އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ބައިވެރިވި: އީސީ

ޕީޕީއެމްގެ ކޮންގްރެސް: އެ ކޮންގްރެސްގައި އެހެން ޕާޓީތަކުގެ މެމްބަރުން ބައިވެރިވި ކަމަށް ކޮމިޝަނުން ބުނޭ --ފޮޓޯ/ޕީޕީއެމް

ޕީޕީއެމުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ކޮންގްރެސްގައި އެހެން ޕާޓީތަކުގެ ބައެއް މެމްބަރުން ވެސް ބައިވެރިވި ކަމަށާއި އެ ކޮންގްރެސްގެ ނިންމުންތައް ނިންމީ ގަވާއިދާ ޚިލާފަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސްގައި އެ ޕާޓީގެ ރައީސަކަށް، ރައީސް އަބްދުﷲ ޔާމީން އިންތިޚާބުކޮށް، ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފަ އެވެ. ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެ މައްސަލަ ޕީޕީއެމުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.

މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޕީޕީއެމްގެ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ ކޮންގްރެސް ބާއްވާފައިވަނީ އޮންނަ އުސޫލުތަކުގެ ތެރެއިން ކޮމިޝަނަށް އަންގަންޖެހޭ އެންގުންތައް އެންގުމަށް ފަހު ކަމަށާއި އެ ކޮންގްރެސް އޮބްޒާވް ކުރުމަށް ކޮމިޝަންގެ ދެ މަންދޫބަކު ވެސް ބައިވެރިވި ކަމަށެވެ. ކޮންގްރެސް ކުރި އަށް ދިޔަ އިރު، ކޮންގްރެސްގެ އެއްވެސް ކަމަކާ މެދު ކޮމިޝަންގެ މަންދޫބުން އިންކާރު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަވާބުގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލު ރިފްއަތު އަބްދުﷲ ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވި ފަރާތްތަކުގެ މައުލޫމާތު ޕީޕީއެމުން ކޮމިޝަނަށް ފޮނުވި އިރު، އޭގެ ތެރޭގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުން ވެސް ބައިވެރިވި ކަން އެ ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި ކޮންގްރެސްގައި ބައިވެރިވި ބައެއް ފަރާތްތަކުގެ ނަން ފިޔަވައި، އެހެން އެއްވެސް މައުލޫމާތެއް ނެތުމުން އެ މީހުންނަކީ ކޮން ބައެއް ކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ގަވާއިދުތައް އޮތް ގޮތުން އިންތިޚާބުތަކުގައި ވޯޓުލާން ޖެހޭނީ ވޯޓިން ބޫތު ބަހައްޓައިގެން ކަމަށް ވިޔަސް، ކޮންގްރެސްގައި ވޯޓުލާފައިވަނީ ކޮންމެ މީހެއްގެ ކައިރި އަށް ވޯޓު ފޮށި ގެންގޮސްގެން ކަމަށެވެ. އެ ތަނުގައި ތިބި ކޮމިޝަންގެ މަންދޫބުންނަށް ވެސް އެކަން ފާހަގަވި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންގްރެސްގައި ނިންމި ނިންމުންތަކާއި ޕާޓީގެ އަސާސީ ގަވާއިދާ ފުށުއެރުންތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަސާސީ ގަވާއިދުގެ އެކި މާއްދާތަކުގައި ޕާޓީގެ ނައިބު ރައީސުންގެ އަދަދު ތަފާތުކޮށް އޮތް އިރު، ކޮޮންގްރެސްގައި އިންތިޚާބު ކުރާނީ ތިން ނައިބު ރައީސުން ކަމަށް އިއުލާން ކުރުމަށް ފަހު، ހަތަރު ނައިބު ރައީސުން ކޮންގްރެސްގައި އިންތިޚާބު ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި، އެ ޕާޓީގެ އިންތިޚާބުތަކާ ބެހޭ ގަވާއިދުގެ ހަތަރު މާއްދާއެއް އުނިކުރަން ނިންމާފައި ވިޔަސް، އެކަން ޕާޓީން އާންމު ކޮށްފައެއް ނެތެވެ. އަދި ކައުންސިލްގެ އެ ބައްދަލުވުމުގެ ޔައުމިއްޔާ ވެސް މިހާތަނަށް ކޮމިޝަނަށް ނުލިބޭ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

ހެކި ދެއްކުމަކީ ޕީޕީއެމްގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެ، ރިފްއަތު ވިދާޅުވީ ކޮންގްރެސް ބޭއްވީ ގަވާއިދާ ޚިލާފަށް ކަން ޕީޕީއެމުން ކޮމިޝަނަށް ފޮނުވި ލިޔުންތަކުން ވެސް އެނގޭ ކަމަށެވެ. އެހެންވެ، އޭނާ އެދިވަޑައިގަތީ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް ކޮމިޝަނުން ނިންމި ނިންމުން ރަނގަޅު ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ކޮމިޝަންގެ ޖަވާބާ ގުޅިގެން ޕީޕީއެމްގެ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ ކޮމިޝަނުން ފާހަގަކުރި ކަންކަން ދިރާސާ ކުރުމަށް ފަހު ޖަވާބު ދިނުމަށް އިިތުރު ފުރުސަތެއް ބޭނުންވާ ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗުން ވަނީ ކޮޮމިޝަންގެ ޖަވާބާ ގުޅިގެން އިތުރަށް ޖަވާބު ދިނުމަށް ތިން ދުވަހުގެ ފުރުސަތެއް ޕީޕީއެމަށް ދެއްވައިފަ އެވެ. އަދި އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަން ފަނޑިޔާރުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހަސަން އަލީގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ.

3 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 0%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝަރާ

05 November 2018

އީީސީ ޝަރީފޫ ފުރަތަމަ ނިމިދިޔަ އިންތިހާބުގަ ވޯޓު، އޮފިޝަލުންނަށް ތިބި މީހުނަނަށް އުޖޫރަ ދީބަލަ،....

The name is already taken The name is available. Register?

ޚާލިދު

05 November 2018

އަނެއް ބޮޑި ބޮނީ. ކޮން ޖަވާބެއް ދޭނީ. އިލެކްޝަންސުން ތި ދެއްކީ ރަނގަޅު ވާހަކަ.

The name is already taken The name is available. Register?

ހާސަރު

05 November 2018

ޕީޕީއެމުން ބާއްވާފަ ތިއޮތީ ކޯލިސަން ކޮންގްރެސް އެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454