އިނގިރޭސިންގެ އަތްދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު އެގްރިމެންޓްގައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު (ވ) ސޮއިކުރަައްވަނީ
11 ނޮވެމްބަރ 2018 - 06:58
ރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރީ ވެރިކަމެއްތޯ ކަނޑައަޅަން މާޗު 15، 1968 ގައި ދިވެހިންނާ ހަމައަށް ވޯޓު ކަރުދާސްކޮޅު ދިއުމުގެ ކުރިން ވެސް ބޮޑުވަޒީރު އިބްރާހިމް ނާސިރަކީ ބާރުގަދަ ބޭފުޅެކެވެ. އެމަނިކުފާނާ ދެކޮޅަށް އެއްޗެއް ބުނަން ކެރޭނެ މީހަކު ނެތެވެ. ސަރުކާރު ހިންގަވަމުން ގެންދެވީ ސީދާ އެމަނިކުފާނުގެ ބާރުގެ ދަށުންނެވެ.
އޭގެ ދެވަނައެއް ނެތް ސިޔާސީ ލީޑަރެއްގެ ގޮތުގައި 10 އަހަރު ބޮޑުވަޒީރަކަށް ހުންނެވުމަށް ފަހު ޖުމްހޫރީ ވެރިކަމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރެއްވުމުގެ މަގުސަދަކަށް ނާސިރުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އޭރުގެ ތާރީޚު އެނގިވަޑައިގެން ހުންނެވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ އޭގެ ބޭނުމަކީ "އޭރު ލިބިވަޑައިގެންނެވެން ނެތް އެހެން ބާރުތައް ވެސް ހޯއްދެވުމާއި ވެރިކަން ޒަމާނީކުރެއްވުން" ކަމަށެވެ.
"ލިބިވަޑައިގެންނެވެން ނެތް އެހެން ބާރުތައް" ކަމަށް އޭނާ އެ ވިދާޅުވީ ރަސްކަމަށެވެ. ސަރުކާރު ހިންގުމުގެ އެންމެ މަތީ ވެރިޔަކީ ބޮޑުވަޒީރު ނަމަވެސް ދައުލަތުގެ އެންމެ މަތީ ވެރިޔަކަށް ރަސްކަލަކު ހުންނަވަ އެވެ. ޖުމްހޫރީ ވެރިކަމަށް ދިވެހި ރައްޔިތުން ވޯޓު ދިން އިރު 1954 އިން ފެށިގެން ރާއްޖޭގެ ރަސްކަމުގެ ތަޚުތު ފުރުއްވަމުން ގެންދެވީ މުހައްމަދު ފަރީދު ދީދީ އެވެ.
"ނާސިރު ބޭނުންފުޅުވީ ހަމަ ހުރިހާ ބާރެއް،" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ރަސްކަލަކު ހުންނަވާ ނަމަ އޭނާ އަށް ދައުލަތުން ކުރަން ޖެހޭ ޚަރަދާއި އޭނާގެ ރުހުން ވެސް ބައެއް ކަންކަމުގައި ބޭނުންވާނެ އެވެ. ދައުލަތުގެ ބޮޑެތި ކަންކަމުގައި ސޮއި ވެސް ކުރައްވާނީ ރަސްގެފާނެވެ. ޖުމްހޫރީ ވެރިކަމެއްގައި ގައުމުގެ ހުރިހާ ބާރެއް ވެސް އޭރު ރައީސްގެ އަތަށް އަރަ އެވެ.
މައުލޫމާތު އެނގި ތިއްބެވި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ޖުމްހޫރީ ވެރިކަމަކަށް ރާއްޖޭގެ ނިޒާމް ބަދަލުކުރުމުގެ ވޯޓު ނެގުމުގެ ކުރިން ވެސް މުހައްމަދު ފަރީދަށް ބައެއް ކަންކަން އެނގިވަޑައިގަތެވެ. އަދި ނާސިރު ބޭނުންފުޅު ނަމަ ރަަސްކަމުން އިސްތިއުފާ ދެއްވަން ވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށްވެ އެވެ. އެގޮތަށް ބޮޑުވަޒީރަށް ދެންނެވި ކަމަށް ވެސް ވެ އެވެ. އެކަމަކު ރަސްކަމުން މުހައްމަދު ފަރީދު ދުރުކުރެއްވީ، އާ ޖުމްހޫރިއްޔަތުގެ ގާނޫނުއަސާސީ ނޮވެމްބަރު 11، 1968 ގައި ތަސްދީގުކުރެއްވުމާ އެކު އެވެ.
ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ނާސިރުގެ އަނެއް މަގުސަދަކީ "ޒަމާނީ ވެރިކަމެއް" ރާއްޖެ އަށް ގެންނެވުމެވެ.
"ރަސްކަމަކީ ވިރާސީ ވެރިކަމެއް. ގަނޑުވަރު ތެރޭގައި އެކި އާއިލާތައް އުޅޭނެ. އެއީ ދައުލަތުން ކުރަން ޖެހޭ ހަރަދެއް،" މި ރިޕޯޓަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
"ޒަމާނީ ވެރިކަމެއް ވިއްޔާ ނުހުންނާނޭ ރަސްކަލެއް، އެއީ ނާސިރު ވިސްނެވި ގޮތް. އެހެންވެ ޒަމާނީ ވެރިކަމެއް ގެންނެވުން އެއީ ވެސް ނާސިރުގެ ވިސްނެވުމެއް."
ޖެނުއަރީ 1، 1959: އައްޑު އަތޮޅާއި ފުވައްމުލައް އަދި ހުވަދު އަތޮޅު ހިމެނިގެން އައްޑޫ ބަޣާވާތް ފެށި
ޖުލައި 17، 1959: ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް ތިނަދޫ ގެނައި.
ޖެނުއަަރީ 31، 1962: ދެ ވަނަ ފަހަރަށް ހުވަދު އަތޮޅުގައި ފެށީ ބަޣާވަތް ނިމުމަކަށް ގެނެސް ތިނަދޫ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައި. އެކަން ކުރެއްވީ ބޮޑުވަޒީރު އިބްރާހިމް ނާސިރު ތިނަދުއަށް ވަޑައިގެން.
ސެޕްޓެމްބަރު 29، 1963: އައްޑު އަތޮޅުގައި ވަކި ދައުލަތެއް އުފެއްދެވުމުގައި އިސްކޮށް ހުންނެވި އަބްދުﷲ އަފީފު، ސީޝެލްސް އަށް ގެންދަން އިނގިރޭސި ސަރުކާރުން ނިންމި. މިއީ އައްޑޫ ބަގާވާތުގެ ނިމުން.
ޖުލައި 26، 1965: އިނގިރޭސިންގެ އަތުން ރާއްޖެ އަށް މިނިވަންކަން ލިބުނު އެގްރިމެންޓްގައި، ސިލޯނުގައި ބޮޑުވަޒީރު ނާސިރު ސޮއިކުރެއްވި.
އެޕްރީލް 12، 1966: ހުޅުލޭގައި ހެދި އެއާޕޯޓް ހުޅުވުމުގެ ގޮތުން ފުރަތަމަ ބޯޓު ޖެއްސި.
އޮކްޓޯބަރު 19، 1971: އަމީނިއްޔާ އާއި މަޖީދިއްޔާގައި ހުރިހާ މާއްދާއެއް ވެސް ޖީސީއީ އޯލެވެލް ފެންވަރަށް ކިޔަވިދޭން ފެށި. އޭގެ ކުރިން 1962 އިން ފެށިގެން މަޖީދިއްޔާގައި ވަކި ކްލާހެއްގައި އައީ ޖީސީއީގައި ބައިވެރިވެވޭ ފެންވަރަށް ކިޔަވައިދެމުން.
1974: މަސްދޯނިފަހަރުގައި އިންޖީނު އަޅައިދިނުމުގެ މަޝްރުއޫގެ ދަށުން އިންޖީނު އެޅި ފުރަތަމަ ދޯނި "އުއްމީދު" މޫދަށް ބޭލި.
ޑިމޮކްރަސީއެއްގައި އޮންނަން ޖެހޭނެ ހައްގުތަކަށް ބަލަންޏާ ދެ ވަނަ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ މިހާރު ރާއްޖޭގައި އޮތް ގާނޫނުއަސާސީއާ ކައިރި ވެސް ނުކުރެ އެވެ. ބާރުތައް އޮތީ ވަކިކޮށްފައެއް ނޫނެވެ. މިނިވަން މުއައްސަސާތަކެއް ނެތެވެ. ހުރިހާ ވެސް މީހަކީ ރައީސުލްޖުމްހޫރިއްޔާ އެވެ.
އެކަމަކު އޭރު އާންމު ދިވެހިންނަށް ޑިމޮކްރަސީ އާއި ޖުމްހޫރީ ވެރިކަމަކީ ކޮބައި ކަމެއް ނޭނގެ އެވެ. އެހެންކަމުން ވެރިން ބޭނުންވާ ގޮތަކަށް ވޯޓުތަކުން ވެސް ނަތީޖާ ނެރުމަކީ ވަރަށް ފަސޭހަ ކަމެކެވެ.
ނާސިރުގެ ސަންދޯއްޕުޅު، ގައުމީ އިއްޒަތުގައި ގެންދަނީ: ރާއްޖެ ދޫކުރެއްވި ގޮތަށް އެނބުރި ވަޑައިގެންފައެއް ނުވޭ
"ރައްޔިތުން ހަދާނެ އޭރު ވެރިން ބުނާ ގޮތެއް،" ރަަސްކަން އުވާލައި، ޖުމްހޫރީ ވެރިކަމަކަށް ދާން ފެނޭތޯ ނެގި ވޯޓާ ބެހޭ ގޮތުން، އެއް ބޭފުޅަކު ވިދާޅުވި އެވެ.
"ދިރާސާކޮށްގެން ގެނައި ބަދަލެއް ނޫން އެއީ [ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ]."
ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ނާސިރު ދެ ދައުރު ހުންނެވި އެވެ. އެކަމަކު ފުރަތަމަ ދައުރު ނިމެން ކައިރި ވެފައި އޮއްވައި ސިޔާސީ އެހެން ލީޑަރުންތަކެއް ވެސް ވަނީ އުފެދެން ފަށައިފަ އެވެ. އަދި އާންމުންގެ ތެރޭގައި ސިޔާސީ ވާހަކަ ދެކެވި، ނާސިރުގެ ވެރިކަމަށް ސިއްރުން ފާޑުކިޔުން ވެސް އައީ ގިނަވަމުންނެވެ. އެހެންކަމުން ވެރިކަމުގެ ވައްޓަފާޅި އަށް ބަދަލުތަކެއް ގެންނެވުމުގެ ވިސްނުންފުޅު، 1973 ރިޔާސީ އިންތިހާބަށް ވަޑައިގަތުމުގެ ކުރިން ގެންގުޅުއްވި އެވެ.
ނާސިރު ގެންނެވި އެއް ބަދަލަކީ އޭރު ވެރިކަމަށް ވަޑައިގަތުން އެންމެ ކައިރި އެއް ބޭފުޅެއް ކަމަށްވާ އަހުމަދު ޒަކީ އަށް ބޮޑުވަޒީރުކަން ދެއްވުމެވެ. އެކަމަށްޓަކައި ފެބްރުއަރީ 2، 1972 ގައި، ގާނޫނުއަސާސީ އަށް ބަދަލުގެނެސް، ބޮޑުވަޒީރުގެ މަގާމު އުފެއްދެވި އެވެ. އަދި އޮގަސްޓް 1 ގައި ޒަކީ އަށް ބޮޑުވަޒީރުކަން ދެއްވި އެވެ.
އެކަމަކު ޒަކީ އާއި ނާސިރުގެ މެދުގައި އޮތް ސިޔާސީ ޚިޔާލު ތަފާތުވުން ނިމުމަކަށް ނައެވެ. ނާސިރާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު ދެ ފަހަރެއްގެ މަތިން އެއްވެ އަޑުއުފުލި އެވެ. އޭގެ ފަހުން މާޗު 8، 1975 ގައި ބޮޑުވަޒީރު ކަމުން ޒަކީ ވަކިކޮށް ހައްޔަރު ވެސް ކުރި އެވެ.
ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި އިރު ރާއްޖޭގެ އެތެރެއިން ދިމާވާނެ ސިޔާސީ ހުރަސްތައް ހުންނާނެކަން ނާސިރަށް ގަބޫލުފުޅުކުރެއްވޭނެ އެވެ. އެމަނިކުފާނީ ސިޔާސީ ގޮތުން ދުރުވިސްނޭ ބޭފުޅެކެވެ. އެހެންކަމުން ބޮޑުވަޒީރުކަމުގައި 10 އަހަރު، ރައީސްކަމުގައި 10 އަހަރު ހޭދަކުރެއްވި އިރު، ގައުމު މިސްރާބު ޖަހާފައިވާ ދިމާ އާއި އުފެދިދާނެ ސިޔާސީ ހަލަބޮލިކަން އެނގިވަޑައިގަނެ އެވެ. އެއީ އޭރު ވެރިކަމާ ގާތްވެދާނެ ކަމަށް ފެނިވަޑައިގެންނެވި ބައެއް ބޭފުޅުންނަށް ސަރުކާރުގެ މަތީ މަގާމުތައް ދެއްވައިގެން ހިންދާލެއްވޭނެ ކަމެއް ނޫންކަން ވެސް، އެމަނިކުފާނުގެ ދުރުމި އަށް އަރާނެ އެވެ.
ރިޔާސީ އިންތިހާބު 1978 ގައި ބޯމަތިވަމުން އައި އިރު ރައްޔިތުންގެ މަޖިލިހަށް ނާސިރު ސިޓީފުޅެއް ފޮނުއްވި އެވެ. ޖޫން 16، 1978 ގައި ބޭއްވި ޖަލްސާގައި އިއްވި ސިޓީގައި އެމަނިކުފާނު ވިދާޅުވީ އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށެވެ. މައުމޫން އަބްދުލްގައްޔޫމްގެ ނަންފުޅު، ސިއްރު ވޯޓުން ފާސްކުރީ ވެސް އެ ޖަލްސާގަ އެވެ.
މިނިވަންކަން ހޯއްދަވައިދެއްވި ގައުމީ ބަތަލްގެ މަގާމު ލިބިވަޑައިގެންނެވި ނާސިރަށް، އޭގެ ފަހުން ކުރިމަތިވެވަޑައިގަތް ކަންކަމަކީ، ރައްޔިތުންގެ މެދުގައި މިހާރު ޚިޔާލު ތަފާތުވުން ބޮޑު މައްސަލައަކަށް ވެދާނެ ކަންތައްތަކެކެވެ. ރައީސްކަމާ މައުމޫން ހަވާލުވެވަޑައިގެންތާ ތިން ހަފުތާއެއްހާ ދުވަސް ފަހު، ޑިސެމްބަރު 7، 1978 ގައި ސިންގަޕޫރަށް ވަޑައިގެންނެވި ގޮތަށް އަވަހާރަވަންދެން ވެސް އުޅުއްވީ އެ ގައުމުގަ އެވެ. ރައްޔިތުންގެ މަޖިލިހުން ކުރި ތަހުގީގަކަށް ބިނާކޮށް، އެމަނިކުފާނު ދިވެހި ދައުލަތުގެ މިލްކިއްޔާތަށް ހިޔާނާތްވެވަޑާއިގެންނެވި ކަމަށް ޝަރީއަތަށް ސާބިތުވެ، 25 އަހަރަށް އަރުވާލަން، 1986 ގައި ހުކުމްކުރި އެވެ. އެކަމަކު ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުން ފާހަގަކުރަން 1990 ގައި އޮތް ރަސްމީ ޖަލްސާގައި އޭރުގެ ރައީސް މައުމޫން ވަނީ، އެ އަދަދު މައާފުކޮށްދެއްވިކަން އިއުލާންކުރައްވައިފަ އެވެ.
ނާސިރު އަވަހާރަވީ މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމުނުތާ 11 ދުވަސް ފަހުން، ނޮވެމްބަރު 22، 2008 ގަ އެވެ. ހަށިކޮޅު މާލެ ގެނައުމުން މޫނުފުޅު ދެކެން އެތައް ހާސް ދިވެހިންނެއް ދިގު ކިޔޫގައި އެތައް އިރެއް ހޭދަކުރި އެވެ. ހަޔާތްޕުޅުގެ ފަހު 30 އަހަރު ރާއްޖެ އިން ބޭރުގައި ހޭދަކުރެއްވިޔަސް، އެންމެ ފަހު ވަގުތު އެމަނިކުފާނަށް ދިވެހިން އަދާކުރީ ގައުމީ އިހުތިރާމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޭނަ
12 November 2018
އައްޑޫ ބަޢާވާތޭ ބުނުމުގެ ބަދަލުގައި "ދިވެހިރާއްޖެ ރިފޯރމް މޫވުމަންޓް ނުވަތަ ދިވެިރާއްޖެ އިސްލާހީ ހަރަކާތް" އޭބުނުން މާރަނގަޅު، އެހެނީ އޭގެފަހުންވެސް މާބޮޑެތި އިސްލާހީ ހަރަކާތް ރާއްޖޭގައި ހިނގައިފައި ވާތީއެވެ.
ޢޙަމީދު
12 November 2018
والله أعلم
މޯލްމަރު
11 November 2018
ކުޑަކުދިންނާ، މާބަޑުމީހުންނާއި، މުސްކުޅިން އެޔެއް މިޔެއް ނުބަލައި ގެދޮރުން ނެރެ ރެފިއުޖީންގެ ގޮތުގައި ރަށުން ބޭލި ބޭލުމަކީ ތި ލިއުމުގެ އުސް އަލި ތަކުގައި ހިމަނަންޖެހޭ ކަމެއް. އަދި މީހުން ރަށުން ބޭލުމަށްފަހު ހުޅުޖަހައި އޮޑިދޯނިފަހަރާ ވިޔަފާރި ތައް އަންދާލި. އެއީ ޖެނީވާ ކޮންވެންޝަނާ އަދި އެހެނިހެން ހަމަތަކަށް ބެލިއަސް ނާސިރު ހިންގި ޖަރީމާއެއް. ބަގާވާތް ހިންގި މީހުން ހައްޔަރު ކުރެވެންޖެހޭ އެކަމަކު މުޅިރަށުގެ އާބާދީ ރަށުންފައިބަން ނުބުނެވޭނެ.
ހަކަ
12 November 2018
އެއީ ބަޤާވާތް ކުރާމީހުންނަށް އިސްލާމީގޮތުން ދޭން އޮންނަ އަދަބު
ތަމީމް
11 November 2018
އައްޑޫ، ފުވައްމުލައް ހުވަދޫ ހިމެނޭހެން ހިންގީ ބަޤާވާތެއް ނޫން! އެއީ ތަފާތު ކުރުމާއި، އަޅުވެތިކަމާއި، ބަޑުހައިހޫނު ކަމާއި، އަނިޔާވެރިކަމާ ދެކޮޅަށް ހިންގަން "ޖާއިޒުވި" އިންގިލާބެއް! "ސުވަދީބު" ގެ ރައީސް އައްޑޫ އަފީފު ދީދީއަށާއި، ކުރީގެ ރައީސް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ފާފަތައް ފުއްސަވައި، ސުވަރުގޭގެ މަތިވެރި ނިއުމަތްލެއްވުން އެދި ﷲ އަށް ދުއާކުރަން.
ބެއްޔާ އައްޑޫ
11 November 2018
ހަވަރު ތިނަދޫ އިން މީހުން ބޭލި ހާދިސާ އާއި މީހުން ގަޔަށް ބަޑިޖެހި ވާހަކަ އަދި މީހުންގެ މުދާތައް ދައުލަތަށް ނަގާ އަންދާލި ވާހަކަ ތަކަކީ ރައީސް ނާސިރުގެ ވެރިކަމުގެ ހައިލައިޓްސް ތެރޭ ހިމެނެންޖޭހެ ކަންކަން ކަމަށް ދެކެން. އަހަރެމެން ދިވެހިންނަކީ އަބަދުވެސް ކަންކަން ފޮރުވާން ފަރިތަ ބައެއް
ބަބުރުކަލޯ
11 November 2018
ކަންކަން ފޮރުވަނީ މަޒުމޫނު ދިގުވެދާނެތީ. ސީދާކަމާގުޅެ އެހެން މަޒުމޫނުތައް ބަލާ. އަދި ތިކަމާގުޅޭ ފޮތްތައްވެސް ޝާއިޢުވެފާ އެބަހުރި.
ވެލާނާ
11 November 2018
ހަވަރު ތިނަދޫ ފަޅު ކުރުން ރަނގަޅު. އެކަމު މުދާ ފޭރުން ގޯސް. ރަނގަޅު ނޫނީ ޖަލުގަ ކުރި އަނިޔާއާއި، އަބިދަރިންނަށް އެކަމުގެ ރޯޅި އައުމުން. އެކަން އެގޮތައް ނުހިގިނަމަ، މިގައުމު ދެބައިވެ، އިންޑިއާ ޕާކިސްތާން ފަދަ ހާލަތައް ވެއްޓުން ބޮޑު.